ސޮބާ އަށް ކެއްކުމުގެ ރޮނގުން ގައުމީ އިނާމު

12232968_903525946368659_814074323_n

ބ. އޭދަފުށީ ބިންހިމަގޭ އަބްދުﷲ ސޮބާހަށް ފަތުރުވެރިކަމުގެ ދާއިރާއިން ކެއްކުމުގެ ހުނަރުވެރިކަން އިތުރުކުރުމުގެ ރޮނގުން ގައުމީ އިނާމު މިރޭ ލިބިވަޑައިގެންފި އެވެ.

ދިވެހި ދައުލަތުގެ ފަރާތުން ސޮބާއަށް މި ޝަރަފު އެރުވީ ދަރުބާރުގޭގައި މިހާރު ކުރިއަށްދާ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް އަބްދުﷲ ޔާމީނެވެ. މި ހަފުލާގައި ވަނީ އެކި ރޮނގުތަކުން ގައުމީ ފެންވަރުގެ ހިދުމަތް ފާހަގަ ކުރުމުގެ ގޮތުން 22 ފަރާތަކަށް ރައީސުލްޖުމްހޫރިއްޔާ އިނާމު ދެއްވައިފަ އެވެ.

ބ. އަތޮޅުގައި ހިންގާ ސޮނެވާފުށި ރިސޯޓްގެ ސޫ ޝެފްގެ މަގާމުގައި މިހާރު ހުރި ސޮބާ ވަނީ މިދިޔަ އޯގަސްޓް މަހު މޯލްޑިވްސް އެކްޒިބިޝަން އެންޑް ކޮންފެރެންސް ސާވިސް (މެކްސް) އިން އިންތިޒާމްކޮށްގެން ބޭއްވި ހޮޓެލް އޭޝިއާ ފެއާގައި ހިމެނޭ ކަލިނަރީ ޗެލެންޖްގައި ދިވެހި ޝެފުންނާއި ރާއްޖޭގައި މަސައްކަތްކުރާ އެކި ގައުމުތަކުން ގާތްގަނޑަކަށް 500 މީހުންނާ ވާދަކޮށް ރާއްޖޭގެ އެންމެ މޮޅު ޝެފްގެ މަގާމު ހޯދައިފައެވެ.

މީގެ އިތުރުން ވެސް މި ފެއާއިން ހަތަރު އެވޯޑު ސޮބާ ހޯދާފައިވެއެވެ. އަދި މި އިނާމުތައް ލިބުމަށް ފަހު ސޮބާ ރަށަށް އައުމުން އޭދަފުށީގެ ކުޑަބޮޑު އެންމެން ވަނީ އޭނާ އަށް ރަތް ދޫލައިގެ މަރުހަބާއެއް ކިޔައިފައެވެ.

ކަލިނަރީ ޗެލެންޖުން އެންމެމޮޅު ޝެފްގެ އެވޯޑް ހޯދުމަށްފަހު ރަށަށް އައުމުން ސޮބާއަށް މަރުހަބާ ކިޔަނީ-- އީޓީ ފައިލް ފޮޓޯ
ކަލިނަރީ ޗެލެންޖުން އެންމެމޮޅު ޝެފްގެ އެވޯޑް ހޯދުމަށްފަހު ރަށަށް އައުމުން ސޮބާއަށް މަރުހަބާ ކިޔަނީ– އީޓީ ފައިލް ފޮޓޯ

ޙައްވާ ޢަލީއާއި އަޙްމަދު މުޙައްމަދު ކައިވެނި ބައްލަވައިގެން ލިބިވަޑައިގެންނެވި 10 ދަރިންގެ ތެރެއިން އެންމެ ހަގު ކުއްޖާ ކަމަށްވާ، އޭދަފުށީ އާދައިގެ ޢާއިލާއަކަށް އުފަންވި ސޮބާ ތަޢުލީމް ޙާޞިލް ކުރީ އޭދަފުށީގައި ހުންނަ ބ.އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ. އެ ތަނުގެ ގްރޭޑް 9 ފުރިހަމަ ކުރުމަށްފަހު ޝަޢުޤުވެރިވާ ދާއިރާއިން ކުރިޔަށް ދިއުމަށްޓަކައި ގަދައަޅާ މަސައްކަތްކޮށް މިއަދު ވަނީ މުޅި އޭދަފުށި ފަހުރުވެރިވާ ފަދަ ހަރުފަތަކަށް ސޮބާ ވާސިލުވެފައި ކަމަށް، ރާއްޖޭގެ ކެފޭ ރެސްޓޯރަންޓްތައް ލިސްޓް ކުރާ ޑައިރެކްޓްރީ “އީޓް”ގައި ފާހަގަ ކޮށްފައިވެއެވެ.
ކެއްކުމުގެ ދާއިރަށް ޝަޢުޤުވެރިކަން އުފެދުނީ ސްކޫލުގެ ދައުރުގައި ކަމަށް ވެސް “އީޓް”ގައި މިދިޔަ މަހު އިނގިރޭސި ބަހުން ޝާއިއު ކުރި އިންޓަވިޔުއެއްގައި ސޮބާ ބުނެފައިވެއެވެ. އެއީ
ސުކޫލުގައި ސުކައުޓެއްގެ ގޮތުގައި ހަރަކާތްތެރިވަމުން ދިޔަ ދުވަސްތަކުގައި ސުކައުޓުގައި ކެއްކުމާއި އިސްތިރިކުރުމާއި އަދި މި ނޫން ވެސް އެހެނިހެން ދިރިއުޅުމުގެ މަސައްކަތްތައް ކުރަމުން ދިޔަ ދިއުމުގެ ތެރޭގައި އަމިއްލައަށް ކަންތައްތައް ކުރަން ޖެހުމުގެ ސަބަބުން ކަމަށް ސޮބާ ބުނެފައިވެއެވެ.

ޢަމަލީ ދާއިރާއަށް 1990 ގައި ނުކުތުމަށް ފަހު ސޮބާ ފުރަތަމަ މަސައްކަތް ކުރީ ކުރެއްދޫ ރިސޯޓުގައި ތަށި ދޮންނަ މީހެއްގެ ވަޒީފާއެވެ. އަދި ކެއްކުމުގެ ރޮގުން ކުރިޔަށްދެވޭނެގޮތުގެ ވިސްނުން ވެސް ކުރިއަށް ގެންދިޔައެވެ. އެހެންކަމުން އޭގެ ހަތަރު މަސް ފަހުން ޓޫރިޒަމް މިނިސްޓްރީ އާއި ޔޫއެންޑީޕީ ގުޅިގެން ހިންގި “ބޭސިކް ފުޑް ހައިޖިން”ގެ ދެ ހަފުތާގެ ކުރު ކޯހަށް ފަހު، މި ދާއިރާއަކީ ދިރިއުޅުމުގައި ކުރިޔަށް ދާން އެންމެ އެކަށީގެންވާ ދާއިރާ ކަމުގެ ޔަގީންކަން ލިބުނު ކަމަށް ސޮބާ ބުނެފައިވެއެވެ.

ކުރެއްދޫ ރިސޯޓްގައި އެއް އަހަރު ދުވަހު މަސައްކަތް ކުރުމަށް ފަހު، ސޮބާ އިތުރަށް ކިޔެވުމަށްޓަކައި ހޮޓެލް ސުކޫލަށް ބަދަލުވެ، އެ ތަނުގައި ތިން އަހަރު ދުވަހު ކިޔެވުމަށް ފަހު، އިތުރަށް ތަމްރީނު ހޯދުމުގެ ގޮތުން ރަންގަލި ރިސޯޓްއާ ގުޅި، އެ ތަނުގައި ހަ އަހަރު ދުވަސް ވަންދެން މަސައްކަތް ކުރިއެވެ. އެއީ ރަންގަލި ރިސޯޓް އާ ބަދަލުތަކަކާއެކު ހިލްޓަން މޯލްޑިވްސްގެ ނަމަށް ބަދަލު ކުރެވުނު އިރުއެވެ. އޭގެ ފަހުން ސޮބާގެ ވަޒީފާ ސްޕަވައިޒަރުގެ ވަޒީފާއަށް ބަދަލުވެ، “ޝެފް ދި ޕާރޓީ” ގެ މަޤާމް އަދާކުރިއެވެ.

އެއަށްފަހު ސޮބާ ލަންކާއިން ހަ މަސް ދުވަހުގެ ތަމްރީން ފުރިހަމަ ކުރުމަށް ފަހު އެނބުރި ޢަމަލީ މަސައްކަތް ފެއްޓީ ކިހާދުއްފަރު ރިސޯޓް ގައެވެ. ނަމަވެސް ކިހާދުއްފަރު ރިސޯޓްގެ މެނޭޖަމަންޓާ އުފެދުނު ހިތްނުތަނަވަސް ކަމެއްގެ ސަބަބުން އޭނާ ދެން ދިޔައީ ކޮކޯ ޕާމް ރިސޯޓްއަށެވެ. ކޮކޯޕާމްގައި ދެ އަހަރުގެ މުއްދަތަކަށް މަސައްކަތް ކުރުމަށް ފަހު، ބ. އަތޮޅުގައި ވިލާއިން ހިންގާ ރޯޔަލް އައިލެންޑް ރިސޯޓްއަށް ބަދަލުވިއެވެ.

އެއް ރިސޯޓުން އަނެއް ރިސޯޓަށް ބަދަލުވި ނަމަވެސް އަދާ ކުރަމުން ދިޔައީ ހަމަ ޝެފެއްގެ މަޤާމެވެ. އަދި ހަމަ އެހެންމެ ކުރިޔަށް ދިއުމަށް އަޒުމް ކަނޑައަޅާފައިވާ ދާއިރާ މަތިން ފޫހިވުމުގެ އެއްވެސް އަލާމާތެއް ނުފެނުނު ކަމަށް، ސޮބާގެ އިންޓަވިޔުގައި ބުނެފައިވެއެވެ.
ރޯޔަލް އައިލެންޑުގައި 10 އަހަރު އުޅުނު އިރު ވެސް މި ދާއިރާއިން ކުރިޔަށް ދެވޭނެ ގޮތްތައް ހޯދާ ބަލަމުން ދިޔަ ސޮބާ ވަނީ އިތުރު ތަމްރީންތަކާއި ތަޖްރިބާތައް ހޯދައިފައެވެ. ވަޒީފާގެ މާހައުލަކީ އުނގެނޭ އެދުރުގެއެއްގެ ގޮތަށް ދެކެމުން، އެ ގޮތުން ހިތްވަރާއި މިންނަތުން ކުރި މަސައްކަތުގެ ނަތީޖާއަކަށް ވެގެން ދިޔައީ ސޮބާ “ސޫ ޝެފް” އެއްގެ މަޤާމާ ހަމައަށް ވާސިލު ވެގެން ދިއުން ކަމަށް، “އީޓް”ގެ ރިޕޯޓްގައި ފާހަގަ ކޮށްފައިވެއެވެ.

ރޯޔަލް އައިލެންޑްގައި މަސައްކަތް ކުރިއިރު ރާއްޖޭގައި ބޭއްވުނު އެކިއެކި ކެއްކުމުގެ މުބާރާތްތަކުގައި 2000 ވަނަ އަހަރުން ފެށިގެން ސޮބާ ވަނީ ބައިވެރިވެ، އެކިއެކި ވަނަތައް ވެސް ހާސިލު ކޮށްފައެވެ:

• 2002 ވަނަ އަހަރު ހޮޓެލް އޭޝިއާ ކަލިނަރީ ޗެލެންޖު:
• “ހޮޓް ކުކިން މީޓް”ގެ ބައިން ލޯ މެޑެލް
• 2004 ގެ ހޮޓެލް އޭޝިއާ ކަލިނަރީ ޗެލެންޖު:
• “ހޮޓް ކުކިން މީޓް އެންޑް ސީ ފުޑް”ގެ ބައިން ލޯ މެޑެލް
• “ހޮޓް ކުކިން މީޓް” ގެ ބައިން ރިހި މެޑެލް
• 2006 ވަނަ އަހަރު ބޭއްވި ހޮޓެލް އޭޝިއާ ކަލިނަރީ ޗެލެންޖު:
• “ހޮޓް ކުކިންގ ލޭމްބް “ގެ ބައިން ރަން މެޑެލް
• “ހޮޓް ކުކިން ފިޝް” ގެ ބައިން ރިހި މެޑެލް
• 2007 ގެ ހޮޓެލް އޭޝިއާ ކަލިނަރީ ޗެލެންޖު:
• “ހޮޓް ކުކިންގ “ގެ ބައިން ލޯ މެޑެލް
• 2011 ވަނަ ހޮޓެލް އޭޝިއާ ކަލިނަރީ ޗެލެންޖު:
• މުޅި މުބާރާތުގެ ތިން ވަނަ
• “ހޮޓް ކުކިންގ ފިޝް”ގެ ބައިން ރިހި މެޑެލް
• “ހޮޓް ކުކިން ލޭމްބު” ގެ ބައިން ރިހި މެޑަލް
• 2012 ގެ ހޮޓެލް އޭޝިއާ ކަލިނަރީ ޗެލެންޖު:
• މުޅި މުބާރާތުން ތިން ވަނަ
• “ހޮޓް ކުކިންގ ފިޝް”ގެ ބައިން ލޯ މެޑެލް
• “ހޮޓް ކުކިން ލޭމްބު” ގެ ބައިން ރިހި މެޑަލް

ރޯޔަލްގައި މަސައްކަތް ކުރުމަށް ފަހު ސޮބާ ވަނީ އިތުރަށް މި ދާއިރާއިން ކުރިއަށް ދިއުމުގެ އަޒުމާއި މަގުސަދުގައި ލިބުނު ރަނުގެ ފުރުސަތުގެ ބޭނުން ހިފައިގެން ކުރިޔަށް ދިއުމަށްޓަކައި ސޮނެވާފުއްޓާ ގުޅިފައެވެ. ސޮނެވާ ފުށީގައި މަސައްކަތް ކުރަން ފެށީ ޖޫނިއަރ ސޫ ޝެފެއްގެ މަގާމުގައި ކަމަށް ވިޔަސް، ކުރެވުނު ޓެސްޓުގެ ނަތީޖާ އަކީ އޭގެ ތިން މަސް ފަހުން ސޮބާ ސޫ ޝެފެއްގެ މަޤާމަށް ބަދަލުވުން ކަމަށް، “އީޓް”ގެ ރިޕޯޓްގައި ބުނެފައިވެއެވެ.

ސޮނެވާފުއްޓާ ގުޅުމަށް ފަހު ސޮބާ ވަނީ އާ އުސްމިންތަކަކަށް ދަތުރުކޮށްފައެވެ. އެގޮތުން އެއްކުރަމުން ދިޔަ ތަޖުރިބާތަކާއި މައުލޫމާތުތައް މިހާރު އަންނަނީ އެހެނިހެން މީހުންނާއި ދަރިވަރުންނަށް ހިއްސާ ކުރަން ފަށައިފައެވެ. އެ ގޮތުން އެދުރެއްގެ ރޯލު އަދާ ކުރަން ވެސް މިހާރު ވަނީ ފަށައިފައެވެ.

މި ގޮތުގެ މަތިން ސޮބާ އިސްނަގައިގެން 2012 ވަނަ އަހަރުން ފެށިގެން ބ. އަތޮޅު ތަޢުލީމީ މަރުކަޒާއި ސޮނެވާފުށީ މެނޭޖްމަންޓާ ގުޅިގެން ސޮބާ އަންނަނީ ކެއްކުމުގެ މުބާރާތްތައް ރާވާ ހިންގަމުންނެވެ. ބ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ގްރޭޑް 4 އަދި 5 ގެ ދަރިވަރުންނަށް އަމާޒުކޮށް “ބޮޑުކައްކާ”ގެ ނަމުގައި މުބާރާތްތައް ބާއްވަމުން އަންނަތާ މި ވަނީ ހަތަރު އަހަރު ވެފައެވެ. ދަރިވަރުންނަށް ބޭނުންވާ މެޑަލް އާއި ޓްރޮފީ އާއި ޖެކެޓް ފަދަ ތަކެތި ވަނީ ސޮބާ އިސްނަގައިގެން ފޯރުކޮށްދެވިފައެވެ.

ގްރޭޑް 4-5 ގެ ދަރިވަރުންގެ ކެއްކުމުގެ މުބާރާތުގެ ތެރެއިން
ގްރޭޑް 4-5 ގެ ދަރިވަރުންގެ ކެއްކުމުގެ މުބާރާތުގެ ތެރެއިން

އަދި ހަމަ އެހެންމެ އެއްވަނައަށް ދާ ގުރޫޕްތަކަށް ރިސޯޓަށް ގެންގޮސް އެ ތަނުގެ މަސައްކަތްތައް ތަޖްރިބާ ކޮށްލުމުގެ ފުރުސަތު ވެސް ސޮބާ ވަނީ ހޯދައިދީފައެވެ. މީގެ ނަތީޖާއަކީ ކެއްކުމުގެ ދާއިރާއަކީ ކޮބައިކަން ދަރިވަރުންނަށް އެނގި، ތަޖުރިބާ ކުރެވި، އެ ދާއިރާއަށް ދަރިވަރުން ޝަޢުޤުވެރިވުމެވެ.

މިހާރު ވެސް ސޮނެވާފުށީގައި ސޫ ޝެފެއްގެ ވަޒީފާ އަދާކުރަމުން އަންނަ ސޮބާ އަށް މިހާތަނަށް އެންމެ ފަހުރުވެރި ވަނައެއް ލިބިފައިވަނީ މި އަހަރު ބޭއްވި އެފް.އެޗް.އޭ.އެމް 2015 ގެ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖް އެންޑް އެގްޒިބިޝަން މުބާރާތުގައެވެ:

• “ހޮޓް ކުކިން ލޭމްބު އެންޑް ބީފު”ގެ ބައިން ރަން މެޑެލް
• “ބެސްޓް މޯލްޑިވިއަން ޝެފް 2015” (މި އަހަރުގެ ރާއްޖޭގެ އެންމެ މޮޅު ޝެފްގެ މަގާމު)
• “ބެސްޓް ޝެފް އިން އެފް.އެޗް.އޭ.އެމް2015” (މުބާރާތުގެ އެންމެ މޮޅު ޝެފްގެ މަގާމު)
• “ވާލްޑް ޝެފް އެސޯސިއޭސަން އޭޝިއާ ކޮންޓިނެންޓަލް ޑައިރެކްޓަރު މެޑަލް” (ދުނިޔޭގެ ޝެފުންގެ ޖަމިއްޔާގެ އޭޝިއާ ބައްރުގެ ޑައިރެކްޓަރުގެ މެޑެލް)

ކާމިޔާބީއާ ހަމައަށް ވާސިލުވުމަށް ކުރަމުން ގެންދާ މަސައްކަތްތައް ސޮބާ އަދިވެސް ހުއްޓައެއް ނުލައެވެ. މިހާރު ގެންދަނީ ރާއްޖޭގެ އެތެރޭގައި ބޭއްވޭ މުބާރާތްތަކާއި ރާއްޖެއިން ބޭރުގައި ބޭއްވޭ މުބާރާތްތަކުގެ ފަނޑިޔާރުކަން ވެސް ކުރަމުންނެވެ.
މީގެ ކުރިން ރާއްޖޭގެ މުޖުތަމައު ބަލައި ނުގަތް މި ދާއިރާގައި ދެމިހުރެ، މުޖުތަމައު ދެކެމުން އައި ގޮތް ބަދަލު ކުރި “ފަހުލަވާނެއް”ގެ ގޮތުގައި “އީޓް”އިން ސޮބާ ސިފަ ކުރަމުން، މި ދާއިރާގައި އަދަށް ވުރެ ފެހި މާދަމައެއް ސޮބާ އަށް މިންވަރު ކުރެއްވުމަށް އެދޭ ކަމަށް ވެސް އެ ރިޕޯޓްގައިވެއެވެ.

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.