[ޖުލައި 30، 2015 ގެ ބަޔާ ގުޅޭ]
ތެޅިތެޅިއޮތް ހިތަކައިގެން ޔާނީ ފޯނު ނަގާ ކަންފަތުގައި ޖައްސާލުމާއެކު އިވިގެން ދިޔައީ ފިރިހެނެއްގެ ހުނުމުގެ އަޑެވެ. އެމީހާގެ އަޑުން ޔާނީއަށް ގޮވާލުމުން ސިއްސައިގެންގޮސް އަތުން ފޯނު ދޫވެގެން ނުވެއްޓުނީވެސް ހަމަ ކިރިޔާއެވެ. “ތިއީ ކާކު؟ ކޮންކަމެއް ބޭނުންވެގެން ތިއުޅެނީ؟ އަހަރެން ތިމީހަކަށް ކޮން ގެއްލުމެއް ދިނީ؟ ހެޔޮނުވާނެ އަހަރެންގެ ދިރިއުޅުން ހަލާކުކޮށްނުލާ! އާދޭސް ކޮށްފަ މިބުނީ!” ގިސްލަމުން ޔާނީ ވާހަކަ ދެއްކިނަމަވެސް އެއަޑު އިވިފައި ވިކާޝްގެ ހިތަކަށް އެއްވެސް އަސަރެއް ނުކުރިއެވެ. އޭނާގެ ހިތަކީ އެއަށްވުރެ ހިލަ ހިތެކެވެ.
ބަދަލު ހިފުމުގެ އަޒުމް ކަނޑައަޅައިގެން ހުރެ ވިކާޝް ފުރަތަމަ ފަހަރަށް ޔާނީއާއި ވާހަކަ ދައްކަން ފެށިއެވެ. “މައްސަލައެއް ނެތް، އަހަރެން ޔާނީ ދޫކޮށްލަފާނަން. އެކަމަކު ބަދަލުގަ މަށަށް ލިބޭނީ ކޯއްޗެއް؟” އޭރުވެސް ވިކާޝްގެ އަޒުމަކަށް ބަދަލެއް ނާދެއެވެ. އޭނާ ބޭނުންވީ ޔާނީ ތަޅުވާށެވެ. “ބުނި ކޮންމެ ކަމެއް ކޮށްދޭނަން. ފައި ބުޑަށް ވެއްޓި އާދޭސްވެސް ކޮށްފާނަން. އެކަމަކު އަހަރެންގެ ލޯބި އަހަންނާ ވަކިނުކުރޭ!” ލޯބި އަތުން ބީވިޔަ ނުދިނުމަށް ކުރަން ޖެހުނު ކޮންމެ ކަމެއް ކުރަން ޔާނީ ހުރީ ތައްޔާރަށެވެ. އެއީ ކިތަންމެ ބޮޑު ޤުރުބާނީއެއް ކަމުގައި ވިޔަސް އެއްވެސް ފަރުވާލެއް ނެތެވެ. “އައްދެ! ތިހާ ބޮޑުކަމެއް ނޫން، ތިއަށްވުރެ މާކުޑަކުޑަ ކަމެއް. ޒައިދްއާ ރުޅިވެފަ މަށާ ރައްޓެހިވޭ! އޭރުން އެހުރިހާ ކަމެއް ނިމުނީ. ކަލޭގެ ލޯބިވެރިޔާއަކަށްވެސް އެއްވެސް ގެއްލުމެއް ނުލިބޭނެ” ރޭވުންތެރިކަމާއެކު ވިކާޝް ދިޔައީ އޭނާގެ ހުރިހާ ބޭނުމެއް ފުއްދޭނެ މަގު ކޮށާ ތަނަވަސް ކުރަމުންނެވެ. ޔާނީގެ ހިތަށް ހީވީ އެތަށް ހާސް ކަށިތަކެއް އެއްފަހަރާ ހަރާލިހެންނެވެ. ޒައިދް ނުފެންނަ ހިސާބުގައި އުޅެން ޔާނީއަށް އެހާ އުނދަގޫ އިރު އޭނާ ހަޔާތުން ޒައިދް އެއްފަރާތްކޮށް އަބަދުގެ އަބަދަށް ވަކިކޮށްލާނީ ކިހިނެއް ހެއްޔެވެ؟ ހިތެއް އޮތް ކަމުގައި ވިޔަސް ވިންދާ ނުލާ އެހިތް ދިރި އޮންނާނީ ކިހިނެއް ހެއްޔެވެ؟ ޒައިދްއާ ނުލާ އުޅުމަކީ ޔާނީއަށް ކެތްވާވަރުގެ ކަމެއް ނޫންކަމުން ޔާނީ އެކަމަކަށް ސާފު ސީދާ ބަހުން ދެކޮޅު ހެދިއެވެ. ނަމަވެސް އޭގެ ރައްދު ކިތަންމެހާވެސް ހިތި ވެފައި ހިތްދައްޗެވެ. ޔާނީއަށް އެކަން ނުކުރެވިއްޖެ ނަމަ ދެން ފެންނާނީ ޒައިދްގެ ފުރާނަނެތް މަސްގަނޑު ކަމުގައި ބުނެ ވިކާޝްގެ އިންޒާރުތައް ޔާނީއަށް އަމާޒު ވިއެވެ.
ރޭގަނޑުގެ ނިދި ޤުރުބާންކޮށްފައި އެންމެންވެސް އިންތިޒާރުކުރަމުންދިޔައީ ޒައިދް ހޭއަރާނެ ވަގުތަކަށެވެ. އެގޮތަށް އެކަން ނުވެއްޖެނަމަ ދެން ކަންތައްވާނެ ގޮތް ހިތަށް އަރުވާލިޔަސް ލޮލުން ކަރުނަ ހިލެއެވެ. ޒައިދްގެ ގާތުގައި ގޮނޑިއެއްގައި އިނދެ އެނދުގައި ބޯއަޅާލައިގެން އޮތް ނާޒް ސިހިގެންދިޔައީ ޒައިދްގެ އަތުގެ ހަރަކާތާއެކުގައެވެ. އަވަސްއަވަހަށް ޑޮކްޓަރަށް ގޮވަމުން ނާޒް ބޭރަށް ދުއްވައިގަތް އިރު ލޮލުގެ އެސްފިޔަތައް ތަޅުވަމުން ޒައިދް ގޮވަމުން ދިޔައީ ޔާނީއަށެވެ. “ޑޮކްޓަރ! ޝިޔާޒް ކޮބާތަ ޑޮކްޓަރ؟ ޒައިދް.. ޒައިދް ހޭއަރައިފި، އޭނަ އެބަ ހަރަކާތްވެސް ކުރޭ. އަވަހަށް ގޮވާބަލަ ޑޮކްޓަރަށް” ޒައިދް ހޭއެރުމާއެކު އެންމެނަށް އެހަބަރު ދެމުން ލިބުނު އުފަލެއްގެ ބޮޑުކަމުން ޑޮކްޓަރަށް ގޮވަމުން ދިޔަ އަޑަށް ކެބިންގައި އިނދެފައި ޑޮކްޓަރ އަކްޔަލް ބޭރަށް ނުކުުތެވެ. “ކިހިނެއްތޯ ވީ؟ ޕޭޝަންޓްގެ ހާލު ބޮޑުވީތޯ؟” ނާޒްގެ އަޑު ގަދަވުމުން އަކްޔަލްވެސް ކަންބޮޑުވިއެވެ. “ޒައިދް ހޭއަރައިފި! އަހަރެންގެ ދަރިފުޅު ހޭއަރައިފި!” ނާޒްގެ ޖަވާބާއެކު ހަލުވި ހިނގުމެއްގައި އަކްޔަލް ގޮސް އެމަޖެންސީ ރޫމަށް ވަނެވެ. އޭރު ދެލޯހުޅުވައިގެން ކޮޅަށް ތެދުވެ އިނދެ ޒައިދް ގޮވަމުން ދިޔައީ ޔާނީއަށެވެ. އަކްޔަލް ޒައިދްގެ ގާތަށް ގޮސް ހަމަޖެހުމަށް ބުނުމުން ޒައިދް އެދުނީ އޭނާ ޔާނީ ގާތަށް ފޮނުވުމަށެވެ. ހީވާގޮތުން އޭނާ މިހާރު އެންމެ ބޭނުންވަނީ ޔާނީއާއި ބައްދަލުކޮށް ކޮންމެވެސް ވާހަކައެއް ހިއްސާކުރުމަށެވެ.
އަކްޔަލްގެ ވާހަކައަށް މާބޮޑު ސަމާލުކަމެއް ނުދީ ޒައިދް މަސައްކަތްކުރީ އެތަނުން ދިއުމަށެވެ. އަތަށް ގުޅާފައި އޮތް އައިވީ ކަށި ނައްޓާލުމަށް ފަހު ޒައިދް އެނދުން ތެދުވުމަށް ތައްޔާރުވެލުމުން އަކްޔަލް ހިފަހައްޓައި އެކަމަށް ހުރަސް އެޅިއެވެ. އަކްޔަލް ހީކުރީ ލިބުނު ޝޮކެއްގެ ސަބަބުން ޒައިދްގެ ސިކުނޑި އިތުރަށް ގޯސްވީ ކަމަށެވެ. ނަމަވެސް އަކްޔަލް ހީކުރި ނިންމުން ބަދަލުކޮށްލައި އޭނާ ހުރިތަނަށް ހުއްޓުންއެރީ ޒައިދްގެ ދުލުން ބޭރުވި ޖުމްލައިގެ ސަބަބުންނެވެ. “އަހަރެން ބޭނުން އަހަރެންގެ އަންހެނުން ގާތަށް ދާން! ޔާނީއަކީ އަހަރެންގެ އަނބިމީހާއޭ! ވީއިރު އެކަމަށް ތި ހުރަސް އަޅަނީ ކީއްވެތަ؟ އާނ.. އަހަރެންގެ ހަނދާންތައް އެނބުރި އަތުވެއްޖެ.. އަހަރެން ހުރިހާ ކަމެއްވެސް ހަނދާންވެއްޖެ” ލިބުނު ސިހުމަށްވުރެ ބޮޑަށް އަކްޔަލް އުފާވީ އޭނާ ކުރަމުން އައި މަސައްކަތް ކާމިޔާބު ވުމުންނެ. ﷲގެ ހެޔޮ ރަހުމަތްފުޅުން ޒައިދް ރަނގަޅުކުރެވޭތޯ އޭނާ ކުރި ބުރަ މަސައްކަތުގައި އެކަލާނގެ ބަރަކާތް ލައްވައިވިއެވެ. ޒައިދްގެ ހަޅޭކުގެ އަޑަށް ބޭރުގައި ތިބި އެންމެންވެސް އެތެރެއަށް ވަނެވެ. ޒައިދް ދެއްކި ހުރިހާ ވާހަކައެއް އަޑުއިވުމާއެކު އެންމެންގެ ހިތްތަށް އުފަލުން ފުރުނެވެ. ދެލޯބިވެރިންގެ ދެމެދަށް އެޅޭ ހުރަހަކަށް ވާން އަކްޔަލް ބޭނުން ނުވުމުން ޒައިދްގެ ކުރިމަތިން އެއްފަރާތްވެލަމުން ޔާނީ ގާތަށް ދިއުމަށް ފުރުސަތު ދިނެވެ. އެކަމަކު އެއްކަންތައް ހަނދާންކޮށްދެމުންނެވެ. “އަހަރެން ޒައިދް ގާތު ބުނަން އޮތީ ހަމަ އެންމެ ވާހަކައެއް. ޒައިދަށް ޔާނީ ގާތަށްވެސް ދެވިދާނެ، ހުރިހާ ވާހަކައެއް ކިޔައިވެސް ދެވިދާނެ. އެކަމަކު މިއީ އެކަންކުރަން އެންމެ އެކަށީގެންވާ ވަގުތެއް ނޫން. މިފަދަ ބޮޑު ހަޤީޤަތެއް ޤަބޫލުކުރަން ޔާނީގެ ސިކުނޑި އަދި އެހާ ތައްޔާރެއް ނޫން. އެހެންވީމަ އަހަރެންގެ ނަސޭހަތަކީ އަދި އެހަށް މަޑުކޮށްލާށޭ”
އަކްޔަލް އާއި ދެންތިބި މީހުންގެ ބަސް ޤަބޫލުކޮށް ޒައިދް ނިންމީ ރަނގަޅު ވަގުތެއް ބަލާފައި ޔާނީގެ ކުރިމަތީ މިހަޤީޤަތް ހާމަކުރުމަށެވެ. ފަހަރަކު މީހެއްގެ މޫނަށް ބަލަމުން ހިނިތުންވަމުން ގޮސް އެންމެފަހުން ޒައިދްގެ ލޮލުގައި އަޅައިގަތީ ރޮވިފައި ހުރި އޭނާގެ ކޮއްކޮ ތާރާއެވެ. ދެއަތް ދެފަރާތަށް ދަމާލައި ފުޅާކޮށްލަމުން ޒައިދް ތާރާއަށް އިޝާރާތްކުރީ އޭނާގެ ގާތަށް އައުމަށެވެ. ކޮއްޓެއްގެ ތެރެއިން ދޫންޏެއް ދޫކޮށްލުމުން އުދުއްސައިގަންނަ ބީދައިން ތާރާ ދުވެފައި އައިސް އޭނާގެ ބޭބެގެ ގައިގައި އޮޅުލައިގަތެވެ. މިދުވަހަށް ތާރާ އިންތިޒާރުކުރަމުން އަންނަތާ މިހާރު ކިހާ ދުވަހެެއް ހެއްޔެވެ. ބޭބެގެ އޯގާތެރިކަމާއި ނިމުމެއްނުވާ ލޯބިން މަހުރޫމްވެގެން ތާރާ ހުންނަންޖެހުނު ކޮންމެ ދުވަހަކީ ހިތަށް ހަލާކުކޮށްލި ދުވަހެކެވެ. “އިޑިއަޓް، ކީއްވެތި ރޮނީ؟ ދޮންބެގެ ތާ އަދިވެސް ބޮޑެއް ނުވޭ ދޯ. ދޮންބެ ހަމަ ރަނގަޅޭ! އެކަމަކު ތާ ތިހެން ރޮންޏާ ދޮންބެ މޮޔަވެދާނެ އިނގޭ!” ތާރާ ރޯންފެށުމުން ޒައިދް އޭނާ މަސަލަސް ކުރަމުން ދިޔައިރު އެދެމީހުންގެ ދެމެދުގައިވާ ލޯބި އެހެން އެންމެނެކޭ އެއްފަދައިން ރަޔާންއަށްވެސް އިހްސާސް ކުރެވުނެވެ. ޒައިދް އެގޮތް މިގޮތުން ތާރާ ހަމައަަކަށް އެޅުވުމަށް ފަހު ނުދަންނަ މޫނެއް އެތަނުން ފެނުމުން އެއީ ކާކުތޯ ތާރާ އާއި ސުވާލު ކުރިއެވެ. “ތާ މީ ކޮންކުއްޖެއް؟ އަނެއްކާ ބޯއީފްރެންޑްތަ؟ އެގަޑީގަވެސް ޒައިދް ބެލީ ތާރާއާއި ދިމާކޮށްލެވޭތޯއެވެ. ރަޔާން އަކީ ޒައިދް މީގެ ކުރިން ދެކިފައިވާ މީހެއް ނޫނެވެ. “ސާބަސް ދޮންބޭ! އެއީ ތާގެ ކޮލެޖް ފްރެންޑް އެކޭ. މިއީ ރަޔާން، ރަޔާން، މިއީ އަހަރެން އެންމެ ލޯބިވާ ދޮންބެ” ޒައިދް އާއި ރަޔާން ސަލާމްކޮށްލަމުން އެކަކު އަނެކަށް ހިނިތުންވުން ރައްދުކޮށްލިއެވެ.
ވާހަކަ މެދުކަނޑާލާފައި އެންމެން ގާތު ބޭރަށް ދިއުމަށް އެދެމުން އަކްޔަލް ޒައިދްއަށް އެންގީ އިތުރަށް އަރާމުކުރުމަށެވެ. ހެނދުނުގެ ވަގުތެއްގައި ގެއަށް ދޫކޮށްލެވޭނެ ވާހަކަ އަކްޔަލް ބުނުމުން ހަމަޖެހިލާފައި ޒައިދް މަސައްކަތް ކުރީ ނިދާލެވޭތޯއެވެ. މާދަމާ ގެއަށް ދޫކޮށްލެވުމާއެކު އެންމެ ފުރަތަމަ ކަމަކަށް ކުރަން ޒައިދް ނިންމީ ޔާނީ އާއި ބައްދަލް ކުރުމެވެ. ކޮންމެ ގޮތަކުން ނަމަވެސް ޒައިދް ބޭނުންވަނީ ޔާނީ އޭނާގެ ހަޔަތުގައި ކުރިން ހުރި މަޤާމަށް އަނބުރާ ގެންނާށެވެ. ޔާނީގެ ކުރީގެ ހަނދާންތައް އާލާ ނުވި ކަމުގައިވިޔަސް ހިތްފުރޭހާ ލޯބި ދީގެން ޒައިދް ބޭނުންވީ މުޅި އުމުރަށް ޭނާގެ ގާތުގައި ޔާނީ ބަހައްޓާށެވެ. އެނާގެ ފުރާނަ އެދޭ ހަމައެކަނި ފަރާތަކީ ޔާނީކަމުން އިތުރު އެހެން މީހަކަށް ޒައިދްގެ ހަޔާތުން އެޖާގަ ދޭކަށް އޭނާ ބޭނުމެއް ނޫނެވެ. ހަޔާތުގެ ސަފްހާތަކުގައި ޒައިދް އުފާވެރި ހުވަފެންތައް ރައްކާކުރަމުން ދިޔައިރު ޔާނީ ދިޔައީ އޭނާގެ އަމިއްލަ ދެއަތުން އެލޯބި ކަފުންކޮށް ވަޅުލަމުންނެވެ. ފުރާނަ ފަދައިން ލޯބިވާ ބައިވެރިޔާއާއި އުމުރަށް ސަލާން ކުރަމުން ދިޔައިރު ހިތުގައި ޒަހަމްނުވާ ހަމަ އެންމެ ތަންކޮޅެއްވެސް ނެތެވެ. ކިތަންމެ ބޭނުންވިޔަސް މިއަދު ޔާނީއަކަށް އިތުރު ގޮތެއް ނެތެވެ. ޒައިދް ސަލާމަތް ކުރުމަށްޓަކައި އޭނާގެ އަމިއްލަ ފުރާނަ ދުއްވާލަން ޖެހުނަސް ޔާނީ ހުރީ އެކަމަށްވެސް ތައްޔާރަށެވެ.
ޒައިދްއައި ވަކި ވުމަށް އެއްބަސްވެ ވިކާޝްގެ ހުރިހާ ނިންމުމަކަށް އިޖާބަދެމުން ޔާނީ ފޯނު ބޭއްވިއިރު އެހަށިގަނޑުގައި ދިރުމެއްވާހެނެއް ހިޔެއް ނުވެއެވެ. ހިތަހަލާކުވާ ވަރު ވުމުންވެސް މިފަހަރު ލޮލުން ކަރުނައެއް ނައެވެ. ހީވަނީ ރޮއެރޮއެ ދެލޮލުން ކަރުނަ ހުސްވެފައިވާ ހެނެވެ. ޔާނީ އެންމެ ދެރަވަނީ ޒައިދަށް ދޭނެ ޖަވާބެއް ނޭނގޭތީއެވެ. ހުރިހާ ބާރެއް ގައިން ދޫވެ އެނދުމައްޗަށް މީހާ ދެމުނެވެ. އެހެން އޮއްވާ ލޮލުން ފޭބި ކަރުނަތިކި ކޯތާފަތް މަތީ ރޮނގު ދަމަމުން ގޮސް ކަންފަތުގެ ވޮށީގެ ތެރެއަށް ވެއްޓުނެވެ. މެންދަން ފަހަނައަޅައި ގޮސް އާދުވަހަކަށް އަލިވިލުނުކަމުގެ އެއްވެސް އިހުސާސެއް ޔާނީއަށް ވާހެނެއް ހިޔެއް ނުވެއެވެ. ދުނިޔެމަތީގައި ހިނގަމުންދާ ހުރިހާ ކަމެއް ޔާނީއަށް ވަންހަނާވެފައިވާ ކަހަލައެވެ. [ނުނިމޭ]