ކާދުހަދަން ދަސްކުރުމަށް ށ. މާއުނގޫދޫ ކައުންސިލަރުން މާޅޮހަށް

މާޅޮހު ވޭސްޓް މެނޭޖްމަންޓް ސެންޓަރުގައި ކާދު ތައްޔާރުކުރަނީ
މާޅޮހު ވޭސްޓް މެނޭޖްމަންޓް ސެންޓަރުގައި ކާދު ތައްޔާރުކުރަނީ

އުކާލެވޭ ކުނިން ގަސްކާނާ ތައްޔާރުކޮށް ކުނި މެނޭޖްކުރުމާބެހޭގޮތުން ތަޖުރިބާ ހޯދުމަށް ށ އަތޮޅު މާއުނގޫދޫ ކައުންސިލު މެމްބަރުން ބ. މާޅޮހަށް ދަތުރުކޮށްފި އެވެ.

މާއުނގޫދޫ ކައުންސިލުން ބުނި ގޮތުގައި އެ ކައުންސިލްގެ ތިން މެމްބަރުންނާއި، ދެ މުވައްޒަފަކު ހޯމަދުވަހު މާޅޮހަށް ކުރި ދަތުރުގައި އެރަށުގައި ކުނި މެނޭޖްކުރާގޮތް ދަސްކުރުމުގެ ގޮތުން ޓްރޭނިން ވަނީ ދީފައެވެ. އަދި އެމަސައްކަތް ކުރިޔަށްގެންދިއުމާބެހޭ ގޮތުން ހޯދަންބޭނުންވާ މައުލޫމާތުތައްވެސް މާޅޮހު ކައުންސިލުން ދީފައިވާކަމަށް މާއުނގޫދޫ ކައުންސިލުން ބުންޏެވެ.

މާއުނގޫދޫ ކައުންސިލްގެ މެމްބަރު ހަސަން ފިރުދައުސް ވިދާޅުވީ މިލިބުނު ތަޖުރިބާތަކުން އުކާލެވޭ ކުނިން ކާދުހަދާނެ ގޮތާއި، ދަޅު، ފުޅި ނައްތާލުމުގެ މަސައްކަތް ކުރާނޭގޮތުގެ މައުލޫމާތު ވަރަށް ފުރިހަމައަށް ލިބިއްޖެކަމަށާއި ރަށަށް ގޮސް މި މަސައްކަތް ފެށުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

މާއުނގޫދޫ ކައުންސިލުން މާޅޮހު ކައުންސިލާ ބައްދަލުކުރަނީ
މާއުނގޫދޫ ކައުންސިލުން މާޅޮހު ކައުންސިލާ ބައްދަލުކުރަނީ

އޭނާ ވިދާޅުވީ މިމަސައްކަތް ދަސްކުރުމަށް މާޅޮހަށް ޒިޔާރަތްކުރަންޖެހުނީ މިވަގުތު ރާއްޖޭގައި ކުނިމެނޭޖްކުރުމުގެ މަސައްކަތް އެންމެ ރަނގަޅު ފެންވަރަކަށް ކުރަމުން ދަނީ މާޅޮހުގައި ކަމަށްވާތީ ކަމަށެވެ. އޭނާ ވިދާޅުވީ މާޅޮހު ކައުންސިލަރުންގެ އެހީތެރިކަން މިދަތުރުގައި ވަރަށްބޮޑަށް ލިބުނު ކަމަށެވެ.

މިދަތުރުގައި ބ. އަތޮޅުގެ ރިސޯޓެއްކަމުގައިވާ ސޮނެވާފުށީގައި ކުނި މެނޭޖްކުރުމުގެ މަސައްކަތް ހިނގާ ނުހިނގާގޮތް ބެލުމަށް އިއްޔެ އެރަށަށް ދަތުރު ކުރިކަމަށްވެސް ފިރުދައުސް ވިދާޅުވިއެވެ.

މާޅޮހު ކައުންސިލްގެ މެމްބަރ އަދި ޓްރޭނިންގް ޕްރޮގްރާމްގެ އިސްބޭފުޅާ އަބްދުލްމަތީން ސޯލިހް ވިދާޅުވީ މިފަދަ ތަޖުރިބާއެއް ހޯދުމަށް ށ. މާއުނގޫދޫ ކައުންސިލުން އެރަށް ހިޔާރުކުރި ކުރުމަކީ ވަރަށް އުފާކުރާ ކަމެއްކަމަށާއި މާޅޮހުގެ ކުނި މެނޭޖްކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާކޮށް ކުރިޔަށް ގެންދިއުމަށް މިކަމުންވެސް އިތުރު ހިތްވަރެއް ލިބިއްޖެ ކަމަށެވެ.

މާޅޮހު ވޭސްޓް މެނޭޖްމަންޓް ސެންޓަރުގައި ކާދު ތައްޔާރުކުރަނީ
މާޅޮހު ވޭސްޓް މެނޭޖްމަންޓް ސެންޓަރުގައި ކާދު ތައްޔާރުކުރަނީ

ކުނި މެނޭޖްކުރުމުގެ މަސައްކަތް ބ. އަތޮޅުގެ ހުރިހާ ރަށެއްގައި ފެށުމަށް ތައްޔާރުވަމުންދާއިރު، މިކަން އަމަލީގޮތުން މިއަތޮޅުގައި ހަމައެކަނި އަދި ފެށިފައިވަނީ މާޅޮހުގަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.