ބަޔޯސްފިއާ ރިޒާވްގެ ދެ ފަރަކަށް ދެ އުޅަނދެއް އެރި މައްސަލައެއް ބަލަނީ

އަނގަފަރު ސަރަހައްދަށް އެރި މަސްދޯނީގެ ފޮޓޯ: ވަކި ގަވާއިދެއްގެ ދަށުން ބަލަހަައްޓަމުން އަންނަ ހަނިފަރަށް ފެރީއެއް އެރި މައްސަލަ ވެސް އީޕޭއީން އެބަ ބަލާ .--ފޮޓޯ:ބަޔޯސްފިއާ ރިޒާވްގެ ފޭސްބުކް ޕޭޖް
އަނގަފަރު ސަރަހައްދަށް އެރި މަސްދޯނީގެ ފޮޓޯ: ވަކި ގަވާއިދެއްގެ ދަށުން ބަލަހަައްޓަމުން އަންނަ ހަނިފަރަށް ފެރީއެއް އެރި މައްސަލަ ވެސް އީޕޭއީން އެބަ ބަލާ .–ފޮޓޯ:ބަޔޯސްފިއާ ރިޒާވްގެ ފޭސްބުކް ޕޭޖް

 

ބ. އަތޮޅުގައި ބަޔޯސްފިއާ ރިޒާވްގެ ގޮތުގައި ހިމާޔަތްކޮށްފައިވާ ދެ ފަރަކަށް ދެ އުޅަނދެއް އަރައި ގެއްލުން ލިބުނު މައްސަލައެއް އެންވަޔަރްމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ބަލަން ފަށައިފި އެވެ.

މިއަދު ހަވީރު އޮންލައިނުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި މިއަތޮޅުން ހިމާޔަތްކޮށްފައިވާ އެ ދެ އުޅަނދު އަރާފައިވަނީ ބަޔޮސްފިއާ ރިޒާވުގައި ހިމެނޭ ހަނިފަރަށާއި އަނގަފަރަށެވެ.

އަނގަފަރަށް މަސްދޯންޏެއް އެރީ މި މަހުގެ ފުރަތަމަ ދުވަހު ކަމަށް ހަވީރުގައި ރިޕޯތްކޮށްފައި ވެ އެވެ. އަދި ބ. އަތޮޅުގެ އުތުރުގައި ދުއްވާ ފެރީ ދޯންޏެއް ހަނިފަރަށް އެރިކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހު އެވެ.

އީޕީއޭގެ ސީނިއާ އެންވަޔްރަމަންޓަލް އެނަލިސްޓް ރިފްއަތު ނައީމް މިއަދު ހަވީރަށް ވިދާޅުވީ އެ ދެ ފަރަށް، ދެ އުޅަނދެއް އެރި މައްސަލައެއް ހުށަހަޅާފައިވާ ކަމަށާއި މިހާރު އެ ދެ މައްސަލަ ވެސް ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

އަނގަފަރަށް މަސްދޯނި އެރިކަމަށް ބަޔޯސްފިޔާ ރިޒާވް އޮފީހުން އީޕީއޭ އަށް ރިޕޯޓުކޮށްފައިވަނީ މި މަހުގެ ހަތަރު ވަނަ ދުވަހު އެވެ.

“ވަރަށް ކައިރި ކައިރީ ހަފުތާއެއްގެ ތެރޭގައި ކަންނޭނގެ މިކަން މި ހިނގީ. އީީޕީއޭ އަށް އެ ހަބަރު ލިބިގެން އަޅުގަނޑުމެންނާ ހިސާބަށް މި އައީ ހަތަރު ވަނަ ދުވަހު އަނގަފަރަށް އެރި އެތީގެ ވާހަކަ. އެ ހަފުތާގެ ތެރޭގައި ހަމަ ހަނިފަރަށް ވެސް ބޯޓެއް ރޭގަނޑު ގަޑީގައި ފަރަށް އަރާފައި މިވަނީ،” ރިފްއަތު މިއަދު ހަވީރަށް ވިދާޅުވެފައިވެ އެވެ.

“އެ ހާދިސާ ހިނގި ދުވަހު ބަޔޯސްފިއާ ރިޒާވް އޮފީހުން އީޕީއޭ އަށް މައްސަލަ ހުށަހަޅާފައިވޭ. އެ އޮފީހުން ވެސް އަޅުގަނޑުމެން ވެސް އެ މައްސަލަ ބަލަމުން މި އަންނަނީ،” ރިފްއަތު ވިދާޅުވި އެވެ.

ބައޮސްފިއާ ރިޒާވްގެ ގޮތުގައި ބ އަތޮޅުގައި ފާހަގަކޮށްފައިވާ ސަރަހައްދުގައި ހިމެނޭ މައިގަނޑު ތަންތަން:

ހަނިފަރު (ވަށައިގެންވާ ފަރާއެކު)
ދިގަލިހާ އަދި ދިގަލިހާ ގިރި ފަރު
އަނގަފަރު (ދޮންފަނު ތިލަ އަދި ދިގުތިލަ އާ އެކު))
އޮޅުގިރި، ގޮއިދޫ ކޯރު ސަރަހައްދު
ނިބިލިގާރަށް، މާހުރަވަޅި، ބަތަލާހުރާ
މަތިފަރު ހުރާ

ހަނިފަރު ސަރަހައްދު ބަލަހައްޓަމުން އަންނަނީ ވަކި މެނޭޖްމަންޓް ޕްލޭނެއްގެ ދަށުން ބަޔޯސްފިޔާ ރިޒާވްގެ އޮފީހުންނެވެ. އަދި ހާއްސަ ހުއްދައެއްގެ ދަށުން ނޫނީ ހަނިފަރު ސަރަހައްދަށް ވަދެ ވެސް ނޫޅެވެ އެވެ.

ހަނިފަރު ސަރަހައްދު
ހަނިފަރު ސަރަހައްދު

ގާނޫނާއި ހިލާފު ވުމާއި ތިމާވެއްޓަށް ގެއްލުންދިނުމުގެ ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދާ ހިލާފަށް ކުރާ ކަންތައްތަކުގެ ތެރެއިން އާއްމު ދިރިއުޅުމުގައި ދިމާވާ އާދައިގެ ކަންތައްތަކަށް ދެވޭ އަދަބީ އެކަމެއްގެ ކުޑަ ބޮޑުމިނަށް ބަލައި ފަސް ރުފިޔާއިން ފެށިގެން 500 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން ހިމެނެ އެވެ. އަދި މި މާއްދާގެ (ހ)ގައި ބުނެފައިވާފަދަ ކަންތައްތައް ފިޔަވައި މި ގާނޫނާ ހިލާފަށް ކުރާ ބޮޑެތި ކަންތައްތަކަށް ދެވޭ އަދަބަކީ، އެކަމެއްގެ ކުޑަ ބޮޑު މިނަަށް ބަލައި 100 މިލިއަން ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުުރުމެވެ.

ބަޔޮސްފިއާ ރިޒާވުގެ ދަށުން ބ. އަތޮޅުގައި ކަނޑައަޅާފައިވާ ކޯ އޭރިޔާތަކުގެ ތެރެއިން އެންމެ ހާއްސަ ތަނަކީ ހަނިފަރެވެ. އެއީ އެ ސަރަހައްދުން އެންމަޑި އާއި ފެހުރިހި ފެންނާތީ އެވެ. އެ ސަރަހައްދަކީ ފީނުމަށް ރާއްޖެ އަންނަ ޓޫރިސްޓުންގެވެސް ވަރަށް މުހިންމު މަންޒިލެކެވެ. ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ހަނިފަރަށް ފީނާ މީހުންގެ އަތުން އެތައްހާސް ޑޮލަރެއް (3.85 މިލިއަން ރުފިޔާ ނުވަތަ 250000 އެމެރިކާ ޑޮލަރު) ރާއްޖޭގެ އިގްތިސާދަށް އަހަރަކު ލިބެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.