އޭދަފުށީ ޓީމުން އެދެނީ ސަޕޯޓަރުން ދުވާފަރަށް ނުދިއުމަށް

މިނިވަން 50 މުބާރާތުގައި އޭދަފުއްޓާއި ހިތާދޫ މިދިޔަ ހުކުރުދުވަހު ކުޅުނު މެޗުގެ ތެރެއިން-- އީޓީ ފޮޓޯ / ސައިނޯސާ ރާއި
މިނިވަން 50 މުބާރާތުގައި އޭދަފުއްޓާއި ހިތާދޫ މިދިޔަ ހުކުރުދުވަހު ކުޅުނު މެޗުގެ ތެރެއިން– އީޓީ ފޮޓޯ / ސައިނޯސާ ރާއި

 

މިނިވަން ފަންސާސް ފުޓްބޯޅަ މުބާރާތުގައި ހުކުރުދުވަހު ހަވީރު ދުވާފަރާއި އޭދަފުށި ބައްދަލުކުރާ މެޗަށް ރަނގަޅީ ސަޕޯޓަރުން އެރަށަށް ނުދިއުން ކަމަށް އޭދަފުށީ ޓީމުން ބުނެފި އެވެ.

އޭދަފުށީ ޓީމްގެ މެނޭޖަރު އަލީ ޝަފީގު މިރޭ އީޓީ އާއި ވާހަކަދައްކަމުން ވިދާޅުވީ އެގޮތަށް އިލްތިމާސް ކުރަނީ ވަރަށް ގިނަ ސަބަބުތަކެއް ހުރެގެންކަމަށާއި، އޭދަފުއްޓަކީ އެއްވެސް އިރެއްގައި ހަމަނުޖެހުމަށް ފުރުސަތުދެނޭ ރަށެއް ނޫންކަމަށެވެ.

“ޓީމުން އެދެނީ ސަޕޯޓަރުން ނުދިއުން. ނަމަވެސް ދާން ބޭނުން ބަޔަކަށް ދެވޭނެ. އެކަމު ކުޅިވަރުގެ ރޫހާ ޚިލާފް އެއްވެސް ކަމެއް ނުކުރުމަށް އެދެން. އޭދަފުއްޓަކީ އެއްވެސް އިރެއްގަ ހަމަނުޖެހުމަށް ޖާގަ ދޭނެ ރައްޔިތެއް ދިރިއުޅޭނެ ރަށެއް ނޫން. ސަޕޯޓަރުން ނުދިއުމަށް މި އެދެނީ ދުވާފަރު ކުޅުނު ބައެއް މެޗުތައް ބެލުމަށްފަހު އެއީ އެންމެ ރަގަޅު ގޮތްކަމަށް ފެންނާތީ،”

އޭދަފުށީ ފުޓްބޯޅަ ޓީމުގެ ކޮމެޓީން ބުނި ގޮތުގައި އަތޮޅު މުބާރާތުގައި ދުވާފަރުގެ މެޗެއް ބެލުމުގެ ފުރުސަތު އެ ކޮމެޓީގެ ބައެއް މެންބަރުންނަށް ލިބުނުކަމަށާއި، އެ މެޗުގައި ފެނިގެން ދިޔަ ކަންތައްތަކުން ރ. އަތޮޅުގެ އެހެން ރަށެއްގައި މެޗް ކުޅުމަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ކިބައިން އޭދަފުށިން އެދުނުކަމަށެވެ. އަދި ފުލުހުންގެ ކިބައިންވެސް އެކަމަށް އެދުނުކަމަށާއި ނަމަވެސް އެފް.އޭ.އެމް އިން ނިންމީ ދުވާފަރުގައި މެޗް ކުޅުމަށްކަމަށެވެ.

އޭދަފުށީ ޓީމުން އެދެނީ ވަރަށް އަމާން އޮމާންކޮށް މުބާރާތް ނިމިގެން ދިއުންކަމަށާއި، މީގެ ކުރިންވެސް ބައެއް ޒޯންތަކުގެ މެޗްތައް އޭދަފުށީގައި ކުޅެފައިވާކަމުން ދައްކުވައިދެނީ އޭދަފުއްޓަކީ އަބަދުވެސް ހަމަޖެހުމަށް ލޯބިކުރާ ރަށެއްކަމަށްވެސް އޭދަފުށީ ފުޓްބޯޅަ ޓީމުގެ ކޮމެޓީން ފާހަގަކުރި އެވެ.
އޭދަފުށީ ފުޓްބޯޅަ ޓީމުން ބުނީ ދުވާފަރު ޓީމަކީ ހިތްވަރުގަދަ ޓީމެއް ކަމަށާއި، އެރަށަށް ދާނީ ފުރިހަމަ އިހްތިރާމާއެކު ކަމަށެވެ. އަދި ދުވާފަރުގެ ޓީމުގެ ފަރާތުންނާއި ސަޕޯޓަރުންގެ ކިބައިންވެސް އެދެނީ ހަމަޖެހުމާއެކު މެޗު ނިންމާލުންކަމަށްވެސް ޓީމުގެ ފަރާތުން ވާހަކަދެއްކެވި ބައެއް އޮފިޝަލުން ބުންޏެވެ.

އޭދަފުށީ ޓީމުން ސަޕޯޓަރުން ނުދިއުމަށް އިލްތިމާސްކުރިއިރު، ނިމިގެން ދިޔަ އަތޮޅު މުބާރާތުގައި ހިތާދޫއާއި ބައްދަލުކުރި މެޗްގައި ރަށުގެ ގިނަ ބަޔަކު ވަނީ ސަޕޯޓް ކުރުމަށް އެރަށަށް ގޮސްފަ އެވެ. އަދި މީގެ ކުރިން ކުޅުން ޒޯން މުބާރާތްތަކުގައި އޭދަފުށީގެ ގިނަ ބަޔަކު ވަނީ ސަޕޯޓް ކުރުމަށް ޒޯންގެ ބައެއް ރަށްރަށަށް ގޮސްފައެވެ. އަދި ބައެއް އަތޮޅުތަކުގައި ހަމަނުޖެހުން ބޮޑުވި މެޗުތައް މީގެ ކުރިން އޭދަފުށީގައިވެސް ވަނީ ކުޅެފައެވެ.

އޭދަފުށި ޒޯން މުބާރަތަށް ކޮލިފައިވީ އަތޮޅު މުބާރާތުގައި ދެ މެޗުގެ އެގްރިގޭޓުން 13-0 އިން ހިތާދޫ ބަލިކޮށްގެންނެވެ. އަދި ދުވާފަރު ޒޯން މުބާރާތަށް ކޮލިފައިވީ އެ އަތޮޅު މީދޫގެ މައްޗަށް ކުރި ހޯދައިގެންނެވެ. މިދެޓީމު ބައްދަލުކުރާ ޒޯން 3 ގެ ފުރަތަމަ މެޗް އޮންނާނީ އަންނަ ހުކުރުދުވަހު 15:50 ގައި ދުވާފަރުގައެވެ. މި ދެޓީމުގެ އިތުރުން ދެން މުބާރާތުގައި ވާދަކުރާނީ ޅ. އަތޮޅު ޗެމްޕިއަން ހިންނަވަރެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. ޢަބްދުލްމުހައިމިން / އިނގުރައިދޫ

    އޭދަފުށީ ފުޓްބޯޅަ ޓީމުގެ ކޮމެޓީން ބުނި ގޮތުގައި އަތޮޅު މުބާރާތުގައި ދުވާފަރުގެ މެޗެއް ބެލުމުގެ ފުރުސަތު އެ ކޮމެޓީގެ ބައެއް މެންބަރުންނަށް ލިބުނުކަމަށާއި، އެ މެޗުގައި ފެނިގެން ދިޔަ ކަންތައްތަކުން ރ. އަތޮޅުގެ އެހެން ރަށެއްގައި މެޗް ކުޅުމަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ކިބައިން އޭދަފުށިން އެދުނުކަމަށެވެ. އަދި ފުލުހުންގެ ކިބައިންވެސް އެކަމަށް އެދުނުކަމަށާއި ނަމަވެސް އެފް.އޭ.އެމް އިން ނިންމީ ދުވާފަރުގައި މެޗް ކުޅުމަށްކަމަށެވެ.” މި ޕެރެގްރާފް ކިޔާލުމުން ދުވާފަރަކީ މިފަދަ މުބާރާތެއް ބޭއްވޭ ކަހަލަ އަމާން މާހައުލެއް އޮތް ރަށެއްނޫން ކަމަށް ނުސީދާކޮށް އަންގައިދެއެވެ. މިހެން ނުވާނެ ގޮތެއްގެ މަތިން މާދާގެ މެޗްގެ ކަންތައްތައް ދާނެ ކަމަށް އުންމީދު ކުރަމެވެ.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.