
ދެވަނަ އަށް ހަނދުގައި ފައިތިލަ ބީއްސާލުމުގެ ޝަރަފު ހޯދި އެމެރިކާގެ އެސްޓްރޮނޯޓް ބަޒް އެލްޑްރިން އާއިލާއާއެކު ބ. އަތޮޅު ސޮނެވާފުށީ ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުން އެބަގެންދެ އެވެ.
އެލްޑްރިން، 83، މިއަދު ހެނދުނު އޭނާގެ ރަސްމީ ފޭސްބުކް ޕޭޖުގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނި ގޮތުގައި “ރާއްޖެއަށް ވުރެ މިއަދު އަހަރެން ހުންނަން ބޭނުންވާ ތަނެއް ނެތެވެ.”
ބަޒް އެލްޑްރިން ވަނީ މިދިޔަ އަހަރުވެސް ރާއްޖެ އައިސްފަ އެވެ. އެ ފަހަރުވެސް އޭނާ ޗުއްޓީ ހޭދަކުރީ ސޮނެވާފުށީ ރިސޯޓްގަ އެވެ.
ހަނދަށް މީހުން ފޮނުވަން އެމެރިކާގެ ޖައްވީ އިދާރާ ނާސާ އިން ކުރިއަށް ގެންދިޔަ ތާރީހީ މިޝަނުގައި ހިމެނިގެން ޖުލައި 20، 1969 ގައި ހަނދަށް ދިޔައީ ބަޒް އެލްޑްރިންގެ އިތުރުން ނީލް އާމްސްޓްރޯންގް އަދި މައިކަލް ކޮލިންސް އެވެ. މީގެ ތެރެއިން ބަޒް އެލްޑްރިން އަކީ ދެ ވަނަ އަށް ހަނދުގައި ފައިތިލަ ޖައްސާލީ މީހާ އެވެ. ހަނދުގައި އެންމެ ފުރަތަމަ ފައިތިލަ ޖައްސާލީ އާމްސްޓްރޯންގެވެ.

އެމެރިކާގެ އެއާފޯސްގެ ޕައިލެޓަކަށް ވެސް މަސައްކަތްކުރި އެލްޑްރިން ވަނީ ކޮރެއާ ހަނގުރާމައިގައި ޖެޓް ފައިޓާ ޕައިލެޓެއްގެ ގޮތުގައި މުހިއްމު ދައުރެއް އަދާކޮށްފަ އެވެ. އެމެރިކާގެ އަސްކަރިއްޔާ އިން ރިޓަޔާކުރިއިރު އޭނާ އަކީ ކާނަލެކެވެ.
އެ ދަތުރުގައި ދުނިޔޭގެ ބައެއް ގައުމުތަކުގެ ދިދަ ހަނދަށް ގެންދިޔަ އިރު އޭގެ ތެރޭގައި ދިވެހި ދިދަ ވެސް ހިމެނުނު ކަމަށްވެ އެވެ. އަދި ހަނދުން ގެނައި ހިލަކޮޅުތަކެއް ވެސް ރާއްޖެ އަށް ލިބުނު ކަމަށްވެ އެވެ.