
އިގްތިސޯދީ ބޭނުންތަކަށް ބިން ދޫކުރަން ސަރުކާރުން ނިންމާފައިވާތީ އެ ސިޔާސަތުގެ ދަށުން ބިން ދޫކުރާ ފުރަތަމަ 10 ރަށުގެ ތެރޭގައި އޭދަފުއްޓާއި ތުޅާދޫ ހިމެނިއްޖެ އެވެ.
މިއަތޮޅުގެ މި ދެ ރަށުގެ އިތުރުން އިގްތިސޯދީ ބޭނުންތަކަށް ބިން ދޫކުރުމުގެ ސިޔާސަތުގެ ދަށުން ފުރަތަމަ ފިޔަވަހީގައި ބިން ދޫކުރުމަށް ހަމަޖެހިފައިވަނީ ނ. ވެލިދޫ، ކ. ތުލުސްދޫ، ދ. މީދޫ، ޏ. ފުވައްމުލަކު އަދި އައްޑޫ ސިޓީ ހިތަދޫ އިން ކަމަށް ހައުސިން މިނިސްޓްރީ މައުލޫމާތުދެ އެވެ.
ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ފާއިޒު ވިދާޅުވި ގޮތުގައި އިގްތިސޯދީ ބޭނުމަށް ރަށް ރަށުން ބިން ދޫކުރަނީ ރަށް ރަށުގެ އިގްތިސޯދީ ހާލަތު ރަނގަޅުކޮށް ފުދުއްތެރިކަން އިތުރުކޮށް ވަޒީފާގެ ފުރުސަތުތައް އެރަށް ރަށުގައި އިތުރުކުރުމަށެވެ.
ފާއިޒު ވިދާޅުވީ ބިން ދޫކުރުމަށް ހަމަޖެހިފައިވާ ރަށްތަކުގެ ބިމުގެ ބޮޑުމިނަން ބެލުމަށްފަހު، އެކަށީގެންވާ ރަނގަޅު އަދަދަކަށް ބިން ދޫކުރެވޭނެ ކަމަށެވެ.
އަދި މި ދިހަ ރަށުގެ ތެރެއިން އޭދަފުއްޓާއި ތުޅާދޫގެ އިތުރުން ހަނިމާދޫއާއި ވެލިދޫން ބިން ދޫކުރުމުގެ މަސައްކަތް މިހާރުވެސް ފެށިގެން ކުރިއަށްދާކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.
އިގްތިސޯދީ ބޭނުންތަކަށް އަތޮޅު ތެރޭގެ ރަށްތަކުން ބިން ދޫކުރަން ސަރުކާރުން ފަށާފައި މިވަނީ އެކަމާއި ގުޅޭ އިސްލާހު ބިމާ ބެހޭ ގާނޫނަށް ގެނައުމަށްފަހު އެވެ. އަދި މިއުސޫލުން ބިން ދޫކުރުމާއި ބެހޭ ގަވައިދެއް ހައުސިން މިނިސްޓްރީން މިހާރު ވަނީ އެކުލަވާލާފަ އެވެ.
ބިން ދޫކުރުމުގައި ، ޤާނޫނާ ޤަވާޢިދުގެ ތެރެއިން، ކަންކުރުމަށް ގޮވާލަން. ރިޝްވަތާއި ފަސާދައިގެ މަގު ޚިޔާރު ނުކުރާތި.
Mithanun ves Niumaa beynun vaa meehunnah binthah bahaalaa