ސޮނެވާފުށީގައި އެޕްރެންޓިސްޝިޕް ޕްރޮގްރާމެއް ފަށައިފި

ސޮނެވާފުށި ރިސޯޓުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވި ދަރިވަރުން
ސޮނެވާފުށި ރިސޯޓުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވި ދަރިވަރުން

“ޖޫނިއާ ހޮސްޓް” ގެ ނަމުގައި ސޮނެވާފުށި ރިސޯޓުގައި އެޕްރެންޓިސްޝިޕް ޕްރޮގްރާމެއް މިއަދު ފަށައިފި އެވެ.

އޭލެވެލް ނިންމި ދަރިވަރުންނަށް ހާއްސަކޮށްގެން މިއަދު ފެށީ އެ ޕްރޮގްރާމުގައި އެކި ޑިޕާޓްމަންޓުތަކުގެ މަސައްކަތްތައް ކިޔަވައިދޭ މި ޕްރޮގްރާމްގައި ރާއްޖޭގެ އެކި ހިސާބުތަކުން 16 ދަރިވަރުން ބައިވެރިވެފައިވެ އެވެ.

ސޮނެވާފުށީ ރިސޯޓުން ބުނި ގޮތުގައި އެޕްރެންޓިސްޝިޕް ޕްރޮގްރާމް ކުރިއަށް ގެންދާއިރު ސޮނެވާފުށީގައި އެ ދަރިވަރުން އެކި ޑިޕާޓްމަންޓްތަކުގައި އަމަލީ ގޮތުން ހަރަކާތްތެރިވާނެ އެވެ. އެއް އަހަރު ދުވަހުގެ މުއްދަތަށް ބާއްވާ މި ޕްރޮގްރާމަށް ބައިވެރިން ހޮވާފައިވަނީ ސޮނެވާފުށީގެ އެކި ޑިޕާޓްމަންޓުތަކުގެ އިސްވެރިން އަތޮޅުތަކަށް ވަޑައިގެން، ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރުމަށް ޝައުގުވެރިވާ 200 ދަރިވަރުންނާ އިންޓަވިއުކޮށް ޓެސްޓެއް ހެދުވުމަށްފަހު އެވެ.

އޭގެ ތެރެއިން މި ޕްރޮގްރާމަށް ހޮވުނު 16 ދަރިވަރުން ޕްރޮގްރާމްގައި ބައިވެރިވުމުގެ ލިޔުން މިއަދު ހަވާލުކުރި އެވެ.

ޑރ ލަތީފް ސޮނެވާފުށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަނީ –
ޑރ ލަތީފް ސޮނެވާފުށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަނީ –

ލިޔުން ހަވާލުކުރުމަށް ސޮނެވާފުށީގައި ބޭއްވި ރަސްމިއްޔާތުގައި ގައުމީ ޔުނިވާސިޓީގެ ޗާންސެލަ ޑރ. މުހައްމަދު ލަތީފް ވިދާޅުވީ، މިފަދަ ޕްރޮގްރާމްތަކުގެ ސަބަބުން، ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރަން ބޭނުންވާ މީހުން، މަސައްކަތުގެ މާހައުލު ތަޖުރިބާކޮށް ގިނަ ފިލާވަޅުތަކެއް ދަސްވާނެ ކަމަށެވެ.

ޑރ ލަތީފް ވިދާޅުވީ ތައުލީމް ހާސިލުކުރެވޭނީ ހަމައެކަނި ކްލާސް ރޫމެއްގައި އިނދެގެން ނޫން ކަމަށާއި އަމަލީ ގޮތުން މަސައްކަތް ކޮށްގެން ވެސް ތައުލީމް ހާސިލުކުރެވޭނެ ކަމަށެވެ. އަދި އެގޮތަކީ މާ ފައިދާހުރި ކަމެއް ކަމަށާއި ސޮނެވާފުށީން އެ ފުރުސަތު ދިވެހި ދަރިންނަށް ހުޅުވައިދެއްވީތީ ސޮނެވާފުށީގެ ޗެއާމަން ސޯނޫ އަށް ޝުކުރު ހައްގު ކަމަށް ޑރ ލަތީފް ވިދާޅުވިއެވެ.

ސޮނެވާފުށި ރިސޯޓުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވި ދަރިވަރަކަށް، ގައުމީ ޔުނިވަސިޓީގެ ޗާންސެލަ ޑރ. ލަތީފް މިއަދު ލިޔުން ހަވާލުކޮށްދެއްވަނީ.--
ސޮނެވާފުށި ރިސޯޓުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވި ދަރިވަރަކަށް، ގައުމީ ޔުނިވަސިޓީގެ ޗާންސެލަ ޑރ. ލަތީފް މިއަދު ލިޔުން ހަވާލުކޮށްދެއްވަނީ.–

އެ ރަސްމިއްޔާތުގައި ސޮނެވާފުށީގެ ޗެއާމަން އަދި ސީއީއޯ ސޯނޫ ޝިވްދާސާނީ ވިދާޅުވި ގޮތުގައި، މި ގްރޮގްރާމްގައި ކުރިން ބައިވެރިވެފައިވާ ދަރިވަރުން މިހާރު ސޮނެވާފުށި ފަދަ މަގުބޫލު ރިސޯޓުތަކުގެ މަތީ ވަޒީފާތައް އަދާކުރަމުންދެ އެވެ. އަދި މިފަހަރުގެ ޕްރޮގްރާމްގެ ބައިވެރިންނަކީ ވެސް އެހާ އުޖާލާ މުސްތަގުބަލެއް ލިބޭނެ ދަރިވަރުންނަށް ވެގެންދާނެ ކަމުގެ އުއްމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

“އަޅުގަނޑުގެ މި ރިސޯޓުގައި މަސައްކަތް ކުރާނެ މުވައްޒަފުން ހޮވުމުގައި އެންމެ ބޮޑު އިސްކަމެއް ދެނީ ދިވެހި ޒުވާނުންނަށް. ރިސޯޓަށް އަންނަ ގެސްޓުންގެ ހިދުމަތުގައި އަޅުގަނޑު ބޭނުންވަނީ ދިވެހިން ބައިތިއްބަން. އެއީ މި ގައުމަށް ވެސް ލިބޭނެ ބޮޑު ކުރިއެރުމެއް” ސޯނޫ ވިދާޅުވި އެވެ.

އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ފުރަތަމަ މަހުގައި ބައިވެރިންނަށް ރިސޯޓުގެ ހޮސްޕިޓަލިޓީ ދާއިރާގެ ހުރިހާ ޑިޕާޓްމަންޓުތަކުގެ މަސައްކަތްތަކާ ބެހޭގޮތުން މައުލޫމާތު ދިނުމުގެ އިތުރުން ތިއަރީގެ ބައިތައް ވެސް ކުރިއަށްދާނެ އެވެ. އަދި ބާކީ 11 މަހުގައި، ދަރިވަރުން ކުރިއަށް ދާން ބޭނުންވާ ދާއިރާއެއް ކަނޑައަޅައި އެ ދާއިރާއަކުން ކިޔަވައިދެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.