
މިނިވަން ފަންސާސް ފުޓްބޯޅަ މުބާރާތުގައި މާދަމާ ހަވީރު އޭދަފުއްޓާ ދެކޮޅަށް ނިކުންނާނީ މޮޅު ކުޅުމެއް ދައްކައި އޭދަފުށި ބަލިކުރުމުގެ އަޒުމުގައި ކަމަށް ދުވާފަރު ޓީމުން ބުނެފިއެވެ.
“އީޓީ” އާ ވާހަކަދައްކަމުން ދުވާފަރު ޓީމުގެ ކޯޗު އަހުމަދު އަލިފުޅު ބުނީ އޭދަފުއްޓަކީ ފުޓްބޯޅައިގެ ތާރީހެއް އޮތް ވަރުގަދަ ރަށެއް ކަމަށް ގަަބޫލުކުރާކަމަށާއި، މެޗު ވެގެންދަނީ ދުވާފަރަށް ވަރަށް ޗެލެންޖިން މެޗަކަށް ކަމަށެވެ.
“އޭދަފުއްޓަކީ ފުޓްބޯޅައިގެ ތާރީހެއް އޮތް ވަރުގަދަ ރަށެއް، އެކަމު ވަކި ބަޔަކާ ކުޅެން ޖެހޭތީ ދުވާފަރު ޓީމު މާޔޫސް އެއް ނުވާނެ. ތަޖުރިބާގެ ގޮތުން އޭދަފުށި ރަގަޅުވިޔަސް މެޗުގައި މާބޮޑު ތަފާތެއް ފެންނާނެކަމަކަށް ނުބެލެވޭ. ފުރަތަމަ މެޗުން އޭދަފުށި ބަލިކުރެވިއްޖެނަމަ ޒޯން މުބާރާތް ހޯދުމަށް ބާރަކަށް ވެގެންދާނެ. އޭދަފުށި ބަލިކުރަން ޓީމުގެ ކުޅުންތެރިން ތިބީ އަޒުމުގައި،”.
މީގެއިތުރުން ދުވާފަރު ޓީމުގެ ކޯޗު ބުނީ ފަހަކަށް އައިސް ފުޓްބޯޅައިގައި ދުވާފަރު ޓީމު ރަގަޅު ކާމިޔާބީތަކެއް ހޯދާފައިކަމަށާއި، ރަށުގެ ރައްޔިތުންނަށް ރަގަޅު ފެންވަރުގެ ދަނޑެއްގައި ފުޓްބޯޅަ ކުޅެން ފެށުނީވެސް 2009 ވަނަ އަހަރުން ފެށިގެންކަމަށެވެ. އެ މުއްދަތުގައި ދުފާވަރުން ފެންވަރު ރަގަޅު ފުޓްބޯޅަ ޓީމެއް ނެރެވިފައިވާކަމަށާއި، ފުޓްބޯޅައިގައި އޭދަފުއްޓާއި އޮތް ފަރަޤު މިފަހަރު ކުޑަ ކުރެވޭނެކަމަށް ކޯޗް ބުންޏެވެ.
މެޗަށް ނިކުންނައިރު ޓީމުގައި އަނިޔާގެ އެއްވެސް މައްސަލައެއް ނެތުމަކީ ލިބޭ ބޮޑު ހިތްހަމަ ޖެހުމެއްކަމަށްވެސް ކޯޗު ފާހަގަކޮށްފައިވ ެއެވެ. މީގެ އިތުރުން އަހުމަދު އަލިފުޅު ބުނީ އޭދަފުށީގެ ބައެއް ކުޅުންތެރިންގެ ފެންވަރު އެޓީމަށް އެނގޭކަމަށާއި، އެ ކުޅުންތެރިންގެ ކުޅުން ދިރާސާ ކުރަމުންދާކަމަށެވެ.

އޭދަފުށީ ޓީމުގެ ކޯޗް މުހައްމަދު ޒާހިދު (ބައްޓޭ)ބުނީ، ދުވާފަރު މެޗަކީ ފެށުން ރަގަޅު ކުރުމަށް އެންމެ ރަގަޅު މެޗުކަމަށާއި، މެޗުން މޮޅުވެވޭނެ ކަމުގެ ޔަޤީންކަން ބޮޑުކަމަށެވެ.
“ރަށުން ބޭރުގައި ދުވާފަރު ބަލިކުރެވޭނީ ވަރަށް މަސައްކަތްކޮށްގެން. އޭދަފުށީގެ ޓީމަށް ބަލާއިރު ދުވާފަރު ބަލިކުރުމަކީ ނުވާނެ ކަމެކޭ ނުބުނެވޭނެ. ޓީމުގައި ތިބީ އެއްކޮށް ކުޅޭ ހުނަރުވެރި މޮޅެތި ކުޅުންތެރިން. ކޮންމެ ޓީމަކަށްވެސް ކުޅެވޭފަދަ ފެންވަރު ރަގަޅު ކުޅުންތެރިން.”
އޭދަފުއްޓާއި ދުވާފަރު ބައްދަލުކުރާ މެޗު އޮންނަނީ މާދަމަ ހަވީރު ދުވާފަރުގައެވެ.
މިމެޗް ލައިވް ކުރެވޭނެ ގޮތެއް ނެތްތަ