އޭދަފުށި ކަޓައި ސެމީގެ ފަހުޖާގަ ކުޑަރިކިލަށް

މުބާރާތުގައި ދަރަވަންދޫ އާއި ކުޑަރިކިލު ބައްދަލުކުރި މެޗުގެ ތެރެއިން-- އީޓީ ފޮޓޯ / ރާއިފް ޔޫސުފް
މުބާރާތުގައި ދަރަވަންދޫ އާއި ކުޑަރިކިލު ބައްދަލުކުރި މެޗުގެ ތެރެއިން– އީޓީ ފޮޓޯ / ރާއިފް ޔޫސުފް

 

މިހާރު ކުރިއަށްދާ ބ. އެޓޯލް ފުޓްބޯލް ޗެލެންޖުގައި ވޭތުވެދިޔަ ތިންއަހަރުވެސް ފައިނަލުގައި ކުޅުނު އޭދަފުށި ކަޓުވާލުމަށްފަހު ސެމީގެ ފަހުޖާގަ ކުޑަރިކިލުން ހޯދައިފި އެވެ.

ކުޑަރިކިލަށް ސެމީގެ ޖާގައެއް ލިބުނީ މިއަދު އޭދަފުއްޓާ ބައްދަލުކުރި މެޗް 1-1 އިން އެއްވަރުކޮށް 4 ޕޮއިންޓާއިއެކު ގްރޫޕްގެ ދެވަނަ ލިބިގެންނެވެ. މިއަދު ހަވީރު ކުޅެވުނު ގްރޫޕް ސްޓޭޖްގެ ފަހު މެޗްގައި ފެހެންދޫއާއި ދަރަވަންދޫ ބައްދަލުކުރި މެޗް ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

ޒުވާން ކުޅުންތެރިންނާއެކު މިފަހަރުގެ މުބާރާތަށް ކުރިމަތިލި އޭދަފުށީ ޓީމުގެ ހަމައެކަނި ގޯލް ދެވަނަ ހާފް ފެށިގެން މާގިނައިރުތަކެއް ނުވެ ޖަހައިދިނީ ޢަލީ ނަސީމް އެވެ. ނަމަވެސް މާގިނައިރުތަކެއް ނުވެ ކުޑަރިކިލުން ވަނީ މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ގޯލް އެ ޓީމަށް ކާމިޔާބުކޮށްދިނީ ޙުސައިން ނިޒާމް އެވެ. މި މެޗްގައި ލަނޑު ޖަހާނު ރަގަޅު ފުރުޞަތުތަކެއް އޭދަފުއްޓަށް ލިބި ވަނީ ބޭކާރުވެފަ އެވެ.

ފެހެންދޫއާ ދަރަވަންދޫގެ މެޗް އެއްވަރުވުމުން 7 ޕޮއިންޓާއި އެކު އެ ގްރޫޕްގެ އެއްވަނަ ލިބެނީ ފެހެންދޫއަށެވެ. 4 ޕޮއިންޓާއި އެކު ކުޑަރިކިލަށް ދެވަނަ ލިބޭއިރު ދަރަވަންދޫ އަދި އޭދަފުއްޓަށް ލިބިފައިވަނީ 2 ޕޮއިންޓެވެ. ގޯލުގެ ތަފާތުން ދަރަވަންދޫއަށް 3 ވަނަ ލިބޭއިރު އޭދަފުށި ދިޔައީ 4 ވަނައަށެވެ.

މި މުބާރާތުގެ ސެމީފައިނަލްގެ މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 13 އަދި 14 ވަނަ ދުވަހުއެވެ. ސެމީގެ ފުރަތަމަ މެޗްގައި 13 ވަނަ ދުވަހު ބައްދަލުކުރާނީ ގްރޫޕް އޭ ގެ އެއްވަނަ ޓީމު ގޮއިދޫ އާއި ގްރޫޕް ބީ ގެ ދެވަނަ ޓީމު ކުޑަރިކިލެވެ. ސެމީގެ ދެވަނަ މެޗްގައި 14 ވަނަ ދުވަހު ގްރޫޕް ބީ ގެ އެއްވަނަ ޓީމު ފެހެންދޫ ނިކުންނާނީ ގްރޫޕް އޭ ގެ ދެވަނަ ޓީމު ފުޅަދޫއާ ދެކޮޅަށެވެ. މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 16 ވަނަ ދުވަހުއެވެ.

އޭދަފުށީ ސްޕޯޓްސް ފިހާރައެއް ކަމަށްވާ ޔޫ ސްޕޯޓްސް އިން އިންތިޒާމުކޮށްގެން މިފަހަރުގެ މުބާރާތް ކުރިއަށް ގެންދަނީ އޭދަފުށީ ޔޫތް ޑިވޮލޮޕްމެންޓާއި ގުޅިގެންނެވެ. މިއީ މި މުބާރާތް ކުރިއަށްގެންދާ ހަތަރުވަނަ އަހަރެވެ. މުބާރާތުގެ މިދިޔަ އަހަރުގެ ޗެމްޕިއަންކަން ހޯދީ ފައިނަލްގައި އޭދަފުށި ބަލިކޮށް ގޮއިދޫ ޓީމެވެ.
މުބާރާތުގެ މެއިން ސްޕޮންސަރަކީ “ޔޫ ސްޕޯޓްސް” އެވެ. ކޯ ސްޕޮންސަރުންނަކީ ދިރާގު، އެމްޑަބްލިއުއެސްސީ، ރެޑްވޭވް އަދި އޭދަފުށީ ކެލިން ފިހާރަ އެވެ. މިފަހަރުވެސް މި މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ “އީޓީ” އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.