
ގައުމީ ފުޓްބޯޅަ ޓީމުގެ ސްކޮޑަށް ނަގާފައިވަނިކޮށް، ޓީމުގެ ހުއްދަ ނުހޯދައި ނިއު ރޭޑިއަންޓުގެ އަލީ ފާސިރު (ސެންޓޭ) ބ. އޭދަފުށީގައި އޮތް ބޮޑު އީދު ފުޓްބޯޅަ މުބާރާތުގައި ކުޅެފައިވާތީ އޭނާ ގައުމީ ސްކޮޑުން ބޭރުކޮށްފި އެވެ.
ވޯލްޑް ކަޕް ކޮލިފައިންގައި އަންނަ މަހު ބޫޓާނާއި ގަތަރާ ދެކޮޅަށް ކުޅޭ މެޗަށް ގައުމީ ޓީމު އިއްޔެ ސ. ހިތަދޫގައި ޕްރެކްޓިސް ފެށި އިރު މީގެ ތެރެއިން ސެންޓޭ އަށް ވަނީ ޕްރެޒިޑެންޓްސް ކަޕުގެ ފައިނަލް އޮތުމުން ނިއު ރޭޑިއަންޓާ އެކު ޕްރެކްޓިސް ކުރުމަށް ހުއްދަ ދީފަ އެވެ.
ސެންޓޭގެ އިތުރުން ކްލަބް އީގަލްސްގެ އަހުމަދު ރިޒްވާންވެސް ވަނީ ހުއްދަ ނުހޯދައި އެހެން މުބާރާތެއްގައި ކުޅުމުގެ ސަބަބުން ގައުމީ ސްކޮޑުން ބޭރުކޮށްލައިފަ އެވެ. އެކަމަކު އީގަލްސް އަށް މުބާރާތް ނިމިފައިވާތީ ރިޒްވާން ޕްރެކްޓިހަށް ހާޒިރުވާން ވަނީ އަންގައިފަ އެވެ.
އެފްއޭއެމުން ބުނީ ގައުމީ ޓީމުގެ ސްކޮޑަށް ނަގައި، އަދި އިއްޔެ ހަވީރު ޕްރެކްޓިސް އޮއްވާ ޓީމަށް ނާންގައި ދެ ކުޅުންތެރިން އެހެން މުބާރާތެއްގައި ކުޅެފައިވާތީ ދެ ކުޅުންތެރިންނަށް ސްކޮޑުން ފުރުސަތު ނުދޭން ކޯޗިން ސްޓާފުން ނިންމީ ކަމަށެވެ.
ސެންޓޭ އަކީ ގައުމީ ޓީމުން ގަވާއިދުން ޖާގަ ހޯދަމުން އަންނަ ގައުމީ ޓީމުގެ މުހިއްމު ކުޅުންތެރިއެކެވެ. އެކަމަކު މިދިޔަ އަހަރުގެ ފަހުކޮޅު އޭނާގެ ފައި އޮޕަރޭޝަންކުރި ފަހުން ކުރީގެ ފޯމަށް އަދި ނޭޅެ އެވެ. / ހަވީރު އޮންލައިން