ވާހަކަ: ފުރާނަ އެދެނީ ހަމައެކަނި ކަލާޔަށްޓަކައި…

Furaana Edheny Hamaekani Kalaayattakai...

[ސެޕްޓެމްބަރު 13، 2015 ގެ ބަޔާ ގުޅޭ]

ޒައިދްގެ ކުރިމަތީ ޔާނީ އޭނާގެ ހިތުގައި މިއޮއް ހުރިހާ ދުވަހު ފޮރުވައިގެން ހުރި އިހްސާސްތައް ބޭރުކޮށްލީ އެއްވެސް ޖެހިލުމެއް ނެތިއެވެ. ޔާނީގެ ހިތުގައި ވިކާޝްއަށް އޮތް ބިރުވެސް އެވަގުތު އެއްކޮށް ހިތުން ފޮހެވިފައިވާ ކަހަލައެވެ. ޔާނީގެ ވާހަކައަށް އެއްބަސްވަމުން އާއެކޭ ބުނެ ޒައިދް އޭނާގެ އަތުތެރޭ ޔާނީ ފޮރުވާލިއެވެ. އަބަދުގެ އަބަދަށް އޭނާގެ މިލްކެއްގެ ގޮތުގައި ބޭންދުމަށެވެ. ޔާނީވެސް ދެލޯމަރާލަމުން ޒައިދްގެ އަތުތެރޭ ބޮނޑިވެގަތީ ހުރިހާ ނުރައްކަލަކުން މިންޖުވީކަމުގެ މިނިވަންކަމުގެ ނޭވައެއް ދޫކޮށްލަމުންނެވެ. ހިތްއެދުނީ އެވަގުތުކޮޅު މުޅި އުމުރަށް ދެމިގެން ދިއުމަށެވެ. އެހެނަސް އެއުފާވެރިކަން ދެމިގެން ދިޔައީ މަދު ސިކުންތުކޮޅަކަށެވެ. ހުވަފެނަކުން ހޭލެވުނު ފަދައިން ލޯމަތިން އެހުރިހާ މަންޒަރެއް ގެއްލުނެވެ. އާއެކެވެ. އެއީ ހުވަފެނެކެވެ. ހިޔާލެކެވެ. ހަޤީޤަތެއް ނޫނެވެ.

އޭޑީކޭ ހޮސްޕިޓަލުގެ ވިހާކޮޓަރިއާއި ހަމައަށް ދެވުނުއިރު މިޝްކާގެ ހާލުފެނިފައި ޝިވަމްވެސް ހުރި ރޮވިފައެވެ. ލިބެންއުޅޭ އުފަލަށްވުރެ ބޮޑަށް އެވަގުތު އޭނާގެ ހިތުގައި ކޮންމެވެސް ވަރެއްގެ ނުތަނަވަސްކަމެއް އެކުލެވިގެންވިއެވެ. މިޝްކާއާއި އޭނާގެ ދަރިފުޅަށް ކަމެއް ވެދާނެތީއެވެ. މިއީ ކޮންމެ މަންމަ އަކާއި ބައްޕައެއްގެ ހަޔާތުގައިވެސް އަންނާނެ އެންމެ އުފާވެރި އަދި ހިތްނުތަނަވަސްވާނެ އެއް ވަގުތުކޮޅެވެ. ވިހާކޮޓަރީގެ ތެރެއަށް މިޝްކާ ވެއްދުމުގެ ކުރިން އަތުގައި ހިފާބޮސްދެމުން ފަހުބަހެއްގެ ގޮތުން މިޝްކާ ގާތު ޝިވަމް އެދުނީ ހިތްވަރުކުރުމަށެވެ. ވެއިޓިން އޭރިއާގައި އެންމެން ތިބިއިރު ޝިވަމްއަށް ހަމަޖެހިގެން އެތަނުން ގޮޑިއެއްގައި އިށީނދެވޭ ވަރެއް ނުވެއެވެ. މިޝްކާ ވިހަން ވެއްދީއްސުރެ ޝިވަމް ހުރީ ދެކޮޅަށް ދެކޮޅަށް ހިނގާލަ ހިނގާލައެވެ. ހާސްވެފައި ހުރިވަރުން އެއްވެސް މީހަކަށް ފޯނުކޮށްފައި މިޝްކާ ހޮސްޕިޓަލަށް ގެނައި ވާހަކަ ބުނާކަށް ހަނދާނެއް ނުވިއެވެ. ގޮތްހުސްވެފައި ހުރީ މީހެއް ފަދައިން ދެކޮޅަށް ހިނގަން ހުއްޓައި ޒައިދް ތާރާ ގޮވައިގެން އެތަނަށް އައެވެ. “ޝިވަމް ކޮބާ މިޝްކާ؟ ކީކޭ ޑޮކްޓަރ އަންގަނީ؟ އަހަންނަށްވެސް ހަބަރު ލިބުމާއެކު އަވަހަށް ތާ ގޮވައިގެން މިއައީ. މަންމަމެންވެސް އެބަ އާދޭ” ޒައިދަށް އެކަން އެނގުނީ ތާރާގެ ފަރާތުންނެވެ. މިޝްކާ ބަނޑުގައި ރިއްސައިގަތުމާއެކު ޔާނީ ތާރާއަށް ގުޅައި އެހަބަރު ދިނުމުން އަވަހަށް ޒައިދްއާއެކު ތާރާވެސް ހޮސްޕިޓަލަށް އައީއެވެ. “ލޭބަރ ރޫމްގަ. އަދި ވަކިއެއްޗެއް ނާންގާ، ޑޮކްޓަރ ވެއްޖެ އެތެރޭގަ. އައި ހޯޕް އެވްރިތިންގ ވިލް ބީ ފައިން. އިންޝާﷲ. އަހަރެން ހަނދާނެއް އެވަގުތު އެއްވެސް މީހަކަށް ގުޅާކަށް. ކިހިނެއް ޒައިދަށް އެނގުނީ މިޝްކާ ހޮސްޕިޓަލަށް ގެނައިކަމެއް؟”

ޝިވަމްގެ ހިތުގައި ސުވާލު އުފެދުނީ އޭނާ ފިޔަވައި ޒައިދްއާއި ހަމައަށް އެހަބަރު ފޯރުކޮށްދިން މީހަކު ނޭނގުމުންނެވެ. ނަމަވެސް ތާރާގެ ފަރާތުން އެކަން އެނގުނީ ކަމަށް ބުނުމުން އެވާހަކަ ބުނީ ޔާނީކަން ޝިވަމްއަށް ޔަޤީންވިއެވެ. އެހެންވެ އެކަމާ ބެހޭގޮތުން އެވަގުތު އިތުރަށް ވާހަކަ ދައްކާކަށް ޝިވަމް ބޭނުމެއް ނުވިއެވެ. ޒައިދްމެންގެ ފަހަތުން މާލަހެއްނުވެ ނާޒް އާއި ޝިޔާޒްވެސް އެތަނަށް އައިސް ޒާހިޔާ އާއި އާމިރު ގާތު މަޑުކޮށްލިއެވެ. ޒައިދްގެ މައިންބައިންނާއި މިޝްކާގެ މައިންބަފައިގެ ފަރާތުން ލިބެމުންދާ ލޯތްބާއި އަޅާލުމުގެ ސަބަބުން ޝިވަމްއަށް އޭނާގެ މައިންބަފައިން ނެތުމުގެ ފަޅުކަން އެއްވެސް ވަރަކަށް އިހުސާސެއް ނުވެއެވެ. އާއިލާއަށް އަންނަން އުޅޭ އާ މެހެމާނަށް މަރުހަބާ ކިއުމަށްޓަކައި އެންމެން ކުރަމުންއައި އިންތިޒާރަށް ނިމުމެއްއައީ ލޭބަރ ރޫމް ތެރެއިން އިވެންފެށި ތުއްތު ކުއްޖާގެ ރުއިމުގެ އަޑުންނެވެ. އުފަލުން ތެންމާލި ދެލޯ ފޮހެލަމުން ޝިވަމް މާތް ރަސްކަލާނގެއަށް ހަމްދުކޮށް ކައިރީގައި ހުރި ޒައިދްގެ ގައިގައި ބައްދާލިއެވެ. “މަރުހަބާ ބައްޕާ!” ފަހަތުން އައިސް ޝިވަމްގެ ގައިގައި ޖަހާލަމުން ތާރާ އޭނާއަށް މަރުހަބާ ކީ ހިނިތުން ވެލަމުންނެވެ. ތާރާގެ މިއަމަލުން އެންމެން އެއްފަހަރާ ހޭން ފަށައި މުޅި ތަނަށް އުފާވެރިކަން ވެރިވެގެން ދިޔައެވެ. “މަރުހަބާ! ވިހެއީ ފިރިހެން ކުއްޖެއް” ލޭބަރ ރޫމުން ނުކުތް ނަރުސް ކުއްޖާގެ އަތުތެރޭ ލޯބިކޮށް ހެވިފައި އޮތް ކުއްޖާ ފެނިފައި އެންމެންގެ ހިތުގައިވި ލޯބި ފުރިގެން ބަންޑުންވިއެވެ. މަޑުމަޑު ފުށްކޮޅެއް ފަދަ ދެކޮލާއި ވަށް މޫނާއި މިޝްކާއާއި އެއްވެސް ތަފާތެއް ނެތެވެ.

އެކުޑަކުޑަ ޖާން އުރާލި ވަގުތު ޝިވަމްއަށް ކުރެވުނީ ބުނެދޭން ނޭނގޭ ފަދަ ތަފާތު އިހުސާސްތަކެކެވެ. ހިމަހިމަ އިނގިލިތަކުން ޝިވަމްގެ އަތުގައި ހިފަހައްޓާލާ އެ ކުޑަކުޑަ ތުންފަތުން ހީލީ އެއީ އޭނާގެ ބައްޕަކަން އެނގިގެން އުޅޭ ފަދަ ގޮތަކަށެވެ. އެލޯބި ލޯބި ހިނިތުންވުން ފެންނަ ކޮންމެ މީހަކުވެސް ލޯބިން މޮޔަވާނެއެެވެ. ޝިވަމް އޭނާގެ ދަރިފުޅުގެ މޫނުގައި ލޯބިން ބޮސްދިނުމުން ނިކަން ލޯބިކޮށް އޭނާ އާއި ދިމާލަށް ބަލަހައްޓައިގެން އޮތެވެ. “ނާރސް، މިޝްކާ ކިހިނެއް؟” ދަރިފުޅު ނަރުސް ކުއްޖާ އަތަށް ދެމުން ޝިވަމް މިޝްކާގެ ހާލު އަހައިލިއެވެ. “ޝީ އިޒް ފައިން. އިރުކޮޅަކުން ރޫމަށް ބަދަލުކުރާނެ” މިޝްކާގެ ހާލު ރަނގަޅުކަން އެނގުމުން ޝިވަމް އަށް ހަމަޖެހުމުގެ ނޭވާ އެއް ދޫކޮށްލެވުނެވެ. ފޯނެއް އައުމުން ވާހަކަ ދައްކަމުން އެއްފަރާތަކަށް ޖެހުނު ވަގުތު ތަންކޮޅެއް ދުރުގައި ފާރާ ނިވާވެގެން ޔާނީ ހުރިހެން ޒައިދަށް ހީވުމުން ވަރަށް ބާރަށް އެދިމާލަށް ދިޔައެވެ. ޒައިދަށް އެހިސާބަށް ދެވުނުއިރު އެތަނުގައި ޔާނީ ފެންނާކަށް ނެތެވެ. އެތަނުގައި ހުރީ އެހެން އަންހެން ކުއްޖެކެވެ. “އަހަންނަށް ކިހިނެއްތަ މިވަނީ؟ އަހަންނަށް ކީއްވެތަ ހީވީ މިތަނުން ދެންމެ ޔާނީ ފެނުނު ހެން. ނޯވޭ! ޝީ ކާންޓް ބީ ހިއަރ، އެންޑް އައި ހެވް ޓު ސްޓޮޕް ތިންކިންގ އެބައުޓް ހާރ” މުޅިތަނަށް ނަޒަރު ހިންގާލުމަށް ފަހު ޒައިދް ފަސްދީފައި ދާން ފެށުމުން ނިވާވެގެން ހުރިފައި ޔާނީ އެތަނުން ނުކުތެވެ. ޒައިދްގެ ފަރާތުން އިވިގެން ދިޔަ ބަސްތަކުން ޔާނީގެ ހިތަށް ފުން އަސަރެއް ކުރުވި ނަމަވެސް އުފާވީ އޭނާއަށްޓަކައި ޒައިދްގެ ހިތުގައި އަދިވެސް ލޯބި ދިރިހުރިކަން އެނގުމުންނެވެ. ޝިވަމްއާއި ދެކޮޅަށް ޔާނީ އެތަނަށް އައީ މިޝްކާގެ ހާލު ދެކިލުމަށެވެ.

އާއިލާއަށް އައި އާ މެހެމާނަށް މަރުހަބާ ކިއުމަށްޓަކައި މުޅި ގޭތެރެ އެއްކޮށްވަނީ ޒީނަތްތެރިކޮށްލާފައެވެ. މަސައްކަތުގައި އަވަދިނެތި އެންމެން އުޅެމުން ދިޔައިރު ދުރުދުރުން ޔާނީ ދިޔައީ އެހުރިހާ ކަމެއް ބަލަމުންނެވެ. ގިނަވަގުތު ޔާނީ މަސައްކަތްކުރަނީ ޒައިދްގެ ލޯމަތިން ދުރުގައި އުޅެވޭތޯއެވެ. ޒައިދް ފެނުމުން ޔާނީއަށް އޭނާގެ ހިތުގެ އުދާސްތަކާއި އިހްސާސްތައް އަމިއްލަ ބާރުގެ ދަށަށް ގެންނަން އުނދަގޫ ވާތީއެވެ. ޔާނީއެކޭ އެއްގޮތަށް ޒައިދްވެސް މާބޮޑަކަށް ޔާނީއަކަށް ސަމާލުކަމެއް ނުދެއެވެ. އެއްފުރާޅެއްގެ ދަށުގައި ގިނަ ވަގުތު ހޭދަކުރި ނަމަވެސް ޔާނީ އުޅޭ ކަމުގެ އިހްސާސް ވާކަށް ޒައިދް މިހާރު ބޭނުމެއް ނޫނެވެ. ޒައިދްގެ އެއްވެސް ކުށެއް ނެތި އޭނާގެ ލޯބީގައި ކޮޅުފަައިން ޖަހާފައި ޔާނީ ދިއުމުން އޭނާގެ ހިތުގައި ލެވިފައިވާ ޒަހަމްތަކަށް އަދިވެސް ލުޔެއް ނުލިބެއެވެ. އެހެނަސް މިހުރިހާ ކަމަކަށްފަހުވެސް ހިތްވަރުކުރަމުން ޒައިދް އޭނާގެ ހަޔާތާ ކުރިމަތިލީ ކޮންމެވެސް ދުވަހަކުން ޔާނީއަށް ހެޔޮ ވިސްނުން ދެއްވާނެކަމަށް އުންމީދުކުރަމުންނެވެ. ހަފްތާއަކަށްފަހު މިޝްކާ ގެއަށް އައުމުން އޭނާއަށް ޒައިދްމެން އެންމެން އޭނާއާއި ދަރިފުޅަށް ކީ ވަރަށް ހޫނު މަރުހަބާއެކެވެ. އެންމެން މިޝްކާގެ ދަރިފުޅާއެކުގައި ވަގުތުތައް ހޭދަކުރަމުން ދިޔައިރު އެންމެންގެ ހިތުގައިވެސް ޔާނީ ނެތުމުން އެކަމުގެ ސަބަބުން ސުވާލު އުފެދުނެވެ. އެކަމަކު އިސްވެ ސުވާލުކުރާކަށް އެކަކަށްވެސް ނުކެރުނެވެ. ޔާނީގެ ހުސްވަގުތުތައް މިހާރު އޭނާ ހޭދަކުރަނީ އޭނާގެ ބަނޑުގައިވާ ދަރިފުޅާ ވާހަކަ ދެއްކުމުގައެވެ. ބައްޕައަކާ ނުލާ ވިޔަސް އޭނާގެ ދަރިފުޅު މިދުނިޔެއަށް އުފަންކުރަން ޔާނީ ބޭނުންވެއެވެ. މިކަމުގެ ސަބަބުން މީހުންގެ ފަރާތުން އިވޭނެ އެއްވެސް ބަހަކަށް ޔާނީގެ ފަރުވާލެއް ނެތެވެ.

ހަނދާންތައް އެނބުރިއައިސް ޒައިދްގެ އަންބެއްގެ ގޮތުގައި އަދިވެސް ޔާނީ ހުރިކަން ޒައިދްއަށް ސިއްރުކޮށްގެން އުޅުމަކީ ޔާނީއަށް ފަސޭހަކަމެއް ނޫނެވެ. “ދަރިފުޅާ! ދަރިފުޅުގެ ބައްޕަ އަހަރެމެންނާ އެކުގައި ނުވިޔަސް ބައްޕަ ދަރިފުޅު ދެކެ ވަރަށް ލޯބިވޭ. މަންމަ ވަރަށް ބޭނުން ދަރިފުޅުގެ ބައްޕައަށް މިކަން އަންގަން، އެކަމަކު ދަރިފުޅާއި ބައްޕަ ދުރުގަ ކުރަން މިއަދު މަންމައަށް މިވަނީ މަޖުބޫރުވެފައި. ދަރިފުޅާއި ބައްޕަގެ ސަލާމަތަށްޓަކައި، މަންމައަށް މައާފް ކުރޭ ދަރިފުޅާ…މައާފް ކުރޭ!” ޔާނީ އޭނާގެ ދެމަސްފުރިފައިވާ ބަނޑުގައި ފިރުމާލަމުން ނުހަނު ލޯތްބާއެކު ދަރިފުޅާއެކު އިހުސާސްތައް ހިއްސާކުރަމުން ދިޔައިރު ހަނދާނަށް އަންނަމުން ދިޔައީ އެންމެފަހުން ޒައިދް އާއެކު ރިސޯޓްގައި ހޭދަކުރި ރޭގެ މަތިންނެވެ. އެންމެ ފަހުގެ ބައްދަލުވުމުން ޒައިދް ޔާނީއަށް ދިން ހަދިޔާއަކީ މިއީއެވެ. ގޭތެރެއިން ނުކުމެގެން އައި ޒައިދްގެ ލޮލުގައި ފުރަތަމަވެސް އަޅައިގަތީ ގޯތިތެރޭގައި އެލުވާފައި ހުރި އުނދޯއްޔެއްގައި އިށީނދެލައިގެން އެކަނިވެރިކަން ވޭތުކުރަމުންދިޔަ ޔާނީއެވެ. ނޭނގި ނަމަވެސް މަޑުމަޑުން ޒައިދްއަށް އެދިމާލަށް ދެވެން ފެށުނެވެ. އަމިއްލަ އިހްތިޔާރަކު ނޫނެވެ. ހީވީ އެހެން ބާރެއް އޭނާ އެދިމާލަށް ގެންދާހެނެވެ. ޔާނީއަށް ނަފްރަތު ކުރަން ކިތަންމެ ބޭނުންވިޔަސް އަދިވެސް ޒައިދްގެ ހިތުގައި ޔާނީއަށް ދެވިފައިވާ ލޯތްބަކަށް މަޤާމަކަށް ބަދަލެއް އަންނަ ގޮތެއް ނުވިއެވެ. ޔާނީއާއި ދުރުވާން މަސައްކަތް ކުރި ވަރަކަށް އިތުރަށް ވެވެނީ ގާތެވެ. ޔާނީގެ ހަނދާންތައް ހިތުން ފިލުވާލެވޭތޯ ބެލިވަރަކަށް އިތުރަށް އެހިޔާލްތައް ކުރެވެނީއެވެ. ފޫހިވޭތޯ ބެލިވަރަކަށް ޒައިދަށް އިތުރަށް ޔާނީ ދެކެ ވެވެނީ ލޯތްބެވެ.

ޔާނީއާއި އަރާ ހަމަވުމުން ޒައިދަށް މަޑުމަޑުން ޔާނީގެ ބޮލުގައި ފިރުމާލެވުނެވެ. އަބަދުހެން އުޖާލާކޮށް މޫނުމަތިން އެވަގުތު ޒައިދަށް ފެންނަމުން ދިޔައީ މާޔޫސްކަމާއި ހިތާމައެވެ. ޔާނީގެ ބޮލުގައި މީހަކު އަތްލިކަމުގެ އިހްސާސްކުރެވުމުން ފުންމައިގެން ތެދުވެ ކޮޅަށް ހުރެވުނުއިރު ކުރިމަތީގައި ހުރި ޒައިދް ފެނުމުން މޭގަނޑު ފިނިވެގެން ދިޔައެވެ. ވިކާޝްގެ ބިރަށްފަހު މިހާރު ކިތަންމެ ކުޑަކަމަކާވެސް ޔާނީ ހުންނަނީ ވަރަށް ބިރުންނެވެ. އަބަދުވެސް ހީވަނީ އޭނާއާއި ގާތުގައި ވިކާޝް ހުންނަ ހެންނެވެ. ޒައިދް ފެނުމުން ފަސްދީ ދާން ބޭނުންވިނަމަވެސް ހިތް އެދުނީ އެވަގުތުކޮޅަށް ނިމުމެއް ނައުމަށެވެ. ކަސްރަތީ ހަށިގަނޑެއް ލިބިފައިވިޔަސް މިހާރު ޒައިދް ފެންނަލެއް ހިއްކެވެ. ޔާނީއެކޭ އެއްފަދައިން އޭނާވެސް ހިތާމަ ކުރަނީކަން އެކަމުން ޔާނީއަށް ފާހަގަވިއެވެ. “ކޮންއިރަކުން ކައިވެނި ކުރަނީ؟ ބުނީމެއްނު ވަރަށް އަވަހަށް ކައިވެނި ކުރަމޭ، ދެން އަހަންނަށް ތި ޕާޓިއަކަށް ދައުވަތެއް ނުދޭނަންތަ؟” ހުރިތަނުން ހިނގައިގަންނަން ފިޔަވަޅެއް ނެގި ވަގުތު ވިސްނާވެސްނުލާ ހުއްޓާ ޒައިދް ކޮށްލި ސުވާލުން ޔާނީގެ ހަށިގަނޑު ރޫރޫ އަޅައިގަތެވެ. ފައިދަށުން ބިންގަނޑު ކެހިގެން ގޮސް ޔާނީއަށް ހީވީ އޭނާގެ ހިތަށް މީހަކު ހަންޖަރެއް ހަރާލިހެންނެވެ. “ވަރަށް އަވަހަށް. އަހަރެން ހީކުރީ ޒަައިދް އަހަރެންގެ ކައިވެންޏަށް އަންނަން ބޭނުން ނުވާނެކަމަށް. އެކަމަކު މިވީގޮތުން މިޖެހުނީ ކޮންމެހެންވެސް ޒައިދަށް ދައުވަތު ދޭންތާ! ހާސް ނުވޭ ޑޭޓް ފައިނަލް ވީހާ އަވަހަކަށް ކާޑު ފޮނުވާނަން. ދެން ޒައިދް ކޮން އިރަކުން މެރީ ކުރަނީ؟” ވަރަށް ހިތްވަރުކޮށްފައި ޔާނީ ޒައިދަށް ރައްދު ދިން އިރު އޭނާގެ ހިތް ހީވީ ކުދިކުދިވިނަމަވެސް ޒައިދްގެ ކުރިމަތީ ބަލިކަށިވާކަށް ޔާނީ ބޭނުމެއް ނޫނެެވެ.

ޔާނީ އޭނާގެ ވާހަކަ ފުރިހަމަކޮށްލަމުން މިފަހަރު ޒައިދްއާއި ކުރީ އޭނާ ހިތަށްވެސް ނާރާ ފަދަ ސުވާލެކެވެ. ޒައިދްއާއި މިފަދަ ސުވާލެއް ކުރުމުން ޔާނީގެ ހިތުގައި އޭނާއަށްޓަކައި ލޯބީގެ ޒައްރެއްގެ މިންވަރުވެސް ނުވަނީބާއޭ ޒައިދްގެ ހިތް ތަކުރާރުކޮށް އަހަމުން ދިޔައެވެ. ޔާނީ އެހާ ހިތް ހިލަ މީހަކަށްވީ ކޮން އިރަކު ހެއްޔެވެ؟ މިއީ ޒައިދް ލޯބިވި ޔާނީ އޭ ބުނަން މިއަދު އޭނާ ފަސްޖެހެއެވެ. “އަ..އަހަރެން ދޯ! މީގެ އެތައް ދުވަހެއް ކުރިން އަހަރެންގެ ހިތް އެހެންމީހަކަށް ވާނީ ދީފަ، އެކަމަކު މިއަދު އަނބުރާ ލިބުނުއިރު އެހިތްވަނީ ކުދިކުދި ވެފަ. އެހެންވީމަ ލޯތްބަށްޓަކައި އަހަރެންގެ ހިތުގައިވި ހުރިހާ ޖަޒުބާތަކާއި އިހުސާސެއް އަހަރެންގެ މި ދެއަތުން ކަފުންކޮށް ވަޅުލައިފިން. ތިޔަ ލޯބީގެ އަވައިގަ ދެން އަހަންނެއް ނުޖެހޭނަން. ޔާނީއަށް އުފާވެރި ހަޔާތަކަށް އެދެން. ދެން ދަނީ!” މިހެން ބުނުމަށްފަހު އެންމެ ސިކުންތެއްވެސް އެތަނުގައި މަޑުކުރުމެއްނެތި ޒައިދް އެތަނުން ދާން ހިނގައިގަތީ ހިތުގައި އަޅަމުން ދިޔަ ވޭނަށް ކެތްނުކުރެވިގެންނެވެ. ޒައިދް ދާތަން ބަލަން ޔާނީއަށް ހުރެވުނީ ކަރުނުން ފުރިގެންވާ ދެލޮލާއެކުގައެވެ. ޒައިދް ހިތުގައި ޖެއްސުމަކީ ޔާނީއަށް ފަސޭހަކަމަކަށް ނުވާއިރު އެތަށް ފަހަރަކު ހިތާ ދެކޮޅަށް ޔާނިއަށް ކަންތައް ކުރަން ޖެހެއެވެ. “ކީއްވެތަ؟ ކީއްވެތަ އަހަންނަށް ޒައިދްއާ ދޭތެރޭ މިހާ ހަރުކަށި ވާން މިޖެހެނީ؟ ޒައިދްގެ އަންބަކަށްވެ ހުރެ އަހަންނަށް އެކަން އޭނަގެ ކުރިމަތީ ފާޅުކުރެވޭކަށް ނެތް، ހުރިހާ ހަނދާންތަކެއް އެނބުރި އައުމަށް ފަހުވެސް އެކަން ހާމަކުރެވޭކަށް ނެތް. އެންމެފަހުން އޭނާގެ އަމިއްލަ ދަރިފުޅުވެސް އޭނާއާއި ވަކިކުރަން އަހަންނަށް މިވަނީ މަޖުބޫރުވެފަ. މީކޮންކަހަލަ އިމްތިހާނެއް، އަހަރެން މުޅިން އެކަނިވެއްޖެ، އަހަންނަށް އެކަކުވެސް މައާފެއް ނުކުރާނެ. އިޓްސް އޯލް ބިކޯޒް އޮފް ޔޫ ވިކާޝް، އައިވިލް ނެވަރ ފޯރގިވް ޔޫ ފޯ ދިސް..ނެވަރ..”

މިހުރިހާ ކަމެއް ވެގެން ދިޔަ އިރު ޔާނީ ވަރަށް ބޮޑުކަމެއް މިވަނީ ހަނދާން ނެތިފައެވެ. ޒައިދް އެތަނަށް އައުމުގެ ކުރިން ޔާނީއަށް ވިކާޝް ގުޅިއެވެ. ވިކާޝްއާއި ވާހަކަ ދެއްކުމަށް ފަހު ޔާނީއަށް ހަނދާން ނެތިގެން ފޯނު ކަނޑާނުލައި އުނދޯލީގައި ބޭއްވުނީއެވެ. އޭގެ ބޭނުން ވިކާޝް އެންމެ ފުރިހަމ ގޮތުގައި ހިފިއެވެ. ޒައިދް އެގޭގައި އުޅޭކަން އެނގުމުން ގަސްދުގައި ވިކާޝްވެސ ފޯނު ކަނޑައިނުލާ ބޭއްވީ ޒައިދް ޔާނީއާއި ވާހަކަ ދައްކާނެކަން އޭނާއަށް ޔަގީންވާތީއެވެ. ކަންތައްވީވެސް ހަމަ އެގޮތަށެވެ. ހުރިހާ ސިއްރެއް ވިކާޝްއަށް ފަޅާއެރީއެވެ. ދެން އޭނާ ރާވާނެ ރޭވުމެއް އެއްވެސް މީހަކަށް ހިޔާލަށްވެސް ނުގެނެވޭނެއެވެ. ޔާނީގެ ހަޔާތް އޭނާ ބަރުބާދުކޮށްނުލާނެ ގޮތެއް އެއީ ނެތް ގޮތެކެވެ. (ނުނިމޭ)

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.