ގާލްގައިޑް އެސޯސިއޭޝަނުން ބާއްވާ “އެންވަޔަރަމަންޓް ކޭމްޕް” އަންނަ މަހު ބ. އޭދަފުށިގައި ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.
ގައިޑް ބްރާންޗުގެ 12-17 އަހަރުގެ ގައިޑު ކުދިންނަށް އަމާޒުކޮށްގެން ބާއްވާ މި ކޭމްޕް އޮންނާނީ އަންނަ މަހުގެ 16 އިން 19 އަށެވެ. މި ކޭމްޕްގައި ރާއްޖޭގެ އެކި ސްކޫލްތަކުން 150 ދަރިވަރުން ބައިވެރިވާނެ އެވެ.
ގައިޑް އެސޯސިއޭޝަނުން ބުނި ގޮތުގައި މި ކޭމްޕް ބޭއްވުމަށް ހަމަޖެހިފައިވަނީ ތިމާވެއްޓާބެހޭ މިނިސްޓްރީއާއި ބ. އަތޮޅު ބަޔޮސްފިއާ ރިޒާވް އޮފީހާއި ޔޫއެންޑީޕީ އަދި ސޮނެވާފުށި ރިސޯޓް ގުޅިގެންނެވެ.
މިއަހަރުގެ އެންވަޔަރަމަންޓް ކޭމްޕްގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ވޯލްޑް އެސޯސިއޭޝަން އޮފް ގާލްގައިޑްސް އެންޑް ގާލް ސްކައުޓްސް (ވެގްސް) އަދި ދުނިޔޭގެ ކާބޯތަކެތީގެ ޖަމިއްޔާ އެފްއޭއޯ ގުޅިގެން 2009 ގައި ތައާރާފުކުރި “ފުޑް ސެކިއުރިޓީ އެންޑް ކްލައިމޭޓް ޗޭންގް ބެޖް” ގެ ހަރަކާތްތައް ކަމަށް ގައިޑު އެސޯސިއޭޝަނުން ބުނެ އެވެ.
“އެހެންކަމުން މި ހަރަކާތްތައް އެންމެ ފުރިހަމަ ގޮތުގައި ހިންގުމަށްޓަކައި މި ކޭމްޕް ބ. އަތޮޅުގައި ބޭއްވުމަށްވަނީ ހަމަޖެހިފަ އެވެ،” ގައިޑް އެސޯސިއޭޝަނުން ބުންޏެވެ.