ފުޓްބޯޅަ މުބާރާތް ބާއްވަން ހުއްދަދިންއިރު ޑިޕޮސިޓް ފައިސާއެއް ނުނަގާ

ސައިނޯސާ އާއި ވެލާ ސިޓީ ބައްދަލުކުރި މެޗުގެ ތެރެއިން-- އީޓީ ފޮޓޯ / ސައިނޯސާ ރާއި
ސައިނޯސާ އާއި ވެލާ ސިޓީ ބައްދަލުކުރި މެޗުގެ ތެރެއިން– އީޓީ ފޮޓޯ / ސައިނޯސާ ރާއި

 

އީދު ބަންދާ ދިމާކޮށް މިހާރު އޭދަފުށގައި ކުރިއަށްދާ “ރައީސް ޔާމިން 2018” ފުޓްބޯލް ޗެލެންޖް ބޭއްވުމުގެ ހުއްދަ އޭދަފުށީ ކައުންސިލުން ދިންއިރު ޑިޕްސިޓް ފައިސާ ނުނަގާކަން އީޓީ އަށް އެނގިއްޖެ އެވެ.

ނަމަވެސް އޭދަފުށީ ކައުންސިލުން މިދިޔަ އޯގަސްޓްމަހު ނިންމާފައިވަނީ އަމިއްލަ ފަރާތްތަކުން އޭދަފުށީގައި ބާއްވާ ފުޓްބޯޅަ/ފުޓްސަލް މުބާރާތްތައް ބޭއްވުމުގެ ހުއްދަ ދޫކުރެވޭނީ މުބާރާތް ފެށުމުގެ އެއް ހަފްތާކުރިން އެ މުބާރާތެއްގެ އިނާމަށް ކަނޑައަޅާ ފައިސާގެ 25 ޕަސެންޓަށްވާ ފައިސާ ޑިޕޮސިޓްގެ ގޮތުގައި ރަށު ކައުންސިލު އިދާރާއަށްދެއްކުމުން ކަަށެވެ.

ކައުންސިލުން ކުރިން ބުނިގޮތުގައި އެގޮތަށް ކައުންސިލުން ފާސްކުރީ އޭދަފުށީގައި މަދުން ނަމަވެސް މުބާރާތްތައް ރާވާ އިންތިޒާމުކުރާ ފަރާތްތަކުން އެ މުބާރާތެއްގެ ޗެމްޕިއަން ޓީމަށާއި ރަނާއަޕް ޓީމަށް އަދި އެހެނިހެން ގޮތްގޮތުން ދިނުމަށް ކަނޑައަޅާފައިވާ އިނާމުތައް މުބާރާތްނިމި އެތައް ދުވަހެއް ފާއިތުވެގެން ދާއިރުވެސް އެފަރާތްތަކަށް ދީފައިނުވާ ކަމުގެ ޝަކުވާ އެ އިދާރާއަށް ލިބެމުންދާތީ އެވެ.

“މިކަމަކީ މިރަށުގެ ފުޓްބޯޅައިގެ ކުރިމަގަށް އެޅިގެންދާނެ ހުރަހެއް ކަމުގައި ފާހަގަ ކުރަމެވެެ. އަދި ފުޓްބޯޅަ އަށް މިރަށުގެ ޒުވާނުންގެ ހިތްތަކުގައި އޮންނަ ލޯތްބާއި ޖޯޝް ފަނޑުވެގެން ހިނގައިދާނެ ކަމެއް ކަމުގައިވެސް ދެންނެވީމެވެ. މިހެންވެ މިފަދަ މައްސަލަތައް ހައްލުކުރުމަށް އެޅިދާނެ ފިޔަވަޅުތަކާއި މެދު މިރަށު ކައުންސިލްގެ ޖަލްސާއެއްގައި ވާހަކަދެކެވި ނިންމާފައިވާތީ، މުބާރާތް ބޭއްވުމުގެ ހުއްދަ ދޫކުރާއިރު، އިނާމަށް ކަނޑައެޅޭ ފައިސާގެ 25 ޕަސެންޓް ފައިސާ ޑިޕޮސިޓްގެ ގޮތުގައި މި އިދާރާގައި ބަހައްޓާގޮތަށް ހަމަޖެއްސުމަށެވެ،” ކައުންސިލުން މިދިޔަ އޯގަސްޓްމަހު ނެރެފައިވާ އިއުލާނުގައި ބުނެފައިވެ އެވެ.

އޭދަފުށީގައި މިހާރު ކުރިއަށްދާ ފުޓްބޯޅަ މުބާރާތަކީ މިރަށު ޒުވާނުންގެ ކްލަބުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މުބާރާތެކެވެ.

އީޓީއަށް އެނގިފައިވާ ގޮތުގައި އެ ކުލަބަށް މުބާރާތް ފެށުމުގެ ކުރިން ޑިޕޮސިޓް ފައިސާ ދައްކަން ކައުންސިލުންވަނީ އަންގާފައެވެ. ނަމަވެސް މުބާރާތް ފަށަފައިވަނީ ފައިސާ ޑިޕޮސިޓް ނުކޮށެވެ.

 ޗެމްޕިއަންޓީމަށް 55،000ރ އަދި ރަނާއަޕް ޓީމަށް 25،000 ހުށަހަޅާފައިވާ މި މުބާރާތަކީ މިހާތަނަށް އޭދަފުށީގައި ބާއްވާ އެންމެ އަގުބޮޑު ފުޓް ބޯޅަ މުބާރާތެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. އަހްމަދު ރަޝީދު (ސީޓޭ)

    ޑިޕޮސިޓް ނުދެއްކިޔަސް، “ރައީސް ޔާމިން 2018″ ފުޓްބޯލް ޗެލެންޖް މުބާރާތް ކުރިޔަށް ގެންދާނެ. ނުވެސް ހުއްޓުވޭނެ. އެކަން ކުރެވޭނެ އެއްވެސް ބަޔަކު އޭދަފުށްޓަކު ނެތް.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.