
ގާލްގައިޑް އެސޯސިއޭޝަނުން ބާއްވާ “އެންވަޔަރަމަންޓް ކޭމްޕް” މާދަމާ ހެނދުނު އޭދަފުށީގައި ފަށާނެ އެވެ.
ގާލް ގައިޑު އެސޯސިއޭޝަނުން ބުނި ގޮތުގައި ގައިޑް ބްރާންޗުގެ 12-17 އަހަރުގެ ގައިޑު ކުދިންނަށް އަމާޒުކޮށްގެން ބާއްވާ މި ކޭމްޕްގައި ރާއްޖޭގެ އެކި ސްކޫލްތަކުން 150 ދަރިވަރުން ބައިވެރިވާނެ އެވެ. މި ކޭމްޕްގެ ބައިވެރިން އޭދަފުއްޓަށް އައުމަށް މާދަމާ ހެނދުނު 6:00 ގައި މާލެއިން ފުރާނެ އެވެ.
މި ކޭމްޕް ބޭއްވުމަށް ހަމަޖެހިފައިވަނީ ތިމާވެއްޓާބެހޭ މިނިސްޓްރީއާއި ބ. އަތޮޅު ބަޔޮސްފިއާ ރިޒާވް އޮފީހާއި ޔޫއެންޑީޕީ އަދި ސޮނެވާފުށި ރިސޯޓް ގުޅިގެންނެވެ.
މިއަހަރުގެ އެންވަޔަރަމަންޓް ކޭމްޕްގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ވޯލްޑް އެސޯސިއޭޝަން އޮފް ގާލްގައިޑްސް އެންޑް ގާލް ސްކައުޓްސް (ވެގްސް) އަދި ދުނިޔޭގެ ކާބޯތަކެތީގެ ޖަމިއްޔާ އެފްއޭއޯ ގުޅިގެން 2009 ގައި ތައާރާފުކުރި “ފުޑް ސެކިއުރިޓީ އެންޑް ކްލައިމޭޓް ޗޭންގް ބެޖް” ގެ ހަރަކާތްތައް ކަމަށް ގައިޑު އެސޯސިއޭޝަނުން ބުނެ އެވެ.
މީގެ އިތުރުން ސޮނެވާފުއްޓަށާއި، މާޅޮހަށް އަދި މިއަތޮޅުގައި ހިމާޔަތްކޮށްފައިވާ “އޮޅުގިރި” އަށް ދަތުރުކޮށް ތިމާވެއްޓާބެހޭ މައުލޫމާތު ހޯދާނެ އެވެ.
“އަޅުގަނޑުމެން ބޭސް ކޭމްޕް ޖަހާނީ އޭދަފުށީގައި. އެކަމަކު އެހެން ބައެއް ރަށްރަށަށް ދަތުރުކޮށް ތިމާވެށީގެ މައްސަލަތައް ދެނެގަންނާނެ،”
ގައިޑު އެސޯސިއޭޝަނުން ބުނިގޮތުގައި މި ކޭމްޕް ބ. އަތޮޅުގައި ބާއްވަނީ މި ހަރަކާތްތައް އެންމެ ފުރިހަމަ ގޮތުގައި ހިންގުމަށެވެ. މި ކޭމްޕްގެ އޮންލައިން މީޑިއާ ޕާޓްނަރަކީ އޭދަފުށި ޓައިމްސް (އީޓީ) އެވެ.