ވާހަކަ: ފުރާނަ އެދެނީ ހަމައެކަނި ކަލާޔަށްޓަކައި…

Furaana Edheny Hamaekani Kalaayattakai...

[ސެޕްޓެމްބަރު 10، 2015 ގެ ބަޔާ ގުޅޭ]

އަކްޔަލްއަށް ދޭނެ ޖަވާބެއް ދީފައި ބަނޑުގައި އަތް އަޅާލަމުން އެނދުން ތެދުވެގެން ޔާނީ އެތަނުން ނުކުމެގެން ދިޔައިރުވެސް އަކްޔަލް ހުރީ ޔާނީ އެންމެ ފަހުން އެބުނި އެއްޗެއްގެ މާނަ ނޭނގިފައެވެ. ބައްޕައެއްގެ ފަރާތުން ދަރިއަކަށް ލިބޭނީ ކޮން ގެއްލުމެއް ހެއްޔެވެ؟ އަދި ޔާނީ މިގޮތަށް ކަންތައް ކުރުމުގެ ފަހަތުގައިވަނީ ކޮން ސިއްރެއްބާއެވެ. އަނެއްކާ ޔާނީ އެއުޅެނީ ނުރައްކަލެއްގެ ތެރޭގައި ހެއްޔެވެ؟ ޒައިދްއާއި މިވާހަކަ ހިއްސާކުރަންވީ ހެއްޔެވެ؟ ސުވާލަކަށްފަހު ސުވާލެއް އަކްޔަލްއަށް އުނދަގޫކުރަމުން ދިޔައީ އޭގެ ޖަވާބެއް ހޯދޭނެ ފަދަ މަގެއް ދައްކާފައެއް ނޫނެވެ.

ފެންވަރާ ތާޒާ ވެލައިގެން ބަގީޗާއަށް ނުކުމެ ތާރާ ބެންޗްގައި އިށީނދެ އިނދެ ވާހަކަ ފޮތެއް ކިޔަން ފެށިއިރު އަތުގައި ކޮފީތައްޓެއް ހުއްޓެވެ. ޝައުޤުވެރިކަމާއެކު ވާހަކަ ކިޔަމުން ދިޔައިރު އެއީ އޭނާ އަބަދުވެސް ބޯ ހަމަޖައްސާލުމަށްޓަކައި އަބަދުވެސް ކުރަމުން އަންނަ ކަމެއްކަން އެނގޭކަހަލައެވެ. ހ.ބްލޫމިންގެ ބަގީޗާގައިވާ މާގަސްތަކުން ދުވާ މީރު ވަހަކީ އޭގެން އަބަދުވެސް ތާރާއަށް ހިތްހަމަޖެހުން ލިބޭ އެއްޗެކެވެ. ފޮތަށް ދީގެން އިން ސަމާލުކަން އެއްފަރާތްކޮށްލީ ފޯނަށް އައި މެސެޖްގެ ސަބަބުންނެވެ. ކިޔުނު ހިސާބު ފާހަގަކޮށް ފޮތް ލައްޕާލަމުން ފޯނު ނެގީ އެއީ ކާކުގެ މެސެޖެއްތޯ ބެލުމަށެވެ. “ހާދަ ސީރިއަސް މޫޑެއްގަ.. މިކޮޅުބަލާލަބަލަ!” މެސެޖް ކިޔާލަމުން ލުއި ހިނިތުންވެލުމަކާއެކު ތާރާ ގޭޓާ ދިމާލަށް ބަލައިލީ އެތަނުގައި އިނީ ކާކުކަން އެނގިގެން އުޅޭފަދަ ގޮތަކަށެވެ. ގޭޓުގެ ބޭރުގައި ސައިކަލް މަޑުކޮށްގެން އިން ރަޔާން ތާރާ ފެނުމުން އަތުން ހަނަ އަޅާލުމުން ރަޔާން އޭ ކިޔައި އެދިމާލަށް ހިނގައިގަތެވެ. “އިޑިއަޓް! މީކޮންކަމެއް، އަންހެންކުދިންގެ ގޭ ދޮށުގައި މުގޯލި އެޅުމަކީ ވަރަށް ގޯސްކަމެއް” މަޖާވެލާފައި ނަމަވެސް އަތުގައި އޮތް ވާހަކަ ފޮތުން ރަޔާންގެ ގައިގައި ޖަހާލަމުން ތާރާ ބުނެލި ޖުމްލަ އޭނާއަށް ވަރަށް ކަމުދިޔައެވެ. “އޯހް! އެހެންތަ؟ ސޮރީ، ދަނީ” ތާރާ އެހެން ބުނުމުން ދެރަވީ ކަމަށް ހަދާފައި ވަރަށް ސީރިއަސް މޫނެއް ދައްކާލަމުން ރާޔާން އެތަނުން ދާން ސައިކަލް ސްޓާޓް ކޮށްލިއެެވެ. “އޭތް މަޑުކޮށްބަލަ، އަހަރެން ސަމާސާއަކަށޭ އެހެން ބުނީ، ދެން އެހާ ސީރިއަސް ވާން ޖެހޭތަ” ރަޔާން އެގޮތަށް ކަންތައް ކުރުމުން ތާރާ ވަރަށް ދެރަވިއެވެ.

ތާރާގެ މޫނުގެ ކުލަވަރު ބަދަލުވާތަން ފެނުމުން ރަޔާންގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. “ސާބަހޭ، ތާރާ އެކަންޏަށްތަ ސަމާސާކުރަން އިނގެނީ، ބައިދަވޭ ތާރާ ލަވް ސްޓޯރީވެސް ކިޔަންތަ؟ ކާކުތަ ތާރާގެ ލަވް ސްޓޯރީގެ ހީރޯއަކީ؟” ތާރާގެ އަތުގައި އޮތް ވާހަކަ ފޮތް ފެނުމުން ވަގުތުގެ ބޭނުން ހިފަމުން ވަރަށް ނޫންކަމަށް ހަދާފައި ދުރުދުރުން ނަމަވެސް އެހީ އޭނާގެ ހިތުގައިވާ އަދި މިހާތަނަށް ޖަވާބު ލިބިފައި ނުވާ ސުވާލެކެވެ. “ރީޑިން އިޒް މައި ހޮބީ. އަސްލު އަހަރެން އެހާ ލަވް ސްޓޯރީ ކިޔާ ހިތެއް ނުވޭ، އޭގަ އަބަދު ވާނީ އެއްގޮތެއް ލޯބިން އުޅޭ ދެމީހެއްގެ ދެމެދަށް ތިންވަނަ މީހަކު ވަދެގެން މައްސަލަތައް ޖެހިގެން ލޭއޮހޮރުވުންތައް ހިނގައިގެން އެންމެ ފަހުން ހީރޯ ނޫނީ ހިރޮއިން މަރުވެގެން ވާހަކަ ނިމޭނީ. އެހެންވެ ކަންނޭނގެ އަހަރެންވެސް މީހެއް ދެކެ ލޯބިވާ ހިތް ނުވަނީ. ދެން ކޮބާތަ ރަޔާންގެ ހިރޮއިން؟” އުނަގަނޑުގައި އަތް ވިއްދާލަމުން ލާނެތް ހިނިތުންވުމަކާއެކު ތާރާ އޭނާގެ ވާހަކަ ފުރިހަމަކޮށްލީ ރަޔާން ކުރި ސުވާލު އަނބުރާ އޭނާއަށް އަމާޒުކުރަމުންނެވެ. “އަހަރެންގެވެސް ހިރޮއިންއެއް ނެތޭ ބުނެފިއްޔާ ޤަބޫލުކުރާނަންތަ؟” ރަޔާން މިފަހަރު އެހެން ބުނީ ތާރާގެ ހިތުގައި އޭނާ އާއި ދޭތެރޭ އޮތީ ކިހާ އިތުބާރެއްތޯ ބެލުމަށެވެ. “ވަރަށް ޤަބޫލުކުރަން ދަތި ވާހަކައެއް. ދެން ރަޔާން ބުނީމަ ޤަބޫލުކޮށްފާނަން. އޭ ހަމަ އަސްލުވެސް ގާލްފްރެންޑެއް ނުހުރޭތަ؟ އެހެނެކޭ ކިޔާފަ މަށާ ފްލާޓް ނުކުރައްޗޭ!” ތާރާގެ މި މިޒާޖު ރަޔާން އަށް ވަރަށް ކަމުދިޔައެވެ. ފުރަތަމަ ދުވަހުވެސް ތާރާ ފެނުމުން އެއީ ރަޔާންގެ ހަޔާތުގެ ބައިވެރިޔާކަން އޭނާއަށް ޔަގީން ކުރެވުނީ މިހެންވެއެވެ.

ދޮވެފައި ހުރި އެއްޗެހިތައް ހިއްކަން އެޅުމަށްޓަކައި މިޝްކާ ބާލިދީ އެއް ހިފައިގެން ޓެރަސް މައްޗަށް އެރިއިރު އޭނާގެ ބަނޑުގައި ކޮންމެވެސް ވަރަކަށް ރިއްސައެވެ. ބަނޑަށް ނުވަމަސް ފުރި މިޝްކާ ވިހަން ދެން އޮތީ އެންމެ ހަފްތާއެކެވެ. އެހެންވެ މިދުވަސްކޮޅު ޝިވަމްވެސް ހުރީ އޮފީހުން ޗުއްޓީ ނަގައިގެން ގޭގައި މިޝްކާ ގާތުގައެވެ. ދެތިން ގަމީހެއް ހިއްކަން އަޅާއިރަށް ކުއްލިއަކަށް މިޝްކާގެ ބަނޑުގައި ވަރަށް ގަދަޔަށް ރިއްސަން ފެށިއެވެ. ކެތްކުރެވޭ ވަރަށް ވުރެ ބޮޑަށް ރިއްސަން ފެށުމުން މިޝްކާ ރޮމުން ވަރަށް ބާރަށް ގޮވާލިއަޑަށް ކޮޓަރީގައި ހުރި ޝިވަމް ދުވެފައި މައްޗަށް އެރިއެވެ. “މިޝޫ! ކިހިނެއްވީ، މާބޮޑަށް ބަނޑުގަ ރިއްސަނީތަ؟ މަންމާ! ބައްޕާ! ނިކަން އަވަހަށް އާދެބަލަ..މިޝޫ، ހިތްވަރު ކުރޭ” ޓެރަސް މަތީގައި މާއަޑުގަދަވުމުން ޒާހިޔާއާއި އާމިރުގެ ފަހަތުން ޔާނީވެސް ދުވެފައި މައްޗަށް އެރިއެވެ. އޭރު މިޝްކާ ބަނޑުގައި ރިއްސާތީ ރޮމުން ތެޅި ފޮޅެނީއެވެ. “ދަރިފުޅާ ޝިވަމް އަވަހަށް ހިނގާ މިޝްކާ ގޮވައިގެން ތިރިއަށް. ބައްޕަ މިދަނީ ކާރު ޑްރައިވަރަށް ގޮވަން” އާމިރު މިހެން ބުނުމުން ޝިވަމް އަވަހަށް މިޝްކާ ނަގައިގެން އަތްދަނޑި މައްޗަށް ލައިގެން ތިރިއަށް ފޭބިއިރު މިޝްކާ ރޯ މަންޒަރު ފެނުމުން ޔާނީއަށް ވަރަށް އަސަރުކުރިއެވެ. އެނުންްމެ ގާތް އެކުވެރިއެއްގެ ހައިސިއްޔަތުން އެވަގުތު މިޝްކާގެ ގާތުގައި އިނދެ ހިތްވަރު ދޭން ޔާނީ ބޭނުންވިއެވެ. “ހަބަރުދާރު! އަހަރެންގެ އަންހެނުން ގައިގަ އަތްނުލާ، މިޝްކާއަށް ޔާނީގެ އެއްވެސް އެހީތެރިކަމަކާ ހަމްދަރުދީއެއް ބޭނުމެއް ނޫން، އެހެންވީމަ އަހަންނަށް ރަނގަޅީ ޔާނީ މިތަނުން ދިޔައީޔާ” ޔާނީ އައިސް މިޝްކާ ގާތަށް ހުއްޓުމުން ޝިވަމް ހިތްހަމަނުޖެހުނެވެ. އަދި އެތަނުން ދިއުމަށް ޔާނީއަށް އެންގިއެވެ.

ކަރުނުން ދެލޯ ތެންމާލައި ހިތް ރޮއްވާލިނަމަވެސް ޝިވަމް ބުނި ބަހާ ދެކޮޅު ހެދޭކަށް ޔާނީއަކަށް ނެތެވެ. މިޝްކާއާއި ދޭތެރޭ އެދުވަހު ކަންތައް ކުރެވުނު ގޮތް ފެނުނު އެއްވެސް މީހެއްގެ ހިތެއް ޔާނިއަކަށް ހެވެއް ނުވާނެކަން ގައިމެވެ. “ދަރިފުޅާ! މީ ދެބަސްވާންވީ ވަގުތެއް ނޫން. މިވަގުތު އަހަރެމެންނަށް އެންމެ މުހިންމީ މިޝްކާއާއި އޭނާގެ ބަނޑުގައިވާ ދަރިފުޅު. އަވަހަށް ހިނގާ ދާން” ޝިވަމް ރުޅިއައިސްފައި ޔާނީއާއި ދެބަސްވާތަން ފެނުމުން އެކަން ހުއްޓުވަމުން އާމިރު އައިސް ޝިވަމްއަށް ހަނދާން ކޮށްދިނީ މިޝްކާ އޮތް ހާލަތެވެ. އެންމެން ކާރަށް އަރައި ދުއްވާލި ވަގުތުން ފެށިގެން ލޯމަތިން ގެއްލެންދެން އެމަންޒަރު ބަލަން ހުރެފައި ބަރަށް ރޮވެން ފެށުމުން އަނގަމަތީ އަތް އަޅައިގެން އެތަނުން ދުއްވައިގަތެވެ. ހީވީ އެންމެންނާ ދުރަށް ފިލަން ދުވާ ހެންނެވެ. ވަކި ހިސާބަކަށް ދެވުނުތަނާ ކަމެއް ހަނދާންވެގެން ޔާނީއަށް ހުއްޓެން މަޖުބޫރުވިއެވެ. މިހާރު ޔާނީއަކީ އެންމެ މީހެއް ނޫނެވެ. އޭނާގެ ހަށިގަނޑު ތެރޭގައި އެހެން ޖިސްމެއް އެދަނީ އުފެދެމުންނެވެ. ކޮންމެ ކަމެއް ކުރުމުގެ ކުރިންވެސް މިހާރު ޔާނީ ވަރަށް ބޮޑަށް ވިސްނަން ޖެހެއެވެ. އޭނާގެ ބަނޑުގައިވާ ދަރިފުޅަށްޓަކައެވެ. އެކުޑަކުޑަ ޖާނަކީ މިހާރު ޔާނީ ހަމައެކަނި އުއްމީދެވެ. ދިރިހުރުމުގެ މަގްސަދެވެ. ޔާނީ މަޑުމަޑުން ބީޗްގައި ހުރި ގޮނޑިއެއްގައި އިށީނނެވެ. “ޔާނީ!” ފަހަތުން މީހަކި ގޮވާލިއަޑަށް ޔާނީ ސިހިފައި ފަހަތް ބަލައިލިއިރު އޭނާއާއި ދާދި ގާތުގައި ހެވިފައި ހުރީ ޒައިދެވެ. ޖެހިގެން އައި ސިކުންތުގައި ފެނުނީ ޒައިދް އައިސް ޔާނީ ގާތުގައި އިށީނދެ އޭނާގެ އަތުގައި ހިފާ ބާރުކޮށްލިތަނެވެ. “ކީއްވެ ތި ރޮނީ؟ އަހަރެން މިހުރީ އައިހެއްނު. ދެން ދުވަހަކުވެސް އެއްވެސް މީހަކަށް އަހަންނާ ޔާނީއާ ވަތްކެއް ނުކުރެވޭނެ” ޒައިދް ނުހަނު ލޯބިން ޔާނީގެ މޫނުގައި ހިފަހައްޓާލައި ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެލަދިނެވެ.

ޒައިދްގެ ފަރާތުން ލިބެމުން ދިޔަ ލޯތްބާއި އަޅާލުމަކީ ޔާނީ އެއަށްޓަކައި އެތަށް ދުވަހަކު އިންތިޒާރުކުރަމުން އައި އެއްޗެކެވެ. “ޒައިދް! އަހަރެން މުޅިން ވަރުބަލި ވެއްޖެ. އަހަންނަށް މައާފް ކުރޭ ޒައިދް، ބޭނުންނުވެ ހުރެވެސް އަހަންނަށް ވަރަށް ޒައިދް ރޮއްވިއްޖެ، ހިތުގަ ޖެއްސިއްޖެ. އެކަމަކު ދެން އެހެނެއް ނުވާނެ. އަހަންނަށް އިހްސާސް ކުރެވިއްޖެ ޒައިދް އަހަރެންދެކެވާ ހަޤީޤީ ލޯބި. އަހަރެމެންގެ ލޯތްބާ ދެކޮޅު ކޮންމެ މީހަކާ ކުރިމަތިލެވޭހާ މިލޯބި ބާރުގަދަ. އަހަރެމެން ލޯބީގެ ނިޝާން ކަމުގައިވާ މިދަރިފުޅަކީ އެކަމުގެ ހެއްކެއް” ޒައިދްގެ ކުރިމަތީ ޔާނީ އޭނާގެ ހިތުގައި މިއޮއް ހުރިހާ ދުވަހު ފޮރުވައިގެން ހުރި އިހްސާސްތައް ބޭރުކޮށްލީ އެއްވެސް ޖެހިލުމެއް ނެތިއެވެ. ޔާނީގެ ހިތުގައި ވިކާޝްއަށް އޮތް ބިރުވެސް އެވަގުތު އެއްކޮށް ހިތުން ފޮހެވިފައިވާ ކަހަލައެވެ. ޔާނީގެ ވާހަކައަށް އެއްބަސްވަމުން އާއެކޭ ބުނެ ޒައިދް އޭނާގެ އަތުތެރޭ ޔާނީ ފޮރުވާލިއެވެ. އަބަދުގެ އަބަދަށް އޭނާގެ މިލްކެއްގެ ގޮތުގައި ބޭންދުމަށެވެ. ޔާނީވެސް ދެލޯމަރާލަމުން ޒައިދްގެ އަތުތެރޭ ބޮނޑިވެގަތީ ހުރިހާ ނުރައްކަލަކުން މިންޖުވީކަމުގެ މިނިވަންކަމުގެ ނޭވައެއް ދޫކޮށްލަމުންނެވެ. ހިތްއެދުނީ އެވަގުތުކޮޅު މުޅި އުމުރަށް ދެމިގެން ދިއުމަށެވެ. އެހެނަސް އެއުފާވެރިކަން ދެމިގެން ދިޔައީ މަދު ސިކުންތުކޮޅަކަށެވެ. ހުވަފެނަކުން ހޭލެވުނު ފަދައިން ލޯމަތިން އެހުރިހާ މަންޒަރެއް ގެއްލުނެވެ. އާއެކެވެ. އެއީ ހުވަފެނެކެވެ. ހިޔާލެކެވެ. ހަޤީޤަތެއް ނޫނެވެ. (ނުނިމޭ)

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.