ބ. އަތޮޅު ކަނޑުގެ ދިރުންތަކުގެ ސްޓޭމްޕާއި ޕޯސްޓްކާޑު ތަައާރަފް ކޮށްފި

Stamp

ބ. އަތޮޅުގެ ބަޔޮސްފިއާ ރިޒާވުގެ ގޮތުގައި ހިމެނޭ ސަރަހައްދުތަކުގެ ހިތްގައިމުކަމާ ދިރުންތައް ދައްކުވައިދޭ ފޮޓޯތައް ހިމެނޭ ސްޓޭމްޕް ސެޓަކާ ޕޯސްޓްކާޑެއް ތައާރަފްކޮށްފި އެވެ.

ސްޓޭމްޕް ސެޓާ ޕޯސްޓްކާޑު ނެރެ ދެއްވީ އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމްއެވެ. އަދި މި ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނަކީ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރެވެ.

ކަނޑުގެ ދިރުންތައް އެންމެ މުއްސަނދި ކަމަށް ފާހަކޮށްފައިވާ ބ. އަތޮޅުގެ މޫދާ ކަނޑުގެ ސަރަހައްދުތައް ބަލަހައްޓާ ޕްރޮމޯޓްކުރާ ބ. އަތޮޅު ކޮންޒަވޭޝަން ފަންޑުގެ މެންބަރެއްގެ ގޮތުގައި އެންވަޔަރަމްންޓް މިނިސްޓްރީން މިއަދު ވަނީ މޯލްޑިވްސް ޕޯސްޓް ލިމިޓެޑާއެކު ސޮއިވެސް ކޮށްފަ އެވެ. އެއްބަސްވުމުގައި ސޮއި ކުރެއްވީ ތޯރިގާއި އާ ޕޯސްޓް ލިމިޓެޑްގެ އެސިސްޓެންޓް މެނޭޖިން ޑިރެކްޓަރު، ހަފީޒާ އިބްރާހިމް އެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ، ބ އަތޮޅުގެ ބައޮސްފިއާ ރިޒާވް އަކީ، ގިނަ އަދަދެއްގެ ފަތުރުވެރިން ބަލަން ބޭނުންވާފަދަ ސަރަހައްދުތަކެއް ކަމަށް ވާއިރު، ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް އެފަދަ ތަންތަން ޓޫރިސްޓުންނަށް ޕްރޮމޯޓްކޮށްދޭން ރިސޯޓްތަކުން މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އަދި ބ. އަތޮޅުގެ ބައޮސްޕިއާ ރިޒާވްއަކީ މިހާތަނަށް ޔުނެސްކޯއިން ރާއްޖޭގައި ރިޒާވްޑް ސަރަހައްދެއްގެ ގޮތުގައި ކަނޑައެޅި ފުރަތަމަ ސަރަހައްދުކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ބަޔޮސްފިއާ ރިޒާވުގައި ހިމެނޭ ހަނިފަރު ސަރަހައްދު
ބަޔޮސްފިއާ ރިޒާވުގައި ހިމެނޭ ހަނިފަރު ސަރަހައްދު

މިނިސްޓަރު ވިދާޅުވީ، ރާއްޖެއަކީ ގުދުރަތީ ގޮތުން މުއްސަނދި ވަސީލަތްތަކެއް ލިބިފައިވާ ގައުމަކަށް ވާއިރު، އެ ވަސީލަތްތައް ހިމާޔަތްކޮށް، އެ ވަސީލަތްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަކީ މުހިއްމު ކަމެއް ކަމަށެވެ. ދުނިޔޭގެ ނިސްބަތުން ބަލާއިރު ރާއްޖޭގެ ކަނޑުތަކާ ފަރުތަކަކީ މުއްސަނދި ތަންތަނުގެ ގޮތުގައި ފާހަގަކޮށްލެވޭ ތަންތަން ކަމަށް ވުމުން އެ ތަންތަނުގެ ދިރުންތައް ހުރިހާ ގެއްލުމަކުން ސަލާމަތްކޮށް ރަނގަޅަށް މެނޭޖްކުރަންޖެހޭ ކަމަށް ތޯރިގް ވިދާޅުވި އެވެ.

ބަޔޮސްފިއާ ރިޒާވުގެ ދަށުން ބ. އަތޮޅުގައި ކަނޑައަޅާފައިވާ ކޯ އޭރިޔާތަކުގެ ތެރެއިން އެންމެ ހާއްސަ ތަނަކީ ހަނިފަރެވެ. އެއީ އެ ސަރަހައްދުން އެންމަޑި އާއި ފެހުރިހި ފެންނާތީ އެވެ. އެ ސަރަހައްދަކީ ފީނުމަށް ރާއްޖެ އަންނަ ޓޫރިސްޓުންގެވެސް ވަރަށް މުހިންމު މަންޒިލެކެވެ. ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ހަނިފަރަށް ފީނާ މީހުންގެ އަތުން އެތައްހާސް ޑޮލަރެއް (3.85 މިލިއަން ރުފިޔާ ނުވަތަ 250000 އެމެރިކާ ޑޮލަރު) ރާއްޖޭގެ އިގްތިސާދަށް އަހަރަކު ލިބެ އެވެ.

ބައޮސްފިއާ ރިޒާވްގެ ގޮތުގައި ބ އަތޮޅުގައި ފާހަގަކޮށްފައިވާ ސަރަހައްދުގައި ހިމެނޭ މައިގަނޑު ތަންތަން:
– ހަނިފަރު (ވަށައިގެންވާ ފަރާއެކު)
– ދިގަލިހާ އަދި ދިގަލިހާ ގިރި ފަރު
– އަނގަފަރު (ދޮންފަނު ތިލަ އަދި ދިގުތިލަ އާ އެކު)
– އޮޅުގިރި، ގޮއިދޫ ކޯރު ސަރަހައްދު
– ނިބިލިގާރަށް، މާހުރަވަޅި، ބަތަލާހުރާ
– މަތިފަރު ހުރާ
މި ސަރަހައްދުތަކަކީ ރާއްޖޭގައި އެންމެ ގިނަ އަދަދަކަށް ފެހުރިއްސާ އެނޫންވެސް އެހެން ސަރަހައްދުތަކުން މަދުން ފެންނަ ކަނޑުގެ ދިރުންތައް ގިނައިން ހުންނަ ސަރަހައްދުތަކެކެވެ

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.