ބ އެޓޯލް ފުޓްބޯލް ޗެލެންޖުގައި އަށް ރަށަކުން ބައިވެރިވެއްޖެ

ގޮއިދޫ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން މުބާރާތުގެ އައްޑަނައާ އެކު އުފާފާޅުކުރަނީ. -- އީޓީ ފޮޓޯ / ނައުޝަލް
މިދިޔަ އަހަރު ގޮއިދޫ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން މުބާރާތުގެ އައްޑަނައާ އެކު އުފާފާޅުކުރަނީ. — އީޓީ ފޮޓޯ / ނައުޝަލް

ބ. އަތޮޅަށް ހުޅުވާލައިގެން މިއަހަރު ފަހުކޮޅު އޭދަފުށީގައި ބާއްވާ “ބ. އެޓޯލް ފުޓްބޯލް ޗެލެންޖް” ގައި ބައިވެރިވެފައިވަނީ 8 ރަށަކުން ކަމަށް މުބާރާތް އިންތިޒާމުކުރާ ޔޫ ސްޕޯޓްސް އިން މިއަދު ބުނެފި އެވެ.

ޑިސެމްބަރު 3-17 އަށް ބާއްވާ މި މުބާރާތުގައި ބައިވެރިވި އަށް ރަށަކީ އޭދަފުއްޓާއި، ގޮއިދޫ، ފުޅަދޫ، ފެހެންދޫ، ކުޑަރިކިލު، ދަރަވަންދޫ، މާޅޮސް އަދި ދޮންފަނެވެ. ވޭތުވެދިޔަ ތިން އަހަރުވެސް މި މުބާރާތުގައި ވާދަކުރި ކިހާދޫ ޓީމު މިއަހަރުގެ މުބާރާތުގައި ބައިވެރި އެއް ނުވެއެވެ.

މުބާރާތުގައި ބައިވެރިވި ރަށްރަށް ތަމްސީލްކުރާ ޓީމު މިފަހަރުވެސް އެކުލަވާލާނީ ރަށު ކައުންސިލުތަކުންނެވެ.

ބ. އަތޮޅުގެ ކުޅުންތެރިންނަށް ފަސްޓް ޑިވިޝަންގެ ފުރުސަތުތަކެއް ހޯދައިދިނުން މަގުސަދުގައި، ރާއްޖޭގެ ގައުމީ ޓީމުގެ ކުރީގެ ޑިފެންޑަރު މުހައްމަދު ޖަމީލް (ޖަމްބޭ) އިސްނަގައިގެން ބާއްވާ މި މުބާރާތުގައި ވާދަކުރާ ކޮންމެ ޓީމަކަށް ވެސް ރަށުން ބޭރު ތިން ކުޅުންތެރިން ހިމެނުމުގެ ފުރުސަތު އޮވެ އެވެ. އަދި ފަސްޓް ޑިވިޝަން 5 ކުޅުންތެރިން ހިމެނުމުގެ ފުރުސަތު އޮވެއެވެ. ނަމަވެސް އެއްވަގުތެއްގައި ކުޅެވޭނީ އޭގެ ތެރެއިން ތިން ކުޅުންތެރިންނަށެވެ. ފާއިތުވި އަހަރުގައި ވެސް މި މުބާރާތުގައި ގައުމީ ޓީމުގެ މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ކުޅުނެވެ.

މުބާރާތް އިންތިޒާމު ކޮމެޓީން ބުނީ މުބާރާތަށް ސްޕޮންސަރުން ހޯދުމާއި އެހެނިހެން މަސައްކަތްތައް މިހާރު ކުރަމުން އަންނަ ކަމަށާއި ސްޕޮންސާ ކުރަން ބޭނުންވާ ފަރާތްތަކުން 7772861 ނުވަތަ 7992334 ނަންބަރު ފޯނާ ގުޅުމަށެވެ.

2012 ވަނަ އަހަރު ފެށި ބ. އެޓޯލް ފުޓްބޯލް ޗެލެންޖުން ހުނަރުވެރި ޒުވާން ގިނަ ކުޅުންތެރިން އަންނަނީ ފާހަގަކުރެވެމުންނެވެ. މިދިޔަ އަހަރު ބޭއްވި ބ. އެޓޯލް ފުޓްބޯލް ޗެލެންޖުގެ ތިންވަނަ މުބާރާތް ކާމިޔާބުކުރީ ގޮއިދޫ އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.