[އޯގަސްޓް 6، 2015 ގެ ބަޔާ ގުޅޭ]
ޒައިދްއައި ވަކި ވުމަށް އެއްބަސްވެ ވިކާޝްގެ ހުރިހާ ނިންމުމަކަށް އިޖާބަދެމުން ޔާނީ ފޯނު ބޭއްވިއިރު އެހަށިގަނޑުގައި ދިރުމެއްވާހެނެއް ހިޔެއް ނުވެއެވެ. ހިތަހަލާކުވާ ވަރު ވުމުންވެސް މިފަހަރު ލޮލުން ކަރުނައެއް ނައެވެ. ހީވަނީ ރޮއެރޮއެ ދެލޮލުން ކަރުނަ ހުސްވެފައިވާ ހެނެވެ. ޔާނީ އެންމެ ދެރަވަނީ ޒައިދަށް ދޭނެ ޖަވާބެއް ނޭނގޭތީއެވެ. ހުރިހާ ބާރެއް ގައިން ދޫވެ އެނދުމައްޗަށް މީހާ ދެމުނެވެ. އެހެން އޮއްވާ ލޮލުން ފޭބި ކަރުނަތިކި ކޯތާފަތް މަތީ ރޮނގު ދަމަމުން ގޮސް ކަންފަތުގެ ވޮށީގެ ތެރެއަށް ވެއްޓުނެވެ. މެންދަން ފަހަނައަޅައި ގޮސް އާދުވަހަކަށް އަލިވިލުނުކަމުގެ އެއްވެސް އިހުސާސެއް ޔާނީއަށް ވާހެނެއް ހިޔެއް ނުވެއެވެ. ދުނިޔެމަތީގައި ހިނގަމުންދާ ހުރިހާ ކަމެއް ޔާނީއަށް ވަންހަނާވެފައިވާ ކަހަލައެވެ.
ތެދުވެގެން ގޮސް ޔާނީ އަލަމާރި ހުޅުވާލާފައި އޭގެ ތެރެއިން ނެގީ ކުޑަ ފޮށީގަނޑެކެވެ. ބަލާބެލުމަށް އެއީ ޔާނީގެ ވަރަށް މުހިންމު އެއްޗެހިތަކެއް ރައްކާކުރެވިފައިވާ ހަޒާނާއެކެވެ. ފޮށިގަނޑުގެ ތެރެއިން ދެން ޔާނީ ނެގީ އާދައިގެ ވަރެއްގެ ފޮތެކެވެ. އޭގެ ބޭރުގަނޑުވަނީ މަލާއި ހިކިފައިވާ ފަތާއި އިލާ ބޭނުންކޮށްގެން ވަރަށް ރީތިކޮށް ތައްޔާރުކޮށްލާފައެވެ. އެއީ ޔާނީގެ ހަޔާތުގެ ސަފްހާތައް ރައްކާކުރަމުން އަންނަ ހަޒާނާއެވެ. ޒައިދް އާއި ކައިވެނި ކުރުމުގެ ކުރިންވެސް ޔާނީ ވަނީ އެފަދަ ޑައިރީއެއް ލިޔެފައެވެ. ނަމަވެސް ދިމާވި ހާދިސާއާއި ގުޅިގެން ތާރާ އެފޮތް ޔާނީއަށް ފޮރުވީއެވެ. އޭނާގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައެވެ. އޭގެ ފަހުން ޔާނީގެ ހުރިހާ ހަނދާންތަކެއް ފޮރުވިފައިވަނީ މީގައެވެ. ފޮތް ހުޅުވާލުމާއެކު ފުރަތަމަ ގަނޑުންވެސް ފެނިގެން ދިޔައީ ޒައިދް އާއެކު ނަގާފައިވާ ފޮޓޯއެކެވެ.
ފޮޓޯގެ ތިރީގައި ލިޔެފައިވާ އިބާރާތްކޮޅު ކިޔާލުމާއެކު އަނެއްކާވެސް ޔާނީއަށް ރޮވެން ފެށުނެވެ. “އޯލްވޭޒް، އެންޑް ފޯރއެވަރ!” ޒައިދް އާއި ޔާނީ ލޯބީގެ ގޮތުން ގުޅުނީ މިގޮތަށް ވަކިވާކަށް ނޫނެވެ. އަދި މިފަދަ ދުވަހެއް ދައްކަވާފާނެ ކަމަކަށް ކުޑަކޮށްވެސް ހިތަކަށް ނާރައެެވެ. “ނޫން ނޫން! އަހަންނަށް ޒައިދްއާ ވަކިންނެއް ނޫޅެވޭނެ. އަހަންނަށް އުފަލުގަ އުޅުމުގެ ހައްޤު ނެތީތަ؟ އަބަދު އަހަންނަށް މިހެން ދިމާވަނީ ކީއްވެތަ؟” ކަރުނައިގެ މުތީތައް ޔާނީގެ ދިގު އެސްފިޔަތައް ތެންމަމުން ދިޔަވަރަކަށް ގިސްލުމުގެ އަޑު މުޅި ކޮޓަރިތެރޭގެ ހަތަރުފާރުން އެތެރޭގައި ދިޔައީ ވަކި ހިއްޕަމުންނެވެ. ފަހަރަކު ގަނޑެއް އެއްލަމުން ދިޔަވަރަކަށް ދެމީހުން އެކުގައި ލޯބިން ހިއްސާކުރި ދުވަސްތައް ސިފަވަމުން ދިޔައެވެ. ދެން އެފަދަ ދުވަސްތައް ހިއްސާކޮށްލާނެ ފުރުސަތެއް ނުލިބޭނެކަން ހަނދާންވާ ކޮންމެ ފަހަރަކު ހިތް ތޮރުފާލައެވެ. ކުރިއަށް ދެން އަންނަން އޮތް ދުވަސްތައް ވޭތުކުރާނެ ގޮތެއް ހިތަށް ގެންނަންވެސް ޔާނީއަށް ދައްޗެވެ. އެހަނދާންތައް އާލާކޮށްކޮށް ހިތަށް ކެތްނުވާވަރު ވުމުން ތެދުވެ ތައްޔާރުވެލައިގެން ޔާނީ ދިޔައީ ޓެއިލަރ ޝޮޕަށެވެ. ކަންދިމާކުރިގޮތުން އެވަގުތު ގޭތެރޭގައި މީހަކު ފެންނަށް ނެތުމުން އެއްވެސް އުނދަގުލަކާނުލާ ޔާނީއަށް ގެއިން ބޭރަށް ނުކުމެވުނެވެ. މިހާރު ޔާނީ ބޭނުންވަނީ ގިނަ ވަގުތު އެކަހެރި މާހައުލެއްގައި ހޭދަކުރާށެވެ. އޭނާގެ މިޒާޖަށް އަންނަމުން މިދާ ބަދަލު ގޭތެރޭގެ އެހެންމީހުންނަށް ނަގައިގަންނަން ފަސޭހަވާނެކަން އެނގޭތީ ގޭގައި މީހުން ފެންނަ ހިސާބުގައި އުޅުމަކީވެސް މިހާރު ޔާނީއަށް ބޮޑު ބޮލުގަ ރިހުމަކަށް ވަނީ ވެފައެވެ.
ޔާނީއަށް ޝޮޕާ ހަމައަށް ދެވުނުއިރު މީހުންތައް މަގުމަތީ ހޭލަމޭލައަށް އުޅެމުން ދެއެވެ. އެގަޑިއަކީ ސްކޫލްތަކަށާއި އޮފީސްތަކަށް މީހުން ދާ ގަޑިކަމަށް ވުމުން މަގުމަތި ވަރަށް ހަލަބޮއްޔެވެ. ނަމަވެސް މީގެން އެއްވެސް ކަމަކަށް ސަމާލުކަމެއް ނުދީ ޔާނީ އެދިޔަގޮތަށް ގޮސް ޝޮޕް ހުޅުވާލުމަށް ފަހު އެތެރެއަށް ވަނެެވެ. ފާއިތުވި ދެދުވަހު ޝޮޕަށް ނާދެވުމުގެ ސަބަބުން މަސައްކަތްތައް ވަނީ ފުނިޖެހިފައެވެ. މުޅިތަނުގެ ތަރުތީބުވަނީ ގެއްލިފައެވެ. އެތެރެއަށް ވަނުމާއެކު ފައިން އެރުނީ މުށިތައްމަތީ އޮތް ސިޓީ އުރައެއްގެ މައްޗަށެވެ. އިރުކޮޅަކު ބަލަން ހުރެފައި ސިޓީ އުރަ ނަގާ ހުޅުވާލުމާއެކު އޭގެން ފެނުނު ފޮޓޯތަކުން ހީވީ އެއްފަހަރާ އެތަށް ބައިވަރު ކަށިތަކެއް ހިތަަށް ހަރާލިހެންނެވެ. ފޮޓޯގައި ފެންނަނަ ހުރީ ޒައިދެވެ. ދެން ހުރީ އަންހެންކުއްޖެކެވެ. ނަމަވެސް ފޮޓޯއަށް ފުރަގަސްދީގެން ހުރުމުން އެއީ ކާކުކަމެއް އެނގޭ ގޮތެއް ނުވިއެވެ. ޔާނީ އެންމެ ހައިރާންވީ އެއަންހެންކުއްޖާ ޒައިދްގެ ގައިގައި ބައްދާލައިގެން ހުރުމުންނެވެ. އަދި ޒައިދްގެ މޫނުމަތިންވެސް ފާޅުވާން ހުރީ އުފާވެރިކަމުގެ ކުލަވަރުތަކެވެ. އެކަމަކު މިކަން ޤަބޫލުކުރާކަށް ޔާނީގެ ހިތާއި ސިކުނޑި ތައްޔާރެއް ނޫނެވެ. އެހެން ހުއްޓައި ކުއްލިއަކަށް ޔާނީގެ ފޯނު ރިންގްވާން ފެށުމުން ބަލާލުމެއްނެތި އަވަހަށް ފޯނުނަގައި ހަލޯއޭ ބުނެލުމާއެކު ވާހަކަ ދައްކަންފެށީ ވިކާޝްއެވެ. “ގުޑް މޯނިންގް ލަވް! ކޮބާ ކިހިނެއްވަނީ މަގޭ ހަދިޔާ؟ ވަރަށް ސަޕްރައިޒް ވެއްޖެ ދޯ! ހެހެހެ…” ވިކާޝްގެ ވާހައިން މިއީ އޭނާގެ ކަމެއްކަން ޔާނީއަށް ވިސްނޭކަށް މާގިނައިރެއް ނުނެގިއެވެ. “މިއީ ކަލޭގެ ކަމެއް ދޯ! މަށަށް އޭރުވެސް އިނގޭ މިކަހަލަ ގޮތެއް ނެތްކަމެއް ކުރާނީ ކަލޭކަން. ބުނަން ވާހަކައެއް ތިހެން ކިތަންމެ ފޮޓޯއެއް ފޮނުވިޔަސް މަގޭ ހިތުގަ ޒައިދަށް ދެވިފައިވާ ލޯތްބަކަށް ކުޑަވެސް ބަދަލެއް ނާންނާނެ. ކިތަންމެ ވަރަކަށް ތިހެން މަގޭ ފަހަތުން އުޅުނަސް މަށެއް ނުލިބޭނެ. އިވިއްޖެތަ؟”
ރުޅިގަދަވެފައި ހުރިވަރުން ވިކާޝްގެ އިންޒާރުތަކުގެ މަތިން ޔާނީ ހަނދާންނެތުނެވެ. އެވަގުތު ހިތަށް އައިހާ އެއްޗެއް ޔާނީ ވިކާޝްއާއި ދިމާލަށް ކިޔައިލިއިރު އޭނާގެ ލޭކެކެނީއެވެ. “އޭތް! މާބާރަށް ހަޅޭނުލަވާ! ކަލޭ ހީކުރީ ތިހެން ހަޅޭލެވީމަ މަ ބިރުގަންނާނެކަމަށްތަ؟ ނުވާނެ ތިކަމެއް، ތިފާޑަށް އުޅެންޏާ ވާނެގޮތް މާ ރީއްޗެއް ނުވާނެ އިނގޭ! އަނެއްކާ ހަނދާންކޮށްދޭން ވީތަ؟ ކަލޭ ޖެހޭނީ މަބުނާ ގޮތެއް ހަދައިގެން ހުންނަން! ތިފޮޓޯތައް ދައްކާފަ ޒައިދްއާއި ރުޅިވޭ، އަދި ބުނަން މިކަމުގެ ތެރެއަށް މަގޭ ނަން ގެންނަށް ހިތަށްވެސް ނާރުވާތި!” އިންޒާރަކަށް ފަހު އިންޒާރެއް ދެމުން ވިކާޝް ފޯނު ބޭއްވިއިރު ޔާނީ ހުރީ އަނގައިން ބަސް ހުއްޓިފައެވެ. ވިކާޝްގެ ކުރިމަތީ އޭނާ ކިތަންމެ ބާރު ދައްކަން އުޅުނަސް އެކަމުން އެއްވެސް ފައިދާއެއް ނުކުރާނެކަން ޔާނީއަށް ވިސްނުނެވެ. ގޮތްހުސްވެ ހަތަރު އުދަރެސް ފެނު ޖެހިއްޖެ ކަމުގެ އިހްސާސް ހިތަށް ވެރިވުމުން ހޯސްލާފައި ދެލޮލުން ކަރުނަތައް ފައިބަން ފެށިއެވެ. އަޑު ބޭރުވާހެން ހީވުމުން އަނގަމަތީ އަތްއަޅާ ބާރުކޮށްލުމުންވެސް އިގިލިތައް ފޫއަޅޫޥާލާފައި އަޑު ބޭރުވާން ފެށިއެވެ. ހިތުގައި ލެވެމުން ދިޔަ ޒަހަމްތަކަށް ކެތްނުވެގެން ޔާނީގެ ހިތްވެސް ހީވަނީ ހުއްޓިދާނެ ހެންނެވެ. މިވަރުގެ ޝަޒާއެއް ލިބެމުން މިދަނީ ކީއްވެތޯ ޔާނީ އޭނާގެ ހިތާ ސުވާލުކުރަމުން ދިޔައެވެ. އެހެނަސް ޖަވާބެއް ނުލިބުނެވެ. ރޮމުން ރޮމުން އިސްތަށިގަނޑުގައި ހިފާ ހާވަމުން ދިޔައީ މޮޔައެއް ފަދައިންނެވެ. އަތުގައި ޖެހުނުހާ އެއްޗެއް އުކަމުން މުޅިތަން އެފުށް މިފުށަށް ޖަހަމުން ދިޔައިރު އެމައުސޫމް ހިތަށް ވަނީ ވަރަށް އަސަރުކޮށްފައެވެ.
ކުރިން ބުނެވުނު ގޮތަށް އަކްޔަލްގެ ބެލުމުގެ ދަށުން ޒައިދް ގެއަށް ދޫކޮށްލެވުނެވެ. އެހާ ދުވަސްކޮށްފައި އަޑިގަނޑުން އަރައިގަނެވުމުން އާއިލާގެ އެންމެންވެސް ތިބީ ނުހަނު އުފަލުންނެވެ. މިހާރު ޒައިދްގެ އުފާވެރި ހަޔާތުން އުނިވާ ހަމަ އެންމެ ކަމެއްވެސް ނެތެވެ. ޔާނީގެ ހަނދާނުގައި އޭނާގެ މާޒީ ނުވިކަމުގައި ވިޔަސް ތަޤުދީރު އެދެމީހުން ގުޅުވަދިނީ ކަމަށް ޒައިދް ދިޔައީ ޤަބޫލުކުރަމުންނެވެ. އެހާ ހިލާފަށް އެދެމީހުންގެ ފަހަތުގައި ތަޤުދީރު ކުޅެމުން މިދަނީ ކިހާ ހިތްދަތި ރޯލެއްކަން އެނގުމުން އެދެމީހުންނަށް ކެތްވާނެ ހެއްޔެވެ. އޮޅުންގަނޑެއްގެ ތެރޭގައި ހުރެ ޒައިދް ދިޔައީ ޔާނީއަށް ހުރިހާ ވާހަކައެއް ކިޔައި ދިނުމުގެ ގޮތުން ޔާނީމެންގެ ގޭގައި ކުޑަ ސަޕްރައިޒެއް ރާވަމުންނެވެ. މިކަމުގައި ތާރާ އާއި މިޝްކާ އަދި ޝިވަމްވެސް ބައިވެރިވިއެވެ. ޒައިދް ގުޅުމުންވެސް ޔާނީ ފޯނު ނެގުމުން ޒައިދް ކުޑަކޮށް މާޔޫސްވިއެވެ. ނަމަވެސް ތާރާގެ ވާހަކައިން ރޭގަ ޔާނީ ކުޑަކޮށް މޫޑް ގޯސްވެފައި ހުރިކަން އެނގުމުން ޒައިދް ނިންމީ ސަޕްރައިޒްއަށް ފަހު ޔާނީ މުޅިން ހަމައަކަށް އެޅޭނެ ކަމަށެވެ. އެހެންވެ ޒައިދްވެސް ޔާނީއަށް ގުޅަން އިތުރަކަށް މަސައްކަތެއް ނުކުރެއެވެ. ސަޕްރައިޒް ދިނުމުގެ ގޮތުން ޔާނީގެ ކޮޓަރިތެރެ ޒީނަތްތެރި ކުރަމުން ދިޔައީ އެންމެ ފުރިހަމައަށެވެ. ފާއިތުވެގެން ދިޔަ ޔާނީގެ އުފަންދުވަހަށް ކޮޓަރި ތައްޔާރު ކުރި ގޮތަށެވެ. ކުޑަވެސް ބަދަލެއް ނުގެނެސް މިގޮތަށް ކަންތައް ކުރުމުގެ އެންމެ ބޮޑު އެއް މަޤްސަދަކީ މިތަން ފެނުމުން ޔާނީގެ ހަނދާނަށް ކޮންމެވެސް އެއްޗެއް އައުމެވެ. ހުރިހާ ހަނދާންތަކެއް އެއްފަހަރާ އެނބުރި އައުމަކީ ނާދިރު ކަމެއްކަން ޒައިދްވެސް ޤަބޫލުކުރެއެވެ. އެއީ އޭނާ ވެސް މިހުރިހާ ކަމެއް ހަނދާންވާން ދުވަސް ނެގުމުންނެވެ.
ޔާނީއަށް އޭނާއަށްވުރެ ބޮޑުވަރުވެފައިވުމުން ހަނދާންތައް އެނބުރި އައުމަށް ކިތަންމެ ގިނަ ދުވަހެއް ވިޔަސް ޒައިދް ހުރީ އިންތިޒާރުކުރަން ތައްޔާރަށެވެ. ޔާނީއަށް އޭނާއަށްވުރެ ބޮޑުވަރުވެފައިވުމުން ހަނދާންތައް އެނބުރި އައުމަށް ކިތަންމެ ގިނަ ދުވަހެއް ވިޔަސް ޒައިދް ހުރި އިންތިޒާރުކުރަން ތައްޔާރަށެވެ. އެންމެންގެ އެހީތެރިކަމާއެކު އިރުއޮއްސެންވާއިރަށް ޔާނީގެ ކޮޓަރިތެރެ ތައްޔާރުކޮށް ނިންމާލެވުނެވެ. އެރޭއެކޭ ހަމަ އެއްވެސް ތަފާތެއް ނެތެވެ. ހަމައެކަނި ތަފާތަކީ ތަނެވެ. ރަތްފިނިފެންމަލުގެ ފިޔަތައް ހުރީ ކޮޓަރީގެ ދޮރާ ދިމާ މަތީގައި ފޮތިގަނޑެއްގެ ތެރެއަށް އަޅާ އައްސާފައި ދޮރު ހުޅުވާލާ އިރަށް އޮހޭ ގޮތަށެވެ. މުޅި ކޮޓަރިތެރެ ފުރާލެވިފައިވަނީ އުއްބައްތި ތަކުންނެވެ. ކޮޓަރިތެރޭގައި ހިފާލާފައިވަނީ ލެވެންޑާގެ މީރުވަހެވެ. އިރުއޮއްސުމުން ޒައިދް ތައްޔާރުވުމަށްޓަކައި ގެއަށް ދިޔައީ ގަޑިއަށް ޔާނީ ގެއަށް ގެނައުމުގެ މަސައްކަތް ތާރާއާއި ހަވާލުކޮށްފައެވެ. ތާރާ ވަރަށް ފަސޭހަކަމާއެކު މިކަން ކުރިއެވެ. މިޝްކާ ވިހަން ކައިރިވެފައި އިނުމުން މިރޭ އޭނާއަށް ސަޕްރައިޒް ބޭބީ ޝަވަރ އެއް ދެނީ ކަމަށް ބުނެ އެކަމަށް ތައްޔާރުވުމަށް ޔާނީ ގޮވައިގެން ތާރާ ބިއުޓީ ސެލޫނަކަށް ގޮސް ރީތިކޮށްދިނެވެ. ތާރާ ހީކުރީ މިގިތަށް ކަނތައް ކުރުމުން ޔާނީ ސުވާލުކުރާނެކަމަށެވެ. ނަމަވެސް ކަންބޮޑުވެ ހާސްކަމުގެ ތެރޭގައި އިނުމުން ޔާނީ މީގެން އެއްވެސް ކަމަކަށް މާބޮޑު ސަމާލުކަމެއް ނުދެއެވެ. ތާރާ އެހާ ވަރަށް ވާހަކަ ދެއްކުމުންވެސް އާއެކޭ ބުނެ ހީލުން ފިޔަވައި އިތުރު އެއްވެސް އެއްޗެކޭ ޔާނީ ނުބުނެއެވެ. ތައްޔާރުވެ ނިމުނުއިރު ޔާނީ ލައިގެން ހުރީ ރިސޯޓުގައި ޑިނަރއަށް ދިއުމަށް ޒައިދް ދިން ފްލޯރަލް ހެދުމެވެ. އެހެދުން ލުމަށް ޔާނީ ދެކޮޅުހެދުމުންވެސް ތާރާ އެގޮތަށް ކަންތައް ކުރީ ޒައިދްގެ އެދުމުގެ މަތިންނެވެ. އާދައިގެ މޭކަޕެއް ކޮށްފައި ހުރި ނަމަވެސް ޔާނީ ހީވަނީ އަލަތު ކައިވެންޏަށް ތައްޔާރުވެފައި އިން އަންހެން ކުއްޖެއް ހެންނެވެ. އެހާވެސް ފުރިހަމަވެފައި ޗާލެވެ. [ނުނިމޭ]