ދުވާފަރު ބަލިކޮށް އޭދަފުށި ހަމަޖެހިލައިފި

އޭދަފުއްޓާ ދުވާފަރު ބައްދަލުކުރި މެޗުގެ ތެރެއިން-- އީޓީ ފޮޓޯ / ތޯރިގް
އޭދަފުއްޓާ ދުވާފަރު ބައްދަލުކުރި މެޗުގެ ތެރެއިން– އީޓީ ފޮޓޯ / ނައުޝަލް

މިނިވަން ފަންސާސް ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު ދުވާފަރާއި ބައްދަލުކުރި މެޗު ކާމިޔާބުކޮށް މުބާރާތް ކާމިޔާބުކުރުމާއި ގާތަށް އޭދަފުށި ޖެހިލައިފިއެވެ. މިއަދުގެ މެޗުން އޭދަފުށި މޮޅުވީ 2-0 އިންނެވެ. އޭދަފުށީގެ ދެގޯލްވެސް ޖަހާފައިވަނީ މެޗުގެ ފުރަތަމަ ހާފުގައެވެ.

މެޗުގެ ފުރަތަމަ ގޯލް 8 ވަނަ މިނިޓުގައި ޖަހައިދިނީ އާދަމް ނިޒާމް (ކިތުނާ) އެވެ. އިބްރާހިމް މާޖިދު ނަގައިދިން ބޯޅައަކުން ކިތުނާ ގޯލްގެ ތެރެއަށް ބޯޅަ ފޮނުވާލީ ހުހަށް ހުރެއެވެ. މެޗުގެ ފުރަތަމަ ހާފްގައި އޭދަފުށިން ވަނީ މޮޅަށްކުޅެ ގިނަ ހަމަލާތަކެއް ދުވާފަރުގެ ގޯލަށް ފޮނުވާލާފައެވެ. މެޗުގެ ދެވަނަ ގޯލް 31 ވަނަ މިނިޓުގައި އޭދަފުށީ ޓީމަށް ކާމިޔާބުކޮށްދިނީ ހުނަރުވެރި ކުޅުންތެރިޔާ އިޝާން އިބްރާހީމް (ސައްޓު) އެވެ. ސައްޓު މި ގޯލް ޖެހީ ދުވާފަރު ދެކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހުއެވެ.

 

ފުރަތަމަ ލަނޑަށްފަހު އޭދަފުށީ ޓީމުގެ ކުޅުންތެރިން އުފާފާޅުކުރަނީ-- އީޓީ ފޮޓޯ / ތޯރިގް
ފުރަތަމަ ލަނޑަށްފަހު އޭދަފުށީ ޓީމުގެ ކުޅުންތެރިން އުފާފާޅުކުރަނީ– އީޓީ ފޮޓޯ / ތޯރިގް

މި މޮޅާއެކު ކުޅުނު 3 މެޗުން އޭދަފުއްޓަށް ވަނީ 7 ޕޮއިންޓު ލިބިފައެވެ. ކުޅުނު ދެމެޗުން ދުވާފަރަށް ލިބިފައިވަނީ 3 ޕޮއިންޓެވެ. ކުޅުނު 3 މެޗުގެ ތެރެއިން ދެމެޗުން ބަލިވެ ހިންނަވަރަށް މިހާރުވެސް ވަނީ މުބާރާތް ކާމިޔާބުކުރުމުގެ ފުރުޞަތު ގެއްލިފައެވެ.

މިއަދުގެ މެޗު ނިމުނުފަހުން ދެޓީމުގެ ސަޕޯޓަރުންނާއި ފުލުހުންނާއި ދެމެދުވަނީ ހަމަނުޖެހުން ހިނގާފައެވެ. “އީޓީ” އަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިއަދުގެ މެޗުގައި ހަމަނުޖެހުން ހިނގީ ދުވާފަރު ޓީމުގެ އޮފިޝަލަކު ބަދަލު ރެފްރީއަށް ހަމަލާދޭން މަސައްކަތްކުރުމުން ފުލުހުން އެކަން ހުއްޓުވަން މަސައްކަތް ކުރުމުންނެވެ. އެހިސާބުން ދެޓީމުގެ ސަޕޯޓަރުންވެސް ދަނޑަށް އަރައި ވަނީ ހަމަނުޖެހުން ހިންގާފައެވެ. ނަމަވެސް މާގިނަ އިރުތަކެއް ނުވެ ފުލުހުންވަނީ ހަމަނުޖެހުން ހުއްޓުވާފައެވެ.

 

މެޗަށްފަހު ހިނގި ހަމަނުޖެހުން ފުލުހުން ކޮންޓްރޯލް ކުރަނީ
މެޗަށްފަހު ހިނގި ހަމަނުޖެހުން ފުލުހުން ކޮންޓްރޯލް ކުރަނީ

މި މުބާރާތުގައި ދެން ކުޅެވޭ މެޗުގައިވެސް ބައްދަލުކުރާނީ ދުވާފަރާއި އޭދަފުއްޓެވެ. މި މެޗް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހު ދުވާފަރުގައެވެ. މި މެޗު އެއްވަރުކޮށްލިޔަސް މުބާރާތުގެ ޗެމްޕިއަންކަން އޭދަފުއްޓަށް ލިބޭނެއެވެ.

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.