ވާހަކަ: ފުރާނަ އެދެނީ ހަމައެކަނި ކަލާޔަށްޓަކައި…

Furaana Edheny Hamaekani Kalaayattakai...

[އޯގަސްޓް 30، 2015 ގެ ބަޔާ ގުޅޭ]

ޔާނީ ދައްކާ ވާހަކައަކަށް ވިކާޝް އެއްވެސް ސަމާލުކަމެއް ނުދީ ޔާނީ ދުރަށް ޖެހެން ފެށުމުން ދެފައިގައި ހިފާ ދަމައިގަތެވެ. “ބުނާ ގޮތް ނުހެދެންޏާ އެކަމުގެ އަދަބު ލިބޭނެ، އެހެންވީމަ މިއީ މިއަދު އަހަރެންގެ ބަހަށް ނުކިޔަމަންތެރިވުމުން ލިބޭ ސަޒާ!” މިޖުމްލައާއެކު ޔާނީގެ އަތުގެ މުލައްދަނޑިއަށް އެރީ ވިކާޝްގެ އަތުގައި އޮތް ކަޓަރުގެ ތޫނު އެތިފަހަރެކެވެ. ޔާނީ އެހެން ނުހެދުމަށް ރޮއެ އާދޭސް ކުރިނަމަވެސް މިއަދު ވިކާޝް އަކަށް އެއަޑެއް ނީވެއެވެ. އެވަގުތު މުޅިތަން ގުގުމާލީގެ ޔާނީގެ ހަޅޭކާއި ރުއިމުގެ އަޑުންނެވެ. ވޭނާއި ކެކުޅުމުން ފުރިގެންވާ އަޑެކެވެ.

ލޭގެ ކޯރެއް ތެރޭ އިނދެ ގިސްލެވެމުން ދިޔަ ޔާނީގެ އަތުގައި އަޅަމުން ދިޔަ ވޭނަށް ވުރެ ހިތުގައި އަޅަމުންދާ ވޭން މާ ބޮޑެވެ. “ސޮރީ.. ޔާނީ ކައިރި ބުނަމެއްނު އަހަރެން ރުޅިއަންނަ ގޮތަށް ކަންތައް ނުކުރާށޭ! ޔާނީއަށް އިނގެއެއްނު އަހަރެން ރުޅިއައިމަ ވާގޮތް. ކީއްވެތަ އަހަރެން ބުނާ އެއްޗެއް ޤަބޫލު ނުކުރަނީ” ޖީބުގައި އޮތް ރުމާ ނަގައި ޔާނީގެ އަތުގައި އޮޅާލަމުން ވިކާޝް ޔާނީގެ މޫނުގައި ހިފަހައްޓާލިއެވެ. އެވަގުތު ޔާނީގެ ކުރިމަތިން ފެންނަމުން ދިޔައީ ވިކާޝްގެ މުޅިން އެހެން ސިފައެކެވެ. ފަހަރުގައި ޔާނީ އިން ހާލަތު ފެނުމުން އޭނާގެ ހިތް މަޑުވީ ކަންނޭނގެއެވެ. ހަރަކާތް ހުއްޓިފައި އިން ޔާނީއަށް އެވަގުތު އޭގެން އެއްވެސް ކަމެއް އެނގޭވަރުވީ ހެނެއް ހިއެއް ނުވެއެވެ. ޔާނީ އެއިން ތަނުން ނަގައިގެން ވިކާޝް ދިޔައީ ޔާނީ ގެއަށް ލާށެވެ. ގޭދޮރުމައްޗަށް ކާރު މަޑުކޮށްލުމާއެކު ވިކާޝް ޔާނީގެ އަތުގައި ހިފައިގެން ކާރުން ބާލަން މަސައްކަތްކުރުމުން ޔާނީ އެކަމަށް ހުރަސްއެޅިއެވެ. “ކަލޭގެ އެއްވެސް އަޅާލުމަކާ ހަމްދަރުދީއެއް އަހަރެން ބޭނުމެއް ނޫން” ވިކާޝްގެ އަތް ފޮޅުވާލާފައި ޔާނީ ކާރުން ފައިބައިގެން ދިޔައިރު އޭނާގެ އަތުގައި އޮޅާފައި އޮތް ރުމާ ވަނީ ފޯވެފައެވެ. “އަދިވެސް ގޮތެއް ދުލެއް ނުކުރެއެއްނު. އަދި ކުރެވުނު ވަރު މާ ކުޑައީ!” ޔާނީ ގޮސް ގެއަށް ވަނުމުން ފާޑަކަށް މޫނު ހަދާފައި ވިކާޝްވެސް އެތަނުން ދިޔައެވެ. އޭނާގެ ހުރި ނުބައިކަން އެވަގުތު ވަރަށް ރަނގަޅަށް އެނގިގެން ދިޔައެވެ. ވިކާޝްއަކީ ދުވަހަކުވެސް މީހަކަށް ހިތްހެޔޮ ވާނެ މީހެއް ނަމަ އޭނާ މިއަދު ޔާނީއާއި ދޭތެރޭ އެގޮތަކަށް ކަންތަކެއް ނުކުރާނެއެވެ.

ގެއަށް ވަންނަން ގޮސް ބެލް ޖަހަން އަތް ނެގި ނަމަވެސް ހުއްޓުން އެރީ ހުޅުވާފައި ހުރި ކުޑަދޮރުން އެތެރޭގައި ތިބި މިޝްކާ އާއި ތާރާ ފެނުމުންނެވެ. މިވަގުތު އެމީހުންނާ ކުރިމަތިލާނެހާ ހިތްވަރެއް ނެތުމުން ޔާނީ އައިކޮޅަށް އެނބުރި ދާން ހިނގައިގަތެވެ. ހޭވިފައިވާ އިސްތަށިގަނޑާއި ނޫފާގަނެފައިވާ ކޯތާފަތުން އެކަނިވެސް ޔާނީއަށް ލިބިފައިހުރި އަނިޔާތައް ބަޔާންކޮށްދެއެވެ. މަގުމައްޗަށް ނުކުމެ ކުޑަތަންކޮޅަކަށް ހިނގާލެވުނުތަނާ މޫސުން ގޯސްވެ ވައިގަދަވާން ފެށިއެވެ. ވަޔާއެކު ވިހުރެމުންދިޔަ ހިކިފަތްތައް އެތައް ފަހަރަކު ޔާނީގެ މޫނަށް ގޯނާ ކުރަމުން ދިޔަ ނަމަވެސް މާޔޫސްވެ ހިތްހަލާކުވެފައިވާ ހާލު އޭނާ ހުރީ މުޅިން އެހެން ދުނިޔެއަކަށް ގެއްލިފައެވެ. މިއަދު ޔާނީއަކީ ބިކަ ހާލުގައި ހިތްދަތިކަމާ ވޭނާ ކެކުޅުން އުފުލަން ޖެހިފައިވާ ނިކަމެތި އަންހެންކުއްޖެކެވެ. އަޅާލާނެ ކިތަންމެ މީހެއް އޭނާގެ ހަޔާތުގައި ވީނަމަވެސް އެއިން އެއްވެސް މީހެއްގެ ފަރާތުން އެހީއަކަށް އެދެވޭކަށް ނެތެވެ. ހަމައެންމެ ސަބަބަކާހުރެއެވެ. އޭނާގެ ހަޔާތަށް އެޅިފައިވާ ކަޅު ހިޔަންޏެއްގެ ސަބަބުންނެވެ. މާޒީގައި ކުރެވުނު ކަމެއްގެ ސަބަބުން އޭނާގެ މުސްތަޤުބަލަށް މިހާބޮޑު އަސަރެއް ކޮށްފާނެ ކަމަކަށް ޔާނީ ކުޑަކޮށްވެސް ހިތަކަށް ނާރައެވެ. ދެތިން ފެންތިކިން ވެހެންފެށި ވާރޭ އެތަށް ހާސް ފެންތިކިތަކާއެކު ބޯކުރަމުން ގޮސް މުޅިތަން ފެން ފެންބޮޑުކޮށްލީ މަދު ސިކުންތުކޮޅެއްގެ ތެރޭގައެވެ. ތެމިފައިވާ ހެދުން ހަށިގަނޑުގައި ތަތްލާފައި ހުރުމުގެ ސަބަބުން ޔާނީގެ ހަށިގަނޑުގެ ބައްޓަން ފާޅުވާން ހުއްޓެވެ.

ވެހެމުންދިޔަ ބޯ ވާރޭގައި ޔާނީގެ އިސްތަށިިގަނޑުން ފައިބަމުން ދިޔަ ފެންތިކިތައް މޫނާއި ކަނދުރާގައި ބޮސްދެމުން ދިޔައީ ނުހަނު ހަލުވިކަމާއެކުގައެވެ. ހިނގުން މަޑުޖައްސާލުމަށްފަހު ޔާނީ ޕޭމަންޓް މަތީ އިށީނެވެ. އޭނާގެ ސިކުނޑި ހާސްކުރުވަމުން ދިޔައީ މީގެ އެތައް މަހެއް ކުރިން ވިކާޝްއާއި ފުރަތަމަ ދިމާވި ރޭގެ ހަނދާންތައް އާލާވުމުންނެވެ. ވިކާޝްއަކީ ކާކުކަން އެންމެ ފުރަތަމަ ޔާނީއަށް ނަގައިގަނެވުނީ އޭނާއާއި ސަލްޓަންޕާކު ތެރެއިން ދިމާވި ދުވަހުއެވެ. އެދުވަހަށްފަހު މަޑުމަޑުން ޔާނީގެ ހަނދާނަށް ވިކާޝް އަންނަމުން ދިޔައެވެ. ވިކާޝްގެ ކެހިވެރިކަން ޔާނީއަށް އިހުސާސްކުރެވުނީ އަދިކިރިޔާއެވެ. ވިކާޝްގެ ހަޤީޤަތް ޒައިދަށް ކިޔައިދޭން ހިތަށް އެރާ ކޮންމެ ފަހަރަކު ހިތާއި ސިކުނޑި ދެބަސްވެއެވެ. އެހިނދު ޔާނީގެ ދެލޯ ކަރުނުން ފުރި ބަނޑުންވިއެވެ. އަބަދުވެސް ހިތްވަރުގަދަ މީހަކަށް ޔާނީ ވާން ބޭނުންވިޔަސް އެކަން ކާމިޔާބުވާ ގޮތެއް ނުވިއެވެ. އެތަކެއް އަހަރު ހިތާމައިގައި އުޅެމުން އައިސް ޔާނީގެ ހަޔާތަށް އައި އުފާވެރިކަން ގެއްލުމުން ތަޤްދީރުވެސް މިފަހަރު އޭނާ އާއި މެދު ހަމްދަރުދީއެއް ނުވިއެވެ. ޔާނީގެ މާޒީގައި ވިކާޝްއާއި ދިމާވުން އެއީ އޭނާގެ ކަރަށް މަހާލެވުނު މަޅިއަކަށް މިއަދު މިވަނީ ވެފައެވެ. ޔާނީއަށް ލިބެމުން ދިޔަ ނުތަނަވަސްކަމާއެކު ނޭނގޭ ބިރުވެރިކަމެއްވެސް އިހުސާސް ކުރެވެމުން ދިޔައެވެ. ކަފައިގެން ގޮސްފައިވާ ތަނަށް ތަދުވާން ފެށުމުން އަތުގައި އައްސާފައި އޮތް ރުމާ މޮހާލިއިރު ވަނީ ލޭމަނާ ވެފައެވެ. ވާރޭ ތުނިކޮށްލުމުން ތެދުވެ ކުރިއަށް ހިނގައިގަތީ ހުރިހާ ކަމެއް ހެއްދެވި ފަރާތަށް ވަކީލުކުރާ ހާލުގައެވެ.

އިރުގެ އަލިން ދުނިޔެ ދޮންކުރަމުން ދިޔައީ މުޅިން އާ އުޖާލާ ފަތިހަކަށެވެ. ރޭގެ ވިއްސާރައިގެ އެއްވެސް އަސަރެއް އުޑުމަތިން ސާފުނުވާހާ ރީތި ހުދު ވިލާތަކުންނެވެ. ފަތިހުގެ ވަގުތަށްވުމުން ޔާނީ ގޭގެ ބެލް ނުޖަހާ އެތެރެއަށް ވަންނަން ތަޅުގައި ހިފާލީ ދޮރު ހުޅުވާފާއި ހުންނާނެ ކަމަށް އުންމީދުކޮށްގެން ހުރެއެއް ނޫނެވެ. އެތެރެއަށް ވަދެ ފުރަތަމަވެސް ބަލާލީ ގޭތެރޭގައި މީހަކު ފެންނަން ހުރިތޯއެވެ. މީހެއްގެ ހިލަމެއް ނުވުމުން މަޑުމަޑުން ޔާނީ ހިނގާފައި ސިޑިއާއި ހަމައަށް ދެވުނުތަނާ އޭނާއަށް ހުއްޓެން މަޖުބޫރުވީ ފަހަތުން މިޝްކާގެ އަޑުއިވުމުންނެވެ. “ކޮންތާކުން ތިއައީ؟ ޔާނީ ކިހިނެއްތަ މިހާރު ތިއުޅެނީ؟ ޒައިދްއާ އެއްކޮށް އެހާ ރީތިކޮށް އުޅެމުން އައިސް ހަމަ ކުއްލިއަކަށް އެހެން ފިރިހެނަކު ފެންނައިރަށް އޭނައާއި އިންނަން ނިންމާއިރު ހަމައެއްވެސް އެއްޗެއް ހިތަކަށް ނާރާތަ؟” ޔާނީއާއި ޒައިދްއާއި ދެމެދު ޖެހުނު މައްސަލައިގެ ހަޤީޤަތް އެނގުމުން މިޝްކާ ހުރީ ޔާނީ ދެކެ ވަރަށް ރުޅިއައިސް ހިތްހަމަ ނުޖެހިފައެވެ. “މިޝްކާ ބުނަން ވާހަކައެއް މީ އަހަރެންގެ ދިރިއުޅުން، އަހަރެންގެ ދިރިއުޅުމުގެ ކަންތައްތައް ނިންމާނެގޮތް އިނގޭނީ އަހަންނަށް، ދެން ތިބި މީހުންނަކަށް ނޫން” މިޝްކާއަށް ފުރަގަސްދީގެން ހުރެ ޔާނީ ކިތަންމެ ހަރުކަށިކޮށް ވާހަކަދެއްކި ނަމަވެސް އޭނާގެ ދުލުން ބޭރުވި ކޮންމެ ލަފްޒަކީ ހިތާ ދެކޮޅަށް ބުނަމުން ދިޔަ ބަސްތަކެކެވެ. މިޝްކާގެ ކުރިމަތީ ބަލިކަށިވާކަށް ޔާނީ ބޭނުމެއް ނޫނެވެ. އެހެންވެ ހުރިހާ ރިހުމެއް ހިތުތެރޭ ފޮރުވާލިއެވެ.

ޔާނީގެ ފަރާތުން ފެންމުން ދިޔަ ހަރުކަށިކަމަކީ މިޝްކާ ދުވަހަކުވެސް ދެކެފައިވާ ކަމެއް ނޫނެވެ. ކުޑައިރުއްސުރެ މިއަދާ ޖެހެންދެން އެކުގައި އުޅުންއިރު ޔާނީ ދުވަހަކުވެސް މިޝްކާއާއި ދިމާލަށް ނުރުހުމުގެ ބަހެއް ބުނެފައެއް ނުވެއެވެ. “އެހެންތަ؟ މިހާރު އަހަރެމެން މީ ޔާނީގެ ދިރިއުޅުމުގަ އެއްވެސް ބައެއްނޫން ދޯ، އަމިއްލަ ދިރިއުޅުމޭ ބުނާއިރު ޔާނީއަށް އެނގޭތަ ޔާނީ ދިރިއުޅުމެއް ފަށަށް ތިއުޅެނީ ކިހާވަރެއްގެ މީހަކާ އެކުކަން. ބަލަ އެއީ މާލޭގެ ނަން މަޝްހޫރު ގޭންގް ސްޓާރެކޭ! އެކަހަލަ މީހަކާ ގުޅިގެން ޔާނީއަށް އޮތީ ކޮން އުފަލެއްތަ؟ އެއީ އަނިޔާވެރިއެއް، އަހަރެން ހިތަށް އަރާ ޔާނީ އަށް އޭނާގެ ކިބައިން ރަނގަޅު ކޮން ސިފައެއް ފެނިގެންބާއޭ ތިއުޅެނީ” ޔާނީގެ އަތުގައި ހިފާ މިޝްކާއާއި ވީ ފަރާތަށް އަނބުރާލި ވަގުތު ޔާނީގެ މޫނުމަތިން ފެނުނު ޒަހަމްތަކުން މިޝްކާގެ ހިތުގައި ހަމްދަރުދީ އުފެދުނެވެ. “ކިހާ ދެރަކަމެއް ދެން، ބުނެފީމެއްނު މީއަހަރެންގެ ޒާތީ ކަމެކޭ. އަހަރެން އިންނާނެ މީހެއް އިނގޭނީ އަހަންނަށް، އަދި ބުނަން އެމީހަކީ ކޮންމެހެން މިޝްކާމެން ހިތްހަމަޖެހޭ މީހަކަށް ވާކަށް ނުޖެހޭ. އެހެންވީމަ ބުނަން ވާހަކައެއް އަހަރެންގެ ދިރުއުޅުމުގެ ކަންތައްތަކާ މީގެ ފަހުން ނުބެހުން ވަރަށް ބޮޑަށް އެދެން” މިޝްކާ ޔާނީގެ އަތުގައި ހިފުމުން އަތް ދަމައިގަތުމަށްފަހު ޔާނީ އެތަނުން ދާން ހިނގައިގަތީ މިޝްކާގެ އަނގައިން ބަސް ހުސްކޮށްލާފައެވެ. ކުއްލިއަކަށް ޔާނީއަށް އެހާ ބޮޑު ބަދަލެއް އައުމުން މިޝްކާ ހުރީ އެކަން ޤަބޫލުކުރަން ދަތިވެފައެވެ. އެންމެ ގާތް އެކުވެރިޔާގެ ފަރާތުން މިފަދަ ރަހުމެއްނެތް ބަސްތަކެއް އިވިދާނެ ކަމަކަށް މިޝްކާ ކުޑަކޮށްވެސް ހިތަކަށް ނާރައެވެ.

ދެރަވެގެން އެންމެފަހުން މިޝްކާގެ ލޮލުން ކަރުނަ ނީރައިލީ ހިތުގެ އެންމެ ފުންމިނަށް އަސަރު ކުރުވާފައެވެ. “ޔާނީ!” ޝިވަމްގެ ބާރު އަޑާއެކު ކޮޓަރިއަށް ވަންނަން ދިޔަ ޔާނީގެ ދެލޯބޮޑުވެ ބިންމަތީގައި ދެފައި ތަތްލިއެވެ. “ޔާނީއަށް އެނގޭތަ ތިހާ ރަހުމްކުޑަކޮށް ވާހަކަ ދައްކާފަ ތިދަނީ ކާކާ ކަން، އެންމެ ކުޑައިރުން ފެށިގެން މިއަދާ ހަމައަށް ޔާނީގެ ހުރިހާ ހިތާމައަކާ އުފަލެއްގަ ބައިވެރިވެ އެހީތެރިވެދިން މީހަކީ މިއީ. މިއަދު އެހުރިހާ ކަމެއް ހަނދާން ނެތުނީތަ؟ އޯހ.. އަހަރެން ހަނދާން ނެތުނީ، ތިއީ ޔާނީގެ އަމިއްލަ ދިރިއުޅުމެއްނު ދޯ އަހަރެމެންނަކަށް ޔާނީގެ ޒާތީ ކަންކަމަކާ ނުބެހެވޭނެ އެއްނު ދޯ!. ހަމައެގޮތަށް އިރެއްގަ މިޝޫއަކީ ޔާނީގެ އެންމެ ގާތް އެކުވެރިޔާއަށް ވިޔަސް މިހާރު އެއީ އަހަރެންގެ އަންހެނުން، އަހަރެންގެ އަންހެނުންނާ ދިމާލަށް ތިގޮތަށް ހަޅޭލެވުމުގެ ހައްޤެއް އެއްވެސް މީހަކަށް ނޯންނާނެ، ޔާނީއަކަށްވެސް ނޯންނާނެ” ޔާނީއާއި މިޝްކާގެ ވާހަކަތައް އަޑުއަހަންހުރެފައި ޝިވަމް ނުކުތީ ކެތްނުވެގެންނެވެ. މިޝްކާގެ ކޮނޑުގައި ހިފަހައްޓާލައިގެން ހުރެ ޔާނީ އާއި ވާހަކަ ދައކަމުން ދިޔައިރު މިޝްކާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފެނުމުން ޝިވަމް އިތުރަށް ޔާނީ ދެކެ ރުޅިއައެވެ. “ޝިވަމް ޕްލީޒް ތިވާހަކަތައް އަޑުއަހާކަށް އަހަންނަކަށް ވަގުތެއް ނެތް، ތިވާވާހަކަތައް އަޑުއަހާނެ ކޮންމެސް އެހެން މީހަކު ހޯދާ. އަހަންނަށް އިނގޭ ޝިވަމް ރުޅިއައިސްގެން ތިއުޅެނީ އަހަރެން ޒައިދްއާއި ކައިވެނި ކުރަން އެއްބަސް ނުވީމަކަން. އޭނަ ކައިރިގޮސް އަހާބަލަ އަހަރެންނަށް އެގޮތަށް ކަންތައް ކުރަން ޖެހުނީ ކީއްވެތޯ އެއަށްފަހު އަހަންނާ ވާހަކަ ދައްކާ” ޝިވަމް ދައްކަމުން ދިޔަ ވާހަކައިން ހިތް ރޮއްވާލި ނަމަވެސް ޔާނީ އެކަން އެމީހުންގެ ކުރިމަތީ ފާޅެއް ނުކުރެއެވެ. (ނުނިމޭ)

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.