
ބ. ފެހެންދޫ އިން ފާތުމަތު ޒުހުދާ އަދި ތޯރިގް އަބްދުއްރަހްމާން
އުދަ އަރާފާނެ ކަމަށް މެޓުން ލަފާކޮށްފައިވާ ރަށްރަށުގެ ތެރޭގައި ހިމެނޭ މިއަތޮޅު ފެހެންދޫ އާއި ފުޅަދޫ ތައްޔާރީ ހާލަތަށް އަތުވެއްޖެ އެވެ.
ރާއްޖޭގެ ބައެއް ހިސާބުތަކަށް އުދަ އަރާފާނެ ކަމަށް މެޓުން ލަފާކޮށްފައިވާތީ އެންމެ ރަނގަޅު ގޮތަކީ އެކަމަށް ފަރުދީ އަދި ރަށު ފެންވަރުގައި ވެސް ވީހާ ވެސް ރަނގަޅަކަށް ތައްޔާރުވެ ތިބުން ކަމަށް ޑިޒާސްޓާ މެނޭޖްމަންޓުން ރޭ ވަނީ ބުނެފަ އެވެ.
ފެހެންދޫ ކައުންސިލުގެ ރައީސް މޫސާ ނަސީމު ވިދާޅުވީ އެރަށަށް އުދަ އަރާފާނެ ކަމަށް ލަފާކުރެވޭތީ، އެކަމަށް ރައްކާތެރިވުމަށްޓަކައި އިސްނަގައިގެން މަސައްކަތް ކުރާނެ ޓާސްކް ފޯހެއް އުފައްދައި މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެގޮތުން އުދައިގެ ސަބަބުން ލިބިދާނެ ގެއްލުންތަކާއި އެފަދަ ހާދިސާއެއް ދިމާވެއްޖެ ނަމަ، އަމަލުކުރާނެ ގޮތުގެ މައުލޫމާތު އެ ދެ ރަށުގެ ރައްޔިތުންނަށް ވެސް މިހާރުވަނީ ދީފައެވެ. އަދި އެފަދަ ހާދިސާއެއް ދިމާވެއްޖެ ނަމަ ހުރިހާ ރައްޔިތުންވެސް ޓާސްކް ފޯހުގެ އިރުޝާދުގެ ދަށުން އަމަލު ކުރުމަށް އެ ދެ ރަށުގެ ރައްޔިތުންނަށް ރަށު ކައުންސިލުންވަނީ އަންގައިފަ އެވެ.
މިގޮތުން އެ ފަދަ ހާލަތެއް ދިމާވެއްޖެ ނަމަ ރައްޔިތުން ސްކޫލަށް އައުމަށް އެ ރަށްރަށުގައި ވަނީ އާއްމުންނަންވަނީ އަންގައިފަ އެވެ.

“ޓާސްކް ފޯހުން މިހާރު އިންޖީނުގޭ ދޮށުގައި ވެލި ބަސްތާތައް ޖެހުމުގެ މަސައްކަތް ކުރަމުންދަނީ. އަދި ސްކޫލުގައި މީހުނަށް ތިބެވޭނެ އިންތިޒާމުތައްވެސް ހަމަޖައްސަމުން އެބަދޭ” މޫސާ ނަސީމު ވިދާޅުވި އެވެ.
ފުލުހުންވެސް މިއަދު މެންދުރުފަހު މި ދެ ރަށަށް ވަޑައިގެން ޓާސްކް ފޯހާ ގުޅިގެން ދަނީ މަސައްކަތް ކުރަމުންނެވެ.
ޑިޒާސްޓާ މެނޭޖްމަންޓުން ބުނީ މިފަދަ ގުދުރަތީ ހާދިސާތަކުގައި އެންމެ ރަނގަޅު ގޮތަކީ ދުރާލާ ތައްޔާރުވުމާ އެކު ކަމާ ގުޅުން ހުރި ދާއިރާތަކުން ފޯރުކޮށްދޭ ސައްހަ މައުލޫމާތުތަކަށް ސަމާލުވުން ކަމަށެވެ.
“މި ސެންޓަރުގެ ފަރާތުން ރައްޔިތުންނަށް ދޭން ބޭނުންވާ މެސެޖަކީ ރަށު ފެންވަރުގަޔާއި އަދި ފަރުދީ ފެންވަރުގައި، އުދަ އަރާފާނެ ކަމަށް ވީ އެންމެ ރަނގަޅަކަށް ތައްޔާރުވުމެވެ،” ޑިޒާސްޓާ ސެންޓަރުން ބުންޏެވެ.
އުދަ އެރުމުގެ ފުރުސަތު ބޮޑުވާނެ ކަމަށް މެޓުން ލަފާކުރީ މި މަހު 28 ގައި ދުނިޔެއާ ހަނދު ވަރަށް ބޮޑަށް ކައިރިވާނެތީ އެވެ. ހަނދު ކައިރިވާ އިރު އެ ދުވަހު، ވަރަށް މަދުން ނޫނީ ނުފެންނަ ކަހަލަ “ރަތް ހަނދު ކޭތަ” ވެސް ހިފަ އެވެ.
ދުނިޔެއާ ހަނދު ކައިރިވާ ވަރަކަށް ކަނޑުގެ ލޮނުގަނޑުގެ އިސްމިނާއި އޮއި ވަރަށް ބޮޑެތި ބަދަލުތަކެއް އާދެ އެވެ. މެޓުން ލަފާކުރާ ގޮތުގައި ރާއްޖޭގެ ކަނޑުތަކުގެ ބާނި ތިން ފޫޓާއި ހަ ފޫޓަށް އުފުލުމުގެ ފުރުސަތު އެބަ އޮތެވެ.