ފުޅަދޫ ބަލިކޮށް ފައިނަލުގެ ފަހު ޖާގަ ފެހެންދޫ ހޯދައިފި

ފެހެންދޫގެ ކުޚުންތެރިން ލަނޑު ޖެހުމަށްފަހު އުފާ ފާޅުކުރަނީ-- އީޓީ ފޮޓޯ / ތޯރިގް
ފެހެންދޫގެ ކުޚުންތެރިން ލަނޑު ޖެހުމަށްފަހު އުފާ ފާޅުކުރަނީ– އީޓީ ފޮޓޯ / ތޯރިގް

 

ބ. އެޓޯލް ފުޓްބޯލް ޗެލެންޖުގައި މިއަދު ކުޅެވުނު ސެމީ ފައިނަލުގެ ދެވަނަ މެޗު ކާމިޔާބުކޮށް ފެހެންދޫ  މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.

ފެހެންދޫ ފައިނަލަށް ދިޔައީ ފުޅަދޫގެ މައްޗަށް 2-0 އިން ކުރި ހޯދައިގެންނެވެ. މި މެޗުގައި ފެހެންދޫގެ ފުރަތަމަ ގޯލ މެޗުގެ 45 ވަނަ މިނިޓުގައި ޖަހައިދިނީ މުޙައްމަދު ތޯރިގް އެވެ. މެޗު ނިމެން ދެ މިނިޓަށް ވެފައިވަނިކޮށް އެޓީމުގެ ދެވަނަ ގޯލް ޖަހައިދިނީ ޙަސަން ސާޖިދު އެވެ.

މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ވަނީ ރަގަޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. އަދި މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށް ފުޅަދޫއަށް ރަގަޅު ފުރުޞަތުތަކެއް ލިބި ވަނީ ބޭކާރުވެފައެވެ. މި މެޗަށް ފެހެންދޫ ނިކުތީ ސަސްޕެންޝަންގެ ސަބަބުން އެޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔާ އަހްމަދު ނިޒާމް (ނިޒާމްބެ) ނުލައެވެ.

އީޓީއަށް މަޢުލޫމާތު ލިބިފައިވާގޮތުގައި ނިޒާމްގެ ސަސްޕެންޑް ކުރީ އެޓީމު ދަރަވަންދޫއާ ބައްދަލުކުރި މެޗުގައި ބަބޭއަދަބީ ބަހުން ރެފްރީއާ މުހާތަބު ކުރުމުންނެވެ. އެހެންކަމުން މުބާރާތުގެ ފައިނަލުގައިވެސް އެއްވަނަ ޑިވިޝަންގެ ޓީސީ ސްޕޯޓްސް އަށް ކުޅޭ މި ކުޅުންތެރިޔާއަށް ނުކުޅެވޭނެ އެވެ.

ފެހެންދޫ އާއި ފުޅަދޫ ބައްދަލުކުރި މެޗުގެ ތެރެއިން
ފެހެންދޫ އާއި ފުޅަދޫ ބައްދަލުކުރި މެޗުގެ ތެރެއިން

 

މެޗަށްފަހު ފެހެންދޫ ޓީމުގެ ކޯޗު އިސްމާޢީލް އަނިލް “އީޓީ” އާ ވާހަކަދައްކަމުން ބުނީ މުބާރާތަށް އެރަށުން ނިކުތީ ތަށި ހޯދުމުގެ އަޒުމުގައިކަމަށާއި، އުއްމީދަކީ އެއީކަމަށެވެ.

“މުބާރާތަށް މި ނިކުތީ ތައްޓަށް. އެއީ މިދިޔަ އަހަރު ސެމީއަށް ދެވުނީމަ މިފަހަރު ބޭނުންވަނީ ތަށި. ނިޒާމްގެ ނުލާ ކުޅެންޖެހުނަސް ފެހެންދޫ ޓީމު މާޔޫސް އެއް ނުވާނެ. ފެހެންދޫއިން ވަކި ކުޅުންތެރިއަކަށް ބަރޯސާއެއް ނުވާނެ. މިއަދުގެ މެޗުވެސް ކާމިޔާބުކުރީ ހުރިހާ ކުޅުންތެރިންގެ ހިތްވަރުން. އެހެންވީމާ ފައިނަލަށްވެސް ފެހެންދޫ އޮތީ ހަމަ ތައްޔާރަށް،”

އާބާދީ ކިތަންމެ ކުޑަ ނަމަވެސް ފެހެންދޫއަކީ ހުނަރުވެރި ކުޅުންތެރިންތަކެއް އުފައްދާފައިވާ ރަށެކެވެ. މިއީ އެރަށުން މި މުބާރާތުގައި ވާދަކުރާ ދެވަނަ ފަހަރެވެ. މިދިޔަ ފަހަރުގެ މުބާރާތުގެ ސެމީ ފައިނަލުން އެޓީމު ކެޓީ ގޮއިދޫ އަތުން ބަލިވުމުންނެވެ. މިއީ ފުޅަދޫން މި މުބާރާތުގައި ބައިވެރިވި ފުރަތަމަ ފަހަރެވެ. މިފަހަރުގެ މުބާރާތުގައި އަތޮޅުގެ 8 ރަށަކުން ވާދަކޮށްފައިވެ އެވެ.

ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ބުދަ ދުވަހު ހަވީރު އެވެ. ފައިނަލުގައި ފެހެންދޫ ބައްދަލުކުރާނީ އަވައްޓެރި ގޮއިދޫއާ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.