މިނިވަން 50: ބައިވެރިކުރުމެއް ނޫން، ކަންދެއްކުން؟

މި ރޭ ގަލޮޅު ދަނޑުގައި ބޭއްވި މިނިވަން 50 ގެ ހަރަކާތްތަކުގެ ތެރެއިން. ފޮޓޯ: ހަވީރު
މި ރޭ ގަލޮޅު ދަނޑުގައި ބޭއްވި މިނިވަން 50 ގެ ހަރަކާތްތަކުގެ ތެރެއިން. ފޮޓޯ: ހަވީރު

ރާއްޖޭގެ ފަހުގެ ތާރީހެއްގައި އެންމެ ފާހަގަ ކުރެވޭ މުނާސަބަތު ކަމަށްވާ “މިނިވަން 50″ގެ ރަސްމީ ޕްރޮގްރާމް، މާލޭގެ ގަލޮޅު ދަނޑުގައި މި ރޭ ބޭއްވި ހަރަކާތްތަކުން ނިންމާލިއިރު، ދިވެހިންގެ ތެރޭގައި ވަނީ މި ހުރިހާ ކަމަކާ ހިޔާލު ތަފާތުވެފައެވެ. އަދި މި ފަހަރު ފާހަގަ ކުރެވެނީ މި ތަފާތުތައް މިއައީ ކޮންމެހެން ވަކި ޕާޓީތަކަކަށް ދިވެހިން ނިސްބަތް ވާތީ ނުވަތަ ތާއީދު ކުރާތީ ނޫން ކަމެވެ. މިނިވަން 50 އައި އިރު މި އޮތް ސަރުކާރުން މި ހަރަކާތްތަކާމެދު އަމަލު ކޮށްފައިވާ ގޮތާމެދު، ހުދު ރައީސް ޔާމީންގެ ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުގެ މެދުގައި ވެސް ހިޔާލު ތަފާތުވެފައިވާތީއެވެ.

އެ ގޮތުން މި ފަހަރުގެ މި ހާއްސަ “ޖުލައިން ސައްބީހު”ގެ ހަރަކާތްތަކުގެ ތެރެއިން “މައިގަނޑު” ގޮތެއްގައި އާއްމު ރައްޔިތުންނާ ސީދާ ގުޅުން ހުރި ނުވަތަ ކޮންމެވެސް ސިފައެއްގައި ދިވެހި ރައްޔިތުންނަށް “ބައިވެރިވެވުނު” ހަރަކާތްތައް ފާހަގަ ކުރާއިރު، ޖުމްލަ ގޮތެއްގައި ދަންނަވަން ޖެހެނީ މި ފަހަރުގެ މިނިވަން ދުވަހުގެ ހަރަކާތްތައް ފާހަގަ ކުރުމުގައި ހީވީ “އައްޔާއި ޕްރޮޖެކްޝަން” ސަރުކާރަކަށް އަލަށް ފެނިގެން އުޅޭހެންނެވެ. ހުރިހާ ހަރަކާތްތަކަށް ބެއްޔަސް، ތަނެއް ނުވަތަ (އުނޫޝާގެ) ހެދުމެއް ޒީނަތްތެރި ކުރިއަސް، ކޮންމެވެސް ސިފައެއްގައި “ލެޑް” ނުވަތަ “ފެއަރީ” ލައިޓެއް ނުވަތަ އަލީގެ ޕްރޮޖެކްޝަނެއް އޭގެ ތެރެއަށް ވަދެފައިވެއެވެ. އަދި މިއީ ދިވެހިންނަށް މުޅިން އާ ތަޖުރިބާތަކަކަށް ވާތީ، ސަރުކާރު ފަދައިން، ރައްޔިތުން ވެސް ތިބީ “އާވެގަނެފަ”އެވެ. އެހެންކަމުން، ހުރިހާ ދިމާލަކުން ފެނުނީ ކުޑަކުދިންނާއި ޒުވާނުންނާއި އަދި މުސްކުޅިން ވެސް އާސޯހު ވެފައި ހުރި ތަނެވެ.

މައްސަލައެއް ނެތެވެ. އާ ކަމެއް ތަޖުރިބާ ކުރެވޭއިރު މިކަން ވާނީ މިހެންނެވެ. ނަމަވެސް ސުވާލު އުފެދެނީ މި ކަމުގައި އާއްމު ދިވެހިންގެ “ބައިވެރިކުރުން” އޮތީ ކިހާ މިންވަރަކަށް ހެއްޔެވެ؟ ސަރުކާރުން 130 ވަރަކަށް މިލިއަން ރުފިޔާ މި ހަރަކާތްތަކަށް ހޭދަކުރިއިރު، ބައެއް ރަށްރަށުގައި އަސާސީ ހައްގުތައް ނުލިބި އެތައް ހާސް ބަޔަކު ކެކުޅުންތަކުގައި ތިއްބެވެ. އެހެންކަމުން އެ ފަރާތްތަކަށް “މިނިވަން ފަންސާހުން” ނުވަތަ އެހެންވެސް “ކުޅިވަރަކުން” ނުވަތަ “މުނިފޫހިފިލުވުމަކުން” އުފާވެރިކަމެއް އިހުސާސް ކުރެވޭނެ ކަމަށް ބުއްދި ގަބޫލެއް ނުކުރެއެވެ. ބައެއް މީހުން ބުނެފާނެއެވެ: އިންޑިޔާގައި އެތައް މިލިއަން ބަޔަކު ފަގީރު ކަމުގައި އުޅޭއިރު އެ ގައުމުގެ ސަރުކާރުން “ޖައްވީ ޕްރޮގްރާމަކަށް” އެތައް ބިލިއަން ޑޮލަރު ހަރަދު ކުރަނީ ކީއްވެ ހެއްޔެވެ؟ ނަމަވެސް މިހެން ބުނާ ބަޔަކަށް ނުވިސްނިދާނެކަމީ އިންޑިއާ ކަހަލަ ގައުމެއްގެ ސިޔާދަތަށް އޮތް ނުރައްކަލާއި ރާއްޖެ ކަހަލަ ގައުމެއްގެ ސިޔާދަތަށް އޮތް ނުރައްކާ ހާސް ބައި ތަފާތު ކަމެވެ. އެހެންކަމުން، މިނިވަން 50 އަކީ ރާއްޖޭގެ ތާރީހުގައި ކިތައްމެ މާނަ ފުރިގެންވާ މުނާސަބަތެއް ނަމަވެސް، އެތައް ރަށެއްގެ ބަޔަކަށް އަސާސީ ހައްގު ލިއްބައި ނުދީ، ކުޅިވަރާއި މުނިފޫހިފިލުވުމަށް މިފަދަ ބޮޑު ހަރަދެއް ކުރުމަކީ ހަމަގައިމު ވެސް ވިސްނާ ދިވެއްސަކަށް މާނަ ހުރި ކަމަކަށް ނުވާނެއެވެ.

މިހެންވެ، މިނިވަން 50 ގެ ހަރަކާތްތައް ކިތައްމެ “އަލިގަދަ” ނަމަވެސް އެ ކަމުގައި ބައިވެރި ނުވެވިފައިވާ އަދި އަމިއްލަ ޒަމީރު ގަބޫލު ނުކުރާތީ ބައިވެރި ނުވާން ތިބި އެތައް ރައްޔިތުންނެއް ވެސް އެބަތިއްބެވެ. އަދި އަނެއްކޮޅުން، ބައިވެރިވާހިތުން ތިބި އެތައް ބަޔަކުވެސް، ސަރުކާރުގެ އިހުމާލުން ބައިވެރި ނުވެވި ވެސް ދިޔައެވެ. މިސާލަކަށް، ހުޅުދާން ބަގީޗާ ރަސްމީކޮށް ހުޅުވުމަށް ރައީސް ޔާމީން ވަޑައިގަންނަވާއިރު އެ ތަން އާއްމުންނަށް ބަންދު ކުރެވޭނެކަން އިއުލާނަކުން ނަމަވެސް އާއްމުންނަށް ވަރަށް ފަސޭހައިން ކުރިން އަންގާލެވިދާނެއެވެ. އެހެނަސް ކަންތައްވީ އެހެނެއް ނޫނެވެ. ވަގުތު ހޯދައިގެން ނަލަހެދިގެން ކުޑަކުދިން ގޮވައިގެން ދިޔަ އެތައް އާއިލާތަކެއް އެ ތަނުން އެ ވަގުތު ކުއްލިއަކަށް ބޭރުކޮށްލިއެވެ. ހީވީ ހަމަ ކުއްލިއަކަށް އެ ވަގުތު އެ ތަން ރަސްމީ ގޮތުން ހުޅުވަން ރައީސް ޔާމީންއަށް ކުއްލި ހިޔާލެއް ލިބިގެން ކުއްލިއަކަށް ހަމަ އެ ވަގުތު ކަމާކަންފަށާ އެ ތަނަށް ވަޑައިގަތީހެންނެވެ. އެ ތަން އެ ރޭ ރަނގަޅަށް ދަރިންނަށް ދައްކާ ނުލެވުނު ނަމަވެސް، ބައެއް މީހުން ވީ ދެރައިންނާއި ގަތްލަދުންނާއި އަދި ހިތަށްވެރިވި ނުރުހުމާއެކު އެ ތަނަށް ދެވަނަ ފަހަރަށް ނުދާން ވެސް ހުވާ ކޮށްގެން އެބަތިއްބެވެ.

މިނިވަން 50 ގައި އާއްމުންނަށް މައިގަނޑު ގޮތެއްގައި “ބައިވެރިވެވުނީ” ޖުމްހޫރީ މައިދާނުގައި ހެދި ފައްވާރުގައި ފެނުން ތެމިލަން ކުޑަކުދިންނަށް ލިބުނު ފުރުސަތުން ކަންނޭނގެއެވެ. ނުވަތަ ފުޅަނދުބުރުގައި “ސްނޯ” ކަމަށް މަޝްހޫރު ކުރި ފުޅަނދަކުން ދުއްވާލި “އޯމޯގަނޑެއް” ފަދަ ކަމެއް ތަޖުރިބާ ކުރުމުގެ “ނަސީބު” ލިބިގެން ކަންނޭނގެއެވެ. ނުވަތަ އިއްޒުއްދީން ފާލަމާ ކައިރިވެވޭ ވަރަށް ކައިރިވެފައި ސެލްފީއެއް ނަގާލައިގެންނެވެ.

ދެން އޮތީ މި ހުރިހާ ކަމެއްގެ ނިމުން ފާހަގަ ކުރުމަށް ގަލޮޅު ދަނޑުގައި މި ރޭ ބޭއްވި ރަސްމީ ރަސްމިއްޔާތެވެ. ރައީސް މައުމޫން ޒަމާނުގައި އެ ތަން އާއްމުކޮށް ހުޅުވާލައިގެން ކުޅިވަރުތައް ބޭއްވީ ދިވެހިންނަށް މި ފަހަރު މި ތައާރަފުވި “އަލީގެ ޖާދޫ” އެއިރު ނެތުމުން ދަނޑަށް ވަންނާނެ ބަޔަކު ނެތީމާ ކަންނޭނގެއެވެ. ސަބަބަކީ މި ފަހަރު ރިހާސަލް ބަލައިލަން ވެސް ޓިކެޓު ކިޔޫ ވަނީ ދިގުވެފައެވެ. އަދި ވަކިން ބޮޑަށް ހައިރާން ވާން ޖެހެނީ، ގަލޮޅު ދަނޑަށް ވަދެވޭނީ ގާތްގަނޑަކަށް އެގާރަ ހާސް މީހުންނަށް ކަމަށް ވިޔަސް، ހުށަހެޅި އައިޓަމްތަކުގައި ބައިވެރިވި ބައިވެރިންގެ އާއިލާތަކާއި ދައުލަތުގެ އިއްޒަތްތެރިންނަށް ދައުވަތު ދިނުމުގައި ހޯމް މިނިސްޓްރީން “ކޮސް ހަދާފައި”ވާތީއެވެ. އެހެންކަމުން، އަށެއް ޖެހީއްސުރެ ކިއުގައި ޖައްސައި، ނުވަ ގަޑި ބައި ވުމުން އޮފިޝަލަކު އައިސް “ދަނޑު ފުރިއްޖޭ” ކިޔާފައި ހޯމް މިނިސްޓްރީގެ ރަސްމީ ދައުވަތު ކާޑު ހިފައިގެންދިޔަ އެތައް ސަތޭކަ އިއްޒަތްތެރިންނެއް އަނބުރާލާފައި ގެއަށް ދާން ޖެހުމަކީ އުމަރު ނަސީރަށް ހިސާބު ހަދަން ނޭނގުން ކަމަށް ބައެއް މީހުން ގަބޫލެއް ނުކުރާނެއެވެ. އިއުލާން ނުކުރި ނަމަވެސް ފަހަރެއްގައި ގަލޮޅު ދަނޑުގައި މި ރޭ ބޭއްވީ “އާއްމުންގެ ޕާޓީ”އެއް ނޫން ކަންނޭނގެއެވެ. ހުށަހަޅައިދިން އައިޓަމްތަކުގައި އަވަދިނެތި އުޅުނު ބައިވެރިންނާއި އެ ބައިވެރިންގެ އާއިލާތަކަށް ސަރުކާރުން ދެއްވި އަމިއްލަ ނުވަތަ “ޕްރައިވެޓް ޕާޓީ”އެއް ކަންނޭނގެއެވެ.

ހިޔާލަކީ ކޮންމެއަކަސް ތަފާތު އެއްޗެކެވެ. ބައެއް މީހުންގެ ނަޒަރުގައި ބައިވެރިވުމުގެ ގޮތުން ދަނޑަށް ދާކަށް ނުޖެހެއެވެ. އެހެންކަމަށް ވަނީ ނަމަ، އުސް އިމާރާތްތަކާއި ބުރިބުރިއަށް ނަގާފައިވާ ގެތަކުގެ މަތިން ގަލޮޅު ދަނޑުގެ ގަދަ އަލިތަކާއި އެކި ދިމާލުން އެކި ރޭރޭ އެރުވި ހަވާތައް ބޭއިހުތިޔާރުގައި ނަމަވެސް ފެނުނު އެތައް ހާސް ބަޔަކަށް ވެސް އެއޮތީ ކޮންމެވެސް މާނައެއްގައި ބައިވެރިވެވިފައި ކަމަށް ދެކޭ މީހުން ވެސް މަދެއް ނުވާނެ ކަންނޭނގެއެވެ.

ގުޅުންހުރި ލިޔުންތައް

13 ކޮމެންޓް

  1. hassan

    ކިޔުންތެރީންނޭވެ! ލިޔުންތެރީންނަށް ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ގާނޫނުތަކާ ޚިލާފު ނުވާ ގޮތުގެމަތީން ބޭނުން ކުރެވޭނެއެވެ. ތިމާ ހިތްހަމަނުޖެހޭ ކަމެއް ވާއިރަށް އަނެކާގެ އަބުރުކަތިލުމަށް، ނުވަތަ ތިމާ ތާއީދުކުރާ ކޮޅު ހާމަވާގޮތަށް ކަންދެއްކުމަކީ، 21 ވަނަ ގަރުނުގެ ޒުވާން، ތަޢުލީމީ ދަރީން ކުރާން ހެޔޮނުވާވަރުގެ ކަމެއް.

    ރައްދު
  2. hassan

    ކޮންމެ ތަނެއްގައިވެސް ޚިޔާލު ތަފާތު މީހުން ތިބޭނެ. ގައުމެއް ވިޔަސް، އަދި ރަށެއްވިޔަސް، ޖަމާޢަތެއްްވިޔަސް. އެކަމަކު ލިޔުން ކިޔައިގެން، ކިޔުންތެރިޔާ ހާސްކަމުގެ ތެރެއަށް ދިޔުމަކީ، އޭނާގެ ރުންކުރުކަން ހާމަވާ ކަމެއް.

    ރައްދު
  3. hassan

    ފުރިހަމަ ލިޔުމެއް.
    ކޮމެންޓް ކުރާ މީހުން ހަމައިގައި ތިބުމަށް އަޅުގަނޑު އެދެން. ކަންދެއްކުމަށް ކޮމެންޓްކުރުމަކީ މުޖުތަމަޢުގެ ހަލާކު

    ރައްދު
  4. hassan

    ލިޔުންތެރިޔާގެ ޚިޔާލަށް އަޅުގަނޑު ތާއީދުކުރަން. ކޮމެންޓުން ލިޔުންތެރިޔާއަށް ކުރާނެ އެއްވެސް އަސަރެއް ނެތް. ޚިޔާލުފާޅުކުރުމުގެ މިނިވަންކަން އޮންނަންވާނެ.

    ރައްދު
  5. ރައްކާވެތިބިއްޔާ ދަތުރޭ

    ދޮން ޖޭމު އުމަރު ފަދަ ބޭފުޅަކު ބަލަހައްޓަވާ މިނިސްޓްރީއެއް ކުޑަކުޑަ ކަލްކިއުލޭޝަންއަކުން ފޭލިވެ އެތައް ހާސް ބަޔަކު ސަރުކާރު ދެކެ ރުޅި އަންނަން ޖެހުމަކީ އެ މިނިސްޓްރީގައި ތިއްބެވި އިސްވެރިންގެ ގާބިލުކަމެއް ނެތް ކަމޭ ބުނުމުގެ ފުރުސަތު އެބައޮތް. އެތައް ބަޔަކު ވަގު ފާސް ހެދިޔޭ ކިޔަން ފެށުމުން އެއީ ވެދާނެ ކަމެއް ކަމަށް ހޯމް މިނިސްޓްރީން ބުނުމަކީ ދެކޮޅު ނުޖެހޭ އަނެއް ކަންތައް. ކިއުގައި އެތައް ހާސް ބަޔަކު ތިބުމުން އެތާނގައި ހުންނެވި އޮފީހެއްގެ އިސްވެރިޔަކު އެހީތެރިންގެ ކާޑު އަޅާފައި ހުރި މީހެއްގެ ކައިރީގައި “މި އެންމެން ވަންނާނެ ޖާގަ ތިތާ މިހާރު އޮންނާނެހެން ހިޔެއް ނުވެއޭ” ވިދާޅުވުމުން އެހީތެރިޔާ ބުނީ ޖާގަ އެބަ އޮތް ކަމަށް. އެއިރު ފުރަތަމަ އައިޓަމް ފެށިއްޖެ. މިކަހަލަ ދޮގުތަކުގެ ސަބަބުން ކިއުގައި މީހުން އެހާ ގިނައިރުވަންދެން ގެއަށް ނުގޮސް ތިބީ. ވަރަށް ބޮޑު އޮޅުވާލުމެއްގެ ތެރެއިން އެތައް ހާސް ބަޔަކު ރުޅި އެރުވުމަށް ރާވައިގެން ހިންގާފައިވާ ކަމެއް ކަމަށް ބުނެވިދާނެ.

    ރައްދު
  6. ރައްކާވެތިބިއްޔާ ދަތުރޭ

    މުސްކުޅިން ބުނެ އުޅޭ 1 ދޮގު ހެދިއްޔާ އެކަން ފޮރުވަން އިތުރު 40 ދޮގު ހަދަން ޖެހޭނެ ކަމަށް. މިހާރު ހޯމް މިނިސްޓްރީން މިދައްކަނީ ވަގު ފާހެއްގެ ވާހަކަ. http://www.haveeru.com.mv/dhivehi/news/175124 . އެހެންވީމާ ވަގު ތައްގަނޑު އެހާ ފަސޭހައިން ހެދޭ ކަމަށްވަންޏާ ސަރުކާރުގެ އެއްވެސް ލިޔެކިޔުމަކަށް މީގެ ފަހުން ރައްޔިތުން އިތުބާރު ކުރާނީ ކިހިނެތް؟

    ރައްދު
  7. Anwar

    ވަރަށް ފުރިހަމަ ލިޔުމެއް. ތެދެއް، މިލިޔުން މިއޮތީ ވަކި ކޮޅަކަށް ލިޔެފަ. ސަރުކާރާ އަދި ވަކިވަކި ފަރުދުން ކުރާ ކަންކަން އެނަލައިޒް ކުރުން އެއީ ގާނޫނީ ގޮތުން ނޫސްވެރިންނަށް ލިބިދީފައިވާ ހައްޤެއް. އާޓިކަލް ލިޔުމުގަވެސް ވަކިފަރާތަކަށް ޖެހިގެން ލިޔުން އެއީ މައްސަލައެއް ނޫން. ދެން އެހެން ނޫސްވެރިޔަކު އަނެއްކޮޅަށް ލިޔުނީމަ އެ ނިމުނީ. ދެން ކިޔުންތެރިން ނިންމާނީ ރަނގަޅު ގޮތް. އޭތި ޑިޕެންޑް ވާނީ ލިޔުންތެރިން އެ ގެނެސްދީފަ ހުރި ކުޅަދާނަ ކަމަށް. ކިޔާމީހުން ވެސް ނޫސްވެރިން ކުރާ ބުރަ މަސައްކަތް ބަލައިގަންނަން ދަސްކުރަންޖެހޭ. ހަމަ ތިމާގަޔާނުވާ ކަހަލަ ވާހަކަ ހުރީމަ އެ ލިޔުނު މީހާ އައް ހަޅޭލީމަ ދެން މިކަންކަން އަހަރުންނާ ހަމައައް ގެނެސްދޭނީ ކާކު؟ ހަމަގައިމުވެސް ދިރާސާގެ ނަޒަރަކުން މިލިޔުން ވަރަށް ފުރިހަމަ. އިބާރާތް ކުރުން ވަރަށް ކޮންވިންސިން. ހީކުރަން މީގެ އަނެއްކޮޅައްވެސް މިހާ ފުރިހަމަ ލިޔުމެއް ލިޔާނެ ކަމަށް.

    ރައްދު
  8. ޖޭމްސް ދޮން ކަމަނަ

    ތެދެއް. ލެޑް ލައިޓާއި ޕްރޮޖެކްޝަން ކަހަލަ ޒަމާނީ ކަމެއްގައި އާއްމު ރައްޔިތުން ބައިވެރިވާކަށް ނުވާނެ. ހަމައެކަނި މާލޭ ބޭފުޅުންގެ ހައްގެއް އެއީ. އަހަރެމެން ރާއްޖެތެރޭ ސޮރުންނަށް ޖެހޭނީ ހަމައެކަނި ސަގާފީ ކަންކަން ކަމަށްވާ ބައިބަލާ، ބަށި އަދި ފުޓުބޯޅަ އަބަދުވެސް ކުޅެން. ހުރިހާ ދިވެހި ރައްޔިތުން ހަމަހަމައޭ ބުނެވޭ ބަހުގެ މާނައަކީ މިއީ.

    ރައްދު
  9. nikamethi rayyithumeehaa

    މިކަމަށް ފާޑުކިޔުމުގެ އެއްވެސްހައްގެއްއީޓީ އަކަށްނެތް……ކަލޭމެނއގެވެސްކަންތައް ހުންނަ ގޮތް އެއީ ހަމަ… ތަނެއްދޮރެއް ނުބަލާ ހަބަރުލިޔާނެކަމެއް ނެތް

    ރައްދު
  10. ވަކަރު

    މުހައްމަދު އުބެއިދު.. ވާނުވާ ނޭގެންޏާ ދޮގުހަބަރު ނުލިޔޭ! ކަލޭމެންނަކީ އެންޑީޕީ ގައި ތިބެ މިޤައުމު ހަލާކުރާ ބައެއް..

    ރައްދު
  11. Hussain Ibrahim

    ލިޔުން ތެރިޔާއަށް ސަރުކާރު ނޫންކަން ފާހަނގަވޭ؟
    ކީއްވެބާ އޭދަފުށި ނޫހަކުން އަދަފުއްޓަށް ފާޑުނުކިޔައި، މާލޭގެ ކަންކަމާ މިބެހެނީ.
    އީޓީ އަކަށް ނުފެންނާ މިސަރުކާރުން ކުރާ އެއްވެސް ރަނގަޅުކަމެއް.
    އިނގޭ ހާވޭސް އެއްޗަކީ މިނިވަން ފަންސާ ގެ ކުޅިވަރުތައް އަދި ނުނިމޭކަން.
    ކުރިއަށް މުޅި ރާއްޖެ ބައިވެރި ކޮށްގެން ބައިބަލާ، ބަށި އަދި ފުޓުބޯޅަ މުބާރާތެއް އޮތްކަން.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.