އުރަމަތީ ކެންސަރަށް ޗެކްކޮށްފިންތޯ؟

އުރަމަތީ ކެންސަރަށް ހޭލުންތެރިކުރުމަށް އައިޖީއެމްއެޗުގެ ގައިނީ ޑިޕާޓްމެންޓްގެ ބައެއް މުވައްޒަފުން  ފޮޓޯ ނަގަނީ.--ހަވީރު ފޮޓޯ:
އުރަމަތީ ކެންސަރަށް ހޭލުންތެރިކުރުމަށް އައިޖީއެމްއެޗުގެ ގައިނީ ޑިޕާޓްމެންޓްގެ ބައެއް މުވައްޒަފުން ފޮޓޯ ނަގަނީ.–ހަވީރު ފޮޓޯ:

 

އުރަމަތީގެ ކެންސަރަށް މީހުން ހޭލުންތެރިކުރުމުގެ ގޮތުން ސްކްރީން ކުރުމުގެ ޕްރޮގްރާމެއް އިއްޔެ އޭދަފުށީގައިވަނީ ފަށައިފަ އެވެ.

ސިންގަޕޫރުގެ މައުންޓް އެލިޒަބަތު ހޮސްޕިޓަލްގެ އުރަމަތީގެ ސާޖަރީ ޑޮކްޓަރުންގެ ޓީމަކާ ރާއްޖޭގެ ކެންސަ ސޮސައިޓީ ގުޅިގެން މިއަދުގެ ނިޔަލަށް މިރަށުގައި ކުރިއަށް ގެންދާ އެ ޕްރޮގްރާމުގައި ސްކްރީން ކުރަން ބޭނުންވާ އުމުރުން 20 އަހަރާއި 45 އަހަރާއި ދެމެދުގެ އަންހެނުންނާއި ފިރިހެނުންނަށް އެ ފުރުސަތުވަނީ ހުޅުވާލައިފަ އެވެ. އަދި އުރަމަތީގެ ކެންސަރު ސްކްރީނިން ޕްރޮގްރާމެއް މާދަމާ ތުޅާދޫގައިވެސް ކުރިއަށްގެންދަން އެ ސޮސައިޓީން ދަނީ ތައްޔާރުވަމުންނެވެ.

އުރަމަތީ ކެންސަރުގެ އަލާމާތްތައް

• އުރަމަތީގައި ގޮށެއް ނުވަތަ ބޯވެފައިވާ ތަންކޮޅެއް ހުރުން
• އުރަމަތީގައި ފަސޭހަ ނުވާ ފާރުކޮޅެއް ހުރުން
• އުރަމަތީގެ އެއް ދިމާލެއްގައި ދާއިމީ ތަދެއް ހުރުން
• އުރަމަތި ދުޅަވެފައި ނުވަތަ ހޫނުކޮށް ނުވަތަ ރަތްވެފައި ނޫނީ ކަޅުވެފައި ހުރުން

އުރަމަތީގެ ކެންސަރު ޖެހުމުގެ ފުރުސަތު އެންމެ ބޮޑީ އަންހެނުންނަށެވެ. މަދުން ނަމަވެސް ފިރިހެނުންނަށް ވެސް އެ ބަލި ޖެހުމުގެ ފުރުސަތު އޮތް ކަމަށް ވެ އެވެ.

އުރަމަތީ ކެންސަރަށް ހޭލުންތެރިކުރުމަށް މިދިޔަ ހަފްތާ މާލޭގައި ބޭއްވި ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އައިޖީއެމްއެޗުގެ ސީނިއާ ކޮންސަލްޓެންޓް އަދި ގައިނީ ޑިޕާޓްމެންޓްގެ ހެޑް ޑރ. އަސީލް ޖަލީލް ވިދާޅުވި ގޮތުގައި ލަދުވެތި ކަމެއް ކަމަށް ދެކޭތީ، އުރަމަތީގެ ކެންސަރުގެ ވާހަކަ ރާއްޖޭގައި ވަރަށް ނުދައްކަ އެވެ. އަދި އެ ކެންސަރު ޖެހުމުގެ ކުރިން ސްކްރީންކުރުމުގެ އާދަ ދިވެހިންގެ ކިބައިގައި ނެތްކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

އޭނާ ފާހަގަކުރެއްވިގޮތުގައި އުރަމަތީ ކެންސަރުން ރައްކާތެރިވެ ތިބުމަށްޓަކައި ކޮންމެ އަންހެނަކު ވެސް ގަވާއިދުން ސްކްރީންކުރަމުން ގެންދަން ޖެހެ އެވެ. އޭގެ ތެރޭގައި ހިމެނެނީ އަމިއްލަ އަށް އުރަމަތި ޗެކްކުރުމާއި ވަކި އުމުރަކަށް ވުރެ މައްޗަށް ދިޔުމުން މެމޮގްރާމް (އުރަމަތީގެ އެކްސް-ރޭ) ހެދުމެވެ.

ރާއްޖޭގައި އެންމެ ގިނައިން ޖެހޭ ކެންސަރަކީ އުރަމަތީގެ ކެންސަރު ކަމަށް ވެފައި މި ބަލި ޖެހޭ މިންވަރު އިތުރުވަމުންދާ އިރު އަންހެނުން ވަރަށް ބޮޑަށް ސަމާލުވެ ސީރިއަސް ވާން އެބަޖެހެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.