ފާއްޓޭ ފިޓުވެއްޖެ، މުޅި އޭދަފުށި އޮތީ ތައްޔާރަށް: ބައްޓޭ

އޭދަފުށީ ޓީމުގެ ކޯޗް (ބައްޓޭ) -- ފޮޓޯ / ސައިނޯސާ ރާއި
އޭދަފުށީ ޓީމުގެ ކޯޗް (ބައްޓޭ) — ފޮޓޯ / ސައިނޯސާ ރާއި

 

މިނިވަން ފަންސާސް ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު އޭދަފުއްޓާ ދުވާފަރު ކުޅޭ މެޗަށް މުޅި ޓީމު އޮތީ ތައްޔާރަށް ކަމަށާއި، އަދި މުޙައްމަދު ފާސިރު (ފާއްޓޭ) މި މެޗަށް ފިޓުވުމަކީ ލިބޭ ބޮޑު ހިތްހަމަޖެހުމެއްކަމަށް އޭދަފުށީގެ ކޯޗު މުޙައްމަދު ޒާހިދު (ބައްޓޭ) ބުނެފިއެވެ.

“އީޓީ” އާ ވާހަކަދައްކަމުން ބައްޓޭ ބުނީ ޓީމުގަ އަނިޔާގެ އެއްވެސް މައްސަލައެއް ނޫޅޭކަމަށާއި، މިއަދުގެ މެޗަކީ މުބާރާތުގައި މިހާތަނަށް އެންމެ ރަގަޅަށް ތައްޔާރުވެގެން ނިކުންނަ މެޗުކަމަށެވެ. ޢަލީ ފާސިރު (ސެންޓޭ) ގެ ބޭބެ ފާއްޓޭ އަށް އަނިޔާވީ ޒޯން މުބާރާތަށް ތައްޔާރުވުމަށް އޭދަފުށިން ކުޅުނު އެކުވެރިކަމުގެ މެޗެއްގަ އެވެ. އޭގެ ފަހުން މި މުބާރާތުގައި އޭދަފުށި ކުޅުނު ދެމެޗުގަވެސް ފާއްޓޭ އެއް ނުފެނެއެވެ.

“ފާއްޓޭ މިއަދު ކުޅޭނެ. އެއީ ޓީމަށް ލިބޭ ވަރަށްބޮޑު ހިތްހަމަޖެހުމެއް. އެހެން ހުރިހާ ކުޅުންތެރިންވެސް ރަގަޅަށް ތިބީ. އަމިއްލަ ރަށުގައި ކުޅޭތީ ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް. ދުވާފަރަކީ ދެރަ ޓީމެއް ނޫން. އެވަރު ވިސްނައިގެން އޭދަފުށި ނިކުންނާނީ. ޓީމުގެ ހުރިހާ ކުޅުންތެރިންވެސް ތިބީ ވަރަށް އުއްމީދާއެކު. ހުރިހާ ގޮތަކުން ބެލިޔަސް މި މެޗުގަ އެޑްވާންޓޭޖް އޮތީ އޭދަފުއްޓަށް “

މީގެ އިތުރުން ބައްޓޭ ބުނީ މިމެޗުގައި އޭދަފުއްޓަށް ތަފާތެއް ގެނެވޭނީ ސަޕޯޓަރުންގެ އެހީއާއި އެކުގައި ކަމަށެވެ. އެހެންކަމުން މިއަދުގެ މެޗުގައި މުޅި ރަށުން ޓީމަށް ސަޕޯޓް ކުރުމަށް ބައްޓޭ އެދިފައިވެ އެވެ.

“ސަޕޯޓް ވަރަށް ބޭނުންވޭ. އަމިއްލަ ދަނޑުގައި ކުޅޭއިރު އިތުރަށް ބޭނުންވާނީ ސަޕޯޓް. ހުރިހާ ސަޕޯޓަރުންނަށް އެދެން ދަނޑަށް ވަޑައިގެން އޭދަފުށީ ޓީމަށް ސަޕޯޓް ކުރުމަށް. ސަޕޯޓަރުންގެ ތަރުހީބުން ކުޅުންތެރިންނަށް އިތުރު ހިތްވަރެއް ލިބޭނެ”

މުހައްމަދު ފާސިރު
މުހައްމަދު ފާސިރު

 

މި މެޗަށް ތައްޔާރުވުމަށް ދުވާފަރު ޓީމު ވަނީ އިއްޔެ ހަވީރު އޭދަފުއްޓަށް އައިސްފައެވެ. އަދި އެރަށުގެ 300 އެއްހާ ސަޕޯޓަރުން މިއަދު އޭދަފުއްޓަށް އަންނާނެކަމަށް މަޢުލޫމާތުލިބެ އެވެ.

ޒޯން މުބާރާތުގެ މުހިއްމު މި މެޗަށް ނިކުންނައިރު ޗެމްޕިއަންކަން ހޯދުމުގެ ފުރުޞަތުވެސް ލިބެނީ ހަމައެކަނި މިދެޓީމަށެވެ. އެހެންކަމުން ޒޯން ޗެމްޕިއަންކަން ހޯދުމަށް މި މެޗު ކާމިޔާބު ކުރުމުގެ މުހިއްމުކަން ދެ ޓީމަށްވެސް ވަނީ ބޮޑުވެފައެވެ. މި މުބާރާތުގައި އޭދަފުށި ވަނީ ދެމެޗުން މިހާތަނަށް 4 ޕޮއިންޓް ހޯދާފައެވެ. ދުވާފަރު ވަނީ ހިންނަވަރާއެކު ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށްފައެވެ. އޭދަފުއްޓާއި ދުވާފަރު ބައްދަލުކުރާމެޗު ފަށާނީ މިއަދު ހަވީރު 3:45 ގައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.