
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ސަރުކާރުން ދެއްވާ ޚާއްސަ އިނާމް ބ. ކުޑަރިކިލު / ނީލް، ޑރ. އަލީ ނަޖީބަށް ލިބިވަޑައިގެންފި އެވެ.
ރޭ ދަރުބާރުގޭގައި އޮތް ޖުމްހޫރީ ދުވަހުގެ ގައުމީ ޖަލްސާގައި އަލީ ނަޖީބަށް އިނާމު ހަވާލުކޮށްދެއްވީ ރައީސް އަބްދުﷲ ޔާމީނެވެ.
ޑރ. އަލީ ނަޖީބަށް މި އިނާމު ލިބިވަޑައިގެންނެވީ ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ އެންމެ މަތީ ލެވެލްގެ ސަނަދެއް ހާސިލުކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯއްދަވާފައިވާތީ އެވެ.
ޑރ. އަލީ ނަޖީބު ވަނީ އޮސްޓްރޭލިޔާގެ ޔުނިވަސިޓީ އޮފް ވޮލޮންގޮން އިން 2014 ވަނަ އަހަރު ޑޮކްޓަރ އޮފް ފިލޯސޮފީ ހާސިލުކޮށްފައެވެ. އަދި ޕީއެޗްޑީއަށް ކުރެއްވި ދިރާސާތަކުގެ އަލީގައި ލިޔުއްވާފައިވާ ތަފާތު ހަ އާޓިކަލެއް ބައިނަލް އަގުވާމީ އެކި ޖާނަލުތަކުގައި ވަނީ ޝާޢިއުކޮށް ކޮށްފަ އެވެ.
ޑރ އަލީ ނަޖީބު ޕީއެޗްޑިއަށް ކުރެއްވި ދިރާސާއަކީ، ރާއްޖޭގެ ޓޫރިސްޓް ރިސޯޓްތަކުގައި މުވައްޒަފުންގެ ކަންތައްތައް ހިންގައި ބެލެހެއްޓުމުގައި “އިންސްޓިޓިއުޝަނަލް ފެކްޓާސް” ގެ ދައުރާ ބެހޭގޮތުން ކުރެއްވި ދިރާސާ އެކެވެ.
މި ދިރާސާ ކުރައްވައި އޭނާ ލިޔުއްވާފައިވާ އާޓިކަލްތަކުގެ ތެރޭގައި، ރާއްޖޭގެ ޓުރިސްޓް ރިސޯޓްތަކުގައި މުވައްޒަފުންގެ ކަންތައްތައް ބެލެހެއްޓުމާބެހޭ ގޮތުންނާއި، ރާއްޖޭގެ ވަޒީފާ އާބެހޭ ގާނޫނު ފަތުރުވެރިކަމުގެ ދާއިރާގައި ތަންފީޒު ކުރެވޭގޮތާބެހޭ ގޮތުން އަދި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުންގެ ހާލަތާބެހޭ އާޓިކަލް ހިމަނައިގެންނެވެ.
ޑރ. އަލީ ނަޖީބުގެ އާޓިކަލުތައް ޝާއިއުކޮށްފައިވާ ޖާނަލުތަކުގެ ތެރޭގައި؛
- އެމްލޯއީ ރިލޭޝަންސް – ދަ އިންޓަނޭޝަނަލް ޖާނަލް
- ލޭބާ އެންޑް އިންޑަސްޓްރީ ޖާނަލް،
- އިންޓަނޭޝަނަލް ޖާނަލް އޮފް އެމްޕްލޯއިމެންޓް ސްޓަޑީޒް
- އެމްޕްލޯއިމަންޓް ރިލޭޝަންސް ރެކޯޑް
ރާއްޖޭގެ ޓޫރިސްޓް ރިސޯޓް ތަކުގައި މުވައްޒަފުންގެ ކަންްތައްތައް ރާވާ ހިންގުމުގައި ހިއްސާވާ ފަރާތްތަކާބެހޭގޮތުން އެމްޕްލޯއީ ރިލޭޝަންސް ދަ އިންޓަނޭޝަނަލް ޖާނަލުގައި ޝާއިޢު ކޮށްފައިވާ ޑރ އަލީ ނަޖީބު އާޓިކަލަށް ވަނީ އެމެރަލްޑް ލިޓެރަޓީ ނެޓްވަކްސް އެވޯޑްސް ފޯ އެކްސެލެންސް 2014 އިގެ އައުޓް ސްޓޭންޑިން ޕޭޕަ އެވޯޑް ލިބިފަ އެވެ.
އަލީ ނަޖީބު މިހާރު ހުންނެވީ ވިލާ ކޮލެޖުގެ އެގްޒެކެޓިވް ޑިރެކްޓަ ފޯ ޕްލޭނިން އެންޑް އެޑްމިނިސްޓްރޭޝަން ކަމުގެ މަގާމުގަ އެވެ.
“އީޓީ” ގެ ފަރާތުން ޑރ. އަލީ ނަޖީބަށްް ވަރަށް ހޫނު މަރުހަބާއެއް ކިޔަމެވެ.