ޓްވީޓްތައް ދިވެހި ދައުލަތުގެ ރަސްމީ ރެކޯޑްތަކަށް ބަދަލުވަނީ؟

 download

ރައީސް މައުމޫންގެ ޒަމާނުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓަކީ ރާއްޖޭގެ އެެތެރެއިންނާއި ރާއްޖޭގެ ބޭރުން ވެސް އެންމެ ގިނައިން މީހުން ފުރަތަމަ ބަލާނެ ދައުލަތުގެ “މޫނު” ކަމަށްވާތީ ދިވެހި ބަހުންނާއި އިނގިރޭސި ބަހުން ބަރާބަރަށް އަޕްޑޭޓް ކުރަމުން އައި ނަމަވެސް ސަރުކާރުގެ އެހެން އިދާރާތަކުން އެ ކަމުގައި ފަރުވާކުޑަވެ ނުވަތަ އިހުމާލުވެފައިވާތީ ސަރުކާރުގެ ވެބްސައިޓްތައް ބަރާބަރަށް އަޕްޑޭޓް ނުކުރުމުގެ މައްސަލަ 2007 ވަނަ އަހަރުވެސް ނ. ވެލިދޫ ކޮމިއުނިޓީން ފާހަގަކޮށްފައިވެއެވެ.

ބައެއް މީހުން ގަބޫލު ކުރާ ގޮތުގައި ކަންތައްތައް އިސްލާހު ވާނީ އަބަދުވެސް ފަހު ޒަމާނުގައެވެ. އެއީ ގުދުރަތީ ނުވަތަ “ދުނިޔޭގެ އާދަ” ކަމަށެވެ. ކުރީ ޒަމާނަކީ އަބަދުވެސް އުނިކޮށް ހުންނާނެ ނުވަތަ ފެންނާނެ ޒަމާނެއް ކަމަށެވެ. ނަމަވެސް ރާއްޖޭގެ އަދުގެ ހާލަތަށް ބަލާއިރު މި “ބުއްދިވެރި ހަގީގަތް” ދިވެހި ރައްޔިތުންނާ އަދި އަރާހަމަ ނުކުރަނީ ކަންނޭނގެއެވެ. ސަރުކާރުގެ ވެބްސައިޓްތައް އަދިވެސް ނުވަތަ އަނެއްކާވެސް ފަހަތަށް ޖެހިފައިވާ ކަމުގެ އިހުސާސް ކުރެވިގެން އެ ވެބްސައިޓްތައް ބަރާބަރަށް އަޕްޑޭޓް ކުރުމަށް ދާދި ފަހުން ސަރުކާރުން އަމުރެއް ނެރެފައިވާ ހިނދު، ރައީސް ޔާމީންގެ ޒައާމަތުގައި ހުދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓް ވެސް ވަނީ ހަމަ މަގަށް ނާޅުވައެވެ. އެހެންކަމުން އަމިއްލަ ގެ ފުރަތަމަ ސާފު ކުރުމަށް ފަހު ނޫނީ އެހެން މީހުންގެ ކަންތައްތަކަށް ފާޑު ކިޔުމަކީ ބޯދާ ދިވެހިން ގަބޫލު ކުރާ ހަމައެއް ނޫނެވެ.

މިހާރު ރައީސް އޮފީހުގެ ވެބްސައިޓްގައި ދިވެހި ބަހުން ޖެހިއްޔާ އިނގިރޭސި ބަހުން ނުޖަހާ، އަދި ދިވެހި ބަހުން ވެސް އެއްގޮތަކަށް ވެސް ނުޖަހާ ބައެއް ހަބަރުތައް ހުރުމާ ގުޅިގެން ދާން މި ޖެހޭ ދިމާއަކީ “ސަރުކާރު ގެޒެޓް” ބާވައެވެ؟ ދިވެހި ރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީއަށް ޑިޕިއުޓީ ވައިސް ޗާންސެލަރުން ރައީސް ޔާމީން ހަމަޖެއްސެވިކަން ވެސް އެނގުނީ އެ ޔުނިވަރސިޓީގެ ފޭސްބުކް ސަފުހާގައި “އައްޔަކާއި ހައްވައެއް”ގެ ފޮޓޯއެއް ޖެހުމުންނެވެ. އަދި ފަހުރުވެރިކަމާއެކު ނުވަތަ ނޫން ކަމާއެކު ނަމަވެސް ދަންނަވަން ޖެހެނީ އޭދަފުށި ޓައިމްސް (އީޓީ)އިން މި ގައުމީ ބޮޑު ހަބަރު މުޅި ގައުމަށް “ބިންދާލައި” ބްރޭކް ކޮށްލަން ޖެހުނީ މި ބުނެވުނު އައްޔަކީ އޭދަފުއްޓަށް ނިސްބަތްވާ މީހަކަށް ވާތީ ހަމައެކަނި މި މޭރުމުން މި އަލީ ރަޝީދުގެ ހަބަރު ބ. އަތޮޅުގެ ރައްޔިތުންނަށް ގެނެސްދޭން މި ނޫހުން ކުރި މަސައްކަތުން ހަމައެކަނި އިއްތިފާގަކުން ކަމެވެ! ދެން އިސާހިތަކު ރާއްޖޭގެ އެހެން ބޮޑެތި “ގައުމީ” ނޫސްތަކަށް މިކަން ރޭކާލީ އީޓީން މި ހަަބަރު ޖެހުމުން ކަމަށް ފާހަގަ ކުރެވެއެވެ. އަދި އެއަށްފަހު އެ ނޫސްތަކުން މި ކަމާ ގުޅޭ ގޮތުން މުޅި ގައުމަށް މި ހަބަރު “އަލުން” ބްރޭކްކޮށްލިއިރު، އެއްވެސް “ސޯސް”އެއް ނުވަތަ މަސްދަރަކާ ހަވާލާދީފައެއް ނެތެވެ. މި ހަބަރު އެ ނޫސްތަކަށް ލިބުނީ ރައީސް އޮފީހުން ކަމެއް ނުވަތަ ޔުނިވަރސިޓީގެ ފޭސްބުކުން ކަމެއް ނުވަތަ އީޓީން ކަމެއް ވެސް އެ ހަބަރުތަކުގައި ލިޔެފައި ނެތުމުން، ރާއްޖޭގެ ތާރީހު ލިޔުން ސައްހަ ކަމާއެކު ކުރިއަށް ގެންދެވިދާނެ ކަމާމެދު ޝައްކު އުފެދެން ފެށިއެވެ.

އެހެންކަމުން، ސުވާލަކީ، ރައީސް އޮފީސް ވިޔަސް، ނުވަތަ ސަރުކާރުގެ އެހެން އިދާރާއެއް ނަމަވެސް، ރާއްޖޭގެ ރަސްމީ ރެކޯޑްތައް ބަލަންވީ ރައީސް އޮފީހުގެ ތަރުޖަމާނު މުއާޒް ކޮށްލައްވާ ޓްވީޓްއަކުންތޯއެވެ؟ ނޫނީ ހޯމް މިނިސްޓަރުގެ ގޮތުން އުމަރު ޓްވިޓަރއިން ފުލުހުންނަށް ކުރައްވާ “އަމުރުފުޅަކުން”ތޯއެވެ؟ އެހެންކަމަށް ވަނީ ނަމަ، ކޮންމެވެސް ޒާތީ ކަމަކާ ހުރެ ނަމަވެސް މިއިން ބޭފުޅަކު މިއިން އެކައުންޓެއް ބަންދު ކުރައްވައިފި ނަމަ ރާއްޖޭގެ ތާރީހުގައި މައުލޫމާތުގެ ބާގަނޑެއް އުފެދިދާނެތޯއެވެ؟ ދައުލަތާއި ދައުލަތުގެ މިފަދަ މަގާމުތަކުގައި ތިއްބެވި ބޭބޭފުޅުންގެ ފޭސްބުކާއި އިންސްޓަގްރާމާއި ސްނެޕްޗެޓާއި ޑަބްސްމާޝް ފަދަ އެކައުންޓްތައް ގަވައިދުން ކޮންމެ ދުވަހަކު ބަލައި، ދިވެހި ބަހާއި ތާރީހަށް ހިދުމަތް ކުރާ ގައުމީ މަޖިލިސްގެ މެންބަރުން “ޓްވިޓަރ ފާރަވެރިން”ނަށް ބަދަލު ވާންވީތޯއެވެ؟

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

  1. ރައްކާވެތިބިއްޔާ ދަތުރޭ

    ލާމަރުކަޒީގާނޫނު ބުނާ ރައްޔިތުންނަށް އާއްމުކޮށް ހުޅުވާލާފައިވާ ބައްދަލުވުން (އޭދަފުށި) ކައުންސިލަކުން ނުބާއްވާ – މި ސުރުހީގެ ދަށުން އޭދަފުށި ވޮއިސްގައި ލިޔެފައިވާ ރިޕޯޓް ވެސް ވަރަށް ހަބޭސް http://eydhafushivoice.com/2631

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.