ޓެރަރިޒަމާ ދެކޮޅު ދުއާ ކިއުމުން ބައިބައިވުން އުފެދިދާނެ: ތުޅާދޫ ކައުންސިލް

ބ. ތުޅާދޫ ކައުންސިލް. ފޮޓޯ: ރާއްޖެ
ބ. ތުޅާދޫ ކައުންސިލް. ފޮޓޯ: ރާއްޖެ

ނުބައި ރޭވުންތަކުންނާއި ޓެރަރިޒަމްގެ އަމަލުތަކުން ރައީސް އަބްދުﷲ ޔާމީނާއި ރައްޔިތުން ސަލާމަތް ކުރެއްވުން އެދި ދުއާކުރަން އިސްލާމިކް މިނިސްޓްރީން މިސްކިތްތަކަށް އެންގުމުން އެކަމާ ދޭތެރޭ ބައެއް މީހުންގެ މެދުގައި ހިޔާލުތަފާތުވުންތައް އުފެދިއްޖެ ކަމަށް ހަވީރުން މިއަދު ރިޕޯޓް ކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީން ފޮނުވި ދުއާ ކޮންމެ ނަމާދަކަށް ފަހު މިސްކިތްތަކުގައި ކިޔަން ފެށުމުން ބައެއް މީހުން ވަނީ ހިތްހަމަނުޖެހުންފާޅުކޮށް ކައުންސިލްތަކަށް ޝަކުވާ ހުށަހަޅައިފަ އެވެ. ރައްޔިތުންގެ ޝަކުވާއާ ގުޅިގެން ބ. ތުޅާދޫ ކައުންސިލްގައި ވަނީ އިސްލާމިކް މިނިސްޓްރީން ފޮނުވި ދުއާ ކިޔުން މެދުކަނޑާލައިފަ އެވެ. އަދި އައްޑޫގެ ބައެއް މިސްކިތްތަކުގައި ވެސް މިި ދުއާއެއް ނުކިޔަ އެވެ.

ތުޅާދޫ ކައުންސިލުން ބުރާސްފަތި ދުވަހު ނެރުނު ބަޔާނުގައި ބުނީ ކޮންމެ ނަމާދެއްގެ ފަހުގައި ދުއާ ކިޔަން ފެށުމުން ރައްޔިތުންގެ ޝަކުވާ ލިބެމުންދާ ކަމަށެވެ. އެ ޝަކުވާތަކާ ގުޅިގެން މިސްކިތްތަކުގެ މުދިމުންނާއި ސުވާލުކުރުމުން، ބައެއް މީހުން ދުއާ ކިޔަން ފެށުމުން ފަހަތަށްޖެހި ދުއާގައި ބައިވެރިނުވާ ކަމަށް މުދިމުން ބުނެފައިވާ ކަމަށް ކައުންސިލްގެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައި ބުނިގޮތުގައި އެ ދުއާ ނުކިޔަން ބައެއް މީހުން މުދިމުން ގާތު އެދެ އެވެ. އަދި ތުޅާދޫ މިސްކިތްތަކުގައި ދުއާ ކިޔަން ފެށިފަހުން ޖަމާއަތުގައި ނަމާދުކުރާ މީހުން މަދުކަން މުދިމުންގެ ބަހުން އެނގޭ ކަމަށް ވެސް ތުޅާދޫ ކައުންސިލުން ބުންޏެވެ.

ދީނީ ގޮތުން ބައިބައިވުމެއް އުފެދިދާނެތީ ދުއާ ކިޔުން މެދުކަނޑާލާފައިވާ ކަން އަންގައި، އިތުރަށް އެކަމުގައި އަމަލުކުރާނެ ގޮތެއް އަންގައިދޭން ތުޅާދޫ ކައުންސިލުން ވަނީ އެދިފަ އެވެ.

އިސްލާމިކް މިނިސްޓްރީން މިދިޔަ ހަފުތާގައި މިސްކިތްތަކަށް ފޮނުވި ސާކިއުލާއެއްގައި، މިދިޔަ ބުދަ ދުވަހުން ފެށިގެން އެއް މަސް ދުވަސް ވަންދެން ކޮންމެ ނަމާދެއްގެ ފަހަތުގައި އެ މިނިސްޓްރީން އާއްމުކޮށްފައިވާ ދުއާ ކިޔަން އަންގާފައިވެ އެވެ. އެކަމަކު ދުއާ ކިޔަން އެންގި ސަބަބެއް ސާކިއުލާގައި ބުނެފައެއް ނުވެ އެވެ.

“ނުބައި ރާވާ ރޭވުންތައް ރާވާ މީހުންގެ ރޭވުންތަކުންނާއި ޓެރަރިޒަމްގެ އަމަލުތަކުންނާއި މަކަރުވެރިންގެ މަކަރުތަކުންނާއި ހަސަދަވެރިންގެ ހަސަދަތަކުން އަޅަމެންގެ ވަލިއްޔުލް އަމުރާއި ރައްޔިތުންނާއި އަޅަމެންގެ ރާއްޖެ ސަލާމަތްކުރައްވައި ރައްކާތެރިކުރައްވާފާނދޭވެ،” އިސްލާމިކް މިނިސްޓްރީން ފޮނުވި ދުއާގައިވެ އެވެ.

ރައީސާއި ރައްޔިތުން އަދި ގައުމު ސަލާމަތަށް އެދި ދުއާކުރަން މިނިސްޓްރީން އަންގާފައި މިވަނީ ހައްޖުގެ އަޅުކަމަށް ފަހު ރައީސް ޔާމީންގެ ދެކަނބަލުން ހުޅުލެ އިން މާލެ ވަޑައިގެންނެވި ލޯންޗްކޮޅުގައި އެއްޗެއް ގޮވުމުގެ ހާދިސާ ކުރިމަތިވެފައި ވަނިކޮށެވެ. އެ ހާދިސާގައި ރައީސްގެ އަނބިކަނބަލުން ފާތުމަތު އިބްރާހީމާއި އިތުރު ދެ މީހަކަށް އަނިޔާވި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.