
ގާލްގައިޑް އެސޯސިއޭޝަނުން ބާއްވާ “އެންވަޔަރަމަންޓް ކޭމްޕް” ގެ މީޑިއާ ޕާޓްނަރަކަށް ބ. އަތޮޅަށް ޚާއްސަކޮށް ހިންގަމުން އަންނަ އޮންލައިން ނޫސް އޭދަފުށީ ޓައިމްސް “އީޓީ” ހަމަޖައްސައިފި އެވެ.
ގައިޑް ބްރާންޗުގެ 12-17 އަހަރުގެ ގައިޑު ކުދިންނަށް އަމާޒުކޮށްގެން ބާއްވާ މި ކޭމްޕް އޮންނާނީ އަންނަ މަހުގެ 16 އިން 19 އަށް އޭދަފުށީގަ އެވެ.
ގައިޑް އެސޯސިއޭޝަނުން ބުނި ގޮތުގައި މި ކޭމްޕް ބޭއްވުމަށް ހަމަޖެހިފައިވަނީ ތިމާވެއްޓާބެހޭ މިނިސްޓްރީއާއި ބ. އަތޮޅު ބަޔޮސްފިއާ ރިޒާވް އޮފީހާއި ޔޫއެންޑީޕީ އަދި ސޮނެވާފުށި ރިސޯޓް ގުޅިގެންނެވެ.
މި ކޭމްޕްގައި ރާއްޖޭގެ އެކި ސްކޫލްތަކުން 150 ދަރިވަރުން ބައިވެރިވާނެ އެވެ.
މިއަހަރުގެ އެންވަޔަރަމަންޓް ކޭމްޕްގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ވޯލްޑް އެސޯސިއޭޝަން އޮފް ގާލްގައިޑްސް އެންޑް ގާލް ސްކައުޓްސް (ވެގްސް) އަދި ދުނިޔޭގެ ކާބޯތަކެތީގެ ޖަމިއްޔާ އެފްއޭއޯ ގުޅިގެން 2009 ގައި ތައާރާފުކުރި “ފުޑް ސެކިއުރިޓީ އެންޑް ކްލައިމޭޓް ޗޭންގް ބެޖް” ގެ ހަރަކާތްތައް ކަމަށް ގައިޑު އެސޯސިއޭޝަނުން ބުނެ އެވެ.
މި ކޭމްޕްގެ މީޑިއާ ޕާޓްނަރަކަށް މި ނޫސް ހަމަޖެއްސުމުން މި ކޭމްޕްގެ ހަބަރުތަކާއި ފޮޓޯ ތައް މިނޫހުން ކިޔުންތެރިންނަށް ގެނެސްދެމުން ގެންދާނެ އެވެ.
ބ. އަތޮޅު ކޮމިޔުނިޓީއަށް ޚާއްސަކޮށްގެން 2008 ވަނަ އަހަރުން ފެށިގެން ނެރެމުން އަންނަ މި ނޫހުން ދަނީ އަތޮޅު ފެންވަރުގަ އާއި ރަށު ފެންވަރުގައި ބާއްވާ މިފަދަ ބޮޑެތި އިވެންޓްތަކަށް އަބަދުވެސް ބޮޑު އެހީތެރިކަމެއް ދެމުންނެވެ.