މަރުވީ ޖިންސީ ގޯނާގެ ސަބަބުން ލިބުނު ކުއްޖެއް ކަމަށް ތުޅާދޫ އަންހެން މީހާ ބުނެފި

ބ. ތުޅާދޫ
ބ. ތުޅާދޫ

ކައިވެނިން ބޭރުން މިދިޔަ ޖުލައި މަހު ވިހެއުމުގެ ތެރޭގައި މަރުވި ކުއްޖާއަކީ މީހަކު ކުރި ޖިންސީ ގޯނާގެ ސަބަބުން ލިބުނު ކުއްޖެއް ކަމަށް ބ. ތުޅާދޫން ހައްޔަރު ކުރި އަންހެން މީހާ ކޯޓުގައި ބުނެފި ކަމަށާއި އެ މައްސަލާގައި ތުހުމަތު ކުރެވޭ މީހަކު އެބަހުރި ކަމަށް ފުލުހުން ބުނެފައިވާ ކަމަށް “ހަވީރު”ން ބުރާސްފަތި ދުވަހު ރިޕޯޓްކޮށްފިއެވެ.

ކުއްޖާ މަރުވި މައްސަލައިގެ އިތުރުން އަންހެން މީހާއަށް ޖިންސީ ގޯނާ ކުރި މައްސަލަ ވެސް ފުލުހުން މިހާރު ބަލަމުން އަންނަ ކަމަށް ޕޮލިސް މީޑިއާ އޮފިޝަލް ވިދާޅުވި ކަމަށާއި، މި ކަމުގައި ތުހުމަތު ކުރެވޭ މީހަކު މިހާރު ވެސް އެހެން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ ކަމަށްވެއެވެ.

އުމުރުން 18 އަހަރުގެ އަންހެން މީހާ ބަނޑަށް ހަތް މަހުގައި ވިހެއީ ހޮސްޕިޓަލަށް ނުގޮސް ގޭގައެވެ.

އެ ކުއްޖާ މަރުވި މައްސަލަ ބަލައިދޭން ތުޅާދޫ ސިއްހީ މަރުކަޒުން އެދުމުން ފުލުހުން އެ އަންހެން މީހާ ހައްޔަރުކޮށްގެން މާލެ ގެނަޔަސް ކްރިމިނަލް ކޯޓުން ސެޕްޓެމްބަރު މަހުގެ ފަހުކޮޅު ވަނީ އެ މީހާ ދޫކޮށްލައިފަ އެވެ.

މަރުވި ކުއްޖާއަކީ މީހަކު ޖިންސީ ގޯނާ ކުރުމުގެ ސަބަބުން ލިބުނު ކުއްޖެއް ކަމަށް އެ އަންހެން މީހާ ބުނީ އޭނާ ދޫކޮށްލި މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުގަ އެވެ.

އެ ވާހަކަ އޭނާ ހައި ކޯޓުގައި ބުންޏަސް އޭނާ އަލުން ބަންދުކުރަން އަންގައި، އެ ކޯޓުން އަންގާރަދުވަހު ކުރި އަމުރުގައި ވަނީ އެ ވާހަކައަކީ އެ މައްސަލާގައި ދައުވާ އުފުލުމުން ދެއްކިދާނެ ވާހަކައެއް ކަމަށާއި ބަންދާ މެދު ގޮތެއް ނިންމުމުގެ މި މަރުހަލާގައި އެ ވާހަކައަށް ރިއާޔަތް ނުކުރެވޭނެ ކަމަށެވެ.

ހައި ކޯޓުން އަންގާފައިވަނީ އަންގާރަދުވަހުން ފެށިގެން 15 ދުވަސް ވަންދެން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި އަންހެން މީހާ ބަންދުކޮށްފައި ބެހެއްޓުމަށެވެ. އެ ކޯޓުގެ އަމުރުގައި ވަނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ކުށުގެ ނުރައްކާތެރި ކަމަށް ބަލާއިރު އޭނާގެ ފަރާތުން މުޖްތަމައުގެ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބެލެވޭ ކަމަށާއި އެހެންވެ އޭނާ ބަންދުކުރަން ޖެހޭ ކަމަށެވެ.

ދަށު ކޯޓުން އެ މީހާ ދޫކޮށްލާފައިވަނީ ރާއްޖެއިން ބޭރަށް ނުދާން ޝަރުތުކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.