އައުޓްބޯޑް އިންޖީނު މަރާމާތުކުރަން ދަސްކޮށްދޭ ކޯހުގެ ބައިވެރިންނަށް ސެޓްފިކެޓް ދީފި

އައުޓްބޯޑް އިންޖީނު މަރާމާތުކުރަން ދަސްކޮށްދޭ ކޯހުން އެއްވަނަ ހޯދަ އަހަމދު ޝަރީފަށް ހަނދާނީލިޔުން ދެނީ
އައުޓްބޯޑް އިންޖީނު މަރާމާތުކުރަން ދަސްކޮށްދޭ ކޯހުން އެއްވަނަ ހޯދަ އަހަމދު ޝަރީފަށް ހަނދާނީލިޔުން ދެނީ

ބ. އަތޮޅުުގެ ގުދަރަތީ ވަސީލަތްތަކާއި ދިރޭ ތަކެތީގެ ނަސްލު ހިމާޔަތްކުރުމާ ބެހޭ ފަންޑުގެ ހިލޭ އެހީގައި ފޭލި ޖަމިއްޔާއިން ފުލުހުންނާއި ގުޅިގެން އޭދަފުށީގައި ހިންގި އައުޓްބޯޑް އިންޖީނު މަރާމާތުކުރަން ދަސްކޮށްދޭ ކޯސް ނިމި ބައިވެރިންނަށް ސެޓްފިކެޓް ދީފި އެވެ.

މިދިޔަ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހުން ފެށިގެން މި މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ހިންގި ކޯހުގައި 34 މީހަކު ބައިވެރިވެ 17 މީހަކު ސެޓްފިކެޓް ހޯދާފައި ވެ އެވެ.

އޭދަފުށީ މަލްޑިޕާޕަސް ހޯލުގައި އާދީއްތަ ދުވަހު މެންދުރުފަހު ބޭއްވި ރަސްމިއްޔާތުގައި ކޯހުގެ ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު ސައުދީ އެވެ.
މި ކޯހުން އެއްވަނަ ހޯދީ އޭދަފުށީ ރަންވެލި އަހްމަދު ޝަރީފު އެވެ.

Feyli
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ސަޢުދީ ވިދާޅުވީ ފުލުހުންނަކީ ލިބިފައިވާ އިލްމާ އެއްވަރަށް އެ އިލްމުގެ ބޭނުންކޮށް ގައުމަށް ފައިދާހުރި އެތައް ކަމެއް ކުރަމުންދާ ބައެއް ކަމަށެވެ.

ޒުވާނުންގެ ކުރިއެރުމަށް މަސައްކަތް ކުރުމުގައި އޭދަފުށިން އިސްނެގި މި އިސްނެގުމަކީ ވަރަށް ފުރިހަމަ ނަމޫނާއެއް ކަންފާހަގަ ކުރައްވައި ސައުދީ ވިދާޅުވީ ފުރާވަރުގެ ކުދިންނާ ޒުވާނުންގެ ތަރުބިއްޔަތަށް ގިނަ ގުނަ މަސައްކަތްތަކެއް ފުލުހުން ރައްޔިތުންނާ މަދަނީ ޖަމްއިއްޔާތަކާ ކައުންސިލްތަކާ ގުޅިގެން ކުރަމުން ގެންދާ ކަމަށެވެ.

މި ރަސްމިއްޔާތުގައި ފުލުހުންގެ ބައެއް އިސްވެރިންނާއި ބަޔޮސްފިއާ ރިޒާވްގެ ޕްރޮޖެކްޓް މެނޭޖަރު އަބްދުﷲ ޝިބާއު އާއި އެލިއާގެ މެނޭޖިން ޑައިރެކްޓަރު އަޙްމަދު ސަޢީދުގެ އިތުރުން އޭދަފުށީ އޮފީސްތަކުގެ ބައެއް އިސްވެރިން ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

DSC_1085

ބ. އަތޮޅު ކޮންޒަވޭޝަން ފަންޑުން މި އަތޮޅުގައި ހަތް މަޝްރޫއެއް ހިންގުމަށް ހަތް ފަރާތަކަށް މިދިޔަ އަހަރު އެއް ލައްކަ ޑޮލަރުގެ ހިލޭ އެހީ ހަވާލުކޮށްފައި ވެ އެވެ. މިއީ އެ ޕްރޮޖެކްޓުން މިހާތަނަށް ނިންމާލި ފުރަތަމަ މަޝްރޫއު އެވެ.
މި ހިލޭ އެހީ ދޫކޮށްފައިވަނީ ކޮންޒަވޭޝަން ފަންޑުން އަތޮޅުގެ ތަރައްގީ އަށް މަޝްރޫއުތައް ހިންގަން ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލި ފުރުސަތުގައި އެންމެ ރަނގަޅު ޕްރޮޕޯސަލް ހުށަހެޅި ހަތް ފަރާތަށެވެ. އޭގެ ތެރޭގައި ފޭލި ޖަމިއްޔާގެ އިތުރުން ހިމެނެނީ، ދަރަވަންދޫ ޑިވެލޮޕްމެންޓް ކޯޕަރޭޓިވް ސޮސައިޓީ އާއި ކެންދޫ ސްކޫލާއި ކިހާދޫ ފާމް ފައުންޑޭޝަނާއި މާޅޮހު އަންހެނުންގެ ކޮމެޓީ އާއި ތުޅާދޫ ކައުންސިލް އެވެ.

ކޮންޒަވޭޝަން ފަންޑުން އެކި ޕްރޮޖެކްޓްތައް ހިންގަން 2012 ވަނަ އަހަރު ހުޅުވާލި ފުރުސަތުގައި 26 ފަރާތަކުން ޕްރޮޕޯސަލް ހުށަހެޅި އެވެ. އެ ފަންޑު އުފެއްދީ އެ އަހަރުގެ އެޕްރީލް މަހުގެ ތެރޭގަ އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. އަޙްމަދު ރަޝީދު (ސީޓޭ)

    އޭދަފުށީގެ ތަރައްޤީއަށް، ފޭލި ޖަމްޢިއްޔާގެ އިސްނެގުން އުފަލާއެކު ފާހަގަކުރަން. ދެފުށް ފެންނަ މޭރުމުން، ޒިންމާދާރު ކަމާއެކު، އޭދަފުށީގެ ރައްޔިތުންނާ، އެހެނިހެން މެހެމާނުންނަށް، ބޭނުންތެރި މުހިންމު ޕްރޮގްރާމްތަކެއް، މުސްތަޤްބަލުގައި ހިންގާނެ ކަމާމެދު އެއްވެސް ޝައްކެއް ނުކުރަން. ފޭލި ޖަމްޢިއްޔާގެ އެންމެހާ މަސްޢޫލުވެރިންނަށް އައްސަރިބަހާ ސާބަސް.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.