
ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ސެކަންޑްރީން ހުރިހާ ގޮތަކުން އެންމެ ރަނގަޅު ދަރިވަރަކަށް މުުހައްމަދު އަހްނަފް އިބްރާހީމް އަދި ހަޔާ ސެކަންޑަރީން އެންމެ ރަނގަޅު ދަރިވަރަކަށް އައިޝަތު ހަނާ ހޮވައިފި އެވެ.
އެ ސްކޫލުގައި ރޭ ބޭއްވި އިނާމު ދިނުމުގެ ޖަލްސާގައި، އެ ދެ ދަރިވަރުންނަށް އިނާމް ހަވާލުކޮށްދެއްވީ ޝަރަފްވެރި މެހުމާން ތައުލީމާބެހޭ މިިނިސްޓަރުގެ ނައިބް އިބްރާހިމް އިސްމާއިލް އެވެ.
އަހްނަފް ވަނީ މިދިޔަ އަހަރު ބޭއްވި އޯ ލެވެލް އިމްތިހާނުން ރާއްޖޭގެ ގަދަ 10ގެ ދެ ވަނައިގައި ވެސް ހިމެނިފަ އެވެ. އަދި ހަނާ ވަނީ މިއަހަރު ބޭއްވި އޭލެވެލް ޓޮޕް ޓެން ދެ ވަނައިގައި ހިމެނޭ ވަރަށް ފާސް ހޯދައިފަ އެވެ.
އަހްނަފް އާއި ހަނާ ބުނިގޮތުގައި، ރަނގަޅު ނަތީޖާއެއް ހޯދަން، ކުލާހުގައި ކިޔެވުމުގެ އިތުރުން ސްކޫލްގެ އިތުރު ހަރަކާތްތަކުގައި ވީހާވެސް ބޮޑަށް ބައިވެރިވުން މުހިއްމެވެ. އަދި ރަނގަޅު ކާމިޔާބީއެއް ހޯދަން ދީނީ އަޅުކަން އަދާކޮށް، މައިން ބަފައިންނާއި މުދައްރިސުންގެ ބަސް އަހައި، ޓީޗަރުން ކިޔަވައިދޭ ފިލާވަޅުތައް ކަނުލައި އަޑުއެހުން މުހިއްމުކަން އެ ދެ ދަރިވަރުން ފާހަގަ ކުރި އެވެ.

ރޭ ވަނީ އެ ސްކޫލުން އެކި ވަނަތައް ހޯދި 150 އަށް ވުރެ ގިނަ ކުދިންނަށް އިނާމު ދީފަ އެވެ. އޭގެ ތެރޭގައި އޯލެވެލް އަދި އޭލެވެ އިމްތިހާނުން ހުރިހާ މާއްދާއަކުން އެއްވަނަ ހޯދި ދަރިވަރުންނަށް ލެޕްޓޮޕް ވެސް ދިނެވެ. މިއީ އެ ސްކޫލުގެ “ޓްރަސްޓް ފަންޑު”ގެ ދަށުން މިއަހަރު ތައާރަފު ކުރި އިނާމެކެވެ.
އެ ޖަލްސާ ޝަރަފުވެރިކޮށްދެއްވަމުން ތައުލީމާބެހޭ މިނިސްޓަރުގެ ނައިބް އިބްރާހިމް އިސްމައީލް ވިދާޅުވީ ހަރުދަނާ އަހުލާގާއި އަދަބުވެރި ރިވެތި ސުލޫކުމަތީ ތަރުބިއްޔަތުވުމަކީ ދަރިވަރުންގެ ކުރިމަގަށްޓަކައި ކޮންމެހެން ކުރާން ޖެހޭ ކަމެއް ކަމަށެވެ.
ސަރުކާރުން 1978 ވަނަ އަހަރު ސަރުކާރުން އަތޮޅު ތެރޭގަިއ ހުޅުވި ފުރަތަމަ ބ. އަތޮޅު ތައުލީމީ މަރުކަޒުން ވަނީ ތައުލީމީ ރޮނގުން ފާހަގަ ކޮށްލެވޭ ގިނަ ކާމިޔާބީތަކެއް ހޯދާފަ އެވެ. އެގޮތުން 2000 ވަނަ އަހަރު އެ ސްކޫލުވަނީ އޯލެވެލް އިމްތިހާނުން މުޅި ރާއްޖެއިން އެއްވަނަ މަގާމު ވެސް ހޯދައިފަ އެވެ. އަދި ކޮންމެ އަހަރަކުވެސް އެ ސްކޫލުގެ ދަރިވަރުން އޯލެވެލް އާއި އޭލެވެލް އިމްތިހާނުން އަންނަނީ ބޮޑެތި ކާމިޔާބީތަކެއް ހޯދަމުންނެވެ. މިކަން ވަނީ ރޭގެ ރަސްމިއްޔާތުގައި ފާހަގަ ކޮށްފަ އެވެ.
ބ. އަތޮޅު ތައުލީމީ މަރުކަޒުގައި ރޭ ބޭއްވި އެ ރަސްމިއްޔާތު ވަނީ ދައުލަތުގެ ޓީވީ ކަމަށްވާ ޓެލެވިޒަން މޯލްޑިވްސް (ޓީ.ވީ.އެމް)އިން މުޅިން ލައިވް ކޮށްފަ އެވެ. މިއީ އެހެން ރަށެއްގެ ތައުލީމީ މުއައްސަސާއެއްގެ ދަރިވަރުންގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާއެއް މުޅިން އަލަށް ލައިވް ކުރި ފުރަތަމަ ފަހަރެވެ.
Inaam libunu hurihaa dharivarunnah maruhabaa dhannavan.
މަރުޙަބާ.