ރެޑްބުލް މުބާރާތުގެ އޭދަފުށި ކޮލިފައިން ފަސްކޮށްފި

_I9B0859resized

ރެޑްބުލް އިން އިންތިޒާމްކޮށްގެން އަންނަ ހުކުރު ދުވަހު އޭދަފުށިން ފެށުމަށް ތާވަލުކުރި ރެޑްބުލް ވިނިން ފައިވް ކޮލިފައިން ނޮވެމްބަރު މަހަށް ފަސްކޮށްފި އެވެ.

މިހާރު ހަމަޖެހިފައިވާ ގޮތުން އޭދަފުށީގައި ބާއްވާ ކޮލިފައިން އޮންނާނީ ނޮވެމްބަރު 13-14 އަށެވެ.

މުބާރާތް ފަސްކުރީ އަންނަ ހަފްތާ ބަންދުގައި މިނިވަން 50 ފުޓްބޯޅަ މެޗާއި “ފުނަ” ހަރަކާތް އޮންނާތީ އެވެ.

ރެޑްބުލް އިން އިންތިޒާމްކޮށްގެން މިދިޔަ ދެ އަހަރު ވެސް ރާއްޖޭގައި ބާއްވައި ޒުވާނުންގެ ބޮޑު މަގުބޫލުކަމެއް ހޯދި ވިނިން ފައިވް މުބާރާތް މި އަހަރު ކުރިއަށް ވުރެ ފުޅާކޮށް ބާއްވަން ވަނީ ނިންމައިފަ އެވެ.

ފުޓްސަލް ސްޓައިލަށް އެކަމަކު މުޅިން ތަފާތު ގަވާއިދަށް ކުޅޭ މި މުބާރާތުގެ ކޮލިފައިން އޭދަފުށީގެ އިތުރުން ރާއްޖޭގެ އަށް ސަރަހައްދެއްގައި ބޭއްވުމަށް ފަހު ފައިނަލް މުބާރާތް އޮންނާނީ މާލޭގައި ޑިސެމްބަރު 11-12 އަށެވެ. މިހާރު ހަމަޖެހިފައިވާ ގޮތުން ކޮލިފައިން ފަށާނީ މި މަހުގެ 30 ވަނަ ދުވަހު ޏ. ފުވައްލަކުގަ އެވެ.

ރެޑްބުލް އިން މި މުބާރާތް ދުނިޔޭގެ އެކި ހިސާބުތަކުގައި ބާއްވަ އެވެ. އެގޮތުން ރާއްޖޭގެ ޗެމްޕިއަން ޓީމަށް ދުނިޔޭގެ މުބާރާތުގައި ވާދަކުރުމަށް ބްރެޒިލްގެ ސަންޓޯސް އަށް ދިއުމުގެ ފުރުސަތު ދޭނެ އެވެ. ސަންތޯސް އަކީ ބްރެޒިލްގެ މަޝްހޫރު ސަންތޯސް އެފްސީ ނިސްބަތްވާ ކްލަބެވެ. އެއީ ބްރެޒިލްގެ ނޭމާ އާއި ރޮބީނިއޯ އަދި ޕެލޭ ވެސް ވިދާލި ކްލަބެވެ.

މިއީ ފުޓްސަލް ސްޓައިލުގެ މުބާރާތަކަށް ވިޔަސް އާއްމުކޮށް ކުޅޭ ފުޓްސަލް ނުވަތަ ފައިވް އޮން ފައިވްގެ ގަވާއިދުތަކާ މި މުބާރާތުގެ ގަވާއިދު ތަފާތެވެ. އެގޮތުން އެއްވެސް ޓީމެއްގައި ގޯލްކީޕަރެއް ނުހުންނާނެ އެވެ. އަދި އެއް ޓީމުން ލަނޑެއް ޖަހައިފި ނަމަ އަނެއް ޓީމުގެ ކުޅުންތެރިއަކު ވަގުތުން ފައިބަން ޖެހޭނެ އެވެ. ކޮންމެ މެޗަކަށް 10 މިނިޓު ކަނޑައަޅާފައި އޮތް ނަމަވެސް، ޓީމެއްގެ ކުޅުންތެރިން ހުސްވެއްޖެ ނަމަ އެ ވަގުތު ހަމަވުމުގެ ކުރިން މެޗު ނިމޭނެ އެވެ. ދެ ޓީމު އެއްވަރުވެގެން މެޗު ނިމިއްޖެ ނަމަ، ނަތީޖާ ކަނޑައަޅާނީ ޕެނަލްޓީ ޖަހައިގެންނެވެ.

މުބާރާތުގެ އޮފިޝަލް ޓީވީ ޕާޓްނަރަކީ ޕީއެސްއެމް އެވެ. އޮންލައިން ޕާޓްނަރަކީ ހަވީރު އޮންލައިން އެވެ.

ރެޑްބުލް ވިނިން ފައިވްގެ ކޮލިފައިން:

• ޏ. ފުވައްމުލައް : 30-31 ނޮވެމްބަރު
• ސ. ފޭދޫ : 30-31 ނޮވެމްބަރު
• ގ.ދ. ތިނަދޫ : 6-7 ނޮވެމްބަރު
• ހ.ދ. ކުޅުދުއްފުށި : 6-7 ނޮވެމްބަރު
• ގ.އ. ވިލިގިލި : 13-14 ނޮވެމްބަރު
• ބ. އޭދަފުށި : 13-14ނޮވެމްބަރު
• ޅ. ނައިފަރު : 20-21 ނުވެމްބަރު
• ކ. ކާށިދޫ : 27-28 ނުވެމްބަރު
• ކ. މާލެ : 4-5 ޑިސެމްބަރު
• ކ. މާލެ : 11-12 ޑިސެމްބަރު (ފައިނަލް)

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.