
ބޮޑުހިލަ ނުލިބިގެން އޭދަފުށީ ހިއްކި ސަރަހައްދުގައި ރިވެޓްމެންޓް ޖެހުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ހުއްޓިފައި އޮންނަތާ ދެ މަހެއްހާ ދުވަސް ފަހުން، އަލުން މަސައްކަތް ފަށައިފި އެވެ.
އޭދަފުށީ ހިއްކި ސަރަހައްދުގެ އިރު ދެކުނުން ހުޅަނގަށް ރިވެޓްމެންޓް ޖެހުމަށް ފަށާފައިވާ ދެވަނަ ފިޔަވަހީގެ މަސައްކަތް ކުރަނީ އެމްޓީ ހޯގާޑުންނެވެ. ނަމަވެސް ރާއްޖެ އަށް ބޮޑު ހިލަ އެތެރެ ކުރުމުގައި މިފަހުން ދިވާމި މައްސަލައަކާ ގުޅިގެން އެ ކުންފުނިން މަސައްކަތް މެދުކަނޑާލީ ސެޕްޓެމްބަރު މަހު ކުރީ ކޮޅު އެވެ.
އޭދަފުށީ ކައުންސިލުގެ މެންބަރަކު ވިދާޅުވީ މިދިޔަ ހަފްތާގައި ބޮޑު ހިލަ ލިބުމާ އެކު، ރިވެޓްމަންޓް ޖެހުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް އެ ކުންފުނިން ފަށައިފައިވާ ކަމަށެވެ. މަސައްކަތް މެދުކަނޑާލި އިރު ރިވެޓްމަންޓް ޖަހަންޖެހޭ ބައިގެ 20 އަކަށް ޕަސެޓްޓް ވަނީ ނިންމައިފަ އެވެ.

މިދިޔަ ހަފްތާތެރޭ. އީޓީ ފޮޓޯ/ ސައިނޯސާ ރާއި
އެމްޓީ ހޯގާޑުން އެ ޕްރޮޖެކްގެ ދެވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް ފެށީ ބިން ހިއްކާ ނިމުނުތާ އަހަރު ދުވަހަށްވުރެވެސް ގިނަދުވަސްވީފަހުން މިދިޔަ އޯގަސްޓްމަހު ފަހުކޮޅުއެވެ. މަސައްކަތް ފެށުން ލަސްވުމުގެ ސަބަބުންނާއި މަސައްކަތް މެދު ކެނޑި ގިނަ ދުވަސްވުމުގެ ސަބަބުން އެ ސަރަހައްދުން ވަރަށް ބޮޑޫ ބައެއް މިހާރުވަނީ ގިރައިގެން ގޮސްފަ އެވެ.
އީޓީ އަށް އެނގިފައިވާ ގޮތުގައި އެމްޑީ ހޯގާޑުން އަލުން މަސައްކަތްފެށި އިރު ރިވެޓްމަންޓް ޖަހާ ޕްލޭނަށް ވަނީ ބަދަލުތަކެއް ގެންނަން ވަނީ ނިންމާފަ އެވެ. އެހެންވެއްޖެ ނަމަ ހިއްކި ބިމުން އަނެއްކާވެސް ދިހަ ވަރަކަށް ފޫޓް ގެއްލިގެންދާނެ ކަމަށްވެ އެވެ.
ދެވަނަ ފިޔަވަހީގެ ދަށުން ރަށުގެ އިރުމަތީ ހިއްކި ސަރަހައްދު ވަށައިގެން ހުޅަނގު ދެކުނަށް ގާތްގަޑަކަށް 1300 އެއްހާ މީޓަރުގައި ރިވެޓްމަންޓް ޖަހާނެ އެވެ. އެ ކުންފުންޏާ އެ މަސައްކަތް ހަވާލުކުރީ 62 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.
މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް މިދިޔަ މަހުވަނީ ނިންމާލައިފަ އެވެ.