ވާހަކަ: ފުރާނަ އެދެނީ ހަމައެކަނި ކަލާޔަށްޓަކައި…

Furaana Edheny Hamaekani Kalaayattakai...

[ސެޕްޓެމްބަރު 17، 2015 ގެ ބަޔާ ގުޅޭ]

މިހުރިހާ ކަމެއް ވެގެން ދިޔަ އިރު ޔާނީ ވަރަށް ބޮޑުކަމެއް މިވަނީ ހަނދާން ނެތިފައެވެ. ޒައިދް އެތަނަށް އައުމުގެ ކުރިން ޔާނީއަށް ވިކާޝް ގުޅިއެވެ. ވިކާޝްއާއި ވާހަކަ ދެއްކުމަށް ފަހު ޔާނީއަށް ހަނދާން ނެތިގެން ފޯނު ކަނޑާނުލައި އުނދޯލީގައި ބޭއްވުނީއެވެ. އޭގެ ބޭނުން ވިކާޝް އެންމެ ފުރިހަމ ގޮތުގައި ހިފިއެވެ. ޒައިދް އެގޭގައި އުޅޭކަން އެނގުމުން ގަސްދުގައި ވިކާޝްވެސ ފޯނު ކަނޑައިނުލާ ބޭއްވީ ޒައިދް ޔާނީއާއި ވާހަކަ ދައްކާނެކަން އޭނާއަށް ޔަގީންވާތީއެވެ. ކަންތައްވީވެސް ހަމަ އެގޮތަށެވެ. ހުރިހާ ސިއްރެއް ވިކާޝްއަށް ފަޅާއެރީއެވެ. ދެން އޭނާ ރާވާނެ ރޭވުމެއް އެއްވެސް މީހަކަށް ހިޔާލަށްވެސް ނުގެނެވޭނެއެވެ. ޔާނީގެ ހަޔާތް އޭނާ ބަރުބާދުކޮށްނުލާނެ ގޮތެއް އެއީ ނެތް ގޮތެކެވެ. ވިކާޝްގެ ހިތުގައި ބަދަލުހިފުމުގެ ހުޅު ރޯވެފައި ހުރިވަރުން އޭނާ ދެން ބޭނުންވީ މިކަމަށް ނިމުމެއް ގެންނާށެވެ. އެތަށްގޮތަކުން ޒައިދާއި ޔާނީ ދުރުކުރެވޭތޯ ވިކާޝް ކުރި ހުރިހާ މަސައްކަތެއް މިއަދާ ހަމައަށް އައި އިރުވެސް ކާމިޔާބުވާ ގޮތް ވަނީ ނުވެފައެވެ. ވިކާޝްގެ ދުޝްމަނަކީ ޔާނީ ކަމުގައިވިޔަސް އޭނާ ބޭނުންވަނީ ޒައިދް އާއި ޔާނީ ދުރުކޮށްގެން އެކަމުގެ ހިތި ރަހަ ޔާނީގެ އަރުގައި ލެއްވުމަށެވެ. އެހެންވެ ވަރަށް ބޮޑު ރޭވުންތެރިކަމާއެކު ވިކާޝް އޭނާގެ އެންމެ ފަހުގެ މަޅިފަތި ހަދާ ނިންމާލީ އޭގައި ޒައިދް ޖެހި އަބަދުގެ އަބަދަށް ޔާނީއާއި ވަކިވާނެކަމުގެ ޔަޤީންކަމާއެކުގައެވެ.

ކޮންމެ ދުވަހެއްގެ އިރުއޮއްސި އަނދިރިކަން ވެރިވެގެން ދިއުމާއެކު އަނެއް ދުވަހަށް އިރުއަރާނެ އިރަކަށް ޔާނީ އިންތިޒާރުކުރަނީ ވަރަށްވެސް ފޮނި އުއްމީދުތަކަކާ އެކުގައެވެ. ސަބަބަކީ ދެން އަލިވިލޭނީ މުޅިން އާދުވަހަކަށްވާތީ އެދުވަހަކީ އޭނާގެ ހަޔާތް ބަދަލުކޮށްލާނެ ފަދަ ދުވަހަކަށް ވާނެ ކަމުގެ އުއްމީދުގައެވެ. މިއަޑިގަނޑުން އަރައިގަނެވޭތޯ ކޮންމެ ދުވަހަކު ޔާނީ ﷲގެ ހަޟްރަތަށް ދުއާ ކުރެއެވެ. އިރު އޭގެ ވާޖިބް އަދާކުރަމުން ދިޔަނަމަވެސް ޔާނީގެ ހަޔާތަށް އެފަދަ ދުވަހެއް ނާދެއެވެ. ދުވަސްތައް މަސްތަކަށް ބަދަލުވެގެން ދިޔައިރުވެސް ޔާނީގެ ދިރިއުޅުމަށް އޭނާ ބޭނުންވިފަދަ ދުވަހެއް ނައުމުން ޔާނީ މާޔޫސްވެ ހިތް މަރުވާ ގޮތް ވިއެވެ. ބަނޑަށް ހަތަރުމަސް ފުރުނުއިރު ޔާނީ ދިޔައީ ތަފާތު އެކި އުނދަގޫ ތަކާއި ކުރިމަތިލަމުންނެވެ. މިޝްކާ ބަނޑުބޮޑުއިރު އޭނާގެ މަންމަ ޒާހިޔާގެ ފަރާތުން މިޝްކާއަށް ދިން ނަސޭހަތްތައް ޔާނީގެ ހަނދާނުގައި ހުރުމުން ކަންތައް ކުރަންވާގޮތް ދެނެގަންނާކަށް ޔާނީއަކަށް އެހާ އުނދަގުލެއް ނުވިއެވެ. އެހެނަސް ބައެއްފަހަރު ހޮޑުލާ ވަރުބަލިވުމުން އެހެން މީހެއްގެ އެހީތެރިކަމަށް ވަރަށް ބޮޑަށް ބޭނުންވެއެވެ. އެފަދަ ވަގުތުތަކުގައި ޒައިދް މަތިން ޔާނީ ވަރަށް ހަނދާންވެ ރޮވޭގޮތްވެއެވެ. ބަނޑުބޮޑު ނަމަވެސް ޔާނީގެ ބަނޑުން އެކަން ފާޅުވާކަށް އަދި ނުފަށައެވެ. އެހެންވެ ޔާނީ ބަނޑުބޮޑުކަން އެއްވެސް މީހަކަށް ނޭނގެއެވެ. ޝައްކެއްވެސް ނުކުރެއެވެ. އެއީ ޔާނީގެ ނަސީބުކަން ނޭނގެއެވެ. އެކަން އެނގިއްޖެނަމަ އެތަށް ބައެއްގެ ސުވާލުތަކާއި ނިމުމެއްނެތް ބަދުނާމުވުންތަކުން ޔާނީގެ ދިރިއުޅުން އެފުށް މިފުށަށް ޖެހިގެން ދާނެއެވެ. އެންމެ ލޯބިވާ މީހުންގެ ލޯތްބާއި އަޅާލުން ރުޅިވެރިކަމާއި ނަފްރަތަށް ބަދަލުވެ މުޅި ދުނިޔެއަށް ގިނަކޮށްލާނެއެވެ.

ޒައިދް ކޮޓަރިއަށް ވަދެ އެނދުގައި އޮށޯވެލީ ލިބިފައި ހުރި ވަރުބަލިކަމެއްގެ ބޮޑުމަކުން އަވަހަށް ނިދާލުމުގެ ނިޔަތުގައެވެ. އެހެން އޮވެ އެތަށް އިރެއްވީއިރުވެސް ޒައިދްގެ ލޮލަކަށް ނިދީގެ އެއްވެސް އަސަރެއް ނުކުރުމުން ތެދުވިތަނާ ނަޒަރު ހުއްޓުނީ އެނދުގެ ބޯލާކޮޅުގައި ހުރި އޭނާގެ ކައިވެނީގެ ފޮޓޯ ގަނޑަށެވެ. އެއީ ކިހާ އުފާވެރި ދުވަސްތަކެއް ހެއްޔެވެ. ދެމީހުން އެކަކު އަނެކަކާ ނުލާ ނޫޅެވޭ ހިސާބަށް ގޮސްފައި ތިއްބާ ކުއްލިއަކަށް ދެމީހުންގެ މިސްރާބު ބަދަލުވެ މުޅިން އާ ދަތުރެއް ފަށަން ޖެހުނީއެވެ. ޒައިދް އެންމެ ދެރަވަނީ ޔާނީ އެހެންމީހަކާ ޣުޅެން ގުޅުމުން އޭނާ މިނިވަންކުރަން ޖެހޭތީއެވެ. ޒައިދްގެ އަންބެއްގެ ގޮތުގައި އިން ކަމުގައިވިޔަސް ޔާނީ އެހެން ކައިވެންޏެއް ކުރަން ބޭނުންވަންޏާ ޒައިދަށް ޖެހޭނީ ޔާނީ ވަރިކުރާށެވެ. އޭރުން ޔާނީގެ މައްޗަށް ޒައިދަކަށް އެއްވެސް ހައްޤެއް ނޯންނާނެއެވެ. ޔާނީގެ ހިޔާލުތަކުން ހިތަށް ލިބޭ ވޭނުން ރޮއެލަ ރޮއެލާ އޮއްވާ އެހަނދާނުގައި ވަގުތުތައް ވޭތުވަމުން ދިޔަ ގޮތްވެސް ޒައިދަކަށް ނޭނގުނެވެ. ފަތިސް ނަމާދުގެ ބަންގިއާއެކު ޒައިދް ކޮޅަށް ޖެހުނެވެ. ރޭގެ މެންދަންވެސް ފާއިތުވެގެން ދިޔައީ ހަމަ އެންމެ ލޮލު ފިޔައެއްވެސް ޖަހާނުލެވި އުޅެނިކޮށެވެ. ގާތުގައި ޔާނީ ނެތްކަމަކު އޭނާގެ ހަނދާންތައް ޒައިދްގެ ހަޔާތުގައި ވަކިހިއްޕާލާފައިވަނީ އެހާ ފަސޭހައިން ދުރައްދެވޭނެ ފަދަ ގޮތަކަށް ނޫނެވެ. ދެމީހުން އެކަކު އަނެކަކު ދެކެ ކިތަންމެ ނަފްރަތު ކުރާކަން ދައްކަން އުޅުނު ނަމަވެސް އެއީ އެހާ ފަސޭހަ ކަމެއް ނޫންކަން ދެމީހުންނަށްވެސް އިނގެއެވެ. ޔާނީގެ ހިޔާލުތައް އަވަހަށް އެނބުރި އަންނާނެނަމައޭ ހިތަށް އަރުވާލަމުން ޒައިދް އެނދުން ތެދުވެ ފާހާނާއަށް މިސްރާބުޖެހީ ފަތިސް ނަމާދު ވަގުތުގައި ކޮށްލުމަށެވެ.

ކަހާލާފައިވާ ފަރުދާ ތަކުގެ ސަބަބުން އިރުގެ ރަންއަލި ބިއްލޫރި ފުރާނާލާފައި ކޮޓަރި ތެރެއަށް ފަނޑުއަލިކަމެއް ވެރިކޮށްލީ އާފަތިހަކަށް މަރުހަބާ ކިޔަމުންނެވެ. އެތަށް ދުވަހަކަށްފަހު ވިލާތަކުގެ ތެރެއިން އިރު ބޯދިއްކޮށްލައިގެން ހުރެ ދުނިޔެއަށް އަލިކަމެއް ގެނެސްދޭން މަސައްކަތް ކުރަމުންނެވެ. ނަމަވެސް ވައިގެ ހަމަލާތައް ދޭތެރެއަކުން ކުޑަދޮރުތައް ތަޅުވާލައެވެ. ކުޑަ އެނދުގައި ލޯބިކޮށް ނިދާލާފައި އޮތް ކުޑަކުޑަ ޔޫވީ ހޭލައްވާލީ ބެލްކަނީގެ ދޮރު ޖެހުނު އަޑާއެކުގައެވެ. ޔޫވީގެ ހިމަހިމަ ތޫލިއަޑުން ރޯން ފެށުމުން ނިދިފައި އޮތް މިޝްކާއަށް ސިއްސައިގެން ހޭލެވުނެވެ. ހަމަ އެތަންވަޅުގައި ޝިވަމްއަށްވެސް ހޭލެވުނީ ދަރިފުޅުގެ ރުއިމުގެ އަޑާއި ދޮރު ޖެހުނު އަޑާއެކުގައެވެ. “އަހަނ.. ބައްޕަގެ ދޫންޏަށް ހޭލެވުނީތަ؟ ކީއްވެ ރޮވެނީ؟ އަވަހަށް ހުއްޓާލާ!” މިޝްކާގެ އުނގުގައި އަނގަޔަށް އިނގިލި ލައިގެން ބަލަން އޮވެފައި ޝިވަމްގެ އަޑު އިވުމާއެކު ޔޫވީގެ ކަޅިހިނގަންފެށީ އޭނާގެ ބައްޕަ ހޯދުމަށެވެ. މަޑުމަޑު ކޮލުގައި ކޮށްޓާލުމުން ހީލިގޮތުން މިޝްކާއާއި ޝިވަމްގެ ހިތް އުފަލުން ފުރުނެވެ. އެދެމީހުންގެ ހުރިހާވެސް އުއްމީދަކާއި ހުވަފެންތަކެއް ގުޅިފައިވަނީ މިކުޑަކުޑަ ޔޫވީއާއެވެ. “މީމަންމަގެ ބަސްއަހާ ކުއްޖެކޭ، ދޯ ދަރިފުޅާ!” ހިނިތުންވެލަމުން ޝިވަމްގެ އަތަށް ދަރިފުޅު ދީފައި މިޝްކާ ތެދުވެގެން މޫނު ދޮވެލާފައި ބޭރަށް ނުކުތީ ޝިވަމްއަށް ކޮފީ ތައްޓެއް ހެދުމަށެވެ. ބަދިގެއަށް ވަންއިރު އެތަނުގައި ޔާނީ އިންދާ ފެނުމުން އަނގައިން ބުނެލަން ހިތަށް އެރިނަމަވެސް މިފަހަރު އިސްވެ ވާހަކަ ދައްކާކަށް މިޝްކާއަކަށް ނުކެރުނެވެ.

ޝިވަމްއަށް ކޮފީ ހަދަން ހުރިއިރުވެސް ޔާނީ އަމިއްލައަށް ވާހަކަ ދައްކާނެނަމައޭ މިޝްކާގެ ހިތަށް އަރަމުން ދިޔައެވެ. “ޔާނީ ކީއްވެ އަހަރެން ވިހެއީމަ ހާލު ބަލާލަންވެސް ނައީ؟ މިހާރު އަހަރެންދެކެ ހަމަ އެހާ ނަފްރަތު ކުރަނީތަ؟ އަހަރެން ވަރަށް އުއްމީދުކުރިން ޔާނީ އަންނާނެކަމަށް. އެކަމަކު…” އެންމެފަހުން މިޝްކާއަށް ނުހުރެވިގެން ޔާނީއާއި ވާހަކަ ދައްކަން ފެށިއެވެ. ދެމީހުންގެ އެކުވެރިކަން މިހާ ބަލިކަށި ވެދާނެކަމަކަށް މިޝްކާ ކުޑަކޮށްވެސް ހިއެއް ނުކުރެއެވެ. “އަހަރެން ދެކެ ރުޅިއަންނަ މީހުން ތިބޭ ތަނަކަށް އަހަރެން ކިހިނެއްތަ ދާނީ. މިޝްކާއަށް ހަމަ ރަނގަޅަށް އިނގޭނެ އަހަރެން މިޝްކާގެ ގާތަށް ދާން ޝިވަމް ހިތްހަމައެއް ނުޖެހޭނެކަން. އެހެންވީމަ އަހަރެން ނައީއޭ ކިޔައިގެން ވާހަކަ ދެއްކުމުގެ މާބޮޑު ބޭނުމެއް ނެތެއްނު” ޔާނީގެ ބަނޑުގައިވާ ދަރިއެކޭ އެއްފަދައިން ޔޫވީ ދެކެވެސް އޭނާ އިންތިހާއަށް ލޯބިވެއެވެ. ޝިވަމްއާއި މިޝްކާއަށް ނޭނގޭ ގޮތަށް ބައެއްފަހަރު ޔާނީ ގޮސް ޔޫވީ އުރާލާ ހަދައެވެ. އެކަމަކު ވަރަށް ސިއްރުންނެވެ. މިޝްކާއަށް ޖަވާބުދީފައި ޔާނީ އެތަނުން ނުކުމެގެން ދިޔައީ ޝިވަމް އެދިމާލަށް އަންނަތަން ފެނުމުންނެވެ. “އަނެއްކާ ޒުވާބެއް ކުރީތަ؟ ކީއްވެ މާ ފާޑަކަށް ހުރެފަ ނުކުމެގެން އެ ދިޔައީ؟” ޔާނީ ނުކުމެގެން ދިއުމުން ޝިވަމް އައިސް މިޝްކާއާއި ސުވާލުކުރިއިރު އޭނާގެ މޫނުމަތިން ފާޅުވަމުން ދިޔަ ކުލަވަރުން ކޮންމެވެސް ވާހަކައެއް އެދެމީހުންގެ ދެމެދުގައި ދެކެވުނުކަން ޝިވަމްއަށް ނަގައިގަނެވުނެވެ. “ކަމެއް ނުވޭ! އަހަރެން އަހާލީ ކީއްވެހޭ އަހަރެން ވިހެއީމަ ނައީ. ނަތިން އެލްސް” އެހެންދޯއޭ ކިޔައި ޝިވަމް ވާހަކަ ކުރުކޮށްލީ އެމަޟޫއަށް ވާހަކަދައްކާ ހިތް ނެތުމުން އިތުރަށް މޫޑު ގޯސް ނުކުރަންވެގެންނެވެ.

ކޮޓަރިއަށް ވަންނަން ދިޔަ ޔާނީ އިރުކޮޅަކު މަޑުޖެހުނީ މިޝްކާގެ ކޮޓަރި ތެރޭގައި ހުރި ކުޑަ އެނދުގައި އޮތް ކުޑަކުޑަ ޔޫވީ ފެނުމުންނެވެ. ހިތް އެދުނީ އެތުއްތު ކުއްޖާ އުރާލާ މެޔާލާ ބޮނޑިކޮށްލުމަށެެވެ. ޔޫވީ ހުންނަލެއް ލޯބިކަމުން އޭނާ އުރާނުލާ އެއްވެސް މީހަކަށް ނުހުރެވެއެވެ. “ދަރިފުޅާ! އިނގޭތަ މީއީ ކާކުކަން؟ މިއީވެސް ޔޫވީގެ މަންމައެކޭ. މި މަންމަވެސް ޔޫވީ ދެކެ ވަރަށް ލޯބިވޭ! ވަރަށް ދެރަވޭ ޔޫވީ އާއެއްކޮށް ކުޅެހަދާ މަޖާކޮށްނުލެވޭތީ” ކުޑަ އެނދާ ކައިރިވެލާފައި ކުޑަކޮށް ގުދުވެލަމުން ޔާނީ މަޑުމަޑުން ޔޫވީ ނަގައި އުރާލުމުން ހެވިފައި ކަޅިޖަހާނުލާ ބަލަހައްޓައިގެން އޮތެވެ. ހީވަނީ ޔާނީ ދައްކާ ވާހަކައަށް ސަމާލުވެގެން ކަނުލައި އަޑުއަހަން އޮތްހެނެވެ. ޔާނީ އޭނާގެ އުފަން ދަރިއެއްފަދައިން ޔޫވީ ދެކެ ލޯބިވެއެވެ. ޔޫވީ އާއި ވާހަކަ ދައްކަމުން ދިޔައިރު އުފަލުން ގޮސް ޔާނީގެ ލޮލުން ކަރުނަތައް ކޯތާފަތްމަތީ ރޮނގުދަމާފައި ފައިބަމުން ދިޔައެވެ. ޝިވަމްއަށް ކޮފީތަށި ދީފައި މިޝްކާ ކޮޓަރިއަށް ވަންނަން އައިއިރު އެތެރޭގައި ޔޫވީ އުރާލައިގެން ހުރި ޔާނީ ފެނުމުން އެމަންޒަރު ބަލަން ބޭރުގައި މަޑުކޮށްލިއެވެ. ކިތަންމެ ނުރުހުފައި އުޅުނަސް ޔާނީގެ ހިތުގައި ޔޫވީއަށް އޮތް ލޯބި ފެނިފައި އުފަލުން ގޮސް ދެލޯ ފެންކަޅިވިއެވެ. އިރުކޮޅަކު ޔޫވީ އުރައިގެން ހުރެފައި މިޝްކާމެން އަތުވެދާނެތީ ޔޫވީ ބާއްވާފައި އެތަނުން ދާން އުޅުމުން ޔާނީގެ އިނގިލީގައި ޔޫވީ ހިފަހައްޓައިލީ ނުދާށޭ ބުނާ ފަދަ ގޮތަކަށެވެ. އެހެނަސް އަދި އަންނާނަމޭ ކިޔައި ޔާނީ އެތަނުން ނުކުމެގެން ދިއުމާއެކު ޔޫވީ ވަރަށް ބާރަށް ރޯން ފެށިއެވެ.

މެންދުރުގެ ކެއުމަށް ފަހު ޒައިދް ގެއިން ނުކުތީ ޝިވަމް ގުޅައިގެން އެގެއަށް ދިއުމަށެވެ. ޔާނީ ފެންނަ ހިސާބަށް ދާން ބޭނުން ނުވިނަމަވެސް ޝިވަމްއަށް ދެކޮޅު ހެދޭކަށްވެސް ނެތެވެ. ކޮންމެ ގޮތަކަށް ކަންތައްވިޔަސް ހެޔޮކަމަށް ނިންމަމުން ޒައިދް ސައިކަލުގައި އެގެއާ ދިމާލަށް ދިޔައެވެ. މެންދުރުގެ ގަދަ ހޫނުގައިވެސް މަގިތަކުގައި ހަލަބޮލިވެ އުޅޭ މީހުން މަދެއް ނޫނެވެ. ސައިކަލުގައި ޒައިދް އިންއިރު ލޮލުގައި ކަޅުކުލައިގެ ރޭބަން އައިނެއް އަޅާފައި ހުއްޓެވެ. ޒައިދްވެސް މަގުމަތިންދާ މީހުންނަށް ބަލަން އިނީ ޓްރެފިކް ލައިޓުގެ ފެހިއަލި އެޅޭނެ އިރެއްގެ އިންތިޒާރުގައި އިނދެއެވެ. ޒައިދަށް ޝިވަމްމެންގެ ގެއާ ހަމައަށް އެރުނުތަނާ އެގެއިން ނުކުމެގެން ދިޔައީ މީގެ ކުރިން ދުވަހަކުވެސް އެގެއިން ފެނިފައިނުވާ ކަޅުކުލައިގެ ކާރެކެވެ. އެތަށް އިރަކު ވިސްނަން އިނދެފައި ޒައިދް ގޭތެރެއަށް ވަނީ އެއީ ޝިވަމްގެ ރައްޓެއްސަކަށް ވެދާނެކަމަށް ނިންމައިގެންނެވެ. ގެއަށް ވަންނަން ދިޔައިރު ދޮރު ހުޅުވާފައި ހުރުމުން ޒައިދް ހައިރާންވީ އެގެއަކީ ދުވަހަކުވެސް އެގޮތަށް ހާމައަށް ހުޅުވާފައި ހުންނަ ގެއަކަށް ނުވުމުންނެވެ. ދޮރުންލާފައި ގޭތެރެއަށް ވަންއިރު ސިޓިންރޫމުގައި އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ސިޑިން މައްޗަށް އަރަމުން ގޮސް ދެވަނަ ފްލޯރއަށް އަރާފައި ޝިވަމްގެ ކޮޓަރިއާ ދިމާލަށް ދާން ހިނގައިގަތް ވަގުތު ޔާނީގެ ކޮޓަރި ހުޅުވާފައި ހުރިތަން ފެނުމުން ހިޔާލު ބަދަލުވިއެވެ. ޔާނީ އުޅޭތޯ ބަލާލުމަށް އެވަގުތު ހިތްއެދުނީ ކީއްވެކަމެއް ޚުދު ޒައިދަކަށްވެސް ނުވިސްނުނެވެ.

ކޮޓަރިތެރެއަށް ވެރިވެފައިވަނީ އޮރެންޖްގެ ލުއިލުއި މީރު ވަހެކެވެ. މުޅި ކޮޓަރިތެރެ ހޯދާ ބެލިއިރުވެސް ޔާނީގެ ހިލަމެއް ނުވުމުން ނުކުންނަން ދާން ހިނގަތްތަނާ ފެނުނީ އެނދުމަތީގައި އޮތް ޔާނީގެ ޑައިރީއެވެ. މީގެ ކުރިންވެސް ޒައިދް ވަނީ ޔާނީގެ ޑައިރީ ކިޔާފައިކަމުން މިފަހަރު އަނެއްކާވެސް ޒައިދް އެކިޔަން ބޭނުންވީ ކުއްލިއަކަށް ޔާނީއަށް އެއައި ބަދަލުގެ ފަހަތުގައި ފޮރުވިފައިވާ ސިއްރު ހޯދުމަށެވެ. މިއީ ރަނގަޅު ފުރުސަތެއްކަމަށް ބަލައި ޒައިދް ޑައިރީ ހުޅުވާ ކިޔަން ފެށިއެވެ. ޑައިރީ ލިޔަން ފެށިފައިވަނީ އެކްސިޑެންޓަށް ފަހުއެވެ. ޑައިރީ ކިޔަމުން ދިޔަ ވަރަކަށް އެދެމީހުންގެ އުފާވެރި ދުވަސްތައް ހަނދާންވާން ފެށިއެވެ. އަލުން އާ ހަޔާތެއް ފަށަަން ވައުދުތައް ވަމުން ދިޔަ ދުވަސްވަރެވެ. ޒައިދްގެ މޫނުމައްޗަށް ވެރިވެފައިވި ހަމަޖެހުން ޖެއްލުވާލައި އެއްކޮށް ބަދަލުވެގެން ދިޔައީ ޑައިރީގައި ވިކާޝްގެ ވާހަކަ އައި ހިސާބުންނެވެ. އެވާހަކަތައް ކިޔަމުން ދިޔަ ވަރަކަށް ޒައިދްގެ ލޭ ހޫނުވާންފެށިއެވެ. އެނުބައި ނުލަފާ މީހާގެ އަނިޔާތަކަށް ޔާނީ ހާދ ކެތްކޮށްފިއެވެ. ހަޤީޤަތް ފާޅުވަމުންގޮސް އެންމެ ފަހުން ޔާނީގެ ހަނދާންތައް އަނބުރާ އަތުވެއްޖެކަން ޒައިދަށް އެނގުމުން ވަރަށް އުފާވިއެވެ. އަދި ޔާނީ އިނީ ޒައިދްގެ ދަރިއަކަށް ބަލިވެކަން އެނގުމުން އުފަލުން ދެލޯ ތެންމާލިއެވެ. މިހުރިހާ ކަމެއް ޔާނީ ޒައިދަށް ސިއްރުކުރި މަޤްސަދު މިއަދު ކިވަނީ ކުރިމައްޗަށް އައިސްފައެވެ. ވިކާޝްގެ ކިބައިން ޔާނީ ސަލާމަތްކުރާނެކަމަށް އެވަގުތު ޒައިދް އަޒުމް ކަނޑައެޅިއެވެ.

ބާރުބާރަށް ޔާނީއަށް ގޮވަމުން ޒައިދް ބޭރަށް ނުކުތެވެ. ޒައިދްގެ އަޑަށް ކޮޓަރި ތެރޭގައި ތިބި މިޝްކާއާއި ޝިވަމް އަދި ޒާހިޔާއާއި އާމިރުވެސް ނުކުތެވެ. “ޒައިދް ކިހިނެއްވީ؟ ކީއްކުރަން ތި ޔާނީ ހޯދަނީ؟” ޒައިދް ކުއްލިއަކަށް ޔާނީ ހޯދަން ފެށުމުން އެންމެންވެސް ތިބީ ވާނުވާ ނޭނގިފައެވެ. “ޝިވަމް! އަހަންނަށް ހުރިހާ އެއްޗެއްވެސް އެނގިއްޖެ. ޔާނީ އަހަންނަށް ބޭވަފާތެރިވީއެއް ނޫން، މިހުރިހާ ކަމަކީވެސް އެވިކާޝްގެ ނުބައި ރޭވުމެއް. އޭނަ ބޭނުންވީ އަހަންނާ ޔާނީއާއި ދުރުކުރުވަން، އެހެންވެ އޭނަ ޔާނީ ބްލެކްމެއިލް ކޮށްގެން ކުރުވިކަމެއް މީ. ޔާނީ އަހަންނަށް ބޭވަފާތެރިއެއް ނުވޭ، އަހަރެން ސަލާމަތްކުރަން ޔާނީ އޭނަގެ ލޯބި ޤުރުބާން ކުރީ. އަދި އެނގޭތަ، ޔާނީގެ ހަނދާންތައް އަނބުރާ އައިސްފި. އަދި ޔާނީ އިނީ އަހަރެންގެ ދަރިއަކަށް ބަލިވެ” ޒައިދްގެ ވާހަކަ މިހިސާބަށް ދިޔައިރު އެންމެން ތިބީ ދެލޯ ބޮޑުވެ ބުނާނެ އެއްޗެެއް ނޭގިފައެވެ. “ކީކޭ؟ މިހާ ބޮޑު ކަންތައްގަނޑެއް ހިނގާ ދިޔައިރު ޔާނީ އަހަރެންގާތުވެސް ބުނެނުލާ” ޔާނީ އެކަނިމާއެކަނި މިހުރިހާކަމަކާ ކުރިމަތިލީއިރު މީގެން އެއްވެސް ކަމެއްގެ ހިލަމެއް މިޝްކާއަކަށްވެސް އަދި އެހެން އެކަކަށްވެސް ވިޔަކަ ނުދެއެވެ. “އާނ.. ޔާނީ ވަރަށް ހިތްވަރުގަދަ. އެކަމަކު އަހަރެމެން އެންމެންވެސް ޔާނީއާ ދޭތެރޭ ވިސްނުނީ ރަނގަޅަކަށް ނޫން، ޔާނީގެ އެއްވެސް ކުށެއް ނެތް. އަހަރެން ބޭނުން ޔާނީ މިކަމުން ސަލާމަތް ކުރަން. މިޝްކާ، ކޮބާތަ ޔާނީ؟ އަހަރެން މުޅިގެ ހޯދާ ބަލައިފިން ޔާނީ އެއްވެސް ތާކު ނެތް” ޔާނީގެ ހަބަރެއް ނުވުމުން ޒައިދް ވަރަށް ކަންބޮޑުވިއެވެ.

މިހާރު ޔާނީއާއެކު ޒައިދްގެ ދަރިއެއްވާކަން އެނގުމުން ޔާނީއަށް ކަމެއް ވެދާނެތީ އޭނާ ވަރަށް ހާސްވެއެވެ. ޔާނީ ހޯދުމުގެ މަސައްކަތުގައި އެންމެން އުޅެނިކޮށް ޒައިދްގެ ފޯނަށް ނުދަންނަ ނަންބަރަކުން ގުޅަން ފެށިއެވެ. ޒައިދް ފޯނުނެގުމާއެކު އެކޮޅުން އިވެންފެށީ ފިރިހެނެއްގެ ހުނުމުގެ އަޑެވެ. “ޔާނީ މިހިރީ އަހަރެންގެ އަތްދަށުގަ. ކުރިމަތިން ލާފަ އައިރުވެސް ކަލެއަކަށް ނޭނގުނެއްނު، ދެން ސަލާމަތްކުރެވެންޏާ ކުރޭ! ކަލޭއަށް އަހަރެން ދޭނަން ދެގަޑިއިރު، އެދެގަޑިއިރުތެރޭ ކަލޭގެ އަނބިމީހާ ހުރިތަނެއް ހޯދާ! ހަނދާންކުރާތި ޕޮލިހުންނަށް ގުޅަން ހިތަށް ވެސް ނާރުވާތި، އެހެންނޫނީ ކަލޭގެ އަނބިމީހާއާ އެއްކޮށް ކަލޭގެ ދަރިވެސް އަނބުރައެއް ނުލިބޭނެ” ވިކާޝް އޭނާގެ އެންމެ ފަހުގެ ރޭވުން ކާމިޔާބުކޮށް ޔާނީ އޭނާގެ އަތްދަށަށް ގެނައީ ޒައިދްގެ ކުރިމަތިންލާފައެވެ. ޝިވަމްމެން ގޭތެރެއިން ޒައިދްގެ ކުރިމަތިން ލާފައި އޭރު ނުުކުމެގެން ދިޔައީ ވިކާޝްގެ ކާރެވެ. އޭރު ކާރުތެރޭގައި ހޭނައްތާލާފައި ޔާނީ އޮތްނަމަވެސް ޒައިދަކަށް ފެންނަވަރެއް ނުވިއެވެ. “ޒައިދް.. ޒައިދް އަހަރެން ސަލާމަތްކުރޭ، މި ވިކާޝް އަހަރެން މަރާލާނެ” ރޮމުން ރޮމުން އާދޭސް ކުރަމުން ދިޔަ ޔާނީގެ އަޑު އިވުމުން ޒައިދްގެ ހިތުގައި ކޫރު އެޅުނެވެ. “އޭތް، ހަބަރުދާރު އަހަރެންގެ އަންހެނުންނާ ދަރިފުޅަށް ކަމެއް ވެއްޖެއްޔާ ކަލޭގެ ދުވަސް ދުއްވާލާނަން. އޭނަ ގައިގަ އަތްނުލާތި!” ރުޅިގަދަވުމުން ޒައިދްއަށް ކިޔޭ އެއްޗެއްވެސް ނޭނގުނެވެ. ޒައިދްއަށް މިވަގުތު މުހިންމީ ޔާނީއާއި އޭނާގެ ދަރިފުޅުގެ ފުރާނައެވެ. އެދެމީހުން ސަލާމަތް ކުރުމަށް ޒައިދް ކޮންމެފަދަ ޤުރުބާނީއެއްވެސް ވެދާނެއެވެ. (ނުނިމޭ)

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.