ތުޅާދޫ ކައުސިލަރުން ސަސްޕެންޑްކުރުމަކީ ގާނޫނީ ވާޖިބަށް ހުރަސްއެޅުން: އެމްޑީޕީ

ތުޅާދޫ: އެ ރަށު ފަސް ކައުންސިލަރުން ވެސް ވަނީ ސަސްޕެންޑްކޮށްފައި.
ތުޅާދޫ: އެ ރަށު ފަސް ކައުންސިލަރުން ވެސް ވަނީ ސަސްޕެންޑްކޮށްފައި.

ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ އެންގުމަށް ތަބާނުވި ކަމަށް ބުނެ ބ. ތުޅާދޫ ހުރިހާ ކައުންސިލަރުން ސަސްޕެންޑްކުރުމަކީ އެ ކައުންސިލަރުންގެ ގާނޫނީ ވާޖިބަށް ހުރަސްއެޅުން ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ.

އެލްޖީއޭ އިން މިއަދު ބުނިގޮތުގައި އެ އޮތޯރިޓީގެ ބޯޑުން އެ ނިންމުން ނިންމީ ދެ ސަބަބަކާ ހުރެ އެވެ. ފުރަތަމަ ސަބަބަކީ މިދިޔަ މެއި މަހު 14 ގައި ބޭއްވި އެލްޖީއޭގެ ބޯޑުން ބައްދަލުވުމުން، ތުޅާދޫ ކައުންސިލް މެމްބަރު ޒިޔާއު އިބްރާހިމް ރަޝީދު ދެ މަސް ދުވަހަށް ސަސްޕެންޑްކުރުމުން، އެ ނިންމުމަށް އަމަލުނުކުރަން ނިންމުމުންނެވެ.

ދެ ވަނަ ސަބަބަކީ ޖޫން 11 ވަނަ ދުވަހު ބޭއްވި އެލްޖީއޭގެ ބޯޑު ބައްދަލުވުމުން ތުޅާދޫ ކައުންސިލްގެ މެމްބަރު އަހްމަދު އަބްދުއްރަހީމް މުސާރަ އާއި އިނާޔަތް ނުލިބޭ ގޮތަށް އެއް މަސް ދުވަހަށް ސަސްޕެންޑްކޮށް، މި ނިންމުމަށް އަމަލުކުރަން އެންގުމުން ވެސް އެ ނިންމުމަށް އަމަލުނުކުރަން ތުޅާދޫ ކައުންސިލްގެ އިއްތިފާގުން ނިންމާފައިވާތީ އެވެ.

އެމްޑީޕީއަށް ނިސްބަތްވާ ފަސް މެމްބަރުން ތިއްބަވާ ތުޅާދޫ ކައުންސިލްގެ މެމްބަރުން އެއް މަސް ދުވަހަށް ސަސްޕެންޑްކުރުމުން އެކަން ކުށްވެރިކޮށް އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެފައިވަނީ މިއީ ލާމަރުކަޒީ ނިޒާމަށާއި ރާއްޖޭގެ އިދާރީ ހިންގުމަށް ދުސްތޫރީ ގޮތުންނާއި ގާނޫނީގޮތުން ސަރުކާރުން އިހުތިރާމް ނުކުރާ ކަމުގެ ހެއްކެއް ކަމަށެވެ.

“ބ. ތުޅާދޫގެ ކައުންސިލުގެ ޤާނޫނީ ވާޖިބުއަދާކުރެއްވުމުގައި އެކައުންސިލުގެ މެމްބަރުން ދެމިތިއްބަވަނިކޮށް ސަރުކާރުން އެ ބޭފުޅުންގެ ގާނޫނީ ވާޖިބަށް ހުރަސްއަޅައި ކުރަމުންގެންދާ ދުއްތުރާތަކުގެ ސިލްސިލާއަށް ބޮޅެއް އިތުރުކުރުމުގެގޮތުން މުޅި ކައުންސިލް މިހާރު ސަސްޕެންޑުކޮށްފައިވާ ނިންމުން ބާތިލުކުރުމަށާއި، ލާމަރުކަޒީ ނިޒާމު ފުނޑުފުނޑު ކުރުމަށް ސަރުކާރުން ހިންގަމުންދާ އެފަދަ ވިޔާނުދާ އަމަލުތައް ވަގުތުން ހުއްޓާލުމަށް އެލްޖީއޭއަށާއި، ހޯމް މިނިސްޓަރަށް މި ޕާޓީން ގޮވާލަމެވެ،” އެމްޑީޕީގެ ބަޔާނުގައި ވެ އެވެ.

ލާމަރުކަޒީ ނިޒާމުގެ މަގުސަދު ގެއްލޭގޮތަށް މީގެ ކުރިން ވެސް ސިޓީ ކައުންސިލްތަކުގެ ބާރުތައް ހަނިވާގޮތަށް ސަރުކާރުން ލާމަރުކަޒީ ނިޒާމަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށާއި އެކަމާ ހިތާމަކުރާކަމަށް ވެސް އެމްޑީޕީން ބުންޏެވެ.

ސިޓީ ކައުންސިލްތަކުގެ މެމްބަރުންގެ މުސާރަ ކުޑަކުރުމުން ވެސް އެމްޑީޕީން ވަނީ އެއީ ރައްޔިތުންނާ ކައިރިން ހިދުމަތް ދެމުން އަންނާތީއާ ލާމަރުކަޒީ ނިޒާމު ނެތިކޮށްލުމަށް ސަރުކާރުން ފާޅުގައި ގެންގުޅޭ ސިޔާސަތުގެ ދަށުން ކުރި ކަމެއް ކަމަށްބުނެ އެކަންކުށްވެރިކޮށްފަ އެވެ.ހަވީރު އޮންލައިން

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.