ބ. އަތޮޅު ޕްރިންސިޕަލުންގެ ވީޑިއޯ ކޮންފަރެންސަކީ ބައްދަލުވުންތަކުގެ ހަރަދުތައް ކުޑަވުމުގެ ފެށުން

އިއްޔެ އޭދަފުށީގައި ފެށި ޕްރިންސިޕަލުންގެ ވީޑިއޯ ކޮންފަރަންސްގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް (ވ). ފޮޓޯ: މިނިސްޓްރީ އޮފް އެޑިއުކޭޝަން
އިއްޔެ އޭދަފުށީގައި ފެށި ޕްރިންސިޕަލުންގެ ވީޑިއޯ ކޮންފަރަންސްގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް (ވ). ފޮޓޯ: މިނިސްޓްރީ އޮފް އެޑިއުކޭޝަން

ބ. އަތޮޅުގައި މިއަދު ނިމުނު ދެ ދުވަހުގެ ވީޑިއޯ ކޮންފަރަންސަކީ އެޑިއުކޭޝަން މިނިސްޓްރީން އަތޮޅުތަކުގެ ސްކޫލްތަކާއެކު ބާއްވާ ބައްދަލުވުންތަކުގެ ހަރަދުތައް ކުޑަވުމުގެ ފެށުމެއް ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

ބ. އަތޮޅުގެ 10 ސްކޫލްގެ ޕްރިންސިޕަލުން ބައްދަލުވި އޭދަފުށީގެ ވީޑިއޯ ކޮންފަރަންސަށް ހަރަދުވީ އެންމެ 10000ރ ކަމަށާއި މިނިސްޓްރީގެ ވަފުދުތައް ރަށްރަށަށް ދަތުރު ކުރާ ނަމަ، ދަތުރަކަށް 70000ރ އާއި 80000ރ އާ ދެމެދުގެ އަދަދަކަށް ހަރަދުވާ ކަމަށް މިނިސްޓަރު ވިދާޅުވި ކަމަށް “ވަގުތު” ނޫހުން ރިޕޯޓް ކުރިއެވެ.

އަތޮޅުތަކުގެ 10 ސްކޫލެއްގައި މިހާރު ވެސް ވީޑިއޯ ކޮންފަރަންސްގެ ހިދުމަތް ގާއިމު ކުރެވިފައިވާ ކަމަށާއި، އިތުރު 10 ސްކޫލްގައި މި ވަސީލަތް ގާއިމު ކުރަމުން އަންނަ ކަމަށް އެ ނޫހުން ރިޕޯޓް ކުރިއެވެ.

މިއަދު ނިމުނު ވީޑިއޯ ކޮންފަރަންސްގައި ބ. އަތޮޅުގެ ޕްރިންސިޕަލުން. ފޮޓޯ: މިނިސްޓްރީ އޮފް އެޑިއުކޭޝަން
މިއަދު ނިމުނު ވީޑިއޯ ކޮންފަރަންސްގައި ބ. އަތޮޅުގެ ޕްރިންސިޕަލުން. ފޮޓޯ: މިނިސްޓްރީ އޮފް އެޑިއުކޭޝަން

މި ހިދުމަތުގެ ފެށުން އިއްޔެ އޭދަފުށީގައި ފާހަގަ ކުރިއިރު، ހަރަދު ކުޑަ ވުމުގެ އިތުރުން “އަތޮޅުތަކުގައި މަސައްކަތް ކުރައްވާ ބޭފުޅުން ވެސް އެޑިއުކޭޝަންއާ ގާތްކޮށް ގުޅުމުގެ ފުރުސަތު ވެސް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ފަހިވެގެންދާނެ” ކަމަށް މިނިސްޓަރު ވިދާޅުވި ކަމަށް ރިޕޯޓް ކޮށްފައިވެއެވެ.

“މީގެ އިތުރުން ސަރުކާރުގެ ތައުލީމީ ސިޔާސަތު ކަމަށްވާ ‘އެއްވެސް ކުއްޖަކު ބާކީ ނުކުރުމު’ގެ ސިޔާސަތު ވެސް ކުޑަ މުއްދަތެއްގެ ތެރޭގައި ހާސިލް ކުރެވިގެންދާނެ މި ހިދުމަތް ގާއިމްކުރެވުމާއެކު،” މިނިސްޓަރ ވިދާޅުވިއެވެ.

މިއީ އެޑިއުކޭޝަން މިނިސްޓްރީއާ އަތޮޅުތަކުގެ ސްކޫލްތައް ގުޅުވައިދޭނެ ވަސީލަތެއް ކަމުގައި މި ވީޑިއޯ ކޮންފަރަންސްގެ ބައިވެރިޔަކު ވިދާޅުވި ކަމަށް ވެސް ވަގުތުގައި ވެއެވެ.

ސްކޫލްތަކުގެ ޕްރިންސިޕަލުންނަށް އަމާޒުކޮށްގެން ބާއްވާ މި ފަދަ ބައްދަލުވުންތަކުގެ ދެވަނަ ބުރު ލ. އަތޮޅުގެ ޕްރިންސިޕަލުންނަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މިއީ ރައީސް ޔާމީން “ސަރުކާރުގެ ތައުލީމީ ސިޔާސަތުތައް ތަންފީޒުކޮށް، ތައުލީމީ ދާއިރާގެ ވައުދުތައް ފުއްދުމަށް އެޅިގެންދިޔަ ވަރަށް މުހިއްމު ފިޔަވަޅެ”އް ކަމަށް ވެސް އެ ނޫހުގައި ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.