
އެއްވެސް ކުއްޖަކު ބާކީ ނުކުރުމުގެ ސިޔާސަތުގެ ދަށުން ކިޔަވައިދިނުމުގައި އިތުރަށް ސަމާލުކަން ދޭންވީ ކަންކަން ފާހަގަކުރުމަށްޓަކައި، ބ. އަތޮޅު ސްކޫލްތަކުގެ ޕްރިންސިޕަލުންނަށް ވީޑިއޯ ކޮންފަރެންސްކޮށް ބައްދަލުވުމެއް ފަށައިފި އެވެ.
ބ. ޓީއާރުސީ ވީޑިއޯ ކޮންފަރެންސް ހޯލުގައި ފެށި ދެ ދުވަހުގެ މި ބައްދަލުވުމަކީ، އެޑިޔުކޭޝަން މިނިސްޓްރީން ބުނިގޮތުގައި 2017 ވަނަ އަހަރާއި ހަމަޔަށް ފަސް މާއްދާއިން ފާސްވާ ދަރިވަރުންގެ އަދަދު އިތުރު ކޮށް އަދި ދަރިވަރުންގެ ނަތީޖާ ރަނގަޅުކުރެވިދާނެ ގޮތްތަކާއި ބެހޭގޮތުން މަޝްވަރާ ކުރުމަށް ބާއްވާ ބައްދަލުވުން ތަކުގެ ތެރެއިން ބައްދަލުވުމެކެވެ.

ބ. އަތޮޅުގެ ހުރިހާ ރަށެއްގެ ސްކޫލްތަގެ ޕްރިންސިޕަލުންނަށް ހާއްސަކޮށް ފެށި މި ބައްދަލުވުން ފައްޓަވައިދެއްވީ އެޑިޔުކޭޝަން މިނިސްތްރީގެ ޕާމަނެންޓް ސެކްރެޓަރީ އަބްދުލް މުހުސިން އެވެ.
އެޑިޔުކޭޝަން މިނިސްތްރީ ބުނިގޮތުގައި މި ބައްދަލުވުމުގައި ވޭތުވެ ދިޔަ އަހަރުތަކުގައި އެ ސްކޫލްތަކުގެ ނަތީޖާތަކާއި މެދު މަޝްވަރާކޮށް ހިޔާލު ބަދަލުކުރެވޭނެ އެވެ.
ބައްދަލުވުންތަކުގެ ކާމިޔާބީއަށް ބަލައި ރާއްޖޭގެ އިތުރު އަތޮޅުތަކުގެ ސްކޫލްތަކުގެ ޕްރިންސިޕަލުންނަށް މި ބައްދަލުވުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަަމަށްވެސް އެޑިޔުކޭޝަން މިނިސްޓްރީން ބުނެއެވެ.