ބ. އަތޮޅު ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ ސެމީ ފައިނަލްގައި އިއްޔެ ކުޑަރިކިލު އަތުން 1-0 އިން މޮޅުވެ، ގޮއިދޫ މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފި އެވެ.
އިއްޔެ ހަވީރު އޭދަފުށީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗުގައި ގޮއިދޫ ޓީމަށް ލަނޑުޖަހައިދިނީ 36 ވަނަ މިނިޓްގައި އާދަމް ނިޒާމު އެވެ. މި ނަތީޖާއާއެކު މެޗު ނިމެންދަނިކޮށް ނަތީޖާ ހަމަހަމަކުރަން ކުޑަރިކިލު ޓީމަށްް ރަނުގެ ފުރުސަތެއް ލިބުނެވެ. އެކަމަކު 79 ވަނަ މިނެޓުގައި ގޮއިދޫ ޓީމުގެ ކީޕަރު ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީ ކުޑަރިކިލަށްވަނީ ކާމިޔާބުކުރެވޭ ގޮތް ނުވެފައެވެ.
މުބާރާތުގެ ފައިނަލަށް ގޮއިދޫ ދަތުރުކުރިއިރު، ގޮއިދޫ އަކީ މުބާރާތުގެ މިދިޔަ އަހަރުގެ ޗެމްޕިއަން ޓީމެވެ.
މުބާރާތުގެ ފައިނަލްގައި ގޮއިދޫއާ ދެކޮޅަށް ނުކުންނާނީ ދެވަނަ ސެމީގައި ފެހެންދޫ އާއި ފުޅަދޫ މިއަދު ހަވީރު ބައްދަލުކުރާ މެޗުން މޮޅުވާ ޓީމެކެވެ.