
އަންނަ އަހަރުން ފެށިގެން ޕްރީ-ސްކޫލުތައް ސަރުކާރު ސްކޫލުތަކުގެ ބެލުމުގެ ދަށަށް ބަދަލުކުރާގޮތަށް ހަމަޖެހުމާ ގުޅިގެން، ބ. އަތޮޅު ތައުލީމީ މަރުކަޒަށް ބޭނުންވާ ޓީޗަރުން ހޯދުމަށް އެ ސްކޫލުން ފަށައިފި އެވެ.
ބ. އަތޮޅު ތައުލީމީ މަރުކަޒުން ކޮށްފައިވާ އިއުލާނެއްގައިވާ ބުނެފައިވާ ގޮތުގައި އަންނަ އަހަރު އެ ސްކޫލުގައި ޕްރީ ސްކޫލު މަރުހަލާއަށް ކިޔަވައިދޭގޮތަށް ހަމަޖެހިފައިވާތީ ޔޫކޭޖީ އަދި އެލްކޭޖީ ކްލާސްތަކަށް ކިޔަވައިދިނުމަށް ޕްރީ ސްކޫލުގެ 6 ޓީޗަރުން ބޭނުންވެ އެވެ. ޓީޗަރުން ހޯދަން އިއުލާން ކޮށްފައިވަނީ އެއް އަހަރުދުވަހަށް ކޮންޓްރެކްޓް އުސޫލުންނެވެ.
މި ވަޒީފާއަށް ޓީޗަރުން ހޮވުމުގައި ފާއިތުވި އަހަރުތަކުގެ ތެރޭގައި ޕްރީ ސްކޫލް ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެކަމަށް އެ ސްކޫލުން ނެރުނު އިއުލާންގައި ވެ އެވެ.
މީގެ އިތުރުން ތައުލީމާއި ތަމްރީން ލިބިފައިވާ މިންވަރާއި މަސައްކަތުގެ ތަޖުރިބާ ލިބިފައިހުރި މިންވަރާއި ހުނަރާއި ފެންވަރާއި ގާބިލްކަމުގެ ސިފަތަކަށް ޓީޗަރުން ހޮވުމުގައި ބެލޭނަކަމަށްވެސް އެ ސްކޫލުން ބުނެ އެވެ.
މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ނޮވެމްބަރު 10 ވަނަ ދުވަހުގެ 1:30 ގެ ކުރިން ބޭނުންވާ ހުރިހާ ލިޔެކިޔެމެއް ސްކޫލަށް ހުށަހަޅަން ޖެހެ އެވެ.