މަންޓާ އެއާއިން ބ. އަދި ދ. އަތޮޅަށް ކުރަމުން އައި ދަތުރުތައް މާދަމާއިން ފެށިގެން ވަގުތީގޮތުން ހުއްޓާލައި ދިވެހިންނަށް ހާއްސަކޮށް ސީޕްލޭންގެ ހިދުމަތް ކުރިއަށް ގެންދިއުމަށް ނިންމައިފި އެވެ.
މަންޓާ އެއާ އިން ބުނީ، ކަސްޓަމަރުންގެ އެދެމުގެ މަތިން މާދަމާ އިން ފެށިގެން ކޮންމެ ދުވަހަކު ވެސް ބ. އަތޮޅަށާއި ދ. އަތޮޅަށް ސީޕްލޭން ދަތުރުތައް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި ދަތުރުތަކުގެ ޓިކެޓް މަންޓާ އެއާގެ ވެބްސައިޓުން ބުކް ކުރެވޭނެ އެވެ.
އެހެން ނަމަވެސް ދަރަވަންދު އާއި ދ. ކުޑަހުވަދޫ އެއާޕޯޓަށް މަންޓާއިން ކުރަމުން އައި ޑެއިލީ ދަތުރުތައް ހުއްޓާލާފައިވަނީ ކޮވިޑް-19 އާ ގުޅިގެން ދަތުރު ކުރާ މީހުންގެ އަދަދު މަދުވެ މާލީގޮތުން ގެއްލުން ވުމާ ގުޅިގެން ކަމަށް މަންޓާއިން ބުނެ އެވެ.
މަންޓާ އެއާ އިން ވަނީ، މި ދުވަސްވަރު ކޮންމެހެން ބޭނުން ޖެހިގެން ނޫނީ ދަތުރު ނުކުރުމަށް އިލްތިމާސްކޮށްފަ އެވެ.
މަންޓާއިން ޑެއިލީ ދަތުރުތައް ހުއްޓާލި ނަމަވެސް ޗާޓަރު ފްލައިޓުގެ ހިދުމަތް ކުރިއަށް އޮތްތާނގައި ވެސް ދޭނެ އެވެ. ނަމަވެސް މި ދަނޑިވަޅުގައ ކޮންމެހެން ކުރަން ޖެހޭ ދަތުރުތައް ނޫނީ ނުކުރުމަށް އެ ކުންފުނިން ވަނީ އެދިފަ އެވެ.
މަންޓާއިން ވަނީ މިދިޔަ މަހުގެ 13 ވަނަ ދުވަހުން ފެށިގެން އެ ކުންފުނިން ގއ. ކޫއްޑޫއަށް ކުރަމުން އައި ދަތުރުތައް ވެސް ހުއްޓާލައިފަ އެވެ.