ކުދި ރަށްރަށުގެ އެންމެން ހުޅުމާލެއަށް އަންނާކަށް ސަރުކާރަށް ބިރެއް ނުދެއްކޭނެ: އަލީ ހުސައިން

ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން މި ރޭ ދިޓީވީގެ "ހަބަރު ތެރެއިން" ޕްރޮގްރާމްގައި ވާހަކަ ދައްކަވަނީ.
ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން މި ރޭ ދިޓީވީގެ “ހަބަރު ތެރެއިން” ޕްރޮގްރާމްގައި ވާހަކަ ދައްކަވަނީ.

ކުދި ރަށްރަށުގެ ރައްޔިތުން މާލެ ސަރަހައްދަށް އަންނާކަށް ސަރުކާރަށް މަޖުބޫރެއް ނުކުރެވޭނެ ކަމަށާއި މި ފަދަ ވިސްނުމެއް ސަރުކާރުން ގެންގުޅެނީ “ހަގީގަތުގައި ގައުމީ ތަރައްގީގެ ރޭވުންތެރިކަމެއް ނެތުމުން” ކަމަށް ބ. ކެންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަލީ ހުސައިން މި ރޭ ވިދާޅުވެއްޖެއެވެ.

ދިޓީވީގެ “ހަބަރު ތެރެއިން” ޕްރޮގްރާމްގައި އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އަލީ ވިދާޅުވީ “މަސައްކަތްކޮށްފައި، ކުލި ދައްކާފައި، މަރުވުން ނޫން ގޮތެއް ދިވެހިންނަކަށް މިއަދަކު ނެތް” ކަމަށާއި ސަބަބަކީ އަދުގެ ސަރުކާރުގެ “ޑެވެލޮޕަމަންޓް ޕްލޭން” ނުވަތަ “ތަރައްގީގެ ވިސްނުން” ރަނގަޅު ނުވީމާ ކަމަށެވެ.

“ބ. ކުޑަ ރިކިލު މީހުން ހުޅުމާލެއަށް އައިސް ކޮން ވަޒީފާއެއްތޯ އަދާކުރާނީ؟ އެކަކު އަނެކަކަށް އެއްޗެހި ވިއްކައިގެން ހުރިހާ އެންމެންނަކަށް ދިރިއެއް ނޫޅެވޭނެ. ހަގީގަތުގައި ދެ ކޮޓަރި ތިން ކޮޓަރީގެ އެޕާޓްމަންޓަކަށް މަހަކު 12000ރ. ނުވަތަ 15000ރ. ދައްކައިގެން މި އުޅެން ޖެހެނީ. އެއީ މީހެއްގެ އާމްދަނީގެ 85 ޕަސެންޓް،” އަލީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރާއްޖެ ތަރައްގީ ކުރަން ބޭނުންވަނީ “ލޯކަލް ސޮލިއުޝަން” ނުވަތަ “އެތެރޭގެ ހައްލެއް” ކަމަށާއި، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ތަރައްގީގެ މަރުކަޒުތައް ބިނާ ކުރަން ޖެހޭ ކަމަށާއި، ކުދި ރަށްރަށުގެ ރައްޔިތުންނަށް “ރާއްޖޭގެ ގުދުރަތީ މާހައުލުން އާމްދަނީ ލިބޭނެ ގޮތްތަކެއް ހޯދަން ޖެހޭ” ކަމަށާއި، މިއީ “ނުހަނު ފަސޭހައިން ކުރެވިދާނެ ކަމެއް” ކަމަށާއި ބޭނުންވަނީ “ބިމެއް، ފަޅެއް، ފަރެއް” ކަމަށެވެ.

“ސަރުކާރުން ސީދާ މި ގޮތަށް ރައްޔިތުންނަށް ވިސްނައިދީފި ނަމަ، މި ކަން ކުރުމަކީ ނުލާހިކު ފަސޭހަ ކަމެއް. މިސާލަކަށް، ދެ ތިން ރަށަކަށް ހިދުމަތް ލިބޭނެ ގޮތަކަށް ރިސޯޓެއް ހެދިދާނެ. އެއިރުން އެ ރަށްރަށުގެ ފެނުގެ ނިޒާމު ތަރައްގީ ކޮށްދޭނީ އެ ރިސޯޓުން. އަދި އެ ރަށްރަށުގެ ރައްޔިތުންނަށް ރިސޯޓްތަކަށް އެއްޗެހި ވިއްކައިގެން އާމްދަނީ ހޯދިދާނެ. އަދި ބ. އޭދަފުއްޓާއި ބ. ދަރަވަންދޫގައި ސިއްހީ ހިދުމަތް އެކަށީގެންވާ ފެންވަރެއްގައި ގާއިމު ކުރެވިއްޖެ ނަމަ، މާލެ އަންނާކަށް ނުޖެހޭނެ،” އަލީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ “މީގެ ކުރިން ހދ. ކުޅުދުއްފުއްޓާއި، ގދ. ތިނަދޫ އާއި ސ. އައްޑޫ މީހުންނަށް މާލެ އައުމަކީ އެ މީހުންނަށް އެހާ މުހިންމު ކަމެއް ނޫން” ކަމަށާއި ނަމަވެސް “މަރުކަޒީ އުސޫލަކަށް ރާއްޖެ ބަދަލު ވެގެން ދިޔައީ ސަރުކާރުގެ ވިސްނުން އެއިރު ބަދަލު ވުމުން” ކަމަށެވެ. އެ ގޮތުން “އެ ރަށްރަށުން ފުރާ ކޮންމެ އުޅަނދެއް މާލެ ނައިސް ނޫނީ ނުފުރޭނެ ގޮތަށް ހަމަޖެއްސުމުން މިހާރު މި ވަނީ ލާމަރުކަޒީ އުސޫލު ގެއްލި، މާލެ ސަރަހައްދު ތޮއްޖެހިފައި” ކަމަށެވެ.

“ފެނުގެ ނިޒާމެއް ނެތުމުން ބ. ކިހާދޫ އާއި ދަރަވަންދޫ ރައްޔިތުން އުޅެން ޖެހިފައިވަނީ ވަރަށް ދަތިހާލުގައި،” އަލީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި ކަމުގެ ހައްލަކީ ލާމަރުކަޒީ ސިޔާސަތު ނެގެހެއްޓުމަށް ސަރުކާރުން މަސައްކަތް ކުރުން ކަމަށާއި، އެ ގޮތުގެ މަތިން ބިންތައް ކައުންސިލްތަކާ ހަވާލު ކޮށްފި ނަމަ، ކައުންސިލްތަކަކީ ނުކުޅެދޭ ތަންތަން ކަމަށް ފަތުރާ ވާހަކައަކީ ދޮގެއްކަން ހާމަ ވާނެ ކަމަށެވެ.

“އަތޮޅު ކައުންސިލުތަކުގައި ވެސް އެބަތިއްބެވި ނުލާހިކު ގާބިލު ބޭފުޅުން،” އަލީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ “ދިހަ ވަރަކަށް ރިސޯޓު ހިމެނޭ ބ. އަތޮޅުގައި ވެސް ގެސްޓް ހައުސް ސިނާއަތް ތަރައްގީ ކުރަން ބޭނުންވާ އެތައް ރަށްތަކެއްވޭ” ކަމަށާއި “ލޯކަލް ޓޫރިޒަމް” ނުވަތަ އެތެރޭގެ ފަތުރުވެރިކަން ތަރައްގީ ކުރެވިއްޖެ ނަމަ، ރާއްޖޭގެ އާބާދީގެ 70 ޕަސެންޓް ހުޅުމާލެއަށް ބަދަލު ކުރާ ވާހަކަ ސަރުކާރުން ދައްކާކަށް ނުޖެހޭނެ ކަމަށެވެ.

“ކުދި ރަށްރަށް ތަރައްގީ ނުކުރާނަމޭ ކިޔައިގެން ސަރުކާރުން ރައްޔިތުންނަށް ބިރުދައްކާކަށް ނުޖެހޭ. ހަގީގަތުގައި އަޅުގަނޑުމެންގެ މި ގައުމު މިނިވަންކަންމަތީ އަބަދަށް ދެމެހެއްޓޭނީ އަޅުގަނޑުމެންގެ އަތްމަތީގައި ގައުމު ބާއްވައިގެން އަމިއްލަ ހައްލުތައް ހޯދީމާ ނޫންތޯ؟” އަލީ ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.