
ބ. ކެންދޫގެ ފެނުގެ ނިޒާމުގެ ގާއިމުކުރުމަށް ބޭނުންވާ ފައިސާ އޮޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) ގެ އެހީގެދަށުން ހަމަޖެހިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
މި މަޝްރޫއުގެ ދަށުން މިއަތޮޅު ކެންދޫގެ އިތުރުން ހއ އުތީމު، ޅ.ކުރެންދޫ، އދ އޮމަދޫ، ދ ބަނޑިދޫ އަދި ކ ގުޅީގައި ފެނުގެ ނިޒާމް ގާއިމްކުރާނެ އެވެ. މި ރަށްރަށުގައި ފެނުގެ ނިޒާމުގެ ޑިޒައިން ކުރުމާއި ބީލަމުގެ ލިއެކިއުންތައް ތައްޔާރުކުރުމުގެ މަސައްކަތް މިދިޔަމަހު ރިޔަން ޕްރައިވެޓް ލިމިޑޭޓާ ވަނީ ހަވާލުކޮށްފަ އެވެ. އޭގެ ޖުމްލަ އަގަކީ 1720359 ރުފިޔާ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުންޏެވެ.
އެ އެއްބަސްވުމުގެ ދަށުން މި މަޝްރޫއުގެ ޑިޒައިން މަސައްކަތް ހަ މަސްދުވަހުގެ ތެރޭގައި ނިންމަން ޖެހެ އެވެ.
މިރަށްތަކުގައި ފެނުގެ ނިޒާމް ގާއިމް ކުރުމަށް ޝައުގުވެރިވާ ފަރާތްތައް ހޯދުމަށް ފިނޭންސް މިނިސްޓްރީން މިހާރު ވަނީ ފުރުސަތު ހުޅުވާލާފަ އެވެ.
އޮފިޑްގެ އެހީގައި މިހާރުވެސް ރާއްޖޭގެ ފަސް ރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ. އެ ފަސް ރަށުގެ ތެރޭގައި މިއަތޮޅު ތުޅާދޫވެސް ހިމެނެ އެވެ، އެރަށްތަކުގައި މިވަގުތު ކުރިއަށްދަނީ ޑިޒައިން ފައިނަލް ކުރުމުގެ މަސައްކަތް ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެއެވެ.
