
ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ އެންގުމަށް ތަބާނުވި މައްސަލައިގައި ބ. ތުޅާދޫ ކައުންސިލްގެ ފަސް މެންބަރުން އެއް މަސް ދުވަހަށް ސަސްޕެންޑް ކޮށްފިއެވެ.
ކައުންސިލަރުން ސަސްޕެންޑުކޮށްފައި ވަނީ އަންނަ އާދީއްތަ ދުވަހުން ފެށިގެން އެއް މަަސްދުވަހަށް ކަމަށްވާއިރު، އެ މުއްދަތުގައި ކައުންސިލްގެ ފަސް ކައުންސިލަރުންނަށް މުސާރަ އާއި އެއްވެސް އިނާޔަތެއް ވެސް ނުލިބޭނެއެވެ. ކައުންސިލްގެ ސަސްޕެންޝަނުގެ މުއްދަތުގައި ކައުންސިލްގެ އެންމެހާ ކަންކަން ކުރިޔަށް ގެންދަވާނީ، އަތޮޅު ކައުންސިލުގެ ބެލުމުގެ ދަށުން ތުޅާދޫ ކައުންސިލްގެ ޒިންމާދާރުވެރިޔާއެވެ.
އެލްޖީއޭގެ ބޯޑުން އެ ގޮތަށް ނިންމީ މިދިޔަ މެއި މަހުގެ 14 ވަނަ ދުވަހު ބޭއްވި އެލްޖީއޭގެ ބޯޑު ބައްދަލުވުމުން، ތުޅާދޫ ކައުންސިލްގެ މެންބަރު ޒިޔާއު އިބްރާހީމް ރަޝީދަށް މުސާރަ ނުލިބޭ ގޮތަށް ދެ މަސް ދުވަހަށް ސަސްޕެންޑްކޮށް، މި ނިންމުމަށް އަމަލުކުރަން ކައުންސިލަށް އެންގުމުން އެއީ ޢައިރުގާނޫނީ އަމުރެއް ކަމަށް ބުނެ ތުޅާދޫ ކައުންސިލުން އެނިންމުމަށް އަމަލުނުކުރަން 28 މެއި 2015 ގައި ބޭއްވި އެ ކައުންސިލްގެ ބައްދަލުވުމެއްގައި ފާސްކޮށްފައިވާތީއެވެ.
މީގެއިތުރުން، ޖޫން 11 ވަނަ ދުވަހު ބޭއްވި އެލްޖީއޭގެ ބޯޑު ބައްދަލުވުމުން ތުޅާދޫ ކައުންސިލްގެ މެމްބަރު އަހުމަދު އަބުދުއްރަހީމް މުސާރަ އާއި އިނާޔަތް ނުލިބޭގޮތަށް އެއްމަސްދުވަހަށް ސަސްޕެންޑްކޮށް، އެ ނިންމުމަށް އަމަލު ކުރަން އެންގުމުން، އެނިންމުމަށް ވެސް އަމަލު ނުކުރަން ތުޅާދޫ ކައުންސިލްގެ އިއްތިފާގުން ނިންމާފައިވުމަކީ ވެސް، މި ނިންމުން އެލްޖީއޭއިން ނިންމި ސަބަބެކެވެ.
ތުޅަދޫ ކައުންސިލުގެ ފަސް މެންބަރުންނަކީ ވެސް އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ މެންބަރުންނެވެ.