ހިތުގައި އުތުރި އަރަމުން ދިޔަ ހިތާމަވެރި އިހްސާސްތަކުން ހިތް ހީވަނީ ކުދިކުދި ވެދާނެހެންނެވެ. ހިތާމައިގެ ކޮޅެއްވެސް ނެތެވެ. އުދާސްތައް ބޭރުކޮށްލަށް ހިތްފުރެންދެން ރޯލަން ބޭނުންވި ނަމަވެސް އެންމެންވެސް އެވަގުތު އިހްތިޔާރު ކުރީ ހިމޭންކަމެވެ. މިއޮއް ހުރިހާ އިރު އަޑުން އަޑު ނަގާ ރުއި ނާޒްވެސް މިހާރު އިނީ ދިރުމެއްނެތް މަސްގަނޑެއް ފަދައިން ހުއްޓުން އަރާފައެވެ. ލޮލުން ފައިބަން ތައްޔާރުވެފައިވާ އެތައް ބައިވަރު ކަރުނަތައްވެސް އޭގެ މަގާމުގައި ހައްޔަރުވެފައިވާ ކަހަލައެވެ.
މީހަކު ދޮރުގައި ޓަކި ދޭ އަޑަށް ނިދިފައި އޮތް ޔާނީއަށް ހޭލެވުނެވެ. ކޮޓަރިތެރެއަށް ވެރިވެފައިވާ އަނދިރިކަމުގެ ސަބަބުން އިރުއޮއްސިއްޖެކަން ޔަޤީންވާން މާގިނައިރެއް ނުނެގިއެވެ. ދެލޯ އުނގުޅަމުން ތެދުވެ ކޮޓަރިތެެރެ ދިއްލާލާފައި ޔާނީގޮސް ދޮރު ހުޅުވާލިއިރު ޔާނީގެ ދޮރުމަތީގައި ހުރީ ތާރާއެވެ. “ނިދަނީތަ؟ ކިހިނެއްވެފަ ތިހުރީ، ދެލޯވެސް ހާދަ ދުޅައޭ، ރޮއެފަތަ؟” ޔާނީ ފެނުމާއެނު އޭނާ ހުރި ހާލަތުން ކޮންމެވެސް ގޯހެއް އުޅޭކަން ތާރާއަށް ފާހަގަ ކުރެވުނެވެ. “ނޫނޭ! ބޮލުގަ ރިއްސާތީ އޮއްވާ ނިދުނީ” އާފުރެމުން ބޮލުގައި ހުޅިއެއް ޖަހާލާފައި ޔާނީ ތާރާ ގާތުގައި ގަސްތުގައި ދޮގެއް ހަދާލިއެވެ. ބަނޑުހައިވެފައި ހުރިލެއް ބޮޑުކަމުން ތާރާ އެތަނުން ކާމޭޒާ ދިމާލަށް ދިޔައީ ޔާނީ ގާތު ކާން އައުމަށް ބުނެފައެވެ. ތާރާ ދިއުމުން ދޮރުލައްޕާފައި އައިސް އަނެއްކާވެސް ޔާނީއަށް އެނދުގައި އޮށޯވެވުނެވެ. އެއްވެސް ކަމެއް ކުރާހިތްނުވެ މުޅި ދުނިޔެ މަތިން ޔާނީ ފޫހިވެފައިވާ ކަހަލައެވެ. ފޯނު ނަގައި ޒައިދްގެ ނަންބަރު ޖަހާލި ނަމަވެސް ގުޅާނެހާ ހިތްވަރު ނެތުމުން ފޯނު ބާއްވާފައި ޔާނީ ވަނީ ފާހާނާއަށެވެ. މިޝްކާގެ މަންމަ އާއި ބައްޕަވެސް ބޭރަށް ގޮސްފައިވާތީ ގޭގައި އެވަގުތު ޔާނީ އާއި ތާރާގެ އިތުރުން އެހެން މީހަކު ނެތެވެ. ޔާނީގެ އިންތިޒާރުގައި ކާން ނުފެށިފައި ތާރާ އިންދާ ޔާނީ އައިސް ކާމޭޒު ދޮށުގައި އިށީނެވެ. އެހެންޏާ ޔާނީ އުޅޭ ގޮތާ މިރެއާ ކޮންމެވެސް ވަރަކަށް ތަފާތުކަން ތާރާއަށް ފާހަގަ ކުރެވުނެވެ. ބަސްމަދުވެފައި ކޮންމެވެސް ހިޔާލުތަކަކަށް ގެއްލިފައި ޔާނީ އިންނަ ތަން ފެނުމުން ސުވާލުނުކޮށް ތާރާއަކަށް ނީނދެވުނެވެ. “ޔާނީ! ހުރިހާކަމެއް ރަނގަޅުތަ؟ އަހަންނަ ވަރަށް އެބަ ހީވޭ ކަމެއް ގޯސް ވެއްޖެހެން. އަނެއްކާ ޒައިދްއާ މައްސަލައެއް ޖެހުނީތަ؟ އަހަރެން ކައިރި ބުނެބަލަ”
ކެއުން ކުޑަކޮށް މަޑުޖައްސާލާފައި ތާރާ ޔާނީއާ ދިމާލަށް ބަލަން އިނދެ ސުވާލުކުރީ ވަރަށް ފަސޭހައިން ވެގެން އުޅޭގޮތް ޔާނީ ކިޔައިދޭނެ ކަމަށް ހީކޮށެވެ. ނަމަވެސް ކަންތައް ވީ މުޅިން ހީކުރިގޮތާ ހިލާފަށެވެ. “އެއްވެސް ކަމެއް ނުވޭ! އަހަރެން މިރޭ ކާހިތެއް ނެތް، މިދަނީ ނިދަން” ތާރާއަށް ވީގޮތް ކިޔައި ދިނުމުގެ ބަދަލުގައި ޔާނީ އެތަނުން ތެދުވެގެން ދިޔައީ އެވާހަކަ ފަށާނެ ކޮޅެއް ނޭނގިގެންނެވެ. ޔާނީގެ މިއަމަލުގެ މާނަ ނަގަންވީ ކޮންގޮތަކަށް ކަމެއް ތާރާއަކަށް ނުވިސްނުނެވެ. ނަމަވެސް އެންމެފަހުން ޔާނީ ބަލީކަމަށާއި ފަހުން ހަމައަކަށް އެޅިދާނެކަމަށް ނިންމައި ތާރާ އެކަމާ ވިސްނުން ހުއްޓާލިއެވެ. ތާރާ ކައި ނިމުނުއިރުވެސް މިޝްކާއާއި ޝިވަމް ޑޮކްޓަރަށް ދައްކަން ދިޔަގޮތަށް ގެއަށް ނައިސް ލަސްވެގެން އެމީހުންގެ ހަބަރެއް ހޯދާލުމަށް ތާރާ ޝިވަމްއަށް ގުޅާލިއެވެ. ޝިވަމް ފޯނަށް ޖަވާބެއް ނުދިނުމުން ދެން ތާރާ ގުޅީ މިޝްކާއަށެވެ. ނަސީބަކުން މިޝްކާ ފޯނުނެގިއެވެ. ކޮންތާކުތޯ އަދި ގެއަށް ނައިސް ލަސްވަނީ ކީއްވެތޯ އެހުމުން މިޝްކާ ބުނާނެ އެއްޗެއް ނޭގިފައި އިރުކޮޅަކު ހުއްޓުުން އަރާފައި ހުރުމުން ތާރާ އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ. ވަރަށް ހިތްވަރުކޮށްފައި މިޝްކާ ތާރާ ގާތު ޒައިދްގެ ވާހަަކަ ބުނީ އިތުރު އެހެން ގޮތެއް ނެތުމުންނެވެ. ތާރާގެ ބޭބެގެ ހާލަތު އެނގުމުގެ ފުރިހަމަ ހައްޤު އޭނާއަށް ލިބިގެންވާތީ އެކަން ސިއްރުކުރުމުގެ މާބޮޑު ބޭނުމެއް އޮތްކަމަކަށް މިޝްކާ ޤަބޫލެއް ނުކުރެއެވެ.
ލިބުނު ހަބަރާއެކު ފޯނު ދޫކޮށްލާފައި ތާރާ ދުއްވައިގަތީ ހޮސްޕިޓަލާ ދިމާލަށް ދިއުމަށެވެ. ރޮމުން ރޮމުން ކާރެއް ލިބޭތޯ މަގުމަތީ ދުވަމުން ދަނިކޮށް މަގުން ހުރަސްކުރި ސައިކަލެއްގައި ޖެހިފައި ތާރާ ވެއްޓުނެވެ. ސައިކަލް ދުއްވަން އިނީ ރަޔާންއެވެ. ތާރާގެ ނަސީބު ރަނގަޅުކަމުން އެވަގުތު ރަޔާންއަށް ދުއްވާފައި އާދެވުނީ ފުދޭވަރަކަށް މަޑުންކަމުން މާބޮޑު އަނިޔާއެއް ނުވެއެވެ. އަވަސް އަވަހަށް ސައިކަލް ބަހައްޓާފައި އެކުއްޖާ ކައިރިއަށް އެހީތެރިވުމަށްޓަކައި ދިޔައިރު އެއީ ތާރާ ކަމެއް ރަޔާންއަކަށް ނޭނގެއެވެ. “ތާރާ! ކީއްވެ މަގުމަތީ ތިގޮތަށް ތި ދުވަނީ؟ ކިރިޔާއެއްނު ތި ސަލާމަތްވީ” ޕޭމަންޓްމަތީ އިން ތާރާ އިން ހާލު ފެނުމުން ރަޔާން ވަރަށް ދެރަވިއެވެ. ހުސްފަޔާ ތާރާ އިން އިރު އަބަދުހެން ރީތިކޮށް ގެންގުޅޭ އިސްތަށިގަނޑު ވަނީ ހޭވިފައެވެ. ހުސްފަޔާ އިން އިރު ލޮލުގައި އަޅާފައި ހުރި އަނދުންތައް ކަރުނައާއެކުވެގެން ފައިބަމުން ދިޔައެވެ. ދުޅަވެފައިވާ ދެލޮލާއެކު މުޅި މޫނު ފެންނަނީ މިލާފައިވާތަނެވެ. “ރަޔާން! ދޮ..ދޮންބެ..” ތާރާއަށް ބުނެވުނީ މިހިސާބަށެވެ. ބަޑިފަޅައިގެން ގޮސް ތާރާއަށް ރަޔާންގެ ގައިގައި ބައްދާލެވުނީ އަމިއްލަ އިހްތިޔާރަކު ނޫނެވެ. މިވަގުތު ތާރާއަށް މިވަނީ މީހެއްގެ އެހީތެރިކަން ބޭނުންވެފައިކަން ރަޔާންއަށް ވިސްނުމުން ވަރަށް ލޯބިން ތާރާގެ ބޮލުގައި ފިރުމާލިއެވެ. ތާރާގެ ގިސްލުމުގެ އަޑުއިވޭ ކޮންމެ ފަހަރަކު ރަޔާންގެ ހިތުގައި ދިޔައީ ކޫރު އެޅެމުންނެވެ. “ތާރާ ޕްލީޒް ނުރޮއެބަލަ. ދޮންބެއަށް ކިހިނެއްތަ ވީ؟”
ތާރާގެ ރުއިމުގެ އަޑު އަހަން ހުންނަން ކެތްނުވެގެން ރަޔާން އަނެއްކާވެސް މަސައްކަތްކުރީ ތާރާގެ ރުއިން ހުއްޓުވުމަށްފަހު ވެގެންއުޅޭގޮތް އޮޅުން ފިލުވުމަށެވެ. “ދޮންބެ ވަރަށް ހާލުބޮޑުވެގެން ހޮސްޕިޓަލްގަ އެޑްމިޓްކޮށްފި” ތާރާގެ ރުއިމުގެ އަޑު ދިޔައީ އިތުރަށް ގަދަވަމުން ކަމަށް ވުމުން ދޮންބެއަށް އެއްވެސް ކަމެއް ނުވާނޭ ބުނެ ތާރާގެ ކަރުނަތައް ފޮހެ ދިނުމަށް ފަހު ތާރާ ގޮވައިގެން ސައިކަލްގައި ރަޔާން މިސްރާބު ޖެހީ އައިޖީއެމްއެޗް އާ ދިމާލަށެވެ. ހޮސްޕިޓަލަށް ދެވުނުއިރު އެތަނުގައިވަނީ ހަމަހިމޭންކަމެވެ. ހީވަނީ މީހަކު މަރުވެގެން އެންމެން ހިތާމަފާޅު ކުރާހެންނެވެ. ގޮނޑިއެއްގައި އިށީނދެ އިން ނާޒް ފެނުމާއެކު ތާރާގެ ދެލޯ އަނެއްކާވެސް ކަރުނުން ތެންމާލިއެވެ. މަންމަގެ ހާލު ދެކޭން ހިތަށް ކުޅަދާނަ ނުވެގެން ތާރާ އަނެއް ފަރާތަށް އެނބުރުނެވެ. ނަމަވެސް ތާރާގެ ކޮނޑުގައި ހިފައްޓާލާފައި ރަޔާން ހިތްވަރުދިނީ އެކަމާ ކުރިމަތި ލުމަށެވެ. ތާރާގެ އަތުގައި ހިފައިގެން މަޑުމަޑުން ނާޒް އާއި ދިމާލަށް ރަޔާން ދިޔައެވެ. ތާރާ ނާޒްގެ ގާތުގައި ޖެހިގެން ހުރި ގޮނޑީގައި އިށީނދެ ފުން ހިޔާލެއްގެ ތެރެއަށް ގެނބިފައި އިން އޭނާގެ މަންމަގެ މޫނުގައި ނުހަނު އޯގާތެރިކަމާއެކު ހިފަހައްޓާލަމުން ގޮވާލިއެވެ. މަޑުމަޑުން ނާޒްގެ ކަޅި ހަރަކާތްކުރަމުން ތާރާއާއި ދިމާލަށް ބަލާލިއިރު އެލޮލުގައި ފައިބަން ތައްޔާރުވެފައިވާ އެތައް ކަރުނައެއް ހުއްޓެވެ. ނާޒް އޭނާގެ ދަރިފުޅުގެ ގައިގައި އޮޅުލައިގަތެވެ. އެމަންޒަރު ފެނިފައި ޝިޔާޒްއަށް ވެސް ނުރޮއެ ކެތްކޮށްލެވުނީ ހަމަ ކިރިޔާއެވެ. އެހެންމީހުންގެ ކުރިމަތީގައި ކިތަންމެ ހިތްވަރުގަދަކަން ދެއްކި ނަމަވެސް އެހިތުގައިވާ ޒަހަމް އަދިވެސް ތާޒާއެވެ.
ނިދާ ބޮކީގެ ފަނޑު އޮރެންޖް ކުލައިގެ އަލި ފިޔަވައި އެހެން އެއްވެސް އަލިކަމެއް ކޮޓަރިތެރެއަކު ނުވެއެވެ. ގަޑިން މެންދަމުން އަލިވެ އެކެއްޖަހަން ދިޔައިރުވެސް ޔާނީއަށް ނިދޭގޮތެއް ނުވިއެވެ. މިރޭގެ ނިދި ޔާނީގެ ލޮލާ ރުޅިވެފައިވާ ކަހަލައެވެ. އެނދުގައި ދެފަރާތަށް ފުރޮޅި ފުރޮޅި އޮތުން ނޫން ކަމެއް ނުވިއެވެ. އެހެންވެ ތެދުވެ ވާހަކަ ފޮތެއް ނަގައިގެން ކިޔަން ފެށީ ނިދީގެ އަސަރެއް ކުރޭތޯއެވެ. ދެފޮޅުވަތް ކިޔާލާފައި އިތުރަށް ކުރިއަށް ގެންދާ ހިތް ނުވުމުން ވާހަކަފޮތް ބާއްވާފައި ޔާނީ އޮށޯތުމާއެކު ފޯނެއް އައެވެ. ވަރަށް އުފަލުން ފޯނު ބަލައިލީ ޒައިދްގެ ކޯލެއް ކަމަށް ހީކޮށެވެ. އެހެނަސް އެއުފާވެރިކަން ގެއްލިގެން ދިޔައީ ފޯނުގެ ސްކްރީނުން ފެންނަމުން ދިޔަ ނަންބަރުގެ ސަބަބުންނެވެ. ގުޅަނީ ޔާނީއަށް މެސެޖްކުރި ނަންބަރުންނެވެ. ޔާނީ ބިރުން ތުރުތުރު އަޅަންފެށިއެވެ. ހަދާނެ ގޮތް ހުސްވެ މުޅިމީހާ ދާހިއްލާ ފޯވެއްޖެއެވެ. ތެޅިތެޅިއޮތް ހިތަކައިގެން ޔާނީ ފޯނު ނަގާ ކަންފަތުގައި ޖައްސާލުމާއެކު އިވިގެން ދިޔައީ ފިރިހެނެއްގެ ހުނުމުގެ އަޑެވެ. އެމީހާގެ އަޑުން ޔާނީއަށް ގޮވާލުމުން ސިއްސައިގެންގޮސް އަތުން ފޯނު ދޫވެގެން ނުވެއްޓުނީވެސް ހަމަ ކިރިޔާއެވެ. “ތިއީ ކާކު؟ ކޮންކަމެއް ބޭނުންވެގެން ތިއުޅެނީ؟ އަހަރެން ތިމީހަކަށް ކޮން ގެއްލުމެއް ދިނީ؟ ހެޔޮނުވާނެ އަހަރެންގެ ދިރިއުޅުން ހަލާކުކޮށްނުލާ! އާދޭސް ކޮށްފަ މިބުނީ!” ގިސްލަމުން ޔާނީ ވާހަކަ ދެއްކިނަމަވެސް އެއަޑު އިވިފައި ވިކާޝްގެ ހިތަކަށް އެއްވެސް އަސަރެއް ނުކުރިއެވެ. އޭނާގެ ހިތަކީ އެއަށްވުރެ ހިލަ ހިތެކެވެ.