އެޓޯލް ޗެލެންޖަށް އޭދަފުށިން މިފަހަރު ޒުވާން ޓީމެއް

އަތޮޅު ޗެލެންޖުގައި މފަހަރު އޭދަފުށިން ނުކުންނަ ޒުވާން ފުޓްބޯޅަ ޓީމު
އަތޮޅު ޗެލެންޖުގައި މފަހަރު އޭދަފުށިން ނުކުންނަ ޒުވާން ފުޓްބޯޅަ ޓީމު

ބ. އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން އޭދަފުށީ ޔޫ ސްޕޯޓްސް އިން އިންތިޒާމްކޮށްގެން ބާއްވާ ބ. އެޓޯލް ފުޓްބޯޅަ ޗެލެންޖަށް އޭދަފުށިން މިފަހަރު ޒުވާން ޓީމެއް އެކުލަވާލައިފި އެވެ.

މިފަހަރު ޒުވާން ޓީމެއް ނެރުމުގެ ބޭނުމަކީ އެ ކުޅުންތެރިންނަށް ވަރުގަދަ މުބާރާތެއްގައި ކުޅުމުގެ ފުރުޞަތުދީ އަންނަ ޖެނުއަރީމަހު މާލޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ “ޔޫތް ޗެމްޕިއަންޝިޕް” ފުޓްބޯޅަ މުބާރާތަށް އެކުޅުންތެރިން ތައްޔާރުކުރުންކަމަށް އޭދަފުށީ ޓީމުން ބުނެއެވެ.

އޭދަފުށީ ޓީމުގެ އެސިސްޓެންޓް ކޯޗު ޝާފީ ޢަލީ “އީޓީ” އާ ވާހަކަދައްކަމުން ބުނީ ޓީމުގައި ގިނަވާނީ 21 އަހަރުން ދަށުގެ ކުޅުންތެރިކަމަށާއި، ނަމަވެސް ސީނިއަރ ޓީމުންވެސް ބައެއް ކުޅުންތެރިންވެސް ހިމެނޭނެ ކަމަށެވެ. މީގެ އިތުރުން އޭނާބުނީ މިއީ އޭދަފުށީގެ ފުޓްބޯޅަ އެހެން ފެންވަރަކަށް ގެންދިއުމަށް ކުރާމަސައްކަތުގެ ފެށުން ކަމަށެވެ.

“ޓީމުގެ އެވްރެޖް އުމުރަކީ 17 ނޫނީ 18. ތަޖުރިބާހުރި ތިންވަރަކަށް ކުޅުންތެރިން އުޅޭނެ. ވަރަށް ބޮޑު އުއްމީދެއް އެބައޮތް ޓީމާދޭތެރޭ. މިއީ އެކުޅުންތެރިންގެ ހުނަރު ދައްކާލަން ލިބޭ ރަނުގެ ފުރުޞަތެއް. ޒުވާން ޓީމެއް ނެރުނަސް މުބާރާތުގައި ރަގަޅު ހިސާބަކަށް ދެވޭނެކަމުގެ އުއްމީދު ވަރަށް ބޮޑު. މިކަމުގައި ރަށު ރައްޔިތުންގެ ސަޕޯޓް ވަރަށް ބޮޑަށް ބޭނުންވޭ”

އޭދަފުށީގައި މިހާރުއޮތް ސީނިއަރ ޓީމު ރީޕްލޭސް ކުރުމަކީވެސް މި ޓީމު ނެރުމުގައި ވިސްނި ކަމެއްކަމަށް ޝާފީ ބުންޏެވެ.

“އަދިވެސް މިއުޅެނީ ދެވަނަ މަޖިއްޓޭއެއް ނެތިގެން. ހަމްޕު ސެންޓޭ އަދި ސައްޓުމެން ކަހަލަ ކުޅުންތެރިންވެސް ރީޕްލޭސް ކުރަންޖެހޭއެބަ. މިފަދަ ބޮޑު ޗެލެންޖެއްގަ ޒުވާން ކުޅުންތެރިންނަށް ފުރުޞަތުދިނީ އެހެންވެ. މީގެ އަހަރެއް ފަހުން މިޓީމުގެ ކުޅުންތެރިން ސީނިއަރ ޓީމުން ފެންނާނެ. އަދި ރާއްޖޭގެ ފެންވަރުގައިވެސް މި ކުޅުންތެރިންނަށް ފުރުޞަތު ލިބުމަށް މަގުފަހިވާނެ”

އެޓޯލް ޗެލެންޖަށް ތައްޔާރުވުމުގެ ގޮތުން ޒުވާން ޓީމު ވަނީ އެކުވެރިކަމުގެ މެޗެއްގައި ފެހެންދޫގެ މައްޗަށް 2-0 އިން ކުރިހޯދާފައެވެ. މިފަހަރުގެ މުބާރާތް ކުރިއަށް ދާނީ ޑިސެމްބަރ 4 އިން 16 އަށް އޭދަފުށީ ރަސްމީ ފުޓްބޯޅަ ދަނޑުގައެވެ. މުބާރާތުގައި އޭދަފުށި ކުޅޭ ފުރަތަމަމެޗްގައި ނިކުންނާނީ އަންނަ އާދީއްތަ ދުވަހު ދަރަވަންދޫއާ ދެކޮޅަށެވެ.

އޭދަފުށީ ސްޕޯޓްސް ފިހާރައެއް ކަމަށްވާ ޔޫ ސްޕޯޓްސް އިން އިންތިޒާމުކޮށްގެން މިފަހަރުގެ މުބާރާތް ކުރިއަށް ގެންދަނީ އޭދަފުށީ ޔޫތް ޑިވޮލޮޕްމެންޓާއި ގުޅިގެންނެވެ. މިއީ މި މުބާރާތް ކުރިއަށްގެންދާ ހަތަރުވަނަ އަހަރެވެ.
މުބާރާތުގެ މިދިޔަ އަހަރުގެ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި އޭދަފުށި ބަލިކޮށް ގޮއިދޫ ޓީމެވެ. މުބާރާތުގެ މެއިން ސްޕޮންސަރ އަކީ “ޔޫ ސްޕޯޓްސް” އެވެ. ކޯ ސްޕޮންސަރުންނަކީ ދިރާގު، އެމް.ޑަބްލިއު.އެސް.ސީ، ރެޑްވޭވް އަދި އޭދަފުށީ ކެލިން ފިހާރައެވެ. މިފަހަރުވެސް މި މުބާރާތުގެ އޮންލައިން ޕާޓްނަރަކީ “އީޓީ” އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.