ވާހަކަ: ފުރާނަ އެދެނީ ހަމައެކަނި ކަލާޔަށްޓަކައި…

Furaana Edheny Hamaekani Kalaayattakai...

[ސެޕްޓެމްބަރު 7، 2015 ގެ ބަޔާ ގުޅޭ]

ޔާނީއާއި މިޝްކާގެ ވާހަކަތައް އަޑުއަހަންހުރެފައި ޝިވަމް ނުކުތީ ކެތްނުވެގެންނެވެ. މިޝްކާގެ ކޮނޑުގައި ހިފަހައްޓާލައިގެން ހުރެ ޔާނީ އާއި ވާހަކަ ދައްކަމުން ދިޔައިރު މިޝްކާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފެނުމުން ޝިވަމް އިތުރަށް ޔާނީ ދެކެ ރުޅިއައެވެ. “ޝިވަމް ޕްލީޒް ތިވާހަކަތައް އަޑުއަހާކަށް އަހަންނަކަށް ވަގުތެއް ނެތް، ތިވާވާހަކަތައް އަޑުއަހާނެ ކޮންމެސް އެހެން މީހަކު ހޯދާ. އަހަންނަށް އިނގޭ ޝިވަމް ރުޅިއައިސްގެން ތިއުޅެނީ އަހަރެން ޒައިދްއާއި ކައިވެނި ކުރަން އެއްބަސް ނުވީމަކަން. އޭނަ ކައިރިގޮސް އަހާބަލަ އަހަރެންނަށް އެގޮތަށް ކަންތައް ކުރަން ޖެހުނީ ކީއްވެތޯ އެއަށްފަހު އަހަންނާ ވާހަކަ ދައްކާ” ޝިވަމް ދައްކަމުން ދިޔަ ވާހަކައިން ހިތް ރޮއްވާލި ނަމަވެސް ޔާނީ އެކަން އެމީހުންގެ ކުރިމަތީ ފާޅެއް ނުކުރެއެވެ.

ހިތް ކުދިކުދި ވެފައިވާ ހާލު ބެލްކަނީގައި ހުރި ސޯފާ ގޮނޑިއެއްގައި އިނދެ ޒައިދް ވިސްވަމުން ދިޔައީ އޭނާގެ މާޒީއާ ދޭތެރޭއެވެ. ޔާނީއާއި އެކު ހޭދަކުރި ދުވަސްތަކެވެ. އެއުފާވެރި ވަގުތުތަކާއި ދެމީހުން އެކަކު އަނެކަކު ދެކެވީ ނިމުމެއްނެތް ލޯތްބެވެ. ޒައިދް ބުނަމުން ދިޔައީ ކުށަކާނުލާ އޭނާގެ ހިތް ނުރޮއްވުމަށެވެ. އަދި ލޯބި ދީފައި ނުރުހުން ނުވުމަށެވެ. އެހެނަސް މިއަދު ހުރިހާ ކަމެއް މިވަނީ ބަދަލުވެފައެވެ. ރޭގަނޑުގެ ނިދިން ޒައިދް މަހުރޫމްވެ ހޭލައްވަނީ ޔާނީގެ ހުވަފެންތަކުންނެވެ. އެހިނދު ހިތް އެދި ގޮވަނީ އެރީތި ސޫރަ ދެކިލަން ދިއުމަށެވެ. މޭގައި ޖަހާ ވިންދާއެކީ ލޯބިން ޔާނީގެ ހިތް ހާސިލްކުރަން އަދިވެސް ޒައިދް ބޭނުންވުމުން އިންތިޒާރު ކުރަން އެނާ ހުރީ ތައްޔާރަށެވެ. ޔާނީގެ ފަރާތުން އިވިގެން ދިޔަ ބަސްތަކުން ހިތާއި މޭ ޒަހަމްވި ނަމަވެސް އެވާހަކަތައް ޤަބޫލުކުރަން ޒައިދްއަށް އަދިވެސް އުނދަގޫ ވަނީއެވެ. ޔާނީދެކެ ވީ ލޯބި ބާކީވެ ވައުދާ ހުވާތައް ކޮށްފައި ދިއުމުން ކަރުނުން ޒައިދްގެ ދެލޯފޯވެ ހުރިހާ އުފާތައް މިއަދު މިވަނީ ގެއްލިފައެވެ. ޒައިދް އަމިއްލަ ނަފްސާ ޝަކުވާކޮށްކޮށް ހުރީ ވޭނާ ހިތާމައިން ފޯވެ ހުރެއެވެ. ޔާނީގެ ލޯބި ދެން ޒައިދްގެ ނަސީބުގައި ނެތްއިރު ޒައިދް ޔާނީއަށް އިންތިޒާރު ކުރެވެންވީ ކީއްވެ ހެއްޔެވެ؟ ދެގޮތެއް ނުވާނޭ ބުނެފައި މިފަދަ ގޮތަކަށް ޔާނީ ވަކިވުމުން ޒައިދް މިވަނީ މުޅިން އެކަނިވެރި ވެފައެވެ. މިއަދު ޒައިދްގެ ހިތުގައިވަނީ ހަމަ އެންމެ ސުވާލެކެވެ. ދެން އޭނައަށް އެލޯބި އަނބުރާ ދޭނީ ކާކު ބާއެވެ. އެހިތަށް އަރާމެއް ހޯދަ ދޭނެ ދެވަނަ ފަރާތެއް އޭނާގެ ހަޔާތަށް އަންނާނެ ބާވައެވެ.

ގޭގެ މާހައުލުން ނުކުމެ ބޭރުގެ ހިތްހަމަޖެހުން ހޯދުމަށްޓަކައި ޔާނީ ހިނގަމުން ދިޔައީ އެއްވެސް ހިޔާލެއް ފިކުރެއް ނެތިއެވެ. ހިނގަމުން ގޮސް ކުއްލިއަކަށް ޔާނީ މަޑުޖެހުނީ ހ.ބްލޫމިންގެ ގޭޓާ އަރާ ހަމަވުމުންނެވެ. ނޭނގިނަމަވެސް އޭނާއަށް މިއާދެވުނީ އޭނާގެ ހިތުގެވެރިޔާ ހުރި ތަނަށެވެ. އޭނާގެ ހިތް އެދޭ މަންޒިލަށެވެ. މަޑުމަޑުން ދެއަތް އުފުލާލައި ގޭޓުގައި އަތް ހިންގާލުމުން ޔާނީއަށް ކުރެވިގެން ދިޔައީ ފުން އިހްސާސެކެވެ. މިގެއާ އޭނާގެ މާޒީއާއި ގުޅުމެއް ވާކަމުގެ އިހްސާސްތައް ޔާނީއަށް ކުރެވެން ފެށުނެވެ. ޒައިދްއާއި ރައްޓެހިވެގެން އުޅުނުއިރު އެގެއަށް ޔާނީ ނުގެންދިޔަ ނަމަވެސް އެއީ ޒައިދްގެ ގެކަން ޔާނީއަށް ވަނީ އަންގާފައެވެ. އަދި ވަރަށް ކައިރި މުސްތަޤުބަލެއްގައި ޒައިދްގެ މައިންބަފައިންނާ ޔާނީއާއި ބައްދަލުކުރުމަށް ނިންމާފައި ވަނިކޮށް ވިކާޝްގެ މަޅީގައި ޖެހުނީއެވެ. އެއްވެސް އިހްތިޔާރަކާނުލާ ޔާނީއަށް ގޭޓު ހުޅުވާލާފައި އެތެރެއަށް ވަދެވުނެވެ. އެންމެ ފުރަތަމަ ދުވަހެކޭ އެއްގޮތަށް އެއްވެސް ކަމެއް ގޯތިތެރެއިން ބަދަލުވެފައެއް ނުވެއެވެ. ކުރިއަށް ހިނގަމުން ދިޔަވަރަކަށް ޔާނީގެ ހަނދާނަށް އޭނާގެ މާޒީ އަންނަން ފެށިއެވެ. އެންމެ ފުރަތަމަ ދުވަހު އެގެއަށް އައި ދުވަހެވެ. ހުދާ ކަޅުގެ ފިލްމެއްގެ ސިފައިގައި އެދުވަސްތައް ޔާނީ ހަނދާންވާން ފެށިއެވެ. ހަމަ މި މާގަސްތަކާއި ފެންއަރުވާ ވަޑާމެވެ. ބަގީޗާގެ އެއްފަރާތުގައިވާ ފަތާ ފެންގަނޑާއި ހަވީރު ސައިބޯން ތިބޭ ތަނެވެ. ހަނދާންތައް އާވަމުން ދިޔަ ވަރަކަށް ޔާނީގެ ލޮލުން ކަރުނަ ހިލެން ފެށުނެވެ. ބަގީޗާއިން ވަދެގެން ގޭގެ މައި ދޮރާ ހަމައަށް ދެވުމުން ޔާނީއަށް ފެންނަން ފެށީ ޒައިދްގެ އާއިލާ އެތަނުގައި ޔާނީއަށް މަރުހަބާ ކިއުމަށް ހެވިފައި ތިބިތަނެވެ. ނަމަވެސް އެއީ މީގެ އެތައް ދުވަހެއް ކުރިން އެންމެ ފުރަތަމަ ޔާނީ އެގެއަށް އައި ދުވަހުގެ މަންޒަރެކެވެ.

ބޮލުގައި ދެއަތުން ހިފަހައްޓައިގެން ހުރެ ޔާނީއަށް ބާރަށް ރޮވެންފެށުނީ ކުއްލިއަކަށް ވަރަށް ބޮޑަށް ބޮލުގައި ރިއްސަން ފެށުމުންނެވެ. މޫނުމައްޗަށް އަނދިރިވެ ބޮލަށް އެނބުރުން އަރައިގެން ވެއްޓެން ދިޔަ ވަގުތު މީހަކު އޭނާގެ ގައިގައި ހިފެހެއްޓިކަމުގެ އިހްސާސް ޔާނީއަށް ކުރެވުނެވެ. ހޭވެރިކަންވީ މީހަކު އޭނާގެ މޫނުގައި ފެން އުނގުޅަން ފެށުމުންނެވެ. އެސްފިޔަތައް ތަޅުވަމުން މަޑުމަޑުން ޔާނީ ދެލޯ ހުޅުވާލިއިރު ކުރިމަތިން ފެންނަމުން ދިޔައީ އޭނާ ދަންނަ މޫނެކެވެ. ކަންބޮޑުވެފައި އޭނާގެ ގާތުގައި ހުރީ ޑޮކްޓަރ އަކްޔަލް އެވެ. “ޑޮކްޓަރ.. ކާކު އަހަރެން މިތަނަށް ގެނައީ؟” ހޭއެރި ވަގުތު އަކްޔަލް އެތަނުގައި ހުރުމުން ޔާނީ ކުޑަކޮށް ހާސްވީ އިތުރު މީހަކަށް ޔާނީ އެތަނުގައި އޮތްކަން އެނގިދާނެ ކަމަށް ހީކޮށެވެ. “ޔާނީ، ކާމް ޑައުން. އާޔޫ އޯލްރައިޓް؟ އައި ހޭވް އަ ގުޑް ނިއުސް ފޯރ ޔޫ” އާދައިގެ މަތިން އަކްޔަލް ޒައިދްމެން ގެއަށް ދިއައީ ޒައިދްގެ ޗެކްއަޕް އެއް ހަދާލުމަށެވެ. ޒައިދް ބެލުމަށް ފަހު ޔާނީ ބެލުމަށް އެގެއަށް ދާން ނުކުތް ވަގުތު އަކްޔަލްއަށް އެތަނުން ޔާނީ ވެއްޓޭތަން ފެނުމުން އޭނާ ގޮވައިގެން ހޮސްޕިޓަލަށް ދިޔައީއެވެ. “ޑޮކްޓަރ، އަ..އައި ރީގެއިންޑް މައި މެމޮރީ!” އަކްޔަލްގެ ވާހަކަ ނުނިމެނީސް އިވިގެން ދިޔަ ޔާނީގެ މިޖުމްލައާއެކު އަކްޔަލްގެ މޫނުމަތިން ފެނުނު ހާސްކަން އެއްކޮށް ފިލައިގެން ގޮސް އުޖާލާވެގެން ދިޔައެވެ. “ވާއު! ރިއަލީ، އެނަދަރ ގުޑް ނިއުސް! އައި މަސްޓް ޓެލް ދިސް ޓު ޒައިދް” އަކްޔަލް އުފާވެރި މޫނަކާއެކު އެތަނުން ދާން ތެދުވުމުން ޔާނީ ހުއްޓުވީ އޭނާ ބުނި އެއްޗެއް ރަނގަޅަށް ދޭހަ ނުވުމުންނެވެ. “އެނަދަރ ގުޑް ނިއުސް؟ އަހަންނަށް ކިހިނެއްވީ؟ ކޮން ގުޑް ނިއުސް އެއްގެ ވާހަކައެއް ތި ދައްކަނީ؟”

އަކްޔަލް ދައްކަމުން ދިޔައީ ކޮން ވާހަކައެއްކަން ޔާނީއަށް ސާފުވާގޮތް ނުވުމުން އަނެއްކާވެސް އަހާލިއެވެ. “ޔާނީގެ ބްލަޑް ރިޕޯޓް ދެންމެ ލިބުނީ. އެންޑް ޔޭސް ޔޫ އާރ ޕްރެގްނެންޓް. ކޮންގްރަޖުލޭޝަންސް ޔާނީ” ހިނިތުންވެލަމުން އަކްޔަލް ޖުމްލަ ފުރިހަމަކޮށްލިއިރު ހުރިހާ ދަތެއް އެއްކޮށްހެން ފެންނަން ހުއްޓެވެ. މިވޭތުވެދިޔަ މަދު ދުވަސްްކޮޅުގެ ތެރޭގައި އަކްޔަލްއާއި ޒައިދްގެ އާއިލާ އާއި ދެމެދުވަނީ ވަރަށް ގާތް ގުޅުމެއް އުފެދިފައެވެ. ޒައިދްވެސް ދެކެނީ އަކްޔަލް އަކީ އޭނާގެ އާއިލާގެ މެންބަރެއް ފަދައިންނެވެ. ވީއުފަލުން ޔާނީއަށް އަލްހަމްދުލިއްލާހި އޭ ކިޔައި ﷲއަށް ހަމްދުކުރިއެވެ. މިހާ ބޮޑު އުފަލެއް ލިބުމުން މިކަން ޒައިދް އާއި ހިއްސާކުރަން ޔާނީ ބޭނުންވުމުން ފޯނު ޒައިދްގެ ނަމްބަރަށް ޑައިލް ކޮށްލިތަނާ ވިކާޝް މަތިން ހަނދާންވެގެން އަވަސް އަވަހަށް ފޯނު ކަނޑާލީ ކަރުނުން ދެލޯ ތެންމާލަމުންނެވެ. ޒައިދް އާއެކު މުޅިން އާފެށުމަކުން ފަށަން ބޭނުންވިޔަސް ތަޤުދީރުގައި ލިޔެވިފައިވަނީ މުޅިން އެހެން އެއްޗެކެވެ. އަކްޔަލްގެ އަތުގައި ހިފަހައްޓަމުން ޔާނީ އޭނާ ހުއްޓުވީ ޒައިދަށް މިކަން އެނގިއްޖެނަމަ ކޮންމެ ގޮތެއް ހަދާފައި ނަމަވެސް ޔާނީ ގާތަށް އަންނާނެކަން އެނގޭތީއެވެ. “ކިހިނެއްވީ ޔާނީ؟ ކީއްވެ އަހަރެން ތި ހުއްޓުވީ؟” ސުވާލުން ފުރިގެންވާ މޫނަކައިގެން އަކްޔަލް ޔާނީއަށް ބަލަން ހުރީ ދެން ވާން މިއުޅެނީ ކިހިނެއްކަން ނޭނގޭ ހާލުއެވެ. “ޑޮކްޓަރ އަހަރެން ބޭނުމެއްނޫން މީގެން އެއްވެސް ކަމެއް އެއްވެސް މީހަކަށް އިނގޭކަށް ހާއްސަކޮށް ޒައިދަށް. ޕްލީޒް އަހަންނަށްޓަކައި މިކަން ސިއްރުކޮށްދީ!” ހުއްޓުމެއްނެތި ޔާނީގެ ލޮލުން ކަރުނަތައް ފައިބަމުންގޮސް މުޅި މޫނު އެއްކޮށް ރަތްވިއެވެ.

އާދޭހާއެކު ޔާނީ އަކްޔަލްގެ ފަރާތުން އެދެމުން ދިޔަ ކަންތައް ކޮށްދޭން އޭނާއަށް މަޖުބޫރުވިއެވެ. “އޯކޭ ފައިން. އަހަރެން ޔާނީއަށް ތިކަން ކޮށްދޭނަން، އައި ޕްރޮމިސް. އެކަމަކު އަހަރެންގެ އެބައޮތް ސުވާލެއް، ތިހާ ބޮޑު ނިންމުމެއް ޔާނީ ތިގޮތަށް ނިންމުމުގެ ބޭނުމަކީ ކޮބާ؟ ޒައިދަކީ އަދިވެސް ޔާނީގެ ފިރިމީހާ، ތިދެމީހުންގެ ކައިވެނީގެ ގުޅުމަކަށް އަދި ނިމުމެއް ނާދޭ. އެހެންވީމަ ޔާނީގެ ހާލަތު އެނގުމުގެ ހައްޤު ޒައިދަށް އެބައޮތް ދެން ކީއްވެ އޭނައަށް މިހާބޮޑު ކަމެއް ތި ސިއްރު ކުރަނީ؟ ކީއްވެ ތިދަރިފުޅު އޭނާގެ ބައްޕަގެ ލޯބިން ތި މަހުރޫމް ކުރަނީ؟ އާންސާ މީ ޔާނީ!” އަބަދުވެސް މަޑުމައިތިރިކަމާއެކު ޔާނީއާއި ވާހަކަ ދައްކަމުން އައި އަކްޔަލްގެ މޫނުގެ ކުލަވަރު ބަދަލްވެ ޔާނީގެ ކުރިމަތީ ފުރަތަމަ ފަހަރަށް އޭނާ ހަރުކަށިވިއެވެ. “ކީކޭތަ ބުނަންވީ! އަހަރެން ބޭނުމެއްނޫން މީހަކަށް މިކަން އެނގިގެން އަހަރެންގެ ބަނޑުގައި މިވާ ދަރިފުޅަށް އެއްވެސް ގެއްލުމެއް ލިބޭކަށް. އަހަންނަށް ބުނެވެން އޮތީ މިވަރަށް، އިތުރަށް ދެން އަހަންނާ މިކަމާ ބެހޭގޮތުން ސުވާލު ނުކުރޭ! އައި ހޯޕް ޔޫ ވިލް އަންޑަރސްޓޭންޑް. އެންޑް ތޭންކްސް ފޯރ ދަ ހެލްޕް، ބާއި” އަކްޔަލްއަށް ދޭނެ ޖަވާބެއް ދީފައި ބަނޑުގައި އަތް އަޅާލަމުން އެނދުން ތެދުވެގެން ޔާނީ އެތަނުން ނުކުމެގެން ދިޔައިރުވެސް އަކްޔަލް ހުރީ ޔާނީ އެންމެ ފަހުން އެބުނި އެއްޗެއްގެ މާނަ ނޭނގިފައެވެ. ބައްޕައެއްގެ ފަރާތުން ދަރިއަކަށް ލިބޭނީ ކޮން ގެއްލުމެއް ހެއްޔެވެ؟ އަދި ޔާނީ މިގޮތަށް ކަންތައް ކުރުމުގެ ފަހަތުގައިވަނީ ކޮން ސިއްރެއްބާއެވެ. އަނެއްކާ ޔާނީ އެއުޅެނީ ނުރައްކަލެއްގެ ތެރޭގައި ހެއްޔެވެ؟ ޒައިދްއާއި މިވާހަކަ ހިއްސާކުރަންވީ ހެއްޔެވެ؟ ސުވާލަކަށްފަހު ސުވާލެއް އަކްޔަލްއަށް އުނދަގޫކުރަމުން ދިޔައީ އޭގެ ޖަވާބެއް ހޯދޭނެ ފަދަ މަގެއް ދައްކާފައެއް ނޫނެވެ. (ނުނިމޭ)

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.