
އެފް. އޭ. އެމް ގެ ޑިސިޕްލިނަރީ ކޮމިޓީއިން ވަކިގޮތެއް ނިންމަންދެން މާދަމާ ހަވީރު ދުވާފަރާއި އޭދަފުށި ބައްދަލުކުރުމަށް ހަމަޖެހިފައިވާ މެޗު ފަސްކޮށްފިއެވެ.
އޭދަފުށީ ފުޓްބޯޅަ ޓީމުގެ ޖެނެރަލް ކޯޑިނޭޓަރ މުޙައްމަދު ނައުރީފް ވިދާޅުވީ މި މެޗު ފަސްކުރީ އޭދަފުއްޓާއި ދުވާފަރު އެންމެ ފަހުން ބައްދަލުކުރި މެޗުގައި ހިނގާދިޔަ ހަމަނުޖެހުންތަކާއި ގުޅިގެން އެފް. އޭ. އެމް އިން އެ މައްސަލަ ބަލަން ނިންމާފައިވާތީއެވެ.
އެންމެ ފަހުން މި ދެޓީމު އޭދަފުށީގައި ބައްދަލުކުރި މެޗު ނިމުމުން ފުލުހުންނާއި ދުވާފަރު ސަޕޯޓަރުންނާއި ދެމެދު ވަނީ ހަމަނުޖެހުން ހިނގާފައެވެ. މި މެޗު އޭދަފުށި ކާމިޔާބުކުރީ 2-0 އިންނެވެ. ކުރިން ހަމަޖެހިފައިވާގޮތުން ދުވާފަރާއި އޭދަފުށި ބައްދަލުކުރާ ދެވަނަ މެޗު ކުޅެއް ހަމަޖެހިފައި އޮތީ މާދަމާ ހަވީރު ދުވާފަރުގައެވެ.

މިދެޓީމު މީގެ ކުރިން ދުވާފަރުގައި ވާދަކުރަން ޝެޑިއުލް ކުރެވުނު ފުރަތަމަ މެޗު ކެންސަލްވީ މެޗު ކުޅެން އޭދަފުށީ ޓީމު އެރަށަށް ދިޔަފަހުންނެވެ. އެދުވަހުގެ މެޗް ކެންސަލްވީ ދުވާފަރަށް ބޯކޮށް ވިއްސާރަވެ މެޗު ކުޅެވޭގޮތް ނުވުމުންނެވެ. މިނިވަން ފަންސާސް ފުޓްބޯޅަމުބާރާތުގައި މި ޒޯން އިން ވާދަކުރަނީ އޭދަފުއްޓާއި ދުވާފަރުގެ އިތުރުން ހިންނަވަރެވެ.