
ބ. ދަރަވަންދޫ ކައިރިން ދަތުރުކުރަމުންދިޔަ ލޯންޗެއްގައި ރޯވެ އިންޖީނު ހުއްޓިގެން ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ.
ފުލުހުން ބުނި ގޮތުގައި 40 މީހުންނާއެކު މާލެއިން ފުރައިގެން ރ. އަތޮޅަށް ދަތުރުކުރަމުންދިޔަ ލޯންޗުގެ އިންޖީނުގައި ރޯވެ، ހާލުގައި ޖެހިފައިވަނީ ބ. ދަރަވަންދޫގެ 13 މޭލު ބޭރުން ދަތުރުކުރަމުން ދަނިކޮށެވެ.
“މިއަދު 11:30 ހާއިރު ހިނގި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަމުގެ މަޢުލޫމާތު މިހާތަނަށް ފުލުހުންނަށް ލިބިފައި ނުވެއެވެ. މި ލޯންޗުގައި އަންހެނުންނާއި ކުޑަކުދިންވެސް ދަތުރުކުރަމުން ދިޔައެވެ،” ފުލުހުންގެ ވެބްސައިޓްގައި ބުނެފައިވެ އެވެ.
އެ ލޯންޗުގައި ތިބި އަންހެނުންނާއި ކުޑަކުދިން ފުލުހުންނާއި ކޯސްޓް ގާޑުގެ އެހީތެރިކަމާއެކު ދެންމެ ވަނީ އޭދަފުއްތަށް ގެނެސްފަ އެވެ.